ކާރަށް އަރާ އިށީނދެ ކުރިއަށް ދުއްވައިލިއިރު ލޯގަނޑުން ޒޭބާ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރި މަންޒަރު ފެނި އަހަރެންގެ ހިތް ދެފަޅިވެގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ހިތަށް ފުން އަސަރަކުންނެވެ. ވަރުގަދަ މަޖުބޫރިއަކުން ބަނދެވިފައިވާ ހާލު ކާރު ދުއްވަމުން ދިޔައިރު އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ. ރުޅިއާއި ހިތާމަ އެކުލެވިފައިވާ ހާލު އަހަރެންނަށް ކާރު ދުއްވެމުން ދިޔައީވެސް ތަންކޮޅެއް ބާރަށެވެ. ހިތާހިތުން ދުޢާ ކުރެވެމުން ދިޔައީ ނައުރާއާއި ނިމާލްއަށް އެމީހުންގެ ކުރި ކަންތައްތަކުގެ ސަޒާ ދެއްވާތޯއެވެ. އިރުއިރުކޮޅުން ހިތަށް ސިފަވަމުން ދިޔައީ ރޮވިފައި ޒޭބާ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތެވެ. ހުރިހާ އިހުސާސްތަކެއް އެކުވެގެން ދިޔަ ހިނދު ކާރުގެ ދުވެލި ކުރިއަށްވުރެވެސް ބާރުކޮށްލެވުނެވެ. އެހިނދު އައި ނައި ތަނެއް ނޭނގި ކުރިމައްޗަށް އެރީ ބޮޑު ޕިކަޕެކެވެ. ކާރު އަނެއްފަރާތަށް އަނބުރާލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެއެވެ. އެދިޔަ ބާރުމިނުގައި ކާރު ގޮސް ޕިކަޕުގައި ޖެހިއްޖެއެވެ. ބާރު އަޑުފަށްގަނޑެއް އަހަރެން އިވުނެވެ. ނަމަވެސް ދެންވީ ގޮތެއް ނޭނގުނެވެ.
ލޯ ހުޅުވާލެވުމާއެކު އެންމެ ފުރަތަމަވެސް އަހަރެންގެ ކަންފަތުގައި އައިސް ޖެހުނީ ހޮސްޕިޓަލުތަކުގައި ހުންނަ ކަހަލަ މެޝިނެއްގެ އަޑެވެ. ވަރަށް ކައިރިން ދެމީހަކު ވާހަކަ ދައްކާ އަޑު އެއަޑާ އެކުވެގެން އައެވެ. ފުސްކޮށް ފެންނަން ހުރީ ހުދު ކުލައިގެ ސީލިންގެކެވެ. މީހަކު ފެނޭތޯ ދެފަރާތަށް ކަޅި ހިންގައިލި ހިނދު ބޮލަށް ވީ ތަދުން އަނގައިން އާހެއް ނިކުތެވެ. އެހިނދު މީހަކު އައިސް އަހަރެންގެ އަތުގައި ހިފިހެން ހީވެ ބަލައިލީމެވެ. ހުދުކުލައިގެ ކޯޓެއްގައި ހުރި ފިރިހެނެކެވެ. އުނދަގުލާއެކު ވިސްނާލުމުން އެއީ ޑޮކްޓަރެއްކަން އެނގުނެވެ. އޭނަ އަހަރެންގެ ވިންދު ބަލަނީއެވެ. އެކްސިޑެންޓް މަތިން ހަނދާންވީވެސް ދެނެވެ.
" އިޒާން! އިޒާން.. އަޅުގަނޑުގެ އަޑު އިވޭތޯ.. " ޑޮކްޓަރު ބުނެލިއެވެ. އުނދަގުލާއެކު އަހަރެން ބޯޖަހައިލީމެވެ. އެހިނދު ޑޮކްޓަރު އަހަރެންގެ ލޮލުގެ ކުރިމަތީގައި އަތުގައިވާ ގަލަން ދެފަރާތަކަށް ހިންގާލިއެވެ. ރަނގަޅަށް ފެނޭތޯ އަހަމުންނެވެ. ދެންވެސް އަހަރެން ބޯޖަހައިލީމެވެ. އެހިނދު ޑޮކްޓަރުގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނުނެވެ.
" ނަރސް.. މިސް ނައުރާއަށް ގުޅާފައި ބުނޭ ޕޭޝަންޓް ހޭއަރައިފިޔޭ... " ކައިރީގައި ހުރި ނަރުސް ކުއްޖާ ކައިރީ ޑޮކްޓަރު ބުނެލިއެވެ. ނައުރާގެ ނަން އިވި ހީވީ ބޮލުގެ ރިހުން އިތުރުވިހެންނެވެ. އެހެންވެ ލޯމަރައިލީއެވެ.
އިރުކޮޅެއްނުވެ އެތަނަށް އައިސް ވަން ނައުރާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަހަރެން ގަސްދުގައި އޮތީ ލޯ ނުހުޅުވަން ވެގެންނެވެ. އެހެން އޮއްވާ ނައުރާ އަހަރެން ކައިރީގައި އެނދުގައި އިށީނދެއްޖެއެވެ.
"ދަރިފުޅާ... " ހީކުރި ގޮތާ ހިލާފަށް އިވުނީ މަންމަގެ އަޑެވެ. ދެލޯ ހުޅުވައިލީ ސިހުނު ވަރުންނެވެ. އަހަރެން ކައިރީގައި އެނދުގައި އިށީނދެގެން އިނީ ނައުރާއެއް ނޫނެވެ. ރޮވިފައި އިން އަހަރެންގެ މަންމައެވެ. ނައުރާ ހުރީ މަންމަ ކައިރީގައި ކޮޅަށެވެ.
"ﷲ އަށް ޙަމްދުހުރި.. ދަރިފުޅު ހޭއަރާ ތޯ މަންމަ ހާދަ ދުއާއެއް ކުރީމޭ.. " ރޮވިފައިވާ އަޑަކުން މަންމަ ބުންޏެވެ.
"މަންމަ ނުރޮއެބަލަ.. އަހަރެން ރަނގަޅޭ.. " އުނދަގުލާއެކު އަހަރެން ބުނީމެވެ.
"ﷲ އިރާދަކުރެއްވިއްޔާ ދަރިފުޅު ރަނގަޅުވާނެ.. ޑޮކްޓަރުން ބުނީ އުއްމީދެއްވެސް ނެތޯ.. އެކަމަކު ބަލާ ﷲގެ ކުޅަދުންވަންތަކަން.. ފުރިހަމަ ހަފްތާއަކަށް ފަހު ދަރިފުޅު ހޭ ތިއެރީ ﷲގެ ރަހުމަތްފުޅުން.. " މަންމަގެ ޖުމްލައިން އަހަރެންނަށް ލިބުނީ ހައިރާން ކަމެކެވެ. ހަޤީޤަތުގައިވެސް އަހަރެން އެތާ އޮންނަތާ ހަފްތާއެއް ވެއްޖެބާއޭ ހިތަށް އެރިއެވެ. އެކަމަކު އަހަރެންނަށް ހީވަމުން ދިޔައީ ހިނގައި ދިޔަ އެކްސިޑެންޓަކީ މީގެ އިރުކޮޅެއް ކުރިން ހިނގައިދިޔަ އެކްސިޑެންޓެއް ހެންނެވެ.
"އިޒާން!! " ނައުރާ އައިސް އަހަރެންގެ އަތުގައި ހިފައިލި ހިނދު އޭނާގެ ދެލޮލުން ކަރުނަތައް ފައިބާގަތެވެ. ވީ ފޫހިން އަހަރެން ދެލޯ މަރައިލީމެވެ. އެވަގުތު ޑޮކްޓަރު އައިސް އަހަރެންނަށް އަރާމުކުރުން މުހިންމު ކަމުގައި ބުންޏެވެ.
"އިޒާން އަރާމުކުރޭ! އަހަރެން މާދަން އަންނާނަން.. ވަރަށް ލޯބިވޭ.. " އަހަރެންގެ ބޮލުގައި އަޅާފައިވާ ބެންޑޭޖް މަތިން ފިރުމާލާ ކަންފަތް ދޮށަށް ތިރިވެލާ ނައުރާ ބުނެލިއެވެ. އަހަރެން މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ. ނައުރާ އެތަނުގައި ހުރުމުން އަހަރެންނަށް ލިބެމުން ދިޔައީ އިތުރު ތަކުލީފެކެވެ. އަހަރެންނަށް ވެގެން ވާނަމަ އޭނާގެ ވަސް ވެސް ވުޖޫދުން ފޮހެލައިފީމުހެވެ. އެހާވެސް އަހަރެން ނައުރާއަށް ނަފްރަތު ކުރަމެވެ.
ނިދިފައި އޮވެފައި އަހަރެންނަށް ހޭލެވުނީ މީހަކު އަހަރެންގެ ކޮނޑުގައި ޖަހައިލުމުންނެވެ. މަޑުމަޑުން ލޯ ހުޅުވާލާފައި ބަލައިލިއިރު އަހަރެންނާ ދާދި ގާތުގައި އިށީނދެގެން އިނީ ނިމާލްއެވެ. އޭނާ އިން ގޮތުން އަހަރެން ކުޑަކޮށް ސިހޭ ގޮތް ވިއެވެ.
"ވަރަށް ދެރަވެފައި ދޯ ތި އޮންނަނީ.. ކުރި މަސައްކަތް ބޭކާރުވީމަ.. " ނިމާލް ބުނެލިއެވެ. އެދައްކަނީ ކޮންވާހަކައެއްކަން ނޭނގުމުން އަހަރެންގެ ދެބުމަ ގޮށްޖެހުނެވެ.
"އަސްލު ހިތުން ވަރަށް މޮޅު ކަމެއް ކުރަން އުޅުނީ ދޯ.. އަހަރެން ވެސް ކަންކަން ޕްލޭން ކުރިއިރު ތިކަހަލަ ކަމަކާ ވިސްނާނުލެވުނީމަ ދެރައީ.. އެކަމަކު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ބުނެއެއްނު.. އިޒާން ތިކުރި ކަންތަކުން އަހަރެންނަށް އާ ފިލާވަޅެއް ދަސްވެގެން ދިޔައީ.. " ނިމާލް ދައްކަމުން ދިޔަ ވާހަކަ އަހަރެންނަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ.
"ތިކިޔާ އެއްޗެއް ނުވިސްނޭ..! ތަންކޮޅެއް ސާފުވާނެ ކަހަލަ ގޮތަކަށް ބުނަންވީނު.. " އަހަރެން ބުނީމެވެ. އެވަގުތު ނިމާލް ހިނިގަނޑެއް ޖަހައިލިއެވެ. މުޅިން ދުނިޔެއިންވެސް އަހަރެން އެހާ ރުޅިއަރާ އަޑެއް ނެތެވެ. ޖެހި ޖެހީނުން ދަތްތައް ފުނޑުކޮށްލަފާނަމޭ ހިތަށް އެރިއެވެ.
"އިޒާން ހީކުރީ އަހަރެން މީ މޮޔައެއް ކަމަށްތަ؟ ފަހުދް އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދިނޭ.. ޒޭބާ ފެނުމުން ކަލެއަކަށް ނޭނގޭ ވާނުވާއެއް.. ފަހުދް އިން ކަން އެނގުނީމަ އަވަހަށް ކާރާ ދިމާލަށް ދިޔައީ.. ކަލޭ ހިތަށް އެރީ ހުރިހާ ކަމަކުން ސަލާމަތްވާނެ އެންމެ މޮޅު ގޮތަކީ އަމިއްލައަށް މަރުވުމޭ... އެހެންނު!! އެކަމަކު ކަލޭގެ ރޭވުން ކާމިޔާބެއް ނުވި.. މިފަހަރުވެސް މޮޅު ލިބުނީ އަހަރެންނަށް.. އެކަމަކު ދެން އެކަހަލަ ކަމެއް ކުރަން އުޅެފިއްޔާ ހަނދާން ކުރާތި.. ކަލޭގެ ރޭވުން ކާމިޔާބުވިޔަސް މޮޅު ލިބޭނީ ހަމަ އަހަރެންނަށް.. މީހުން މެރުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެއް.. އިޒާން އަމިއްލައަށް މަރުވާން އުޅުނުކަން އެނގޭ ހިސާބުން ޒޭބާގެ ފުރާނަ ގެއްލޭނެ.. އަމިއްލައަށް މަރުވެއްޖިއްޔާ އިޒާންގެ މަންމައާއި ބައްޕަގެ ދުވަސްވެސް އެހިސާބުން އެދިޔައީ.. މިދެއްކި ވާހަކަތައް ރަނގަޅަށް ކަލޭގެ ސިކުނޑީގައި ސޭވް ކުރާތި.. " މިހެން ބުނެ ވައިސޫރިއެއްހެން ނިމާލް އެތަނުން ނިކުތެވެ. އަހަރެން އޮތީ ކިޔާނެ ބަހެއް ނޭނގިފައެވެ. ނިމާލް އޭނައަކީ މޮޔައެއް ނޫނޭ ބުންޏަސް އޭނާ އަކީ ހަމަ ރަނގަޅަށްވެސް މޮޔައެކޭ ހިތަށް އެރިއެވެ. އެހެންނޫންނަމަ އޭނާ ދައްކާފައި އެދިޔަ ވާހަކަތައް ނުދެއްކީހެވެ. ކިތަންމެ މުސީބާތްތައް ކުރިމަތިވިނަމަވެސް އަމިއްލައަށް މަރުވުމަކީ އަހަރެން ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ. ކުފުރުގެ މަރަކުން މަރުވާން އަހަރެން ބޭނުމެއް ނޫނެވެ.
އަހަރެން އެއްކޮށް ފިޓްވާން މަހެއްހާ ދުވަސް ނެގިއެވެ. އެހުރިހާ ދުވަހު އަހަރެން ކައިރީ އަބަދުހެން އުޅުނު ހަމައެކަނި މީހަކީ ނައުރާ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެތައް ގޮތަކުން އޭނާ އަހަރެންނަށް ހިދުމަތްކޮށްދެމުން ދިޔައެވެ. ނަމަވެސް ނައުރާގެ މަޅީގައި ޖެހޭ ވަރަށް ވުރެ އަހަރެން ހުޝިޔާރެވެ. މޫނުމަތިން ކިތަންމެ މައުސޫމު ކަމެއް ދިއްކިޔަސް އެމޫނުގެ ފަހަތުގައިވަނީ ނުބައި ނުލަފާ ކަމެކެވެ. ހަފްތާއަކު ދެދުވަހު ގޮތަކަށް މަންމަވެސް އަހަރެން ކައިރިއަށް އާދެއެވެ. ބައްޕަ ކައިރީގައި ހުންނާނެ މީހަކު ނެތުމުން އަހަރެން ކައިރިއަށް ނާދެވެނީކަން އަހަރެންނަށް އެނގެއެވެ. ހޮސްޕިޓަލުން ދޫކޮށްލިދުވަހު އަހަރެން ގޮވައިގެން ގެއަށް ދިޔައީވެސް ނައުރާއެވެ. އަހަރެން ގެއަށް ލައިދިނުމަށްފަހު އެތައް އިރެއް ވަންދެން އެގޭގައި ނައުރާ އުޅުނެވެ. މަސް ދުވަސް ތެރޭގައި ކަންކަން ވަރަށް ބަދަލުވެއްޖެކަން އަހަރެންނަށް އިހުސާސްވިއެވެ. މަންމައާއި ނައުރާ ހީވަނީ މަޔަކާއި ދަރިއެއް ހެންނެވެ. އެކުގައި ކައްކާ ކަންތައް ކޮށް އަދި އެ ކަންކަން ކުރާއިރު ސަމާސަކޮށް މަޖާ ކުރާ ގޮތުން އެދެމީހުން ދަންނަތާ އެތައް އަހަރެއްވެއްޖެހެން ހީވެއެވެ. އެމަންޒަރުތައް ފެނި ހިތްނުތަނަވަސް ވެފައި ވީ ނަމަވެސް އަހަރެންނަށް މަޖުބޫރުވީ ހިނިތުންވެލައިގެން އިންނާށެވެ. ނައުރާއަށް ތައުރީފު ހައްޤެވެ. އެކްޓް ކުރުމާއި މީހުން މަޅީގައި ޖެއްސުން އޭނާއަށް ވުރެ މޮޅަށް ކުރާނެ އެކަކުވެސް ނުވެއެވެ. އެދުވަހު ނައުރާ އެގެއިން ދިޔައީ ރޭގަނޑުގެ ކެއުމުގައިވެސް ބައިވެރި ވުމަށް ފަހުގައެވެ.
"ދަރިފުޅު ދެން އަވަހަށް ދޭ ނިދަން.. މަންމަވެސް ގަރުދިޔަކޮޅަށް ހޫނުކޮށްލާފައި ދާނީ ނިދަން.. " ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ މަންމަ ބުންޏެވެ.
"މަންމަ ކޮންއިރަކު ނައުރާއާއި އެހާ ގާތް ކަމެއް އުފެދުނީ.. " އަހަރެން އެހީމެވެ. މަންމަ ހިނިތުންވެ ހުރެ އައިސް އަހަރެން ކައިރީގައި އިށީނެވެ.
"ނައުރާ އެއީ އަސްލު ވަރަށް ހިތްހެޔޮ ކުއްޖެއް ދަރިފުޅާ.. މަންމައަކަށް ހިޔެއް ނުވޭ އެއަށްވުރެ ރަނގަޅު ކުއްޖެއް ދެން އިޒާންއަށް ލިބޭނެހެނެއް.. ދަރިފުޅު ހޮސްޕިޓަލުގައި އެއޮއް ހުރިހާ ދުވަހު އޮތް އިރުވެސް ފޫހިކަމެއް ނެތި ދަރިފުޅަށް ހިދުމަތް ކުރުމުގައި ނައުރާ ހުރި.. އޭގެ އިތުރުން މަންމަ މެންނަށްޓަކައި ދަރިފުޅު ކޮށްދޭ ހުރިހާ ކަމެއްވެސް ކޮށްދިނީ ނައުރާ.. ބައްޕަ ތެރަޕީއަށް ގެންގޮސް ދިނުމާ މަންމަމެންގެ ބޭސް ނަގައިދީ ޑޮކްޓަރަށް ދައްކައިދީ.. ނުވީތާކަށް މިމަހު މިގޭ ކުލިވެސް ދެއްކީ ނައުރާ.. އަދި ކޮބާ..؟ ހަދަމުން އެދާ އަހަރެމެންގެ ގޭގެ ކަންތައްތައްވެސް އެންމެ ކައިރިން ބަލަމުން ދިޔައީ ހަމަ ނައުރާ.. ދަރިފުޅުގެ ހޮވުން ހަމަ އެއްވަނަ.. ނައުރާ އެއީ ހަމަ ޖަވާހިރެއް.. " މަންމަ ދެއްކި ވާހަކައިން އަހަރެން މޭ ނުބައިކޮށްގަތެވެ. މަންމަމެންގެ ރުހުން ހޯދުމަށް ނައުރާ އެކޮށްލީ ހާދަ ވަރިގަދަ އެކްޓިންގްއެކޭ ހިތަށް އެރިއެވެ. އިތުރަށް އެކަމަށް އެއްޗެއް ބުނަން ނުހަދާ އަހަރެން ދިޔައީ ކޮޓަރިއަށެވެ. އެކަނިވެލުމާއެކު އަހަރެންގެ ސިކުނޑި ވަށައިލީ ޒޭބާގެ ހަނދާންތަކުންނެވެ. ޒޭބާ ކޮބައި ބާވައޭ ހިތަށް އެރިއެވެ. އަހަރެން އެކްސިޑެންޓްވިކަން ޒޭބާއަށް އެނގޭ ހެއްޔެވެ؟ އެނގުނިއްޔާ އޭނާ ވަރަށް ރޯނެކަން އަހަރެންނަށް އެނގެއެވެ. ހޮސްޕިޓަލުގައި އޮތް އިރު އަހަރެން ދެކިލަން ޒޭބާ އައި ހެއްޔެވެ؟ ހަމައެއާއެކު ޖިނާން މަތިންވެސް ހަނދާންވެއްޖެއެވެ. ޒޭބާ ފެނުމުން ހެދުނު ގޯހަކުން އަހަރެމެން ކުރަމުން ދިޔަ ޕްލޭނިންގް ހުއްޓުމަކަށް އައީއެވެ. އާ ފެށުމަކުން އަނެއްކާވެސް ނިމާލް ރުހުން ހޯދަން މަސައްކަތް ފަށަންވީއޭ އަހަރެންގެ ހިތް ބުންޏެވެ. ނަމަވެސް އެފަހަރު ކުރިއަށް ދާން ވިސްނީ ވަރަށް ވިސްނައިގެންނެވެ. އެގޮތުން ރޭވުން މެދުކެނޑުނު ހިސާބުން ފަށަން އަހަރެން ގަސްދުކުރީމެވެ. އެއީ ނައުރާއަށް ކައިވެންޏަށް ހުށައެޅުމެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް