ވާހަކަ: ލޯބިވޭ އިންތިހާ – ހަތާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ގުޅަނީ ފޯނުގައި ސޭވްކޮށްފައިވާ ނަމްބަރަކުން ނޫނެވެ. ޒަރީނާގެ ފޯނުގައި އޭނާގެ ތިމާގެ މީހުންނާ ރައްޓެހިންގެ ނަމްބަރުތައް ސޭވްކޮށްފައި ވަނީ ދިވެހި ބަހުންނެވެ. ޒަރީނާއަށް ގުޅާމީހަކ...

10 Apr 2025 | 05:11

ކުރީގެ އަދަދާއި ގުޅޭ...

ގުޅަނީ ފޯނުގައި ސޭވްކޮށްފައިވާ ނަމްބަރަކުން ނޫނެވެ. ޒަރީނާގެ ފޯނުގައި އޭނާގެ ތިމާގެ މީހުންނާ ރައްޓެހިންގެ ނަމްބަރުތައް ސޭވްކޮށްފައި ވަނީ ދިވެހި ބަހުންނެވެ. ޒަރީނާއަށް ގުޅާމީހަކު ދެނެގަންނަން ފަސޭކަ ކުރުމުގެ ގޮތުންނެވެ.

''ކާކުބާ.........؟'' ޒަރީނާ ހިތާ ހިތާ ކިޔާލިއެވެ. އަދި ކަންފަތުގައި ފޯނު ޖައްސާލަމުން ''އައްސަލާމް ޢަލައިކުމް'' އޭ ބުނެލިއެވެ.

''އާނ.......ހަލޯ.........ވަޢަލައިކުމް ސަލާމް.......ހަލޯ.......'' ޒަރީނާ ކަންފަތުގައި ޖެހުނީ ފިރިހެން އަޑެކެވެ.  އެ އަޑުގައިވާ ނުތަނަވަސްކަން ޒަރީނާއަށް ފާހަގަ ކުރެވުނެވެ.

''ޒަރީނާތަ .......... ؟'' އެކޮޅުން ވާހަކަ ދެއްކި މީހަކު ވާހަކަދެއްކީ އާއްމުކޮށް މީހުން ވާހަކަދައްކާވަރަށްވުރެ ބާރަށެވެ. ހީވަނީ ނިކަން އަޑުގަދަ، މީހުން ގިނަ ތަނެއްގައި ހުރެގެންވާހަކަ ދައްކާހެނެވެ.

''އާނ........ ޒަރީނާ ވާހަކަދައްކަނީ.......'' އެކޮޅުގެ އަޑު ގަދަކަމުން ޒަރީނާއަށްވެސް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ.

''ރަޝީދުބެ ކުއްލިގޮތަކަށް ދޯނި ތެރެއަށް ވެއްޓިގެން ރަށަށް މި ލެފީ......... މިހާރު އެމްބިއުލާސަށް އަރުވައިފި.......... ޒަރީނާވެސް އަވަސްގޮތަކުން ހޮސްޕިޓަލަށް ދެވޭތޯބަލާ......... '' ގުޅި މީހާ ފޯނު ކަނޑާލި އިރު ޒަރީނާ ހުރީ ބަސްހުއްޓި މުޅި މީހާ ގަބުވެފައެވެ. އޭނާއަށް ހޭވެރިކަންވީ ތެއްޔަށް އެޅި ފިޔާކޮޅު އަނދަމުންގޮސް އޭގެ ތެލިން ދުންއަރަން ފެށުމުންނެވެ.

އަވަސްއަވަހަށް އުނދުން ނިއްވާލުމަށްފަހު އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. ރަޝީދުގެ ޓީޝާޓަކާ މުންޑެއް ކޮތަޅަކަށް ލިއެވެ. އަދި ދެންވެސް ބޭނުންވާނެ ބައެއް ސާމާނު ކޮތަޅަށް އެޅުމަށްފަހު ބޭރަށް ނުކުތެވެ. ނަސީބު ރަނގަޅުކަމުން ނުހަނު އަވަހަށް ދުއްވާއެއްޗެއް ލިބޭގޮތްވިއެވެ.

ޒަރީނާ އަށް ހޮސްޕިޓަލަށް ދެވުނުއިރު ހޮސްޕިޓަލުކައިރި ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. އެހެން ދުވަސްދުވަހާބަލާ މީހުން ގިނައެވެ. ދުއްވާއެއްޗިހިވެސް އާދަޔާޚިލާފަށް ގިނައެވެ. ހޮސްޕިޓަލުގެ ގޯތިތެރޭގައި މީހުންތައް ކޯޅިކޯޅިއަށް ތިބެ ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ.

''ބޯއްތާ........'' ހޮސްޕިޓަލުގެ މައި ދޮރާ ދިމާއަށް ހިނގާފައި ދިޔަ ޒަރީނާގެ އަތުގައި ހިފީ ލަޔާލީއެވެ. އެއީ ލަޔާލުގެ ދޮންތައެވެ. ޒުހުދާގެ އެންމެ ދޮށީ ދަރިފުޅެވެ. ލަޔާލީގެ މޫނުމަތިންވެސް ފެންނަނީ މާޔޫސްކަމެވެ. ޒަރީނާގެ އަތުގައި ހިފައިގެން ލަޔާލީ ދިޔައީ އިމަޖެންސީ ރޫމާދިމާއަށެވެ. އެތަނުގައި އަދި ވަކިން މީހުންގިނައެވެ. ރަޝީދަށް ވީ ގޮތެއް ވީ ވަރެއް ނޭނގި، ކަންބޮޑުވުމާ ހާސްކަމުގައި ހުރި ޒަރީނާ އިތުރަށް ނުތަނަވަސްވާގޮތް ވިއެވެ.

އެތެރަށް ވަންއިރު ޒުހުދާއާ އެގޭ ހުރިހާކުދިންވެސް އެތަނުގައި ތިއްބެވެ. ރަޝީދުގެ އާއިލާ މީހުންވެސް ތިއްބެވެ. ޒަރީނާ އެކި މީހުންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމާ ހިތާމައިގެ އަސަރެވެ.

''ކޮބާ ރަޝީދު........ އަހަރެން އެތެރެއަށް ވައްދަދީބަލަ......'' ޒަރީނާ ވާހަކަދެއްކީ އެތަނުގައި ހުރި ނަރުސްކުއްޖަކާއެވެ.

''ދައްތާ ........ އަދި ކުޑަ އިރުކޮޅެއް ވާނެ....... މިތާ ބޭރުގަ މަޑުކޮއްލާ....... ޑޮކްޓަރު ހުއްދަ ދިނީމަ ވަދެވޭނީ......'' ނަރުސްކުއްޖާ ނުހަނު އޯގާތެރިކަމާއެކު ޒަރީނާ ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ.

''އަނބުރައިގަތީތަ........ ވެއްޓިގެން އެއްވެސް އަނިޔާއެއްވިތަ......... '' ނަރުސް ކުއްޖާ ހިނގައިގަތުމުން ޒަރީނާ ސުވާލުކޮށްލިއެވެ. އޭނާގެ އަޑު ތުރުތުރުލާވަރުން ވާހަކަދެއްކުންވެސްވީ އުނަގޫކަމަކަށެވެ.

''ދައްތާ....... އެއްޗެއް ބުނަން އެނގޭނީ ޑޮކްޓަރުން ބަލާ ނިމުނީމަ........'' ނަރުސްކުއްޖާއަށް ރަޝީދަށް ވެފައި އޮތްގޮތް ޔަޤީނާ ގާތަށް އެނގުނަސް އޭނާ އެވާހަކަ ބުނަން ފަސްޖެހުނެވެ.

''ކޮބާ ނޫރާ.........'' ޒަރީނާ ގާތުގައި އިށީންނަމުން ޒުހުދާ އަހާލިއެވެ. ޒުހުދާ ބޭނުންވީ ކޮންމެވެސް ވާހަކައެއް ދައްކައިގެން ޒަރީނާގެ ހާސްކަން ކަނޑުވާލާށެވެ.

''ނިދާފަ......... އެމަންޖެވެސް ބޮލުގައި ރިއްސާތީ އުޅެފަ ދެންމެ ނިދުނީ ........... އެހެންވެ ނުވެސް ގޮވަން.......... ރަޝީދު.........'' ޒަރީނާ ތުންފަތް ތުރުތުރު އަޅާލީ ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ. އެއްކަމެއްގެ ވޭން ފިލާ ނުދަނީސް އަނެއްކަމެއްގެ ވޭނުން އޭނާގެ ހިތް ގަންބާލައިފިއެވެ.

ބައިގަޑި އިރެއްހާއިރު ފަހުން ޑޮކްޓަރު ނިކުންނަވައިފިއެވެ. އެންމެންނަށް އެއްފަހަރާ ޑޮކްޓަރާ ގާތަށް ޖެހިލެވުނެވެ.

''ޑޮކްޓަރ ........ އެތެރެއަށް ވަންނަން ބޭނުން......... ރަޝީދު ރަނގަޅުތަ......... އެއްވެސް ތަނަކަށް އަނިޔާވިތަ.......؟ ޒަރީނާ ހުރީ ކެތްމަދުވެފައެވެ.

''ވަރަށް ދެރަ......... އަދިވެސް ހޭނާރާތީ ވަކި އެއްޗެއް ބުނަން ދަތި........ ކަންފަތާ ނޭފަތުން ލޭއައުން މަނާ ނުވާތީ މިހާރު ސްކޭންއާ އިތުރު ޓެސްޓް ތަކެއް ހަދަން މިއުޅެނީ.......... ބޮޑަށް ލަފާކުރެވެނީ ސްޓްރޯކެއް ޖެހުނީކަމަށް........ ފަހަރެއްގައި ދެން ހޭ ނޭރުމަކީވެސް އެކަށީގެންވާ ކަމެއް........ އެކަމަކު އުންމީދު ކަނޑާނުލާތި....... އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން........ ޝިފާދެއްވާނީ ﷲ......... ދައްތަމެން ދުޢާ ކުރޭ......... އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.......'' ޑޮކްޓަރ ދެއްކި ވާހަކަ އިން އެންމެ ބޮޑަށް އަސަރުކުރީ ޒަރީނާއަށެވެ. އޭނާގެ ހިތުގައި ޖަހަމުންދިޔަ  ވިންދު ހުއްޓުނުކަހަލައެވެ. ނޭވާލާން އުނދަގޫވެ މީހާ ދާހިއްލާން ފެށިއެވެ.

އެތަނުގައި އެވަގުތުތިބި މީހުންގެ ތެރއިން ކަރުނަ ފާއްދާނުލާ ހަމައެއްވެސް ލޮލެއް ނެތެވެ. ޒަރީނާ ނުރޯން ކިތަންމެ ހިތްވަރު ކުރިއަސް އެކަން ކާމިޔާބެއް ނުވިއެވެ.

*******

ނޫރާ މަންމަގެ އެދުމުގެ މަތިން ލަޔާލް ގެއަށް އައީ ނޫރާ ބަލައެވެ. ކޮޓަރީ ދޮރުގައި ދެތިން ފަހަރަކަށް ޓަކި ޖަހާލުމުންވެސް ނޫރާގެ ޚަބަރެއް ނުވިއެވެ. މަޑުމަޑުން ދެފަހަރަކަށް ގޮވާވެސް ލައިފިއެވެ. އެހެނަސް އަޑެއްބަޑެއް ނީވުމުން ލަޔާލް ދޮރުގެ އަތްގަނޑުގައި ހިފާލިއެވެ. ދޮރު ހުރީ އެތެރެއިން ތަޅު ނުލައެވެ. މަޑުމަޑުން ދޮރު ހުޅުވާލަމުން ލަޔާލް އެތެރެއަށް ބޯދިއްކޮއްލި އެވެ. އެނދުގައި ނިދާފައި އޮތް ނޫރާ ފެނުމާއެކު ލަޔާލްއަށް ހުއްޓުން އެރިއެވެ. ކަޅި ޖަހާނުލާ ނޫރާގެ ރީތި މޫނަށް ބަލަން ލަޔާލަށް ހުރެވުނީ ކީއްވެކަމެއް ޚުދު ލަޔާލަށްވެސް ނޭނގުނެވެ. ހިތާހިތުން ނޫރާގެ ރީތިކަމަށް ތަޢުރީފް ކުރެވުނެވެ.  އޭނާގެ އަމިއްލަ އިޚްތިޔާރެއް އެކަމުގައި ނެތެވެ. ނޫރާއަކީ ތުއްތު އިރުއްސުރެ ބުރުގާއަޅާ ކުއްޖަކަށްވާތީ،  މިއީ ބުރުގާއެއް ނެތި ލަޔާލްއަށް ނޫރާ ފެނުނު ފުރަތަމަ ފަހަރެވެ. އެވަރަށް އެބެލުނީ އެހެންވުމުންކަމަށްވެސް ވެދާނެއެވެ.

ކުއްލިއަކަށް ލަޔާލް ފަހަތަށް ޖެހިލިއެވެ. ދޮރު ލައްޕާލިއެވެ. އަމިއްލަ އަށް ކުރެވުނު ކުށް ހިތަށްވަދެ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ.

ދޮރުގައި ތަންކޮޅެއް ބާރަށް ޖަހާލަމުން ލަޔާލް ގޮވާލިއެވެ. ނޫރާއަށް ހޭލެވުނެވެ. ލަޔާލްގެ އަޑުއިވުމުން ނޫރާ އަވަސްއަވަހަށް ތެދުވިއެވެ. ތަރުތީބު ގެއްލި ވިހުރުވިފައިވާ އިސްތަށިގަނޑު އައްސާލުމަށްފަހު ބުރުގާއެއް ބޮލަށް ވައްޓާލަމުން ދޮރު ހުޅުވާލިއެވެ.

ލަޔާލަށް ބަލާލެވުނީ އުފާވެރިކަމެއް ނެތް ނޫރާގެ މޫނަށެވެ. ލަޔާލް ބުނަން އައި ވާހަކަ ބުނާނީވެސް ކޮން ދުލަކުންހެއްޔެވެ. އަނެއްކާ އަނެއް ހިތާމައެވެ. ނޫރާއަށް އެ ވާހަކަ އަޑުއަހަން ކެތްވާނެ ކަމާމެދު ލަޔާލަށް ޝައްކެވެ.

''ނޫރާ........'' ލަޔާލް ދެއަތް ދެއަތާ މޮޑެމުން ނޫރާއަށް ގޮވާލިއެވެ. ވާހަކަ ފަށާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ބުނާނެ އިބާރާތެއްވެސް ނޭނގުނެވެ.

''ލަޔާލް ކިހިނެއްވީ.......... ހާދަ ހާސްވެފަ......... އަނެއްކާވެސް އެމީހުން ގުޅީތަ..........'' ނޫރާ ހީކުރީ ހަމްޒާގެ ބައްޕަގެ ކޯލެއް ލަޔާލަށް އައީކަމަށެވެ.

''ނޫރާ...... ނޫރާގެ ބައްޕަ .........'' ލަޔާލަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.

''ބައްޕަ ކިހިނެއްވީ........ ބައްޕައަށް ކަމެއްވީތަ........ '' ނޫރާ ކަންބޮޑުވިއެވެ.

''ބައްޕަ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެނީ ......... ހާލު ވަރަށް ސީރިއަސް ....... ނޫރާ ބަލާމިއައީ.......ތައްޔާރުވެލައިގެން ހޮސް.........'' ލަޔާލްގެ ވާހަކަ ފުރިހަމަ ނުކުރެވުނީސް ނޫރާ އަރިއަޅާލިއެވެ. ޚަބަރުހުސްވެގެން ވެއްޓެމުންދިޔަ ނޫރާގެ ހަށިގަނޑު ލަޔާލް ހިފަހައްޓާލީ ހުޝިޔާރުކަމާއެކުގައެވެ. އަތްދަނޑިމައްޗައް ނޫރާ އުފުލާލީ ނުހަނު ފަސޭހަކަމާއެކުގައެވެ. ކޮޓަރިތެރެއަށްވަދެ ނޫރާގެ އެނދުގައި ނޫރާ ބޭއްވުމަށްފަހު ކޮޓަރީގެ ބޮކި ދިއްލާލިއެވެ. މޫނަށް ފެންފޮދެއް ބުރުވާލުމާއެކު މާގިނައިރެއް ނުވެ ނޫރާއަށް ތަންދޮރު ފިލައިފިއެވެ. ލިބުނު ހިތާމަވެރި ޚަބަރުގެ ސަބަބުން ކުރިންވެސް އުދާސްވެފައިވާ އޭނާގެ ޅަ ސިކުނޑިއަށް ކެތް ނުވީއެވެ.

ނޫރާ ރުއެވެ. ގިސްލިއެވެ. ހިތްދަތިކަމުގެ އިންތިހާ އަސަރުތައް އެ މޫނުމަތިން ލަޔާލަށް ފެނުނެވެ. އެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލާދޭން ލަޔާލް ކިތަންމެފަހަރަކު ހިތަށް އެރިވެސް މެއެވެ. އެހެނަސް އޭނާ ފަސްޖެހުނެވެ. ނޫރާއަށް ހަމްދަރުދީ ވުމުގެ ގޮތުން ކަމަށްވިޔަސް، ނޫރާ ހީކޮށްފާނެ އެއްޗަކާމެދު ވިސްނާލުމަށްފަހު އޭނާ އިޚްތިޔާރު ކުރީ ކެތްތެރިކަމެވެ.

ލަޔާލް އެތައްވާހަކައެއް ދައްކާ އެތައްގޮތަކުން ވިސްނައިދީގެން ނޫރާ ހަމަޔަކަށް އެޅުވިއެވެ. އަދި ނޫރާގޮވައިގެން ހޮސްޕިޓަލާ ދިމާއަށް މިސްރާބުޖެހިއެވެ. ދަތުރުގެ މެދާ ހަމައިން ލަޔާލްގެ ފޯނަށް މެސެޖެއް އައެވެ. ކޮޅެއް ނެތަފަދަ ހިތާމަވެރި މެސެޖެކެވެ. ރަޝީދުބެ ، އާދެ ނޫރާގެ ލޯބިވާ ބައްޕަ މި ފަނާވަނިވި ދުނިޔެއާ އަބަދުގެ އަބަދަށް ވަކިވީއެވެ. ލަޔާލް އެވާކަ ނޫރާ ގާތުގައި ނުބުނެ، ކާރުގެ ސްޕީޑް ބާރުކޮއްލިއެވެ. އޭނާ ދުވަހަކުވެސް ނުދުއްވާހާ ބާރަށް ދުއްވާލިއެވެ.  ހޮސްޕިޓަލަށް ވަދެގެންގޮސް އިމަޖެންސީ ރޫމަށްވަދެވުނުއިރު،  ގިސްލުމުގެ އަޑުފިޔަވާ އިތުރު އަޑެއް އެތަނަކުން ނީވެއެވެ.

''ދަރިފުޅާ.............'' ޒަރީނާއަށް ނޫރާފެނުމާއެކު ނޫރާގެ ގައިގައި ބާރަށް ހިފައިގަނެވުނެވެ. ނުހަނު ބާރަށް ނޫރާގެ ގައިގައި ޒަރީނާއަށް ބައްދާލެވުނެވެ. އަޑުން އަޑުނަގާ ރޮއިގަނެވުނެވެ. މަރުގެ ޚަބަރު ނޫރާއަށް ދެމުން ނޫރާގެ ގައިގައި ޒަރީނާ އޮޅުލައިގަތެވެ. ރުއިމުގެ ބަދަލުގައި ނޫރާ ހަމަހިމޭން ވިއެވެ. ގަބުވިއެވެ. އޭނާގެ އަނގައިން އެއްވެސް އަޑެއް ނުނިކުމެއެވެ. ލޮލުން ފައިބަމުންދާ ކަރުނަ ފިޔަވާ އެހަށިގަނޑުގައި ދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ނެތްފަދައެވެ. ހުރިތަނުން ބިމަށް ތިރިވެވުނީ ހަކަތަ ހުސްވެ ދެފައިން ވަރު ދޫވެގެންނެވެ.

ރަޝީދުގެ ޖަނާޒާގެ ހުރިހާ ކަމެއް ނިމެންދެން ލަޔާލް އެކަމުގައި އުޅުނެވެ. ރަޝީދަކީ ރަނގަޅު ހެޔޮލަފާ މީހެއްކަމުން ގިނަ ބައެއްގެ ލޯބި އެއާއިލާއަށް އެވަގުތު އޮހެމުންދިޔައެވެ. ޖަނާޒާގައިވެސް އެތައް ބަޔަކު ބައިވެރިކަމީ ރަޝީދަށްޓަކައި މީހުންގެ ހިތުގައި އޮތް ލޯތްބާ އިޙްތިރާމް އަންގައިދޭ ކަމެކެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޒަރީނާގެ ދެމައިންގެ އެކަނިވެރިކަން ފިލުވައިދިނުމަށް ލަޔާލްގެ އާއިލާ ކުދިން ގިނަވަގުތު ހޭދަކުރަމުން ދިޔައީ ޒަރީނާގެ ގޭގައެވެ. ރަޝީދު ނިޔާވިފަހުން ހަފުތާއެއް ފާއިތުވެގެން ދިޔައިރުވެސް ޒަރީނާގެ ހާލަތަކަށް ބަދަލެއް ނާދެއެވެ. ލޮލުން ކަރުނަ ހިކެނީ މަދުފަހަރަކުއެވެ. އަބަދުވެސް ދައްކަނީ ހަމަނުޖެހޭ އެކިޒާތްޒާތުގެ ވާހަކައެވެ.

އޭގެތެރެއިން ދުވަހެކެވެ. ލަޔާލްމެންގެ އާއިލާ އެންމެންތިބީ ނޫރާމެންގޭ ގޯތިތެރޭގައިހުރި ޖޯލިފަތީގައެވެ. ކުޑަކުޑަ ރޫބީ އުރާލައިގެން ނޫރާ އިނީ ޖޯލިފައްޗާ ތަންކޮޅެއް ދުރުގައި އެލުވާފައި އޮތް އުނދާލީގައެވެ. ރޫބީއާ އެކު ހޭދަކުރާ ވަގުތުތަކުގައި ނޫރާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ފެނެއެވެ. ރޫބީގެ ލޯބިވެތި މައުސޫމް ހީލުމާ، ތުއްތު އަޑުން ލައްވާލާ އެކި އަޑުތަކުން ނޫރާއަށް ހީލާން މަޖުބޫރުވެއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ނޫރާގެ ހިތުން ހިތާމައިގެ ވިލާތަށް އެއްފަރާތްވެލައެވެ.

ދޮރާށިން ވަދެގެން އައި ލަޔާލް ފެނުމުން ރޫބީ ލެނބިލެނބިފައި ލަޔާލްއާ ދިމާއަށް އަތް ދަމަންފެށިއެވެ. ލަޔާލްވެސް ރޫބީއާ ސަމާސަކޮއްލާހިތްވިއެވެ. ލަޔާލް ގޮސްހުއްޓުނީ ނޫރާ އިން އުނދޯލީގެ ކުރިމައްޗަށެވެ. ރޫބީ ހެއްވާލުމަށްޓަކައި ލަޔާލް އެ އުނދޯލި ހެއްލަދޭން ފެށިއެވެ. އުނދޯލި ދުރަށް ކޮއްޕާލާ ކޮންމެ ފަހަރަކު ނޫރާގެ އުނގުގައި އިދެނގެން ރޫބީ ހީގަނެވެ. މި މަންޒަރުބަލަން ޒަރީނާ އިންއިރު އޭނާގެ ހިތުގައި ކުރަހާލެވުނީ ތަފާތު ކުރެހުމެކެވެ. އެއީ މީގެ އެތައް ދުހަވެއް ކުރިން އޭނާ ތަދުބީރު ކުރަމުން އައި ކުރެހުމެކެވެ. އެ ކުރެހުމަކީ ޚިޔާލީ ކުރެހުމެއް ނަމަވެސް، އޭނާ މިހާރު ބޭނުންވަނީ އެ ކުރެހުމުގައި ހަޤީޤީ ކުލަޖައްސާށެވެ.

''ލަޔާލް ދެން ނުހެއްލާ........ މިހާރު ބޮލަށް އެނބުރުންއަރައިފި...... ނޫރާ އެދުނީ އުނދޯލި މަޑުކުރާށެވެ. ލަޔާލް އުނދޯލު މަޑުކޮށްދިނުމަށްފަހު ޖޯލި ފައްޗާދިމާއަށް މިސްރާބު ޖެހިއެވެ.

''އަހަރެމެން ދެމައިން މުޅިން އެކަނިވީ........ އަޅާލާނެ ހަމަ އެކަކުވެސް ނެތުނީ........ މިޔޮއްބޮޑު ދުނިޔެއަށް އަހަރެމެން ދެމައިން އެކަނި ދޫކޮށްފައި ރަޝީދުވެސް ދިޔައީ........'' ޒަރީނާ މަޑުމަޑުން ކިޔާލިއެވެ. އެންމެ ގިނައިން އޭނާ ދައްކަނީ ހަމަ އެވާހަކައެވެ.

''އަނެއްކާވެސް.........އެއްކަލަހެން ތިކިޔަންފެށީ.........ބޯއްތަކައިރީ ބުނީމެންނު ތިޔަހެން އަބަދު ނުކިޔާށޭ........ ތިޔަހެނެއް ނުވާނެ....... އަހަރެމެންވެސް މިތިބީނު........'' ޒަރީނާ އިށީނދެއިން ޖޯލި ކުރިމަތީގައި ހުރި ގޮނޑިއެއްގައި ލަޔާލް އިށީންނަމުން ބުނެލިއެވެ. ލަޔާލް ބޭނުންވީ އޭނާގެ ބޮޑުދައިތަގެ ހިތްހަމަޖައްސައިދެވޭތޯއެވެ.

''ނޫރާ އަކީ އަހަރެންގެ ހުރި ހަމައެކަނި ފުރާނަ......... އަހަރެން ނެތް ދުވަހަކުން އަހަރެންގެ ނޫރާ މުޅިން އެކަނިވާނެ........ދެން މަރުވާނީ އަހަރެން ނޫންކަމެއްވެސް ނޭނގެ......އޭރުން ނޫރާފަކީރު ހިތާމައިންގޮސް ހިތްހުއްޓިދާނެ...........'' ޒަރީނާ ފެންކަޅިވިއެވެ. ހަމަ ހަޤީގަތުގައިވެސް އޭނާ އެންމެބޮޑަށް ވިސްނަނީ އޭނާނެތް ދުނިޔެއެއްގައި ނޫރާއަށް ވެދާނެ ގޮތަކާމެދުގައެވެ.

''ބޯއްތާ ތިޔަކަހަލަ ވާހަކަ ދައްކާކަށް ނުވާނެ......... އަހަރެމެން ނޫރާ ބަލާނަން........ އަދި ބޯއްތަވެސް އެކަނި ވިޔަކަ ނުދޭނަން...........ދޯ ދޮންތާ.......'' ލަޔާލް އޭނާގެ ދޮންތަ އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

''އެހެންވިއްޔާ ލަޔާލް ނޫރާއާ ކައިވެނި ކުރޭ........ އޭރުން ބޮޑުދައިތައަށް ހަމަޖެހިގެން މަރުވެވިދާނެ........ '' ލަޔާލްގެ އަތުގައި ޒަރީނާ ހިފާލިއެވެ. ކަރުނައިން ފުރިފައިވާ ލޮލުން ޒަރީނާ ބަލަން އިނީ ލަޔާލްގެ މޫނަށެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 15 އޭޕްރީލް، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް