ކޮޅުފުށި ކައުންސިލާއި ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ކޮޅުފުށި ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި...

15 May 2019 | 07:57

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ކޮޅުފުށި ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި، ކޮޅުފުށީގެގެ މިހާރުގެ ހާލަތާއި، ކޮޅުފުށި ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ ގޮތުން ވާހަކަފުޅު ދެއްވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރަށް ހިމެނޭ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީކޮށްދެއްވައި، ރަށުގެ ޒުވާނުންނަށް ރަށާއި ކައިރިން ވަޒީފާ ލިބުމަށް މަގުފަހިކޮށްދެއްވުމަށް މެންބަރުން ރައީސް ގެ އަރިހުން އެދިވަޑައިގަތް ކަމަށެވެ. އަދި ރަށަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުގެ މެންބަރުން އެދިވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން މެންބަރުން ވަނީ ރަށުގެ މަގުތަކުގައި މަގުބައްތި ޖެހުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ރައީސާއި ހިއްސާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ވަނީ ދިއްގަރާއި، މުލަކާއި ކޮޅުފުއްޓަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ. މީގެއިތުރުން ނާލާފުށީގެ ބަނދަރު ފުންކޮށްދެއްވުމަށްވެސް މެންބަރުން ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކޮޅުފުށި ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ގާއިމުވެފައި ނެތް ސަރަހައްދު ތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް