ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ތިރީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ބަދިގޭގައި މަސައްކަތެއް ކުރަން ހުރެފައި ނަޖުވާ މިސްރާބުޖެހީ ކޮޓަރި އާ ދިމާލަށެވެ. މައި ދޮރު ތަޅުގައި މީހަކު ހިފިހެން ހީވުމާއެކު ނަޖުވާގެ ދެފައިގައި ތަޅެއްލެވުނު ކަހަލައެވެ. އިތ...

15 Feb 2022 | 17:12

ކުރީގެ އަދަދާއި ގުޅޭ...

ބަދިގޭގައި މަސައްކަތެއް ކުރަން ހުރެފައި ނަޖުވާ މިސްރާބުޖެހީ ކޮޓަރި އާ ދިމާލަށެވެ. މައި ދޮރު ތަޅުގައި މީހަކު ހިފިހެން ހީވުމާއެކު ނަޖުވާގެ ދެފައިގައި ތަޅެއްލެވުނު ކަހަލައެވެ. އިތުރަށް ތަޅުގައި ހިފާ އަޑު ނީވުނަސް ދޮރުން ބޭރުގައި މީހަކު ހުރިކަން ނަޖުވާއަށް ޔަގީނެވެ. ކޮންމެ ގޮތެއްވިޔަސް އެމީހަކީ ސައިފް ނޫންކަން ނަޖުވާއަށް ޔަގީނެވެ. ސައިފް ނަމަ ދޮރުހުޅުވާލާފައި ވަންނާނެއެވެ. ވީއިރު އެއީ ކާކު ހެއްޔެވެ؟ ކޮންމެއަކަސް ދެހިޔާލެއްގައި ހުރެފައި ނަޖުވާ ދޮރާ ދިމާއަށް ހިނގައިގަތެވެ. ލަސްލަހުން ތަޅު އަނބުރާލިއެވެ. އެހިނދު ބޭރުގައި ހުރި އަންހެން މީހާ ފެނިފައި ނަޖުވާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ.

" ދައްތާ!!! ކަމަކުތަ؟" ވަރަށް ގާތް ގޮތަކަށް ނަޖުވާ އަހައިލިއެވެ. އެ އަންހެންމީހާގެ ވަކި އެއްޗެއް ނުބުނެ ނަޖުވާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އެމޫނުން ކަމެއް ދެނެގަންނަން މަސައްކަތް ކުރާ ފަދަ ގޮތަކަށެވެ. އެމީހާގެ ބެލުން ހުރި ގޮތުން ނަޖުވާ ހައިރާންވިއެވެ.

" އަހަރެންނަށް ކިޔަނީ ނަޖުވާ.. މިރަށައް އަލަށް އައިސްގެން މިއުޅެނީ... ދައްތައަކަށް ކިޔަނީ ކޮން ނަމެއް.." ނަޖުވާ އަހައިލިއެވެ.

" ނަދީމާ....." ނަޖުވާއަށް ބަލަހައްޓައިގެން ހުރެ އެ އަންމީހާ ބުންޏެވެ. ނަޖުވާގެ ތުންފަތްމަތީގައިވާ ހިނިތުންވުން ހިނދުކޮޅަކަށް ފަނޑުވިނަމަވެސް ދެވަނަ ހިނދުގައި ފުޅާ ހިނިތުންވުމެއް ދިނެވެ.

" ދައްތަ އަންނަންވީނު އެތެރެއަށް ކޮފީއެއް ބޯލަން.." ނަޖުވާ ދަޢުވަތު ދިނެވެ.

" ނަޖުވާގެ މާމައަށް ކިޔަނީ ކޮންނަމެއް؟" ނަދީމާ ސުވާލުކޮށްލިއެވެ. ނަޖުވާގެ ނިތަށް ރޫއަރައިގެން ދިޔައީ ހައިރާންވި ވަރުންނެވެ.

" އަސްރާރް.. ކިހިނެއްވީ.. ދައްތަ ދަންނަންތަ އަހަރެންގެ މާމަ..." ނަޖުވާ ހައިރާންވެހުރެ އަހައިލިއެވެ. ނަދީމާގެ ދެލޯ ބޮޑުވެގެން ދިޔަތަން ނަޖުވާއަށް ފެނުނެވެ. ވަކި އެއްޗެއް ނުބުނެ ނަދީމާ އެތަނުން ދުރަށް ދާން ހިނގައިގަތެވެ. ހައިރާންވެފައި ހުރި ނަޖުވާ އެތައް ފަހަރެއްގެ މަތިން ނަދީމާއަށް ގޮވިއެވެ. އެހެންނަމަވެސް ނަދީމާ ފަހަތަށް ބަލައިވެސްނުލާ އޭނާގެ ގެއާ ދިމާލަށް ދިޔައެވެ. އެތަކެއް ސުވާލެއް ނަޖުވާގެ ހިތަށް އަރަމުން ދިޔައެވެ. ނަދީމާ ނަޖުވާއަށް ބަލާ ގޮތާ މެދުގައެވެ. ހީވަނީ ބިރެއް ފެނިގެން ނަޖުވާއާ ދިމާލަށް ބަލާހެންނެވެ. ކުއްލިއަކަށް ނަޖުވާގެ މާމައަށް ބެހޭ ގޮތުން ސުވާލު ކުރީ ކީއްވެގެން ހެއްޔެވެ؟ އެހެންމީހެއް ނަމަ އަހާނީ މައިންބަފައިންނާ ބެހޭގޮތުންނެވެ.

ނަދީމާ އެންމެ ފުރަތަމަވެސް މާމާގެ ވާހަކަ އަހާނީ ކޮންމެވެސް ސަބަބެއް އޮތީމައި ކަމުގައި ނަޖުވާއަށް ޤަބޫލުކުރެވުނެވެ. ކޮންމެއަކަސް ނަދީމާއާ ބެހޭގޮތުން އިތުރަށް އެނގުމަށް ނަޖުވާގެ ހިތުގައި ވަރަށް ބޮޑަށް ޝައުޤުވެރިކަން އުފެދުނެވެ.

**********

ސައިފް އޮފީހުން ގެއަށް އައިއިރު ނަޖުވާ ސޯފާއަށް ދެފައި އަރުވައިގެން ވިސްނުމަކަށް ގެއްލިފައި އިނެވެ. ނަޖުވާއަށް ހޭވެރިކަމެއް ލިބުނީ ކޮނޑުގައި ސައިފް ކޮއްޓައިލުމުންނެވެ.

" ހާދަ ފުންވިސްނުމަކަށް ގެއްލިފަ.. މިއަދު ކޮންތާކަށް ދާހިތްވަނީ؟ " ވަރުބަލި ކަމާއެކު ސޯފާއަށް ވެއްޓިގަންނަމުން ސައިފް އަހައިލިއެވެ.

" ސައިފް! މިއަދު އެއްކަހަލަ އަންހެންމީހާ މިގޭ ދޮށައް އައި.. އަހަރެންނާ ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން ހުންނަނީ.. " ހިތަށް އުނދަގޫ ކުރަމުން ދިޔަ ކަންތައް ނަޖުވާ ސައިފްއާ ހިއްސާ ކުރިއެވެ.

" ކޮން؟.." ސައިފް ހައިރާންވެފަ އަހައިލިއެވެ.

" އެއްކަލަ އަންހެންމީހަ.. އޭނާއަށް ކިޔަނީ ނަދީމާ... ސައިފް އަހަރެން ވަރަށް ބޭނުން އެމީހާއާ ވާހަކަ ދައްކާލަން.. އެނގޭތަ އެންމެ ފުރަތަމަވެސް އޭނާ އަހަރެންނާ ކޮށްލި ސުވާލު " ނަޖުވާ ބުންޏެވެ. " އޭނާ އެހީ އަހަރެންގެ މާމައަށް ކިޔަނީ ކޮންނަމެއްހޭ..؟ ކާކުތަ އެންމެ ފުރަތަމަވެސް މާމައަށް ކިޔާ ނަން އަހާނީ.."

" ނަޖޫ... އެނގެއެއްނު އޭނާގެ ފިރިމީހާގެ ގޮތް.. ވެދާނެއްނު ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށްވެސް.. ޕްލީޒް ނަޖޫ.. މިތަނުގައި ހަމަޖެހިގެން އުޅެން ބޭނުމިއްޔާ ތި އަންހެންމީހާއާ ބައްދަލުކޮށް ވާހަކަދެއްކުން ހުއްޓައިލާ.." ސައިފް ނަސޭހަތްތެރިވިއެވެ.

" ނޫން ސައިފް.. އެނގޭތަ އަހަރެންގެ މަންމައަށް ކިޔަނީ ކޮންނަމެއްކަން.. ނަދީމާ... އަހަރެންގެ މަންމަ މަރުވިކީ ނޫން ފިލައިގެން ދިޔައީ..މިމީހާއަށްވެސް ކިޔަނީ ނަދީމާ.. އޭނަ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުންނަ ގޮތުން އަހަރެންނަށް ކުރެވެނީ ބުނެދޭން ނޭނގޭ އިހުސާސްތަކެއް.. އަނެއްކާ އެންމެ ފުރަތަމަވެސް އޭނާ އެއެހީ މާމަގެ ނަމަކީ ކޮބައިތޯ.." މަންމަގެ ވާހަކަ ދެކެވުނު ހިނދު ނަޖުވާގެ ދެލޯ ފެންކަޅިވެގެން ދިޔަތަން ސައިފަށް ފެނުނެވެ. ނަޖުވާ ދެއްކި ވާހަކައިން އެމީހާއާ ބެހޭގޮތުން އޮޅުންފިލުވުމަށް ސައިފްވެސް ޝައުޤުވެރިވިއެވެ.

" ދެން ތިބުނަނީ ނަޖޫގެ މަންމައޭތަ އެއީ..؟" ސައިފް އެހިއެވެ.

" ތިއެއް ނޭނގޭ.. އެގޮތް ބަލަން އަހަރެން ބޭނުމީ.. އެއީ އަހަރެންގެ މަންމަ ކަމަށް ވަންޏާ އޭނާއާ ކުރަން ބޭނުންވާ އެތައް ސުވާލެއް އަހަރެންގެ އެބަހުރި.." އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެ ނަޖުވާ ބުންޏެވެ.

" ދެން ތިވާހަކަ އިހަށް ބާއްވާފަ ދޭބަލަ ރެޑީ ވެލައިގެން އަންނަން.. ވަރަށް ދުވަސްވެއްޖެ ކޮފީއަކަށް ނުދާތާ.. ލެޓްސް ގޯ ފޯރ އަ ކޮފީ..." ސައިފް ބުނެލިއެވެ. އޭނާގެ ބޭނުމަކަށްވީ ފުސްވެފައިވާ ނަޖުވާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ގެނައުމެވެ. ނަޖުވާ ހީނލަމުން ބޯޖަހައިލިއެވެ. އެއަށްފަހު ތެދުވެގެން އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

*************

އަމްރާ ފަތިސް ނަމާދުކޮށްގެން ދުވަން ދާން ތައްޔާރުވެގެން ނިކުތްއިރު އާކިން ދޮރުމަތީގައި އޭނާގެ އިންތިޒާރުގައި ހުއްޓެވެ.

" އައްދެ.. މިއަދު ދޮންތައަށްވުރެ ކުރިން ރެޑީވެލީ ދޯ.." އަމްރާ ބުނެލިއެވެ. އާކިން ހީނލަމުން އަމްރާއާއެކު ގެއިން ނިކުތެވެ. ސާޅީސް ފަސް ވަރަކަށް މިނެޓް ވަންދެން ދުވެލުމަށްފަހު އެމީހުން މަޑުކުރީ ރަސްފަންނުގެ ހިތްގައިމު މާހައުލުގައެވެ. ވަރުބަލިވެފައި ތިބެ ދެމީހުން ގޮސް އިށީނީ އެތަނުން ޖޯލިފައްޗެއްގައެވެ.

" ވަރަށް ހޫނު ގަދަ ދުވަހެއް ހެން ހީވޭ.. " ނިތްކުރި ފޮހެލަމުން އަމްރާ ބުނެލިއެވެ. ނޭވާ ހަމައަކަށް އަޅުވައިލުމަށް އާކިން ދެތިން ފަހަރު ފުންނޭވައެއް ދޫކޮށްލިއެވެ.

" ވަރަށް ދުވަސް ވެއްޖެ ދޮންތަ ކައިރީގައި ވާހަކައެއް ދައްކަން އުޅޭތާ.." އާކިން ބުނެލިއެވެ. އަމްރާ އާކިންއާ ދިމާލަށް ބަލައިލަމުން ނިތް އަރުވައިލިއެވެ.

" ބުނީމެއްނު މަންމަ ނަޖޫ ދެކެ ރުޅިއަންނަ ވާހަކަ؟ އެއީ ކީއްވެ؟" އާކިން އަހައިލިއެވެ.

" އާކި އަދިވެސް ނަޖޫ ބޭނުންވަނީތަ؟" އަމްރާވެސް ކޮށްލީ ސުވާލެކެވެ.

" ތިހެނެއް ނުބުނަމެއްނު.. ބަލަން ބޭނުންވަނީ ކީއްވެގެންތޯ ނަޖޫގެ މަންމަ ދެކެ މަމް އެހާ ރުޅި އަންނަނީ.." އާކިން ބުނެލިއެވެ.

" ވެލް.. ކުރުކޮށް ކިޔާލަދީފާނަން... އެންމެ ޅައިރުން ފެށިގެންވެސް އަބަދުވެސް ނަޖޫގެ މަންމައާ މަމްއާ މައްސަލަޖެހޭ.. އެކި ކަހަލަ ކަންތައްތަކުގަ.. މަމް ބުނީ ނަޖޫގެ މަންމައެއީ ވަރަށް ފިރިހެނުން ކަންތައް ބޮޑު އަންހެނެކޯ.. އެރަށުގައި މަދުވާނެޔޯ ނަޖޫގެ މަންމަ ރައްޓެހި ނުވާ ފިރިހެނެއް.. ބައްޕަ މަންމައާ އިންނަންވެގެން ދިޔަ ދަތުރުގަ ނަޖޫގެ މަންމަ ޓްރައި ކުރީއޯ ބައްޕަ ސެޑިއުސް ކުރަން.. އެވާހަކަ މަންމަ ކައިރީގައި ބުނިކަމަށްވަނީވެސް ޙުދު ބައްޕަ.. މަމް މެން މެރީ ކުރިތާ މަހެއް ނުވަނީސް އަޑު އެރީޔޯ ނަޖޫގެ މަންމަ ނަހަލާލަށް ބަލިވެ އިން ކަމަށް.. ބައްޕަ އަކީ ކާކު ކަމެއްވެސް ނޭނގެޔޯ.. މަންމަ ބައްޕައަށް ވަރަށް އިތުބާރު ކުރޭ.. އެކަމަކު ބައްޕަ ޔަގީން ނުވާ ކުއްޖަކަށްވާތީ މަންމައަށް ބިރުހީވަނީޔޯ.. " އަމްރާ ކިޔައިދިނެވެ.

" ތިކަމުގަ ނަޖޫގެ އެއްވެސް ކުށެއް ނެތެއްނު.. އަނެއްކާ މަމް ބައްޕައަށް އެހާ ޓްރަސްޓް ކުރަންޏާ ބައްޕަ އެކަހަލަ ކަމެއް ނުކުރާނެކަން އެނގެން ޖެހޭނެއްނު.. އައިމް ޝުއަރ ބައްޕަ އެކަހަލަ ކަމެއް ކޮށްފައި ނުވާނެކަން.." އާކިން ބުންޏެވެ.

" ދެން ދޮންތައަކަށް ނޭނގޭ އާކި.. ދެން މިހާރު ނަޖޫގެ ވާހަކަ ދައްކައިގެން ވާނެ ފައިދާއެއް ނެތެއްނު.. ބުނީމެއްނު ރޫބީ ގޮވައިގެން ޑޭޓަކަށް ދާން ޕްލޭން ކުރާ ވާހަކަ.. ކޮންއިރަކު ދަނީ...؟" ވާހަކަ އޮޅުވައިލުމުގެ މަޤްސަދުގައި އަމްރާ އަހައިލިއެވެ.

" މިރޭ އިރާދަކުރެއްވިއްޔާ.. ރޫބީއަށް ހައްޤުވާ ހުރިހާ އުފަލެއް އޭނާއަށް ދޭން އަހަރެން ބޭނުން.. " އާކިން ބުނެލއެވެ.

" އާކި ހަމަ ރޫބީ ދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭތަ؟" ސީދާ އާކިންގެ މޫނަށް ބަލަހައްޓައިގެން އިނދެ އަމްރާ އަހައިލިއެވެ. އެސުވާލަށް ދޭނެ ޖަވާބެއް އާކިންއަށް ނޭނގުނެވެ. އިރުކޮޅަކުން ފެށީ ހޭށެވެ.

" ހިނގާ ދާން ގެއަށް... " އިންތަނުން ތެދުވެ ހިނގައިގަންނަމުން އާކިން ބުނެލިއެވެ. އަމްރާވެސް ހިނިތުންވެ އިނދެ އާކިންގެ ފަހަތުން ދާން ހިނގައިގަތެވެ.

******************

އާކިން ކޮޓަރިއަށް ވަންއިރު ރޫބީ އެނދު އަޅަން އުޅުނެވެ. އާކިން ފެނުމާއެކު ލުއި ހިނިތުންވުމެއް ރޫބީ ހަދިޔާކޮށްލިއެވެ.

" ތިއައީ ދޯ.. އެބައަންނަން ކޮފީ އެއް ހިފައިގެން.." އެހެން ބުނެ ރޫބީ އެތަނުން ދާން އުޅެނެވެ. ނަމަވެސް އޭގެ ކުރިން އާކިން ރޫބީގެ އަތުގައި ހިފިއެވެ. އެއަށްފަހު އަތުގައި އޮތް ކޮތަޅު ރޫބީއަށް ދިއްކޮށްލިއެވެ. ހައިރާންވެފައި ހުރެ ރޫބީ އެކޮތަޅުގައި ހިފިއެވެ. އެއަށްފަހު އޭގެ ތެރޭގައި އޮތް އެއްޗެއް ނެގުމަށްފަހު ބަލައިލިއެވެ. ފެހިކުލައިގެ އެ ހެދުން ފެނި ރޫބީއަށް އަނގަ ހުޅުވައިލެވުނީ އެހެނދުން ރީތިކަމުންނެވެ.

" މީ ކޮންކަމަކާ ގުޅިގެން ދިން ގިފްޓެއްބާ؟" ހިނިތުންވެލަމުން ރޫބީ އަހައިލިއެވެ.

" ވިލް ޔޫ ގޯ އޮން އަ ޑޭޓް ވިތް މީ.. " އާކިން ބުނެލިއެވެ. ރޫބީއަށް ހީނލެވުނު ހިނދު އެދެކޯތާފަތް ރަތްވެގެން ދިޔަތަން އާކިން ފެނުނެވެ. އެހިނދު ހިތަށްވެގެން ދިޔަ ގޮތުން އާކިންއަށް މޭގައި އަތް ޖައްސައިލެވުނެވެ.

" އަހަރެން މިދަނީ އޮފީހަށް.. މިރޭ ނުވައެއް ޖަހާއިރަށް ތައްޔާރުވާތި  " އެހެންބުނުމަށްފަހު އާކިންގޮސް ފާހާނައަށް ވަނެވެ. ރޫބީ ހެވިފައި އިރުކޮޅަކު އެހެދުމަށް ބަލަހައްޓައިގެން ހުރުމަށްފަހު ހެދުން ހިފައިގެން ގޮސް ކްލޯޒެޓަށް ވަނެވެ.

**************

ރެސްޓޯރެންޓުން ކައިގެން ނިކުތުމަށްފަހު އާކިން ކާރާ ދިމާލަށް މިސްރާބުޖެހިއެވެ. ނަމަވެސް އޭގެ ކުރިން ރޫބީ އާކިންގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. އާކިން ހައިރާންވެފައި ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ.

" ހިނގާލާފަ ދާން ބޭނުންވަނީ.. އައި ލައިކް ވޯކިން.." ރޫބީ ބުނެލިއެވެ. އެހިނދު އާކިން ހިނިތުންވެލަމުން ޖީބުގައި އޮތް އޭނާގެ ފޯނު ނެގިއެވެ. ޑްރައިވަރަށް ގުޅުމަށްފަހު ކާރު ގެއަށް ގެންދަން ބުންޏެވެ.

މަގުގެ އެއްފަރާތުން ރޫބީއާ އެއްހަމައިގައި އާކިންވެސް ހިނގަމުން ދިޔައެވެ. އެދެމެދަށް ވެރިވެފައިވާ ހިމޭންކަމެވެ. އިރުއިރުކޮޅާ އާކިންއަށް ބަލައިލެވެނީ ރޫބީގެ އަތްތިލައަށެވެ. ހިތްއެދި ގޮވަމުން ދިޔައީ ރޫބީގެ އަތުގައި ހިފައިލުމަށެވެ. އެންމެ ފަހުން އާކިން ހިތުގައި ގޮވުމަށް އިޖާބަ ދީ ރޫބީގެ އަތުގައި ހިފައިލިއެވެ. ކުޑަކޮށް ސިހިފައި ރޫބީ އޭނާގެ އަތްތިލައަށް ބަލައިލިއެވެ. ހިތުގެ ތެޅުން އަވަސްވާހެން ހީވާން ފެށުމުން އޭނާ ފުންނޭވައެއް ދޫކޮށްލިއެވެ. ވަކި ހިސާބަކާ އަރާ ހަމަވިތަނުން ސައިކަލުތަކެއްގެ މަތީގައި ތިބި ފިރިހެނުން ތަކެއް އާކިންގެ ލޮލުގައި އަޅައިގަތެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަ މާދުރަށް އިވެމުން ދިޔައެވެ. ދައްކަމުން ދިޔަ ވާހަކައިގެ ޒާތުން އެއީ ރަނގަޅު ބައެއް ނޫންކަން އާކިންއަށް އެނގުނެވެ. ރޫބީ ހުރީ އެމީހުންނާ ވީ ފަރާތުގައި ކަމުން އާކިން ރޫބީގެ އަތުގައި ހިފައި އަނެއްފަރާތަށް ގެންދިޔައެވެ. އެއަށްފަހު އާކިން ދެން ކޮށްލި ކަމަކުން ރޫބީއަށް ހީވީ ހަށީގަނޑުގައި ކަރަންޓުގެ އޮއެވަރެއް ހިނގައިލިހެންނެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 17 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް