މިމަސް ތެރޭ މީޓަރު ޓެކްސީ ބޭނުންކުރަން ފަށަނީ

މި ހިނގާ މަސްތެރޭ މީޓަރު ޓެކްސީ ބޭނުންކުރަން ފަށާނެ ކަމަށް ޓްރާނސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވ...

15 Jul 2019 | 12:42

މި ހިނގާ މަސްތެރޭ މީޓަރު ޓެކްސީ ބޭނުންކުރަން ފަށާނެ ކަމަށް ޓްރާނސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ މީޓަރު ޓެކްސީ އެޕްލިކޭޝަންގެ ގޮތުގައި ފަސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށާއި އެ އެއްޗެހިތައް ބެލުމަށްފަހު މި މަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށެވެ.

އެ ގޮތުން ރާއްޖޭގެ ދެ ފަރާތަކާއި ލަންކާގެ ތިން ފަރާތަކުން މީޓަރު ޓެކްސީގެ ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށާއި، ޝަރުތުތައް ހަމަވާނަމަ ވީހާ ވެސް ގިނަ ބަޔަކަށް އެ ފުރުސަތުދޭނެ ކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"މިނިސްޓްރީ އަށް އައިސް ޓެކްސީ ޑްރައިވަރުންގެ ހިތްހަމަނުޖެހުންތަކެއް، އެބޭފުޅުންނަށް އުނދަގޫވާ ކަންތައްތަކެއް ފާހަގަކުރެއްވިއިރު އެބޭފުޅުންނަށް އަޅުގަނޑު ދަންނަވާފައި ވާނީ އެބޭފުޅުންގެ ވެސް ހިޔާލާ އެކީގައޭ މިކަންތައް ދާނީ،" ނަހުލާ ވިދާޅުވި އެވެ.

ހިދުމަތްތައް ރަނގަޅުކޮށް ވާދަވެރިކަން ބޮޑުކުރުމަށް އެ މަސައްކަތް އެއް ބަޔަކާ ހަވާލުނުކުރާނެ ކަމަށް ވިދާޅުވި އެވެ. މަސައްކަތްކުރާނީ ވީހާ ވެސް ގިނަ ބަޔަކު ޝާމިލްކޮށްގެން ކަމަށް ވިދާޅުވި އެވެ. އެއާއެކު ޓެކްސީގެ އާ އަގުތައް އިއުލާނުކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ޓެކްސީ ދަތުރުގެ އަގުތައް މިހާރު ފައިނަލްކޮށްފައިވާ ކަމަށެވެ. އެއީ ޓެކްސީ ޑްރައިވަރުންނަށް އަދި އާއްމުންނަށް ވެސް ފަސޭހަވާނެ އަގުތަކެއް ކަމަށް ވިދާޅުވި އެވެ.

ޓެކްސީ އަގުތައް ކަނޑައަޅާފައިވަނީ ކަމާބެހޭ ހުރިހާ އިދާރާއަކާ ވެސް މަޝްވަރާކޮށްގެން ކަމަށާއި އެހެންވެ އެ ބަދަލަށް އަމަލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ޓެކްސީތަކުގައި މީޓަރު ހަރުކޮށްގެން ދަތުރުކުރާ ގޮތަށް ހަދަން ސަރުކާރުން ނިންމީ މިދިޔަ ޖެނުއަރީ 10 ވަނަ ދުވަހެވެ. އެއާއެކު ބްރިޖުން ދަތުރުކުރާއިރު ހެލްމެޓް އެޅުން ވެސް މަޖުބޫރުކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް