ވާހަކަ: ލޯބިވޭ އިންތިހާ – އަށާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... ''ބޯއްތާ ތިޔަކަހަލަ ވާހަކަ ދައްކާކަށް ނުވާނެ......... އަހަރެމެން ނޫރާ ބަލާނަން........ އަދި ބޯއްތަވެސް އެކަނި ވިޔަކަ ނުދޭނަން...........ދޯ ދޮންތާ.......'' ލަޔާލް އޭނާގެ ދޮންތަ...

15 Apr 2025 | 04:25

ކުރީގެ އަދަދާއި ގުޅޭ....

''ބޯއްތާ ތިޔަކަހަލަ ވާހަކަ ދައްކާކަށް ނުވާނެ......... އަހަރެމެން ނޫރާ ބަލާނަން........ އަދި ބޯއްތަވެސް އެކަނި ވިޔަކަ ނުދޭނަން...........ދޯ ދޮންތާ.......'' ލަޔާލް އޭނާގެ ދޮންތަ އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

''އެހެންވިއްޔާ ލަޔާލް ނޫރާއާ ކައިވެނި ކުރޭ........ އޭރުން ބޮޑުދައިތައަށް ހަމަޖެހިގެން މަރުވެވިދާނެ........ '' ލަޔާލްގެ އަތުގައި ޒަރީނާ ހިފާލިއެވެ. ކަރުނައިން ފުރިފައިވާ ލޮލުން ޒަރީނާ ބަލަން އިނީ ލަޔާލްގެ މޫނަށެވެ.

ޒަރީނާ އެ ބުނި އެއްޗަކުން ލަޔާލް ސިހުނެވެ. އަޑުއިވުނު އެއްޗެއް އޭނާއަކަށް ޤަބޫލެއް ނުކުރެވުނެވެ.  އަޑުއިވުނީ ރަނގަޅަށްބާވައެވެ. ޔަޤީންކަމެއް ނެތްފަދަ ގޮތަކަށް އޭނާއަށް ބަލާލެވުނީ އޭނާގެ ބޮޑުދައިތަގެ މޫނަށެވެ.

''ނޫރާގެ އަތުގައި ލަޔާލް ހިފައިފިނަމަ، އެއީ ބޮޑުދައިތައަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމެއް ކަމުގައި ނޫނީ ނުވާނެ......... މިއަދު އަހަރެމެން ދެމައިންނަށް އެހީއެއްވާނެ އެހެން މީހަކު ނެތް.......... މާދަމާ އަހަރެން ލޯމަރާލިޔަސް ނޫރާ.........'' ޒަރީނާއަށް ރޮވިއްޖެއެވެ. ދެލޮލުން ފާއްދާލި ކަރުނަތިކި ވެއްޓުމުގެ ކުރިން އަތުން ފޮހެލިއެވެ. ނޫރާއަށް ފެނިދާނެތީ އޭނާ ރޯކަށް ބޭނުމެއް ނޫނެވެ. ހިތަށް ލިބޭ ވޭނާ ކެކުޅުމުގެ ސަބަބުން، ލޮލަށް ޖަމާވާ ކަރުނަ އޭނާ ހިންދާލަނީ ނޫރާއަށްޓަކައެވެ. ހިތްދަތިކަން އެއްފަރާތްކޮއްލާފައި ހިނިތުންވަނީވެސް ނޫރާގެ ހައްޤުގައެވެ. ކަންބޮޑު ނުވާކަމަށް ދައްކަނީ ނޫރާގެ ހިތަށް ލުއިކަމެއް ހޯދާދިނުމުގެ ގޮތުންނެވެ.

''އެކަމަކު..........'' ލަޔާލް އިސްޖަހާލިއެވެ. ނޫރާއާ ލަޔާލް ކައިވެނި ކުރަން އެއްބަސްވާނީ ކިހިނެއް ހެއްޔެވެ. ދުވަހަކުވެސް ނޫރާއާމެދު އެފަދަ ގޮތަކަށް ލަޔާލް ނުވިސްނައެވެ. ކިތަންމެ ގިނަވަގުތު ގާތުގައި ހޭދަކުރެވުނަސް، އެކަހަލަ ނަޒަރަކުން ނޫރާއާ ދިމާއަށް ލަޔާލް ބަލާވެސް ނުލައެވެ.

''ބޯއްތަ އެބުނީ ހަމަ ރަނގަޅުވާހަކައެއްނު .......... ދަރިފުޅަށްވެސް އެނގޭނެ ނޫރާއަކީ މިޒަމާނުގައި މަދުން ނޫނީ ނުފެންނަހާ ކިޔަމަންތެރި، ޚުލްޤު ރަނގަޅުކުއްޖެއްކަން......... މަންމައަށްވެސް ފެންނަނީ އެގޮތަށް އެކަން ކުރަން........'' ޖެހިގެން އިން ޖޯލީގައި އިން ލަޔާލްގެ މަންމަ، ޒުހުދާ ލަޔާލްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ލަޔާލް އިސްޖަހައިގެން އިރުކޮޅަކު އިނެވެ. ދެން ތެދުވެގެން ހިނގައިގަތެވެ. ދޮރާއްޓާ ދިމާއަށެވެ.

''ލަޔާލް ހިތްހަމަނުޖެހުނީހެން ހީވަނީ........'' ލަޔާލް ނިކުމެގެން ދާތަށް ބަލަން އިނދެފައި ޒަރީނާ ބަލާލީ ޒުހުދާގެ މޫނަށެވެ.

''ނޫނޭ........... ލަދުންހެން ހީވަނީ އެދިޔައީ........ '' ޒުހުދާ ބެލީ ޒަރީނާގެ ހިތްހަމަޖައްސައިދެވޭތޯއެވެ.

*********

ލަޔާލް ދިޔަގޮތަށް ދިޔައީ ގެއަށެވެ. އޭނާ ބޭނުންވަނީ އެކަނިވެލާށެވެ. ދެންމެ އޭނާގެ މަންމަޔާ ބޮޑުދައިތަ ދެއްކި ވާހަކައާ ގުޅިގެން އޭނާގެ ހިތަށް ވަނީ ނުތަނަވަސް ވެރިވެފައެވެ. ކޮޓަރިއަށްވަދެ، ލައިގެން ހުރި ޓީޝާޓު ބާލާ ކޮނޑުގައި އަޅުވާލިއެވެ. އަދި އެނދުގައި އޮށޯވެލުމަށްފަހު ލޯމަރާލިއެވެ.

ލޯމަރާލައިގެން އޮތް އިރު އޭނާގެ ޚިޔާލީ ސްކްރީނުން ފެންނަމުންދަނީ ހަމްޒާއާ ނޫރާގެ އެކި ބައްދަލުވުންތަކެވެ. އެ ދެލޯބިވެރިން އެކަކު އަނެކަކަށް ކުރި ސަމާސާތަކެވެ. ލަޔާލްއާ ވަކިން އެމީހުން ބައްދަލުކޮށްފައިވާ، މަދު ފަހަރެއް ފިޔަވައި އެހެން ހުރިހާ ވަގުތެއް އެދެމީހުންނާއެކު ލަޔާލްވެސް ހޭދަކުރިއެވެ. އެއީ އެކަކު އަނެކަކު ދެކެ ތެދުވެރިލޯބިވީ ދެ ޒުވާނުންނެވެ. އެކަކު އަނެކަކަށްޓަކައި އަމާނާތްތެރިކަމާއެކު ވަފާތެރިކަން އެމީހުން އިޚްތިޔާރު ކުރިއެވެ. ލަޔާލަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކަން އެނގެއެވެ. އެ ހުރިހާ ކަމެއް އެނގިހުރެ، ނޫރާއާ ހަމްޒާގެ ދެމެދަށް ލަޔާލް ވަންނާނީ ކިހިނެއް ހެއްޔެވެ. އޭރުން މުޅި ދުނިޔެވެސް ލަޔާލްއަށް މަލާމާތް ކުރާނެއެވެ.

ޚިޔާލާ ފިކުރުގެ ކަނޑުގައި ފަތަމުން ދަނިކޮސް ލަޔާލް އަށް ނިދުނީއެވެ. ހޭލެވުނީ ބަނޑަށް އުނދަގޫވާތީއެވެ. މޭނުބައިކޮށް ހޮޑުލަވާހެން ހީވާތީ ތެދުވެ ފެންފޮދެއް ބޯލިއެވެ. އެއީ މިހާރު އޭނާއަށް ދޭތެރެ ދޭތެރެއިން ވާ ގޮތެކެވެ. އާއްމުކޮށް އެހެންވަނީ ނިދާފައި އޮވެފައި ހޭލެވޭއިރުއެވެ.  އޭނާއަށް ގަބޫލު ކުރެވުނީ ރަނގަޅަށް ނުކެވޭތީ،  ގޭހުގެ އުނދަގޫ ވަނީކަމަށެވެ.

މޫނުދޮވެލައިގެން ލަޔާލް ބޭރަށް ނުކުތެވެ. ބަދިގެ ތެރެއަށް ވަދެ އައިސް އަލަމާރިން ކިރުޕެކެޓެއް ނަގާ ތައްޓަކަށް އަޅާލިއެވެ. ކިރުތައްޓެއް ބޯލުމުން ގިނަފަހަރަށް އޭނާއަށް ލުއިވެއެވެ.

''މަންމަމެން ދެއްކި ވާހަކައާ މެދު ލަޔާލް ވިސްނާލިންތަ.......؟ ބަދިގެ ތެރެއަށް ވަން އޭނާގެ ދޮންތަގެ އަޑުން ލަޔާލް ސިހުނެވެ.

''ދޮންތާ.......ދޮންތަވެސް ހަމަ އެވާހަކަތަ؟........... ނޫރާއާ ދޭތެރޭ އަހަރެން އެފަދަ ގޮތަކަށް ދުވަހަކުވެސް ނުވިސްނަން........ނޫރާއަކީ އާއިލީ ގޮތުން ގާތްކުއްޖެއްވީމަ އެއީ ކުރުން އެހާ ރަނގަޅުކަމެއް ނޫން......... އެހެން ނޫނަސް ..........'' ލަޔާލް ޖުމުލަ ފުރިހަމައެއް ނުކުރެއެވެ. ބުނަން ބޭނުންވި އެތި ނުބުނެ ހިފަހައްޓާލީ ސަބަބެއް ނެތިއެއް ނޫނެވެ. ހަމްޒާގެ ވާހަކަ އޭނާގެ ދޮންތަ ކައިރީ ދައްކަން ބޭނުން ނުވާތީއެވެ.

''އެހެން ނޫނަސް........ ކީކޭ ؟................. ތިމާގެ ކުއްޖަކަށްވީމަތަ ......އެއީ މައްސަލައެއްނޫނޭ.......... ދެބެންގެ ދެދަރި މީހުން މެރީކުރަނީ މަދަކުން ނޫނެއްނު.........ޖެހިގެންހުރިގޭ މަރީމެންވެސް އެއުޅެނީނު......... ކިހާ ހެޕީކޮށް އެއުޅެނީ............'' ލަޔާލީ ވާހަކަދައްކަމުން އައިސް، މޭޒު ކައިރީ ހުރި ގޮނޑި ދަމާލަމުން އިށީނެވެ. ލަޔާލް ބޭނުންވީ އަވަހަށް އެތަނުން ނުކުމެގެންދާށެވެ. އިތުރަށް އެ ވާހަކަ ދައްކާއަޑު އަހަން އޭނ ބޭނުންނުވާތީއެވެ. އެއީ އޭނާއަށް އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ.

''ނަމާދު ކޮށްލައިގެން ޓެކްސީއަށް އަރަށް މިދަނީ..........'' ލަޔާލް ކިރުތަށި އެއްނޭވާއިން ހުސްކޮއްލިއެވެ.  މޭޒުމަތީގައި ތަށި ބެހެއްޓުމަށްފަހު ނުކުންނަން ހިނގައިގަތެވެ.

''ލަޔާލް......... އާދެބަލަ މިތާ އިށީނދެލަން......... ދޮންތަ ބޭނުން ވާހަކައެއް ދައްކާލަން.........'' ލަޔާލީ ބޭނުންވީ ލަޔާލް ހުއްޓުވާށެވެ.

''ދެން ފަހުން......... މިއުޅެނީ އެއްކަލަގޮތަށް ބަންޑުގައިވެސް ރިއްސާތީ....... ދެން ނުކުމެލީމަހެން ހީވަނީ ރަނގަޅުވާނީ..........'' ބަނޑުގައި އަތް އަޅާ ފިއްތާލަމުން ލަޔާލް ހިނގައިގަތެވެ. ލަޔާލީ އިންތަނުން ތެދުވިއެވެ. ލަޔާލް ފަހަތުން ހިނގާފައި އައިސް އޭނާއާ އަރާ ހަމަކުރިއެވެ.

''ލަޔާލް ތިއުޅެނީ ދޮންތަ މި ދައްކާ ވާހަކަ އަޑު ނާހަންވެގެންކަން ވަރަށް ސާފުކޮށް ދޮންތައަށް އެނގޭ....... އޯކޭ ހަމަ އެންމެ ސުވާލަކަށް ޖަވާބު ދެނިކޮށް ނިމުނީ........'' ލަޔާލީ ކުރަން އެއުޅެނީ ކޮން ސުވާލެއް ބާވައެވެ.

''ކޮން ސުވާލެއް؟.........'' ތުނބުޅީގައި އަތް ކާއްތާލަމުން މަޑުމައިތިކަމާއެކު ލަޔާލް އަހާލިއެވެ.

''ލަޔާލް މަންމަމެން އެގޮތަށް އެދުނީމަވެސް ނޫރާޔާ މެރީއެއް ނުކުރާނަންތަ؟....... ބޯއްތަގެ އެދުން ބޮލާލާ ޖަހަން ލަޔާލަށް ކެރޭނެތަ؟.........އެ ދެމައިން އެކަނި ހާލަށް ދޫކޮށްލަން ލަޔާލްގެ ހިތަށް ކެތްވާނެތަ؟......... އަހަރެމެން ކުޑައިރު އަމިއްލަ ދަރިންހެން ގެންގުޅުމީހާ އެއީ.........  ލަޔާލަށްވެސް އެނގޭނެ މިހާރު އެދެމައިންނަށް އެއްވެސް ކަމެއް، އެންމެ ކުޑަމިނުން އެދެމައިންގެ ޚަރަދު ބަލަހައްޓާނެ  މީހަކުވެސް ނެތެއްނު ........ ނޫރާ ވެސް ވަޒީފާއަށް ނުގޮސް ހުއްޓާލިކަން އެންމެ ރަނގަޅަށް އެނގޭނީ ލަޔާލަށް........ މަންމަ ވެސް އެގޮތަށް އެ އެދުނީ ކަމެއްވީމައޭ.........'' ލަޔާލީ ކުރީ ސުވާލެއްނޫނެވެ. އެތައް ސުވާލަކާ އެތައް ވާހަކައެކެވެ. ހީވަނީ އެވާހަކަތައް ދައްކަން މާކުރިއްސުރެ އޭނާ ތައްޔާރުވެގެން ހުރިހެންނެވެ.

''ދެން ފަހުން ތިވާހަކަ ދައްކާނީ........'' އޭނާގެ ދޮންތަ ކުރި އެއްވެސް ސުވާލަކަށް ޖަވާބުދޭހާ ހިތްވަރެއް ލަޔާލްގެ ނެތެވެ. އެ ވާހަކަތައް އަޑުއެހި ވަރަކަށް އޭނާގެ ސިކުނޑި ހާސްވަމުންދަނީއެވެ. ލަޔާލް ހިނގައިގަތެވެ. ލަޔާލީވެސް އިތުރަށް އޭނާ މަޑުކުރުވާކަށް ނޫޅެއެވެ. ލަޔާލީ ބޭނުން ހުރިހާ ވާހަކައެއް ނުދެއްކުނަސް، މިފަހަރުދެން ލަޔާލް ހުއްޓުވާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ.

******

އަނެއްކޮޅުން ނޫރާގެ ހާލަކީވެސް އެއީއެވެ. ނޫރާވެސް އެ ކައިވެންޏަށް ދެކޮޅުހެދިމެއެވެ. އެހެނަސް އެންމެފަހުން މަންމައަށްޓަކައި އެއްބަސްވީއެވެ. ލަޔާލްއާ ނޫރާގެ ކައިވެންޏަށް އެދެމީހުންވެސް އެއްބަސް ކުރުވީ އާއިލާގެ މެމްބަރުންގެ އެތަކެއް ނަސޭހަތަކާ އެތައް ވާހަކަތަކަކަށް ފަހުގައެވެ.  މަޖުބޫރުވެގެންނެވެ.

ކައިވެންޏަށް އެއްބަސްވީއްސުރެ ލަޔާލްއާ ނޫރާއަކީ ދެ ބީރައްޓެހިންނަށް ވެއްޖެއެވެ. އެކަކު އަނެކަކު ފެންނަހިސާބަށް ދާންވެސް ފަސްޖެހެއެއެވެ. ކޮންމެހެން ދާންޖެހިގެން ނޫނީ ލަޔާލްވެސް ނޫރާމެންގެއަށް ވަދެނުލައެވެ.

ހިތްގައިމު ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ލަޔާލްއާ ނޫރާގެ ކައިވެނީގެ ވަގުތު ޖެހުނީއެވެ. ކައިވެނި އޮތީ ނޫރާގެ ގޭގައެވެ. އެއީ ދެއާއިލާއިންވެސް ބޭނުންވިގޮތެވެ. މޭޒުކައިރީގައި އެއްފަރާތުގައި ތިބީ ލަޔާލްއާ ނޫރާއެވެ. އަނެއްފަރާތުގައި ހެކިވެރިންނާ ޤާޟީއެވެ. ނޫރާމެންގެ ފަހަތުގައި ތިބީ އާއިލާ މެމްބަރުންނެވެ. ކަޅުކުލައިގެ ދޫހެދުމެއްގައި ނޫރާ އިންއިރު އޭނާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނެއެވެ. ލަޔާލް ހަމަ އެފަދައެވެ. ހީވަނީ ހުކުން އިއްވަން ހާޒިރުކުރެވިފައިވާ ދެ ކުށްވެރިން ހެންނެވެ.

''ލަޔާލްއަށް ނޫރާ އަނބިކޮށްދީފިން'' ޤާޟީ ދެފަހަރަށް ބުނިއިރުވެސް ލަޔާލްއަކަށް އަޑެއް ނީވުނެވެ. އޭނާ ދޭންޖެހޭ ޖަވާބެއް ނުލިބުނެވެ. ޤާޟީ އިޝާރާތް ކޮއްލީ ލަޔާލްގެ ބައްޕައަށެވެ.

ލަޔާލްގެ ހަށިގަނޑު އެތަނުގައި އިންނަމަވެސް، އޭނާގެ ސިކުނޑިއާ ވިސްނުންވަނީ އެހެންދިމާލަކަށް ގޮސް ހުސްވެފައެވެ. ލަޔާލްގެ ބައްޕަ ލަޔާލްގައިގައި ކޮއްޓާލިއެވެ. އޭނާއަށް ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ކުއްލި ސިހުމަކާއެކުގައެވެ. އެތަނުގައި ތިބި ގިނަ މީހުންނަށް އެކަން ފާހަގަވިއެވެ.

''އަނބި ޤަބޫލުކޮށްފިން'' ލަޔާލްއަށް ބުނެވުނީ ނިކަން އުނދަގުލުންނެވެ. ބޭނުން ނުވާކަމެއް ގަދަކަމުން ކުރުވާއިރު ވާނީވެސް އެހެންތާއެވެ.  އޭނާގެ އަޑު ކަރުތެރޭގައި ތާށިވީހެން ހީވިއެވެ. ގަދަކަމުން ބުނާފަދަ ގޮތަކަށް އޭނާ އެހެންވެސް ބުނެފިއެވެ. ނޫރާއަކީ އޭނާގެ އަނބިމީހާކަމަށް އެއްބަސްވެވުނީއެވެ. އެކަން އެދެމީހުންވެސް ޤަބޫލުކުރަން ޖެހުނީއެވެ. ބޭނުން ނުވިޔަސްމެއެވެ. ހިތާދެކޮޅަށެވެ. އެހެންމީހުންގެ އުފަލަށްޓަކައި މުޅި ދިރިއުޅުން ޤުރުބާންކުރަން ވަޢުދެއް ވެވުނީއެވެ.

"އަނބި ޤަބޫލުކޮށްފިން'' ލަޔާލް ބުނިއަޑު ކަންފަތުގައި ޖެހުމާއެކު ނޫރާގެ މެޔަށް ހޫނެއްގެ އިހްސާސްކުރެވުނެވެ. ބޭއިޚްތިޔާރުގައި އިނގިލީގައި އޮތް އަނގޮޓީގައި އޭނާއަށް އަތް ޖައްސާލެވުނެވެ. އަވަގުތު ހަމްޒާ މަތިން މާބޮޑަށް ހަނދާންވިއެވެ. ހަމްޒާގެ ސޫރަ ލޯކުރިމަތިން ފާޅުވީހެން އޭނާއަށް ހީވިއެވެ. ހަމްޒާގެ އަސަރުގަދަ ހީލުމުގެ އަޑު ކަންފަތުގައި ޖެހުނުހެން ހީވުމާއެކު ލޯމަރާލެވުނެވެ. ހަމްޒާ އާ ކައިވެނި ކުރެވޭނެ ކަމަށް ނޫރާ ހީކުރި ދުވަސް މާޒީވީއެވެ. އެއީ ހުވަފެނެކެވެ. ރީތި ހުވަފެނެކެވެ. ކުރެވުނު ފޮނި އުންމީދެކެވެ. އެހެނަސް އެ ހުވަފެންތައްވީ ބިލާހަކަށެވެ. އުންމީދުތައް ކަފުންކޮށް ވަޅުލެވިއްޖެއެވެ.

''ނޫރާ ދެން ނުވިސްނާ........ ހަމްޒާވެސް މިހާރު މެރީކޮށްފާނެ........ އޭނާގެ ބައްޕަ ބުނެފައެއްނު އޮތީ ވަރަށް އަވަހަށް ހަމްޒާގެ ކައިވެނި ކުރެވޭނެ ވާހަކަ........ އެހެންވީމާ ނޫރާ ދެން ހަމްޒާ މަތިން ހަނދާން ނައްތާލެވޭތޯބަލާ........ މިހާރު ހަމްޒާވެސް ވާނީ ކޮންމެވެސް މީހެއްގެ ފިރިޔަކަށް............'' ނޫރާއަށް ބޯހޫރާލެވުމާއެކު ލޯ ހުޅުވާލިއެވެ. ނޫރާއަށް އިވުނީ އޭނާގެ އަމިއްލަ ޒަމީރުގެ އަޑެވެ. ޒަމީރަކީ ގިނަފަހަރަށް ރަނގަޅާ ނުބައި ވިސްނައިދޭ ބައިވެރިޔާއެވެ. ކުރެވިފައިވާ ކަންކަން ހަނދާން ކުރަން ބޭނުން ނޫންނަމަވެސް ހަނދާންކޮށްދޭ މިތުރެކެވެ.

ތެމިފައިވާ އެސްފިޔަތައް ނޫރާ އަވަސްއަވަހާ ތަޅުވާލިއެވެ. ލޮލަށް ޖަމާވި ކަރުނަތިކި ވެއްޓުނަ ނުދިނުމަށެވެ. އެކަން ކާމިޔާބުވެސް ވިއެވެ. އެ ބޯ އެސްފިޔަތައްތެރެއަށް ކަރުނަތިކި ފޭދިގެން ދިޔައެވެ.

ކައިވެނި ޕާޓީއެއް ނުބޭއްވިޔަސް، ތިމާގެ މީހުންނާ ރައްޓެހިންނަށް ކުޑަސައެއް ހެދިއެވެ. ހާލަތުގެ ގޮތުން، ހަފުލާ އަކީ މާ އުފާވެރި ހަފުލާއަކަށް ނުވިޔަސް، އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިނތުންވުމެވެ. އެކަކު އަނެކަކަށް އުފާވެރި މޫނެއް ދެއްކޭތޯ އެންމެންވެސް މަސައްކަތް ކުރިއެވެ. ލަޔާލްއާ ނޫރާފިޔަވައެވެ. އެދެމީހުންގެ މޫނުމަތިން ކިޔައިދެނީ މުޅިން ތަފާތު ވާހަކައެކެވެ. ފެންނަނީ މިފަދަ އުފާވެރި ވަގުތަކާ އެއްވެސް ގުޅުމެއް ނެތް އަސަރުތަކެކެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 17 އޭޕްރީލް، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް