އަދީބު ދެއްވި ހަލާލު ނޫން ފައިސާ ލިބުނު ބޭފުޅުން އިސްތިއުފާ ދޭންޖެހޭ: ރައީސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަ ކުރެއްވި ހަލާލު ނޫން ފައިސާ ލިބުނު ބޭފުޅުން  މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރޭ ޕީޕީއެމްގެ ކެމ...

15 Aug 2017 | 03:58

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަ ކުރެއްވި ހަލާލު ނޫން ފައިސާ ލިބުނު ބޭފުޅުން  މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމްގެ ކެމްޕެއިން ޖަގަހަ "ރުމާލު ދޭއް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެމަނިކުފާނަށްވެސް އެނގިވަޑައިގެންނަވާ ކަމަށެވެ. އެފައިސާ ލިބިފައިވާ ބޭފުޅުންނަކީ އެމަނިކުފާނާއި ބައެއް މަޖިލީސް މެންބަރުންކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ގެކޮޅު ދޫވެސްއަަށް ވަތް ފައިސާ އަކީ ހަލާލު ނޫން ފައިސާކަން މިހާރު އެނގިވަޑައިގެންނަވާ ކަމަށެވެ. އެކަމަކު ރައީސް ޔާމީންގެ ވާހަކަފުޅުގައި އިސްތިއުފާދެއްވަން ޖެހޭ ކަމަށް ވިދާޅުވީ އަދީބުގެ ފަރާތްޕުޅުން ލިބިފައިވާ ހަލާލު ނޫން ފައިސާއިން އިންތިހާބުވެވަޑައިގެންނެވި މެންބަރުން ނެވެ.

"އެފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރްސީގެ ތެރެއިިން ގެއްލުނު ފައިސާގެ އެމަނިިކުފާނަށް ލިބިވަޑައިގެންނެވި ކަމަށް ތުހުމަތުކުރާތީ އަބުރު ސަލަމާތްކުރައްވަން ވެސް އެ ފައިސާ އަނބުރާ ދައުލަތަށް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ރައީސް ޔާމީންގެ ގެކޮޅު ދޫވެސްއަށް ގެންދިޔަކަށް ބުނެފައިވަނީ އަލްޖަޒީރާއިން ދެއްކި ރާއްޖޭގެ ކޮރަޕްޝަނާއި ގުޅޭ ރިޕޯޓުގައި އަދީބުގެ ގާތް މީހުންނެވެ. ރައީސް ވިދާޅުވީ ހަމައެކަނި އެމަނިކުފާނުގެ ގެކޮޅަށް އެ ފައިސާ ގެންދިޔަ ކަމަށް ބުނުމަކީ މައްސަލައެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އަދީބަށް ޖަލުން ސަލާމަތްވެވަޑައިގެންނެވެން އޮތީ އެ ފައިސާ އަނބުރާ ދައްކަވައިގެންނެވެ. އަދީބުގެ އާއިލާއަށް ނިސްބަތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ އަދީބަށް ވިސްނައިދީގެން އެ ފައިސާ އަނބުރާ ދެއްކުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް