ވާހަކަ: ލޯބީގެ ހާދިސާ – ބާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އަލްޙަމްދުލިﷲ.. އަހަރެން ކިހިނެއްތޯ ނާހާނަންތަ އިޒާން.. ” އަހަރެން ބުނެލީމެވެ. އިޒާންގެ މޫނުމަތިން މިފަހަރުވެސް ފެނުނީ ހައިރާންކަމެވެ. ހިނދުކޮޅެއް ވަންދެން އިޒާން އިނީ ދޭނެ ޖަވ...

12 Feb 2023 | 16:11

ކުރީގެ އަދަދާއި ގުޅޭ...

އަލްޙަމްދުލިﷲ.. އަހަރެން ކިހިނެއްތޯ ނާހާނަންތަ އިޒާން.. ” އަހަރެން ބުނެލީމެވެ. އިޒާންގެ މޫނުމަތިން މިފަހަރުވެސް ފެނުނީ ހައިރާންކަމެވެ. ހިނދުކޮޅެއް ވަންދެން އިޒާން އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އެހާ ދުވަހު އެއް ސުކޫލެއްގައި އުޅުނުއިރުވެސް އިޒާންއަށް އަހަރެން ނޭނގުނީތީ ކުޑަކޮށް ހިތުގައި ޖެހުނެވެ. ނަމަވެސް ތުންފަތްމަތީގައިވާ ހިނިތުންވުމަށް ކުޑަވެސް ފަނޑުކަމެއް ނުގެންނަމެވެ

“ސޮރީ.. އަހަރެން ހަނދާން ނެތުނީ.. ބައެއް މީހުންނަށް އަހަރެންނަކީ އިންވިޒިބަލް މީހެއް. ޚާއްސަކޮށް ސްކޫލް ދައުރުގައި… އިޒާން ހަމަ ހަނދާނެއް ނުވޭދޯ! ހަތަރު އަހަރު ދުވަހު އެއް ކްލާހެއްގައި އުޅުނުއިރު ކުޑަކޮށްވެސް އަހަރެންގެ މޫނު ހަނދާނެއް ނުވޭތަ؟ ” ފަހު ޖުމްލަ ބުނެލިއިރު ހަޤީޤަތުގައިވެސް އަހަރެން އިނީ ދެރަވެފައެވެ.

“ތިހެން ބުނީމަ ކުޑަކޮށް ހަނދާންވެއްޖެ ކަންނޭނގެ. ނައުރާ ކިހިނެއްތަ؟ ” އިރުކޮޅަކު ވިސްނަން އިނުމަށްފަހު އިޒާން ބުންޏެވެ. ކިތަންމެ ކުޑަކޮށް ނަމަވެސް އިޒާން އަހަރެންގެ މަތިން ހަނދާން ހުރީތީ ހިތަށް އުފާވެރިކަން އިހުސާސްވިއެވެ.

“ނޭނގުނަސް އެއީ މައްސަލައެއް ނޫނޭ. އަހަރެންނަކީ ކުލާހުގައި ވަރަށް މަޑުމަޑުން އިންނަ ކުއްޖެއް.. ޖިނާން އާއި އިޒާން ދުވެ ދުވެފަ އުޅޭ ގޮތަށް އުޅޭކަށް އަހަރެންނަކަށް ނުކެރޭ އުޅޭކަށް.. ދެން އިހަށް ޕާސަނަލް ވާހަކަތައް ބާއްވާފައި ހިނގާ ޖޮބްގެ ވާޙަކަ ދައްކަމާ.. ” މޭޒުމަތީގައި އަހަރެންގެ ދެއަތް ޖޯޑުކޮށްލަމުން ބުނީމެވެ. އަހަރެން ބޭނުންވީ އިޒާންއަށް ޝައްކު ނުވާނާހެން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާށެވެ.

އިންޓަވިއު ނިމުމުން އަހަރެން އިނީ މާކުރިންވެސް އިޒާންއަށް ވަޒީފާ ދޭން ނިންމައިގެންނެވެ. އެކަމަށްޓަކައި އޭނާއަށް ކެބިން އެއް ތައްޔާރު ކުރިތާވެސް ކިތަންމެ ދުވަހެކެވެ. ނަމަވެސް އިޒާން އިންޓަވިއުގައި ދިން ޖަވާބުތަކުން އޭނާއަށް ހަޤީޤަތުގައިވެސް އެވަޒީފާ ހައްޤުވާކަމުގައި އަހަރެންނަށް އިހުސާސް ކުރެވުނެވެ. އެހާވެސް އޭނާގެ ޖަވާބުތައް ފުރިހަމައެވެ. އެވަޒީފާއަށް އިޒާންއަށް ވުރެ ޤާބިލް އެހެން މީހަކު ނުހުންނާނެކަން ޔަގީންވިއެވެ.

ވަގުތުން ވަޒީފާ ލިބުނުކަމުގެ ހަބަރު އަހަރެން ދިނުމާއެކު އިޒާންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ކޮންމެ ތަނަކުންވެސް ބުނާނީ ފަހުން ގުޅާނަން ކަމުގައެވެ. ނަމަވެސް އަހަރެން ވީ ކެތްތެރިކަން ކުޑަވެފައެވެ. އިޒާންއާ އެއް އޮފީހެއްގައި މަސައްކަތް ކޮށް ވަގުތު ހޭދަކޮށްލުމަށްޓަކައި އަހަރެންވީ ކެތްމަދުވެފައެވެ. އިޒާން އެތަނުން ނިކުތްއިރު އިންތިހާއަށް އުފާވެފައި ވާތަން ފެނި އަހަރެންގެ ހިތަށް ލިބިފައިވާ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ.

ގެއަށް އައި އިރު ދޮންބެއާއި އޭނާގެ ވާން އުޅޭ އަނބިމީހާ ޒުހުދާ ސޯފާގައި ވާހަކަ ދައްކަން ތިއްބެވެ. ދޮންބެގެ އުނގުގައި އިން ޒުހުދާ އަހަރެން ފެނުމާއެކު ދޮންބެއާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެއީ އެދެމީހުންގެ އަބަދުވެސް އާދައެވެ. ކައިރީގައި ތިބެންޏާ ތިބެވޭނީ އެކަކު އަނެކަކު ގައިގާ ތަތްވެގެންނެވެ. އެއީ އަހަރެން  އެހާ ގަޔާވާ ކަމެއް ނޫނެވެ. ކައިވެނީ ފަހުން ވިޔަސް މީހުންގެ ކުރިމަތީގައި އެގޮތަށް އުޅެން އަހަރެން އެހާ ތައީދެއް ނުކުރަމެވެ. ދޮންބެއަށް އެތައް ފަހަރަކު ވިސްނައިދެވިއްޖެއެވެ. ނަމަވެސް އަހަރެންގެ ދޮންބެއަކީ މީހަކު ބުނާ ބަހެއް އަޑުއަހާ މީހެއް ނޫނެވެ. އަބަދުވެސް ކަންތައްތައް ކުރާނީ އޭނާ ބޭނުންވާ ގޮތަކަށެވެ. އެހެން މީހަކު ބޭނުންވާ ގޮތް ބެލުމަކީ އޭނާއަށް މާ މުހިންމު ކަމެއް ނޫނެވެ. އެންމެ ދެރަވަނީ ދޮންބެ ދީނީ ކަންކަމާ ދުރުކަމުންނެވެ. އެތަކެއް އާދޭހަކަށް ފަހުގައިވެސް ކުރާ ހަމަ އެކަނި ނަމާދަކީ ހުކުރު ނަމާދެވެ. އެ ނަމާދަށްވެސް ދެވޭއިރު ހުންނާނީ ޖަމާއަތް ނިމެން ކައިރިވެފައެވެ. ދެން އަހަރެންނަށް އެންމެ ކަމުނުދަނީ ދޮންބެ އެ ގެންގުޅޭ މީހުން ތަކެވެ. ބައެއް ފަހަރު އެމީހުންނާއެކު ދޮންބެ އުޅޭ ގޮތުން އަހަރެންނަނަށް ދޮންބެ ސިފަވަމުން ދިޔައީ އަންޑަވޯލްޑް ޑޯންއެއްގެ ގޮތުގައެވެ. ނަމަވެސް ކޮންމެ ގޮތަކަށް ކަންތައްތައް ހުއްޓަސް އިންތިހާއަށް އަހަރެންގެ ދޮންބެ ދެކެ ލޯބިވެޔެއެވެ. އަހަރެންގެ އާއިލާގައި ހަމައެކަނި ހުރި މީހަކީ އެއީ އެވެ.

"ޒުހޫ އައިސް އިނީމަ ދޯ ދޮންބެ އޮފީހަށް ނައީ... " ކޮނޑުގައި އަޅުވާފައިވާ ދަބަސް ކުޑަ މޭޒުމަތީގައި ބާއްވަމުން އައިސް އަހަރެން އިށީނީ އެމީހުންނާ ކުރިމައްޗަށް ވާ ގޮތަށް ހުރި ސޯފާގައެވެ.

"އުނހު.. މިހާރު އިޒާންއަށް ވަޒީފާ ދިނީތަ؟ ކެބިން ދެއްކިންތަ؟ " ދޮންބެ އަހަރެން ކައިރީގައި އެހިއެވެ.

"އޭރުން މާކުރިން ޕްލޭންޑް ކަމެއްކަން އެނގޭނެއްނު.. ސާބަސް ދޮންބެއަށް.. " އަހަރެން ހިނިތުންވަމުން ބުނީމެވެ.

"އެހެން ނޭނގޭނެއްނު.. އަދި ނައު އާ އިޒާންއަށް ޓައިމް ދޭން ވެގެން ދޮންބެ އޮފީހަށް ނުދިޔައީ.. " ދޮންބެ އެހެން ބުނެލުމުން ކައިރީގައި އިން ޒުހުދާވެސް ހީނލި އަޑު އިވުނެވެ.

"މޮޅު ވާހަކަ ނުދައްކާ...ހެހެހެ.. ޒުހޫ އައިސް އިނީމަ ހަމަ ނުދިޔައީ..  " މިހެން ބުނެ ދަބަސް ހިފައިގެން އަހަރެން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. އެދުވަހު އަހަރެން ބަނޑުހައިވެސް ނުވާ ކަހަލައެވެ. ލިބިގެން ދިޔަ ހިތްހަމަޖެހުމާއެކު ބަނޑުވެސް ވަނީ ފުރިފައެވެ. އެދުވަހުގެ ބާކީ ބައިގާ އެއްވެސް ކަމެއް ކުރާހިތެއް އަހަރެން ނުވިއެވެ. ބޭނުންވީ އިޒާންގެ ހިޔާލުތަކުގައި މުޅި ދުވަސް ހޭދަކޮށްލާށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިޒާންއާ ގާތް ގުޅުމެއް އުފައްދާނެ ގޮތް ސިކުނޑީގައި ރާވާލާށެވެ. ނިދުނީވެސް އަހަރެން މިފަދަ ހިޔާލުތަކެއްގައި ވަނިކޮށެވެ.

އެހެން ދުވަސް ދުވަހަށް ވުރެ ކުރިން އަނެއް ދުވަހު އަހަރެން އޮފީހަށް ދިޔައީމެވެ. ބޭނުންވީ އިޒާން އައުމުގެ ކުރިން އޭނާގެ ކެބިން ހުރީ އެންމެ ފުރިހަމައަށް ތޯ ޗެކް ކުރާށެވެ. ކެބިން ބެލުމަށްފަހު އަހަރެންގެ ކެބިންގައި ސީސީޓީވީ ފޫޓޭޖްތަކަށް ބަލަހައްޓައިގެން އިންތިޒާރު ކުރަމުން ދިޔައީ އިޒާން އަންނާނެ އިރަކަށެވެ. އެހެން އިންދާ އޮފީސް ދޮރުމަތީގައި އިޒާންގެ ސައިކަލު ޕާކު ކޮށްލުމަށްފަހު ވަދެގެން އަންނަތަން ފެނުނެވެ. އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރުވެސް އިޒާންގެ ފެނިލުމާއެކު އަހަރެންގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ނިކަން އަވަހަށް ތެދުވެ އިސްތަށިގަނޑު ރީތިކޮށްލާ ހެދުންވެސް ހުރީ ރީއްޗަށް ތޯ ބަލައިލީމެވެ. އިޒާން އެތެރެއަށް ވަނުމުގެ ކުރިން އަހަރެން ގޮސް ހުރީ ދޮރުމަތީގައެވެ. އިޒާންގެ އިސްތިޤުބާލުގައެވެ. ހުރިހާ ގޮތަކުންވެސް އެއީ ޚާއްސަ މީހެއް ކަމުގައި އިހުސާސް ކޮށްދޭން އަހަރެން ބޭނުންވިއެވެ.

**************

އިޒާންގެ ނަޒަރުން

ދިހަގަޑި ބައިވާން ވާއިރަށް ނައުރާ ކައިރީގައި ތައްޔާރުވާން ބުނެފައި ވީނަމަވެސް އަހަރެން އޮތީ ދާހިތް ނުވެފައެވެ. ކުރަން އުޅޭ ކަންތަކަކީ އަހަރެންނަށް ފަސޭހަކަމެއް ނޫނެވެ. ޒޭބާއާ އެކު ކުރަން ރޭވި އެންމެ މުހިންމު ކަންތައް މަޖުބޫރެއްގެ ސަބަބުން ވަނީ އެހެން މީހަކާ އެކު ކުރަން ޖެހިފައެވެ. އެކަމުން އަހަރެންނަށް ލިބިފައިވަނީ އިންތިހާއީ  ފޫހިކަމެކެވެ. ޚާއްސަކޮށް ނައުރާގެ ހަޤީޤަތް އެނގުމުން އަހަރެންގެ ހިތުގައި އޭނާއާ މެދު ވީ ނަފްރަތު އުފެދިފައެވެ.

އެގާރަ ޖަހަން ދިހަ މިނެޓަށް ވެފައި ވަނިކޮށް ނައުރާ އަހަރެންގެ ފޯނަށް ގުޅިއެވެ. ނުނަގަމެވެ. އެހެން އޮއްވާ ތިންވަނަ ފަހަރަށް ގުޅުމުން އަހަރެން ފޯނު ނެގީމެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ކީކޭ ހެއްޔޭ ބުނެލީމެވެ.

"ކޮބާ އިޒާން؟ ރެޑީވެގެން މިހުރީ.. " އެކޮޅުން ނައުރާ ބުނި އަޑުއިވުނެވެ.

"ހަނދާން އެބަހުރި.. ކުޑަކަމެއް ދިމާވެގެން ނުދެވުނީ.. އިރުކޮޅަކުން އެބަދަން.. " މިހެން ބުނެ ނައުރާ ވާހަކަ ދެއްކުމުގެ އަހަރެން ފޯނު ކަނޑައިލީއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ތެދުވެގެން ގޮސް އަލަމާރިން ޓީޝާޓެއް ނަގާ ބޮލަށް މަހާލުމަށްފަހު ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުތީމެވެ. ސޯފާގައި ޓީވީ ބަލަން އިނދެފައި ކޮންތާކަށް ދަނީތޯ މަންމަ ސުވާލުކުރިއެވެ. އެއްވެސް އަސަރެއް ނެތް ގޮތަކަށް ނައުރާ ކައިރިއަށް ދަނީއޭ ބުނުމަށްފަހު މަންމަ ބުނާ އެއްޗެއް ބެލުމެއް ނެތި ގެއިން ނިކުންނަން ދޮރު ހުޅުވައިލީމެވެ.

"މަޑުކޮށްބަލަ އިޒާން.. " މަންމަ ބުނި އަޑުއިވުނެވެ.

"ވަރަށް ލަސް އެބަވޭ މަންމާ..." އެނބުރިލަމުން އަހަރެން ބުނީމެވެ.

"އިޒާން ހާދަ ބަދަލުވެއްޖޭ މިހާރު... މަންމަމެންނަށް ވުރެވެސް ނައުރާ މުހިންމުވީތަ؟ ނޫނީ އޭނާގެ މުއްސަނދި ކަމުގެ ޖާދޫގައި ޖެހި އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނެތުނީތަ؟ " މަންމަ އެހެން ބުނެލިއިރު މަންމަގެ އަޑުގައި ރިހުމެއްވިއެވެ.

"ނޫން މަންމާ.. ތިކަހަލަ ވާހަކަ ނުދައްކަބަލަ.. އަހަރެންނަށް މަންމަމެންނަށް ވުރެ މުހިންމު އެކަކުވެސް ނުވާނެ.. އަހަރެންނަށް އެނގޭ ޒޭބާއާ ރުޅިވީމަ މަންމަ ތިހުންނަނީ އެކަމާ ހިތްހަމަނުޖެހިފައި ކަން.. އެކަމަކު ދެން ހަޤީޤަތް ޤަބޫލުކުރޭ.. ޒޭބާއަށްވެސް އަދި އަހަރެންނަށްވެސް އެންމެ ރަނގަޅުގޮތަށް ކަންތައް މިކުރަނީ.. އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. މަންމަ އަހަރެންނަށް އިތުބާރު ކުރޭ.. " އަހަރެން ބުނީމެވެ.

"ދަރިފުޅު ތިދައްކާ ވާހަކައެއް މަންމައަށް އެއްގޮތަކަށްވެސް ނުވިސްނޭ.. ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މަންމަ އިޒާންއަށް އިތުބާރުކުރަން.. އުއްމީދު ކުރަން ދަރިފުޅު ނައުރާއާ އެކީ ރަނގަޅަށް އުޅޭނެ ކަމަށް.. " މަންމަ ބުނެލިއެވެ. ހިނިތުންވަމުން އަހަރެން އެނބުރި ދޮރު ހުޅުވައިލީމެވެ. ގެއިން ބޭރަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ މަގުކޮޅުގައި އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރި ޒޭބާއެވެ. އެހާ ދުރުންވެސް ޒޭބާގެ ލޮލުގައި ވިދަމުން ދިޔަ ކަރުނަތައް އަހަރެންނަށް ފެނުނެވެ. އަހަރެންގެ ހިތް ކުދިކުދިވި ކަހަލައެވެ. ޖަޒުބާތުގައި ޖެހި ޒޭބާއާ ދިމާލަށް ފިޔަވަޅު އަޅަން ފެށުނީ ބޭއިޚްތިޔާރުގައެވެ. އެތައް ދުވަހެއް ފަހުން ޒޭބާ ފެނުމުން އޭނާ އަހަރެންގެ އަތުގެ ތެރެއަށް ގެންނަން ބޭނުންވިއެވެ. ހާލު އޮޅުންފިލުވާލާ އެދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެދެން ބޭނުންވިއެވެ. އެވަގުތު އަހަރެންގެ ވަށައިގެން ހިނގާ އެއްވެސް ކަމެއް އަހަރެންނަކަށް އިހުސާސް ނުވެއެވެ. ފެންނަނީ ހަމައެކަނި ޒޭބާއެވެ. ޒޭބާވެސް އަހަރެންނާ ދިމާލަށް ހިނގައިގަތެވެ. އެމޫނުގައި އެއްވެސް ދިރުމެއް ނެތެވެ. ކުލަ ވަނީ އޮއްސިފައެވެ. އަހަރެންގެ ހިތް ފިތުނުހެން ހީވިއެވެ. ޒޭބާ ތުންފިތައިލި ހިނދު ލޮލުން ކަރުނަ ފައިބާ ގަތެވެ. ޒޭބާއާ ނުހަނު ގާތްވެފައި ވަނިކޮށް ސައިކަލެއްގެ ބަރުގޮނުގެ އަޑަށް އަހަރެންނަށް ބަލައިލެވުނުއިރު މަގުގެ އަނެއްފަރާތުގައި އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން އިން ފަހުދް ފެނި އަހަރެންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އަހަރެންނާ ދިމާލަށް އަންނަމުން ދިޔަ ޒޭބާއަށް ބަލައިލެވުނީ ކަރު އެލުވާލަމުންނެވެ. ހިތްމަތީގައި ހިލަގަނޑެއް ބާއްވައިގެން ހުރެ އަހަރެން އެނބުރުނީ އަނެއް ފަރާތަށެވެ. ކާރާ ދިމާލަށް ދިޔައިރު އަހަރެންގެ ހިތް ރޮމުން ދިޔައެވެ. ކާރަށް އަރާ އިށީނދެ ކުރިއަށް ދުއްވައިލިއިރު ލޯގަނޑުން ޒޭބާ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރި މަންޒަރު ފެނި އަހަރެންގެ ހިތް ދެފަޅިވެގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ހިތަށް ފުން އަސަރަކުންނެވެ. ވަރުގަދަ މަޖުބޫރިއަކުން ބަނދެވިފައިވާ ހާލު ކާރު ދުއްވަމުން ދިޔައިރު އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ. ރުޅިއާއި ހިތާމަ އެކުލެވިފައިވާ ހާލު އަހަރެންނަށް ކާރު ދުއްވެމުން ދިޔައީވެސް ތަންކޮޅެއް ބާރަށެވެ. ހިތާހިތުން ދުޢާ ކުރެވެމުން ދިޔައީ ނައުރާއާއި ނިމާލްއަށް އެމީހުންގެ ކުރި ކަންތައްތަކުގެ ސަޒާ ދެއްވާތޯއެވެ. އިރުއިރުކޮޅުން ހިތަށް ސިފަވަމުން ދިޔައީ ރޮވިފައި ޒޭބާ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތެވެ. ހުރިހާ އިހުސާސްތަކެއް އެކުވެގެން ދިޔަ ހިނދު ކާރުގެ ދުވެލި ކުރިއަށްވުރެވެސް ބާރުކޮށްލެވުނެވެ. އެހިނދު އައި ނައި ތަނެއް ނޭނގި ކުރިމައްޗަށް އެރީ ބޮޑު ޕިކަޕެކެވެ. ކާރު އަނެއްފަރާތަށް އަނބުރާލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެއެވެ. އެދިޔަ ބާރުމިނުގައި ކާރު ގޮސް ޕިކަޕުގައި ޖެހިއްޖެއެވެ. ބާރު އަޑުފަށްގަނޑެއް އަހަރެން އިވުނެވެ. ނަމަވެސް ދެންވީ ގޮތެއް ނޭނގުނެވެ.


ނުނިމޭ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް