ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި މެދު ކުރެވޭ ހިޔާނާތުގެ ތުހުމަތުތައް ތަޙުގީގުކުރުމަށް އާ ސަރުކާރުން އަޅަންފެށި ފިޔަވަޅުތަކުގެ ދަށުން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރ...

14 Dec 2018 | 11:25

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި މެދު ކުރެވޭ ހިޔާނާތުގެ ތުހުމަތުތައް ތަޙުގީގުކުރުމަށް އާ ސަރުކާރުން އަޅަންފެށި ފިޔަވަޅުތަކުގެ ދަށުން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފިއެވެ.

ޔާމީންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެކައުންޓްތައް ފްރީޒް ކުރީ ފުލުހުންގެ އެދުމަކަށް ކްރިމިނަލް ކޯޓުންނެވެ. ރައީސް ޔާމީނުގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ކިހާ މުއްދަތަށްކަމެއް އަދި ނޭނގެއެވެ.

ރައީސް ޔާމީނުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމުން ދެން އެމަނިކުފާނަށް ބޭންކް އެ އެކައުންޓްތައް މެދުވެރިކޮށް އެއްްވެސް މުޢާމަލާތެއް ނުހިންގޭނެއެވެ. މިއީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅެއްގެ ބޭންކް އެކައުންޓެއް ފްރީޒްކުރި ފުރަތަމަ ފަހަރެވެ.

ރައީސް ޔާމީނާއި މެދު ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނުފައިވަނީ ރައީސްގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ޔާމީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ދައުލަތުގެ މާލީ އިދާރާތަކުން ފުލުހަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެ ކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުސް އޮފީހުން އަޅަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ރައީސް ޔާމީނު ތަހުގީގަށް މާދަމާ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަން ރޭގެ ވަގުތެއްގައި ވަނީ ޗިޓު ފޮނުވައިފައެވެ. ފުލުހުން މިހާރު ބަލަމުން ގެންދަނީ ރިޔާސީ އިންތިހާބުގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެމަނިކުފާނުގެ އެމްއައިބީގެ އެކައުންޓަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް