ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރަސްމީ ކާރުކޮޅަށް ފެންއެއްޗެއް އޮއްސާލި މައްސަލައެއް ބަލަން ފަށައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު އެމްޑީޕީން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމަނިކުފާނު ހެންވޭރަށް ވަޑައިގެން އުޅުއްވި ވަގުތެއްގައި އެވެ.
ފުލުހުން ބުނީ ހެންވޭރުގައި އިމާރާތެއްގެ އެޕާޓްމަންޓަކުން ރައީސްގެ ކާރުކޮޅު މައްޗަށް ފެން އެއްޗެއް އޮއްސާލި މައްސަލައެއް ހުށައެޅީ މިއަދު ހެނދުނު ކަމަށެވެ. އެ ހާދިސާ ހިނގިއިރު ކާރުކޮޅުގައި އިންނެވީ ޑްރައިވަރު އެކަނިކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މުޅި ރާއްޖޭގައި އެ ޕާޓީގެ ކެންޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވީ ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް، ރައިސް މުހައްމަދު ނަޝީދެވެ. މި ހަރަކާތް ފަށާފައިވަނީ ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް