ލޮލުގެ ފެނުން ރަނގަޅު ކުރުމަށް އަމިއްލައަށް ކުރެވިދާނެ ހަ ކަމެއް!

ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި، ކޮމްޕިއުޓަރުގެ ވަސީލަތްތަކާއި، ޓީވީ އަދި ފޯނުފަދަ ތަކެތި އަހަރެމެން ބޭނުންނުކޮށް އުޅުމަށް މިހާރުވަނީ ދަތިވެފަ އެވެ. ނަމަވެސް ވިސްނާލަންޖެހޭ...

15 Jul 2017 | 03:44

ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި، ކޮމްޕިއުޓަރުގެ ވަސީލަތްތަކާއި، ޓީވީ އަދި ފޯނުފަދަ ތަކެތި އަހަރެމެން ބޭނުންނުކޮށް އުޅުމަށް މިހާރުވަނީ ދަތިވެފަ އެވެ. ނަމަވެސް ވިސްނާލަންޖެހޭ ކަމަކީ މިފަދަ ވަސީލަތްތައް އެންމެ އެދެވޭގޮތުގައި ބޭނުން ނުކޮށްފިނަމަ ތިމާގެ ލޮލަށް އެތައް ނޭދެވޭ އަސަރުތަކެއް ކުރާނެކަމެވެ.

އެ ނޫން އެހެން ގޮތްގޮތުންވެސް ލޮލަށް އެކިކަހަލަ ގެއްލުންތައް ލިބެއެވެ. އެގޮތުން ލިބޭ ގެއްލުންތަކުން ދުރުވުމަށް ކުރެވިދާނެ ފަސޭހަ ހަ ކަމެއް ހިމަނާލާނަމެވެ.

1) ނިދި ފުރިހަމަކުރުން

ލޮލުގެ ފެނުން ރަނގަޅުގޮތުގައި ބެހެއްޓުމަށް ގަޑިން ގަޑިއަށް ނިދުން ވަރަށް މުހިންމެވެ. ކޮންމެ ދުވަހަކު މަދުވެގެން އަށް ގަޑިއިރު ނިދަން ވާނެ އެވެ.

2) ލޮލަށް ހަކަތަ ލިބިދޭ ކާނާ ކެއުން

އަހަރެމެންގެ ލޮލުގެ ފެނުން ދުޅަހެޔޮ ގޮތުގައި ބެހެއްޓުމަށް ވިޓަމިންސް އަދި މިނަރަލްސްގެ މާއްދާތައް އެކުލެވޭ ހަކަތަ ލިބިދޭ ކާނާ ކެއުން މުހިންމެވެ. އެ ބާވަތްތައް ހިމެނޭ ކާނާގެ ތެރޭގައި ފެހި ފަތާއި ތަރުކާރީ ހިމެނެ އެވެ.

ލޮލުގެ ފެނުން ތޫނުކޮށް ބެހެއްޓުމަށް ޕްރޮޓިންއަކީ ވަރަށް މުހިންމު މާއްދާއެކެވެ. އެހެންކަމުން އެ މާއްދާއެކުލެވޭ ކިރާއި، ބިހާއި އަދި ބްރޮކޮލީފަދަ ކާނާ ކެއުން މުހިންމެވެ.

3) ކަސްރަތުކުރުން

ކަސްރަތުކުރުމަކީވެސް ލޮލަށް ފައިދާތަކެއް ކުރާކަމެކެވެ. އެގޮތުން ކަސްރަތުކުރުމުން ލޮލަށް ލެޔާއި، އޮކްސިޖަން ގިނައިން ޕަންޕުކޮށްދީ ލޮލުގެ ބާރު ދަމަހައްޓާ ދޭނެ އެވެ.

4) ކޮމްޕިއުޓާރު ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުވުން

މިހާރު ދިރިއުޅުމާއި، ވަޒީފާގެ މާހައުލު ހުންނަ ގޮތުން ކޮމްޕިއުޓަރު އަދި ފޯނުފަދަ ވަސީލަތްތަކަކީ އަބަދުވެސް ބޭނުންކުރަންޖެހިފައިވާ ވަސިލާތްތަކެވެ. ލޮލަށް ގެއްލުމެއް ލިބޭތީއޭ ކިޔާ މިފަދަ ވަސީލަތްތައް ބޭނުންނުކޮށް ދޫކޮށްލެވޭކަށްވެސް ނެތެވެ.

އެހެންނަމަވެސް އެ ގެއްލުތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. އެގޮތުން ކޮންމެ ވިހި މިނެޓަކުން އެފަދަ ވަސީލަތެއް ބޭނުންކުރާއިރު މަދުވެގެން ވިހި ސިކުންތުގެ ބްރޭކެއް ނަގާށެވެ. ލިބޭ ގެއްލުން ކޮންމެސްވަރަކަށް ކުޑަކޮށްދޭނެ އެވެ.

5) ފިޒިކަލް އެގްޒާމް ހެދުން

ކޮންމެ އަހަރަކު އެއްފަހަރު ނުވަތަ ދެ އަހަރުން އެއް އަހަރު ޑޮކްޓަރަށް ދައްކާ ލޮލުގެ އެގްޒަމިނޭޝަން ހަދާށެވެ. އޭރަށް ގެއްލުމެއް ލިބޭކަން ފަސޭހައިން ދެނިގަނެވި، ބޮޑަށް ގެއްލުންވުމުގެ ކުރިން އަވަސް ފަރުވާ ހޯދޭނެ އެވެ.

6) ޔޫވީ ރޭސްގެ ދޯދިތަކުން ލޯ ސަލާމަތްކުރުން

ޔޫވީ ރޭސްގެ ދޯދިތަކަކީ ލޮލަށް ވަރަށް ގިނަ ގެއްލުންތައް ކުރިމަތި ކުރުވާ އެއްޗެކެވެ.

ޔޫވީ ރޭސްގެ ދޯދިތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި އަވިގަދަ ވަގުތުތަކުގައި ބޭރަށް ނުނިކުތުމާއި، ނިކުންނަނަމަ އަވި އައިނު އެޅުމާއި، ތޮއްޕެއް ކަހަލަ އެއްޗެއް ބޮލުގައި އެޅުމާކީ ކުރެވިދާނެ ކަންކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް