މުޒާހަރާގައި ފުލުހެއްގެ ލޯ މައްޗަށް ހަމަލާ ދިން ކަމުގެ ތުހުމަތު ޖުމާނަށް

މެއި 13 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ދިޔަ އެއްވުމެއްގައި ފުލުހެއްގެ ލޯ މައްޗަށް ޖަހައި އަނިޔާ ކޮށްފައި ވާ ކަމުގެ ތުހުމަތުގައި ހއ. ބާރަށު ކުއްޅަވައްގެ ޢަލީ ޖުމާން (25އ) ފަސް ދުވަހަށް ބަންދު ކުރުމ...

15 May 2026 | 17:59
އިދިކޮޅުން މިހާރު މާލޭގައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން -

އިދިކޮޅުން މިހާރު މާލޭގައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން -

މެއި 13 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ދިޔަ އެއްވުމެއްގައި ފުލުހެއްގެ ލޯ މައްޗަށް ޖަހައި އަނިޔާ ކޮށްފައި ވާ ކަމުގެ ތުހުމަތުގައި ހއ. ބާރަށު ކުއްޅަވައްގެ ޢަލީ ޖުމާން (25އ) ފަސް ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި ޖުމާންގެ މައްޗަށް ތުހުމަތު ކުރެވެނީ ސުލްޙަވެރިކަމާ އެކު އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފުވުމާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި، މާރާމާރީ ހިންގުމުގެ ތުހުމަތެވެ. ޤާޟީ އަޙްމަދު ނިޔާޒް ބަންދު އަމުރު ނެރުއްވީ، ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބެއްލެވުމަށް ފަހުގައެވެ.

ފުލުހުން ކުރިން ދީފައި ވާ މަޢުލޫމާތުން އެނގޭ ގޮތުގައި، އެ ރޭގެ އެއްވުމުގެ ތެރެއިން ބައިވެރިން ފުލުހުންނާ ކުރިމަތިލައި ހިނގި ހަމަނުޖެހުމެއްގައި ފުލުހެއްގެ ލޯ މަތި ފަޅައިގެން ގޮސް އަނިޔާ ވެފައި ވެއެވެ. އަނިޔާ ވި ފުލުހަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.

ޖުމާނަކީ މީގެ ކުރިން ވެސް މުޒާހަރާ މައްސަލައެއްގައި ތުހުމަތު ކުރެވުނު މީހެކެވެ. 3 އޮކްޓޫބަރު 2025 ގައި މާލޭގައި ބޭއްވި އެއްވުމެއްގައި ފުލުހުންގެ މަސައްކަތަށް ހުރަސް އެޅި ކަމާއި ޤާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ޖުމާން ހިމެނޭ ހަތް މީހެއްގެ މައްޗަށް ދަޢުވާ ކުރަން ފުލުހުން ޕީޖީ އަށް ފޮނުވިއެވެ. ނަމަވެސް ޕީޖީ އިން ނޮވެމްބަރު 18، 2025 ގައި ނިންމީ އެ ހަތް މީހުންގެ މައްޗަށް ދަޢުވާ ނުކުރުމަށެވެ. ޕީޖީ އިން ބުނީ އެ މީހުން ޢަމަލު ކޮށްފައި ވަނީ އަސާސީ ޙައްޤެއް ބޭނުން ކުރުމުގެ ތެރެއިން ކަމަށް ބެލެވޭ ކަމަށާއި، އެއްވެސް މީހަކަށް އަނިޔާ އެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް