ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ނަވާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އަމިއްލަ ނަފްސަށް އަންނަމުންދިޔަ ބަދަލުތަކާ މެދު ސައިފަށް ވިސްނުން ހިންގައިލެވުނީ އެވަގުތުއެވެ. ނަޖުވާ ބޭނުންވެގެން ބުނާ ކޮންމެކަމެއް މުހިންމުވަނީ ކީއްވެގެން ހެއްޔެވެ؟ އެހެން އ...

13 Feb 2022 | 13:40

ކުރީގެ އަދަދާއި ގުޅޭ...

އަމިއްލަ ނަފްސަށް އަންނަމުންދިޔަ ބަދަލުތަކާ މެދު ސައިފަށް ވިސްނުން ހިންގައިލެވުނީ އެވަގުތުއެވެ. ނަޖުވާ ބޭނުންވެގެން ބުނާ ކޮންމެކަމެއް މުހިންމުވަނީ ކީއްވެގެން ހެއްޔެވެ؟ އެހެން އެއްވެސް އެއްޗަކަށްވުރެ ނަޖުވާގެ ހިނިތުންވުން ސައިފްއަށް އަގުބޮޑު ވެއްޖެއެވެ. ނަޖުވާގެ ކޮންމެ ހަރަކާތެއް ސައިފްއަށް ކަމުދާން ފަށައިފިއެވެ. މަޑުމަޑުން އަންނަމުން ދިޔަ ބަދަލުތަކުން ސައިފް ކަންބޮޑުވިއެވެ. ނަޖުވާއާ މެދު ދެކެމުން އައި ގޮތަށް ޔަގީނުންވެސް ބަދަލުތަކެއް އަތުވެއްޖެއެވެ.

****************

ގަދަ ނިދީގައި އޮތް އަސަދަށް ހޭލެވުނީ އޭނާ އުޅޭ އެޕާރޓްމެންޓްގެ ބެލް އަޅާ އަޑަށެވެ. އެވަގުތު އިތުރު މީހަކު ގޭގައި ނޫޅޭނެކަން އިނގޭތީ އޮތްތަނުން ތެދުވަން އަސަދަށް މަޖުބޫރުވިއެވެ. ދެލޯ ފޮހެމުން ގޮސް އަސަދު ގޭގެ ދޮރު ހުޅުވައިލިއެވެ.

" އާކި... ރޭގަ ދަންވަރު ޑިއުޓީގައި ހުރެފަ މީގެ އިރުކޮޅެއް ކުރިންނޭ ނިދުނީ... މިވަގުތު...." އަސަދު ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭގެ ކުރިން އާކިން އެތެރެއަށް ވަދެގެން ގޮސް ސޯފާގައި އިށީނެވެ.

" ވަޓް ދަ... މޭން އަހަރެން ނިދަން ބޭނުމޭ..." ދޮރު ލައްޕާފައި އެތެރެއަށް ވަންނަމުން އަސަދު ބުންޏެވެ. ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައި ހުރެ އަނެއްކާވެސް އެއްޗެއް ބުނަން އުޅުނު ހިނދު އާކިން މޫނު ފެނިފައި އަސަދު ހުއްޓުން އެރިއެވެ. އާކިންއަށް ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އަސަދަށް އިހުސާސްވިއެވެ.

" ވަޓް ހެޕަންޑް އާކި... ހުރިހާ ކަމެއް ރަނގަޅުތަ؟" އާކިން ކައިރިއަށް ހުއްޓެމުން އަސަދު އަހައިލިއެވެ.

" ކޮފީއެއް ލިބިދާނެތަ؟.." އާކިން ބުނެލިއެވެ. އަސަދު ހައިރާންވިއެވެ. އެތަކެއް ސުވާލެއް ހިތަށް އަރާފައިބަމުން ދިޔައެވެ. އެހެންނަމަވެސް އިތުރު ސުވާލު ކުރުމެއްނެތި ބަދިގެއަށް ދިޔައެވެ. ކޮފީ މެޝިނުން ދެ ކޮފީ ހަދައިގެން ގޮސް އެއްތަށި  ސޯފާގައި އިން އާކިންއަށް ދިއްކޮށްލިއެވެ. އަސަދަށް ބަލައިލުމެއްނެތި އާކިން ކޮފީތަށީގައި ހިފިއެވެ. އަސަދުވެސް އާކިންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިނދެ ކޮފީ ތައްޓަށް އިންސާފު ކުރަން ފެށިއެވެ. އާކިންގެ ރަތްވެފައިވާ ދެލޮލުން ކޮންމެވެސް ބޮޑުކަމެއްވެއްޖެކަމުގެ އިންޒާރު އަސަދަށް ލިބެމުން ދިޔައެވެ. އެހެނަސް އޭނާ އިންތިޒާރު ކުރަމުން ދިޔައީ އާކިން އަމިއްލައަށް ފެނިގެން ވާހަކަ ދައްކާނެ އިރަކަށެވެ. އާކިން ކޮފީތަށި ހުސްކޮށްލުމަށްފަހު ކުރިމަތީގައި ހުރި މޭޒުމަތީގައި ތަށި ބެހެއްޓިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ހިންދިރުވާލި ހިނދު އާކިންގެ ލޮލުން ކަރުނައިގެ ރޮނގަކަށް ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ.

" އައި މެސްޑް އަޕް.. އައި މެސްޑް އަޕް ރިއަލީ ބޭޑް..." ކުރަކިވެފައިވާ އަޑަކުން އާކިން ބުނެލިއެވެ.

" ކިހިނެއްވީ އާކި.. ޓެލް މީ.. ގޭ މީހަކަށް ކަމެއްވީތަ؟" އަސަދު އަހައިލިއެވެ. އާކިން ދެކަކުލުގައި އުޅަނބޮށި ވިއްދާލަމުން ނިތްކުރީގައި ހިފަހައްޓައިލިއެވެ. ދެން އިވެންފެށީ އާކިންގެ ގިސްލުމުގެ އަޑެވެ. އަސަދަށް އިތުރު ކަންބޮޑުވުމެއް ލިބުނީ މީގެ ކުރިން ދުވަހަކުވެސް އާކިން އެގޮތަށް ރޯތަން ފެނިފައި ނުވާތީއެވެ.

" ތިވެގެން އުޅޭގޮތެއް ބުނެބަލަ އާކި.. އަހަރެން ވަރަށް ކަންބޮޑުވާން ފަށައިފި... އާކި ކީއްކުރީތަ އަނެއްކާ.؟" އަސަދު އެހިއެވެ. ރޫބީ އާ މެދު ކަންތައް ކުރެވުނު ގޮތް އާކިން އަސަދަށް ކިޔައިދިނެވެ. މިވީހާ ދުވަހު އާކިންއަށް ހުރެވުނީ ބޮޑު ކުށްހީއެއްގެ ތެރޭގައި ކަމާއި ރޫބީގެ ބައްޕަގެ ހާލަތުވެސް ކިޔައިދިނެވެ.

" އަހަރެން ކުރިންވެސް ބުނީމެއްނު ރޫބީ އިޒް އިނަސެންޓް އޭ... ދެންވެސް ގޮސް ރޫބީ ކައިރިން މައާފަށް އެދިބަލަ.. ތިކައިވެނި އެންމެ ރަނގަޅު ގޮތުގައި ދެމެހެއްޓޭތޯ ބަލާ..." އާކިންގެ ބުރަކަށީގައި ޖަހައިލަމުން އަސަދު ބުންޏެވެ. ދެލޯ ފޮހެލަމުން އާކިން ބޯޖަހައިލިއެވެ.

" އަހަރެން ރޫބީ ކައިރިން މައާފަށް އެދޭނަން.. އަނތްބަކަށް އަދާކޮށްދެން ޖެހޭ ހުރިހާ ވާޖިބެއް އަދާކޮށްދޭނަން.. ނަޖުވާ މަތިން ހަނދާން ނައްތާލަން މަސައްކަތް ކޮށް ރޫބީއަށް އެލޯބި ދެވޭތޯ މަސައްކަތް ކުރާނަން.. މީ އަހަރެންގެ އަމިއްލަ ނަފްސަށް އަހަރެން ވާ ވައުދެއް..." ގޮނޑީގައި ލެގިލަމުން އާކިން ބުނެލިއެވެ. ހިނިތުންވެލަމުން އަސަދު އާކިންގެ ކޮނޑުގައި ޖަހައިލީ އާކިންއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

*********************

އާކިން ގެއަށް އައިސްވަނީ ރޭގަނޑު ދިހައެއް ޖަހަން ގާތްވެފައި ހުއްޓައެވެ. އާކިން ފެނުމާއެކު ސޯފާގައި ކަންބޮޑުވެފައި އިން އަމްރާ ފުންމައިގެން ތެދުވިއެވެ. އާކިންއަށް ގުޅާ ގުޅާ ފޯނު ނުނަގާތީ އޭނާ އެއިންނަނީ ނުހަނު ކަންބޮޑުވެފައެވެ. މީގެ އިރުކޮޅެއް ކުރިން ފެނުނު މަންޒަރުން އަމްރާއަށް ލިބިފައިވާ ހާސްކަން އިތުރުވެފައިވާ ކަހަލައެވެ. ރޫބީ ފޮއްޓަށް ހެދުންތައް އަޅާތަން ފެނުމުން އަމްރާ ގޮސް ރޫބީ ކައިރިން ސުވާލު ކުރިއެވެ.

" މާފުކުރޭ ދޮންތާ... އަހަރެންނަށް ދެން އިތުރަށް މިގެއަކު ނުހުރެވޭނެ.. އިންސާނަކަށް ކުރެވޭ އެންމެ މައްޗަށް އަހަރެން ކެތްކޮށްފިން.. ރޭގަ ހިނގައިދިޔައީ އަހަރެންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެއްކަން ދޮންތައަށް ވެސް އިނގޭނެ.. މިވަރުން ދަންޏާ އާކިން އަހަރެން މަރާލާކަށްވެސް ފަހެއް ނުޖެހޭނެ.. ގަދަ ބާރުން މީހެއްގެ ދިރިއުޅުމުން ޖާގަ ހޯދާކަށް އަހަރެން ބޭނުމެއްނޫން... " ރޫބީ އެހެން ބުނީ ރޮމުންނެވެ. އޭނާ ހުއްޓުވަން އަމްރާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ.

" ވެއަރ ދަ ހެލް ހޭވް ޔޫ ބީން .. ކިހާ ވަރަކަށް ގުޅައިފިން.. ކީއްވެ ފޯނު ނުނަގަނީ... ތީ ހެނދުނު ގެއިން ނިކުތް މީހެއް.. މިހާރު މީ ކޮންގަޑިއެއް.." އާކިން ކައިރިއަށް ހުއްޓެމުން އަމްރާ ހިތްހަމަނުޖެހިފައި ބުންޏެވެ.

" އަސަދުމެން ގޭގަ ނިދިފަ އޮތީ.." އާކިން ބުނެލިއެވެ.

" ދޭބަލަ އަވަހަށް ކޮޓަރިއަށް... ރޫބީ އުޅެނީ މިގެއިން ނިކުމެގެން ދާންވެގެން.. ގޯ ސްޓޮޕް ހަރ..." އަވަސް އަވަހަށް އަމްރާ ބުނެލިއެވެ.

" ވަޓް... ނޯ.. " ލިބުނު ނުތަނަވަސް ކަމުގައި އާކިން ބުނެލިއެވެ. ދެވަނަ ސިކުންތުގައި ދުވަމުން ކަހަލަ ގޮތަކަށް ސިޑިން އެރިއެވެ. އާކިން ކޮޓަރީގެ ދޮރަށް އެރިއިރު ފޮށި ދަމަމުން ރޫބީ ނިކުންނަނީއެވެ. އާކިން ފެނުމާއެކު ރޫބީ ހުއްޓުނެވެ.

" ކޮންތާކަށް...." އާކިން އެހިއެވެ.

" އާކިންއަށް އުނދަގޫ ކުރަން މިގޭ ހުންނާކަށް އަހަރެން ނެތިން.. މިގޭ ފަހުން އަހަރެންގެ ފަރާތުން އެއްވެސް އުނދަގުލެއް އާކިންއަކަށް ނުވާނެ.." ރޫބީ ބުންޏެވެ. އާކިން ވަކި އެއްޗެއް ނުބުނެ ގޮސް ރޫބީ އަތުން ފޮށި އަތުލިއެވެ.

" އާކިން ކިހިނެއްވެގެންތަ ތިއުޅެނީ..؟" ހިތްހަމަނުޖެހިފައި ރޫބީ ބުންޏެވެ. "ކޮންމެ ކަމަކަށް އާކިންއަށް ބާރެއް ނުފޯރުވޭނެ... " އާކިން އަތުން ފޮށި އަތުލަން މަސައްކަތް ކުރަމުން ރޫބީ ބުންޏެވެ. އާކިން ފޮށި ގެންގޮސް ކްލޯޒެޓަށް ލުމަށްފަހު ދޮރު ލެއްޕިއެވެ.

" އޯކޭ.. ފޮށި ބަހައްޓާ.. މިގެއިން އެއްވެސް އެއްޗެއް ގެންދާކަށް އަހަރެން ބޭނުމެއް ނޫން.. " އެހެން ބުނެ ކޮޓަރިން ނިކުތުމަށް ރޫބީ ހިނގައިގަތެވެ. ނަމަވެސް އޭގެ ކުރިން އާކިން ގޮސް ރޫބީގެ އަތުގައި ހިފެހެއްޓިއެވެ.

" ރޫބީ ޕްލީޒް ނުދޭ... " ކުރަކިވެފައިވާ އަޑަކުން އާކިން ބުންޏެވެ.

" އާކިން ޕްލީޒް.... އަހަރެން ދިޔަދީ... އަހަރެންގެ މައިންބަފައިންނާ އާކިންގެ މައިންބަފައިންނަށް އަހަރެން ވިސްނައިދޭނަން... އާކިންގެ ހަޤީޤީ ލޯތްބަކީ ނަޖުވާ ކަމަށް ބުނެދީ އާކިންގެ ކައިވެނި ނަޖޫ އާ ހަމަޖައްސައިދޭނަން..." ރޫބީ ބުންޏެވެ. އެހިނދު އާކިން ކޮށްލި ހަރަކާތެއްގައި ރޫބީ އާކިންގެ ކުރިމައްޗަށް ވާހެން އަނބުރާލިއެވެ. އެވަގުތު ރޫބީއާ އާކިންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ރަތްވެ ފެންކަޅިވެފައިވާ އާކިންގެ ދެލޯ ފެނުމުން ރޫބީ ގައިން ހީބިހި ނަގައިގަތެވެ. އާކިންގެ މޫނުމަތިން ފެންނަމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ އަސަރުތަކެކެވެ.

" އަހަރެންނަށް މާފުކުރޭ ރޫބީ... ފުރަތަމަ ދުވަހުން ފެށިގެން އަހަރެން ރޫބީއާ މެދު ކަންކުރަމުން އައި އިހާނެތި ގޮތްތަކަށް އަހަރެން މައާފަށް އެދެން.. ތީ ކިހާ ކެތްތެރި މާތް ކުއްޖެއްކަން މިހާރު އަހަރެންނަށް އިހުސާސްވެއްޖެ... އާދޭސްކޮށްފަ ބުނަން ރޫބީ.. މިގެއިން ނުދޭ... އަހަރެންގެ ހަޔާތުން ދުރަށް ނުދޭ.. މި ކައިވެނި ދަމަހައްޓަން އަހަރެން ބޭނުން.. މިކައިވެނި އެންމެ ރަނގަޅު ގޮތުގައި ދަމަހައްޓަން އަހަރެންނަށް ރޫބީގެ އެހީތެރިކަން ބޭނުންވޭ.. އަހަރެން ދުވަހަކުވެސް ރޫބީ ހިތުގައި ޖެހޭފަދަ ކަމެއް ނުކުރާނަން.. ޕްލީޒް ރޫބީ ޑޯންޓް ގޯ.. މިގޭ އެންމެން ރޫބީ ދެކެ ވަރަށް ލޯބިވޭ.. އެމީހުން ރޫބީ ބޭނުން.. އަހަރެން ރޫބީ ބޭނުން... ޕްލީޒް ޑޯންޓް ލީވް..." އާކިން ކިޔަމުން ދިޔައެވެ. އޭނާގެ އަޑުގައި ރިހުމެއް ހުއްޓެވެ. އެކަން ވަރަށް ބޮޑަށް ރޫބީއަށް އިހުސާސްވިއެވެ. އާކިންގެ ދެލޮލުން ފޭބި ކަރުނަތައް ފެނި ރޫބީގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އާކިންގެ އެބަސްތަކުން ކުރިއަށްވުރެ ބޮޑަށް ރޫބީގެ ހިތުގައި ޖެހުނެވެ. މޫނުމަތީގައި ދެއަތް އެޅުމަށްފަހު ރޫބީ ބާރަށް ރޯން ފެށިއެވެ. އެމަންޒަރު ބަލަން އާކިންއަށް ކެތެއް ނުވިއެވެ. ރޫބީގެ ދެކޮނޑުގައި ހިފައި ގާތަށް ދަމައިލުމާއެކު ބާރަށް ބައްދާލިއެވެ. ރޫބީގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައިރު އާކިންގެ ދެލޮލުންވެސް ކަރުނަ ނުހިކެއެވެ.

ދޮރުމަތީގައި މަންޒަރު ބަލަން ހުރި އަމްރާއަށްވެސް ހުރީ ރޮވިފައެވެ. ފެންނަމުން ދިޔައީ ހުރިހާ ކަމެއްވެސް ރަނގަޅުވާން އުޅޭކަމުގެ އިޝާރާތެކެވެ. ހެއްދެވި ފަރާތަށް ޝުކުރުކޮށްލަމުން އަމްރާ މަޑުމަޑުން ދޮރު ލައްޕައިލިއެވެ. ކޮޓަރި އާ ދިމާލަށް ދިޔައިރު އަމްރާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.

ކުރިމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕް ލައްޕާލާފައި ސައިފްގެ ނަޒަރު ކުރިމަތީގައި ހުރި ދޮރަށް ހުއްޓާލިއެވެ. މަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ސައިފްގެ ހިތާ ސިކުނޑީގައި ވަނީ ހިތުގައި އަލަށް ވިންދުޖަހަން ފެށި އިހުސާސްތަކުގެ އަސަރެވެ. ނިދިން ހޭލެވޭ ހިސާބުން ފެށިގެން ރޭގަނޑުގެ ނިދުމަށް އެސްފިޔަތައް ލެއްޕޭ ހިސާބާ ހަމައަށް ސައިފްގެ ހިތުގައި ރަސްކަން ކުރަމުން ދަނީ ނަޖްވާއެވެ. ގަބޫލުކުރަން ދަތި ނަމަވެސް އެ ހަގީގަތާ ދުރަށް ސައިފްއަށް ނުދެވުނެވެ. ގޮނޑީގައި ނީނދެވިގެން ސައިފް ތެދުވެ ކެބިން ތެރޭގައި ދެކޮޅަށް ހިނގަމުން ދިޔައެވެ. މޭޒު މަތީގައި އޮތް ފޯނަށް އިރުކޮޅަކާ ބަލާލައެވެ. ގޭގައި އެކަނި ހުރި ނަޖްވާއަށް ގުޅުމަށް ސައިފްގެ ހިތް ބާރު އަޅަމުން ދިޔައެވެ. ސައިފްގެ ހިތުގައި ސުވާލު އުފެދުނެވެ. ނަޖްވާ ގޭގައި އިނދެ މިވަގުތު ކުރާނީ ކޮންކަމެއް ހެއްޔެވެ؟ އެއްޗެއް ކައިފި ހެއްޔެވެ؟ ގުޅާލަންވީ ހެއްޔެވެ؟

"ނަޖޫ..." އެންމެފަހުން ސައިފްގެ ދެތުންފަތް ދޭތެރެއިން ނަޖްވާގެ ނަން ބޭރުވެގެން ދިޔައެވެ.

**************************

ބަދިގޭގައި މަސައްކަތެއް ކުރަން ހުރެފައި ނަޖުވާ މިސްރާބުޖެހީ ކޮޓަރި އާ ދިމާލަށެވެ. މައި ދޮރު ތަޅުގައި މީހަކު ހިފިހެން ހީވުމާއެކު ނަޖުވާގެ ދެފައިގައި ތަޅެއްލެވުނު ކަހަލައެވެ. އިތުރަށް ތަޅުގައި ހިފާ އަޑު ނީވުނަސް ދޮރުން ބޭރުގައި މީހަކު ހުރިކަން ނަޖުވާއަށް ޔަގީނެވެ. ކޮންމެ ގޮތެއްވިޔަސް އެމީހަކީ ސައިފް ނޫންކަން ނަޖުވާއަށް ޔަގީނެވެ. ސައިފް ނަމަ ދޮރުހުޅުވާލާފައި ވަންނާނެއެވެ. ވީއިރު އެއީ ކާކު ހެއްޔެވެ؟ ކޮންމެއަކަސް ދެހިޔާލެއްގައި ހުރެފައި ނަޖުވާ ދޮރާ ދިމާލަށް ހިނގައިގަތެވެ. ލަސްލަހުން ތަޅު އަނބުރާލިއެވެ. އެހިނދު ބޭރުގައި ހުރި އަންހެން މީހާ ފެނިފައި ނަޖުވާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ.


ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ، 15 ފެބްރުއަރީ ވާ ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް