ޓޮޓެންހަމްގެ މިޑްފީލްޑަރ ނަޔިމް އަކީ 1992 ވަނައަހަރު އިނގެރޭސި ޕްރިމިއަރ ލީގު ފެށިއިރު ލީގުގައި ކުޅުނު ހަމައެކަނި މުސްލިމުކުޅުންތެރިޔާއެވެ. މިއަދު އެލީގުގައި މުސްލިމް 40 ކުޅުންތެރިން ކުޅެމުންދާއިރު މިކުޅުންތެރިންގެ ޢަމަލުތައް ދަނީ ޕްރިމިއަރލީގުގެ ސަގާފަތަށް ބަދަލު ގެނުވަމުންނެވެ.
ގޯލް ޖެހުމަށްފަހު އުފާފާޅުކުރުން
އެސްޓަންވިލާއާއި ދެކޮޅަށް 05 ފެބްރުއަރީ 2010 ވަނަދުވަހު ނިއުކާސަލް ކުޅުނު ދުވަހެވެ. މެޗްގެ 30 މިނެޓް ހަމަވިފަހުން ނިއުކާސަލްގެ ޑެމްބަބާ ގޯލްޖެހުމަށްފަހު އެޓީމްގެ ސީސޭއާއެކު ދުއްވައިގަތީ ކޯނަރު ދިދައާއި ދިމާއަށެވެ. މުސްލިމު މިދެކުޅުންތެރިން ގޯލްގެ އުފާ ފާޅުކުރަން ސަޖިދަ ކުރީއެވެ. މިއުފާ ފާޅުކުރުމަކީ މިހާރު މުސްލިމް ކުޅުންތެރިންގެ އާއްމު އުފާފާޅުކުރުންތަކެވެ.
ނިއުކާސަލް ސިޓީގެ ޕާކުތަކުގައި ފުޓްބޯޅަކުޅޭ އެކި ދީންތަކުގެ ކުދިންވެސް ގޯލްޖެހުމަށް ފަހުވެސް ސަޖިދަކުރެއެވެ. އެކުދިންނަށް މިއީ މުސްލިމް ކުޅުންތެރިންގެ ފަރާތުން އައިކަމެއްކަން ނޭގުނު ނަމަވެސް މިކަން އިނގެރޭސި ވިލާތުގެ ސަގާފަތުގެ ތެރެއަށް ދަނީ ވަންނަމުންނެވެ.
އެފްރިކާގެ ފަޤީރު އަވަށަކުން ނުވަތަ ޔޫރަޕްގެ މުއްސަނދި ގައުމެއްގެ ކުޅުންތެރިޔަކު މޮޅުވެ މުޅިދުނިޔެއަށް މަޝްހޫރުވުމަކީ މާބޮޑުކަމެއް ނޫނެވެ. ހަމައެހެންމެ ފައިސާއި މުދަލާ އެކުޅުންތެރިންނަށް ލިބުމަކީ ދާދި ފަސޭހަކަމެކެވެ. ނަމަވެސް މީހާގެ ދީނާއި ނުވަތަ އައިޑެންޓިޓީއާއި ގުޅުންހުރިކަންތަކުގައި ބާރަށް ހިފެހެއްޓުމަށް ކުޅުންތެރިން ސަމާލުކަންދެއެވެ. ނިއުކާސަލް އިން ޗެލްސީއަށް ބަދަލުވެފައިވާ ގޯލާ ރައްޓެހި ފޯވާޑް ޑެމްބަބާ ބުނެފައިވަނީ އޭނާގެ ދީނާމެދު އޭނާ ވަރަށް ސީރިއަސް ކަމަށެވެ.
މިފަދަ ކުޅުންތެރިންގެ ސަބަބުން މުސްލިމް ކުޅުންތެރިންނަށް ދެވިފައިވާ ގަދަރު ލީގުގައި ދަނީ އިތުރުވަމުންނެވެ. މުސްލިމް ކުޅުންތެރިންނަށް ޙަލާލު ކާބޯތަކެތި ފޯރުކޮށްދެވެއެވެ. އަދި ފެންވެރުމަށް ވަކި ބާތުރޫމް ހުރުމާއި ނަމާދުކުރުމަށް ތަން ހަމަޖައްސައިދީ އެކަމަށް ވަގުތު ހުސްކޮށްދެވެއެވެ.
މެޗްގެ މޮޅުކުޅުންތެރިޔާއަށް ދެވޭ ރާ ފުޅި
އިނގެރޭސި ޕްރިމިއަރ ލީގުގައި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ދޭ އެއް އިނާމަކީ ރާ ފުޅިއެކެވެ.
މެންޗެސްޓަރ ސިޓީ ކުޅުނު މެޗެއްގައި މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޔާޔާ ޓޯރޭއަށް ރާފުޅި އެއް ދިއްކޮށްލުމުން ޓީވީއިން ލައިވްކުރަމުން ދިޔައިރު ، އެ އިނާމު ޤަބޫލުކުރުމަށް އޭނާ ތެދުވެރިކަމާއެކު ދެކޮޅުހެދިއެވެ. މުބާރާތުގެ އިންތިޒާމްވެރިންނަށް މަޖުބޫރުވީ މިކަމާއި މަޝްވަރާކުރުމަށެވެ. މިހާރު މުސްލިމް ކުޅުންތެރިޔަކު މޮޅުކުޅުންތެރިއަކަށް ހޮވިއްޖެނަމަ ރާފުޅީގެ ބަދަލުގައި ދެނީ ޓްރޮފީއެކެވެ.
ރަމަޟާންމަހުގައި ރޯދަ ހިފުން
މުސްލިމް ކުޅުންތެރިޔަކު 18 ނުވަތަ 15 ގަޑިއިރު ރޯދަޔަށް ހުރެފައި މެޗެއްގެ 90 މިނެޓްގައި ރަނގަޅަށް ކުޅޭނީ ކިހިނެއްތޯ މިއީ ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން އުފައްދާ ސުވާލެކެވެ. އަދި ރޯދަހިފާ ކުޅުންތެރިއަކަށް ރަނގަޅަށް ނުކުޅެވޭނެކަމަށް ޤަބޫލުކުރާ މެނޭޖަރުންނަށް މުސްލިމް ކުޅުންތެރިން މެނޭޖްކުރުމަކީވެސް ބޮޑު ގޮންޖެހުމެކެވެ.
'' އަހަރެން ރޯދަ ނުހިފުމަކީ އަރސެނަލް އިން ބޮޑަށް އެދޭގޮތް ކަމަށް ވެދާނެ ، އެކަމަކު އެމީހުންނަށް އެނގޭނެ މީ (ރަމަޟާން މަސް) އަހަންނަށް ޚާއްސަ ވަގުތެއްކަން،އަދި އަހަންނަށް ރަނގަޅުވާނެ ގޮތްގޮތަށް ކަންކަން ހަމަޖައްސައިދެވޭތޯ އެމީހުންބަލާ'' އަރސެނަލްގެ މިޑްފީލްޑަރ އަބޫ ޑިއާބީ ބުނެފައިވެއެވެ.
ރޯދަ ހިފުމުގެ މައްސަލައިގައި މެނޭޖަރާއި ދެމެދު މައްސަލަދިމާވާ ކަމަށާއި އެހެންނަމަވެސް (މުސްލިމެއްގެ ގޮތުގައި) ސާބިތުވެ ހުންނަކަމަށް ޑެމްބަބާ ވެސް ވަނީ ހާމަކޮށްފައެވެ.
ޓީމްތަކުގެ ސަޕޯޓަރުންވެސް މުސްލިމް ކުޅުންތެރިންގެ ޢަމަލުތަކުން ހޭލުންތެރިވެ އެކުޅުންތެރިންނަށް ހިތްވަރުދެއެވެ.
2011-12 ގެ ސީޒަނުގައި ޑެމްބަބާގެ އަސްލުކުޅުން ، ފެންނަށް ދުވަސްކޮޅެއް ނެގީ ރޯދަ ހިފުމުގެ ސަބަބުންކަމަށް ނިއުކާސަލްގެ މެނޭޖަރ އެލަންޕާޑިއު ލަފާކުރާކަމަށް ހާމަކޮށްފައިވުމާއެކު އެސީޒަނުގައި ޑެމްބަބާޖެހި ގޯލްތައް ސަޕޯޓަރުން ފާހަގަކުރީ އާދަޔާ ޚިލާފުގޮތަކަށް ، މެނޭޖަރ އެލަން ޕާޑިޔުއަށް ރައްދުދެމުންނެވެ.
Demba Ba Scored Ten times since Ramazan’’''
ޑެމްބަބާ ޖަހާ ކޮންމެ ގޯލެއް އެއީ ކިތަންވަނަ ގޯލްކަން އެނގޭގޮތަށް، އިނގެރޭސި ލަވައެއްކަމަށްވާ ''ޖަސްޓް ކާންޓް ގެޓް އިނަފް'' ގެ ރާގަށް ސަޕޯޓަރުން ގެންދިޔައީ ކިޔަމުންނެވެ.
''ކޮންމެ ފަހަރަކުވެސް ދިމާވަނީ ރޯދަޔަށް ހުންނަށް ހިތްހަމަ ނުޖެހޭ މެނޭޖަރަކާ ، އެކަމަކު އަހަރެން ބުނަން، އަޑުއަހާ! އަހަރެން ރޯދަ ހިފާނަން، (ރޯދަޔަށް ހުރުމަށްފަހު ކުޅެގެން ) އަހަރެންގެ ކުޅުން ރަނގަޅު ނަމަ އަހަރެން ކުޅެމުން ގެންދާނަން، އަދި އަހަރެންގެ ކުޅުން ދަށްނަމަ ، އަހަރެން ބެންޗަށް ބަދަލުކުރޭ! އެކަން އެނިމުނީ'' ރޯދަ ހިފުމާ ދެކޮޅު ހަދާ މެނޭޖަރުންނަށް ޑެމްބަބާ ދީފައިވާ ވަރުގަދަ ރައްދެއްގައިވެއެވެ.
ޓީމްތަކުގެ ސްޕޮންސަރުން
ނިއުކާސްލްގެ ސްޕޮންސަރަކީ އެކުންފުނީގެ ވިޔަފާރީގެ ވަރަށް ބޮޑު އިންސައްތައެއްގެ ރިބާގެ މުޢާމަލާތްކުރާ ކުންފުންޏަކަށްވުމާއެކު މުސްލިމް ކުޅުންތެރިއެއްކަމުގައިވާ ނިއުކާސަލްގެ ސީސޭ ވަނީ ޓީމްގެ މެނޭޖްމަންޓާއި ވާހަކަ ދައްކަން ބޭނުންވާކަމަށް ބުނެފައެވެ. އަދި އޭނާވަނީ ސްޕޮންސަރގެ ނަން ޖަހާފައިވާ ޖާޒީލުމަށްވެސް ފުރަތަމަ ދެކޮޅު ހަދާފައެވެ. ނަމަވެސް ބައެއް އިލްމުވެރިންގެ މަޝްވަރާއަށްފަހު އޭނާ ގެންދަނީ ޖާޒީލަމުންނެވެ.
މިކަންތައްތަކުގެ އިތުރުން މުސްލިމް ކުޅުންތެރިންނާއި އޮފިޝަލުންނަށް ކުރާ އިޙްތިރާމްވެސް ޕްރިމިއަރ ލީގުން ފެންނަމުންދެއެވެ. 2012 ވަނަ އަހަރުގެ ލީގުކަޕް ކާމިޔާބު ކުރުމުގެ އުފާ ލިވަޕޫލުން ޗޭންޖިންގ ރޫމްތެރޭގައި ކުރީ ރާފުޅި ކަނޑަމުން، ޗޭންޖިންގ ރޫމްތެރެއަށް ސުޕުރޭ ކުރަމުންނެވެ. ނަމަވެސް އޭގެ ކުރިން ޓީމުގެ މުސްލިމް ޑޮކްޓަރ ،ގެ ޖާޒީއަށް ނުވަތަ ކިޓް ރަލުން ސަލާމަތްކުރުމަށް ޗޭންޖިންގ ރޫމްގެ ތެރެއިން އެކިޓް ނެރުނެވެ.
ޕްރިމިއަރ ލީގުގެ އިތުރުން އެހެން ލީގުތަކާއި މުބާރާތްތަކުންވެސް ދީންވެރި މުސްލިމުންގެ ހެޔޮ ޢަމަލުތައް ފެނެއެވެ. މިސާލެއްގެ ގޮތުން އެންމެ ހައިރާންކުރުވަނިވި މަންޒަރެއް ފެނުނީ ޔޫރޮޕާ ލީގުގައި އާޒަރުބައިޖާންގެ ކަރަބާގާއި ސްވިޑުންގެ ގެފްލޭއާއި ކުޅުނު މެޗެއްގައެވެ. ކަރަބާގުގެ މުސްލިމް ދެކުޅުންތެރިން ކަމަށްވާ ރަޝާދުއާއި ޔޫސިފޯވް މެޗް ކުޅެމުންދިޔަ ގަޑީގައި އިރުއޮއްސުމާއެކު މެޗް ތެރެއިން ރޯދަ ވީއްލިއެވެ. އަދި ޚާއްޞަގޮތެއްގައި ފާހަގަވީ ރޯދަވީއްލުމަށް ފެންބުއީ އިށީނދެ ތިބެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް