އެންމެ ޒަމާނީ އާލާތާ އެކު ވެސް ޑައިވަރުން އެ ހޮހޮޅައާ ވަރަށް ގާތް ނުވާނެ: ތަރުޖަމާނު

ވ. އަތޮޅުގައި ފަސް އިޓަލީ ފަތުރުވެރިން ގެއްލުނު ކަނޑު އަޑީ ހޮހޮޅައަކީ އެންމެ ޒަމާނީ ސާމާނާ އެކު ވެސް ޑައިވަރުން ކައިރި ނުވާ ވަރުގެ ފުން ހޮހޮޅައެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން...

15 May 2026 | 14:40
ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)

ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)

ވ. އަތޮޅުގައި ފަސް އިޓަލީ ފަތުރުވެރިން ގެއްލުނު ކަނޑު އަޑީ ހޮހޮޅައަކީ އެންމެ ޒަމާނީ ސާމާނާ އެކު ވެސް ޑައިވަރުން ކައިރި ނުވާ ވަރުގެ ފުން ހޮހޮޅައެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ނޫސް އެޖެންސީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ދެއްވި ބަސްދީގަތުމެއްގައި ތަރުޖަމާނު ވިދާޅުވީ، ފަސް ޑައިވަރުން ގެއްލުނީ ހޮހޮޅަ އެކްސްޕްލޯ ކުރަން ފައިބައިގެން އުޅެނިކޮށް ކަމަށް ބެލެވޭ ކަމަށެވެ. އަދި ބޭނުންވެއްޖެ ނަމަ ބައިނަލްއަޤުވާމީ އެހީ ހޯދުމުގެ ފުރުޞަތު ވެސް ރާއްޖެ އިން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

އިއްޔެ ހިނގި މި ހާދިސާގައި މިހާތަނަށް ފެނިފައި ވަނީ އެކެއްގެ ހަށިގަނޑެވެ. ބާކީ ހަތަރު ޑައިވަރުން ގާތްގަނޑަކަށް 60 މީޓަރު (200 ފޫޓު) ފުން، 200 ފޫޓު ދިގު ހޮހޮޅައިގެ ތެރޭގައި ތާށިވެފައި  ވާކަމަށް ބެލެވެއެވެ. މިއީ ވަރަށް ނުރައްކާތެރި ހައި-ރިސްކް އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އިޓަލީ ޚާރިޖީ ވުޒާރާ އިން ބުނީ، ކޮލޮމްބޯގައި ހުންނަ އިޓަލީ އެމްބެސެޑަރ މާލެ ވަޑައިގެން ކޯސްޓު ގާޑުގެ އޮފިޝަލުންނާ ބައްދަލު ކުރައްވައިފައި ވާ ކަމަށާއި، ހޯދުމުގެ ބޯޓުގައި ވެސް އެމްބެސެޑަރ ހުންނެވި ކަމަށެވެ. އަދި އިޓަލީގެ ޑައިވިން ތަޖުރިބާކާރަކު ވެސް މިއަދު ހެނދުނު ކޯސްޓު ގާޑާއި ފުލުހުންގެ ޓީމާ ގުޅިފައި ވާ ކަމަށާއި، މިއަދު ހޮހޮޅައަށް ވަދެވޭތޯ ބެލުމުގެ "އިވެލުއޭޝަން ޑައިވު" އެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފައި ވާތީ ރިކަވަރީ ލަސްވެދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ހާދިސާ ސިފަ ކޮށްފައި ވަނީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ޑައިވިން ހާދިސާގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް