ސިނގިރޭޓަށް ފަހު ކެންސަރަށް އެންމެބޮޑަށް މަގުފަހިކުރާ އެއްޗަކީ ސޮސެޖު: ޑރ.ޝާން

ސިނގިރޭޓަށް ފަހު ކެންސަރަށް އެންމެބޮޑަށް މަގުފަހިކުރާ އެއްޗަކީ ސޮސެޖުކަމަށް ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރުކަމަށްވާ ޑރ.ޔޫސުފް ޝާން ވިދާޅުވެއްޖެއެވެ. ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޭ ގެނެސްދިން 'އޮ...

14 Dec 2017 | 08:50

ސިނގިރޭޓަށް ފަހު ކެންސަރަށް އެންމެބޮޑަށް މަގުފަހިކުރާ އެއްޗަކީ ސޮސެޖުކަމަށް ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރުކަމަށްވާ ޑރ.ޔޫސުފް ޝާން ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޭ ގެނެސްދިން 'އޮނަތިރީސްމިނެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އައި.ޖީ.އެމް.އެޗް ގެ ކޮންސަލްޓޭންޓް އިން އޮތޮޕިޑިކް ސާޖަރީ، ޑރ.ޔޫސުފް ޝާން ވިދާޅުވިގޮތުގައި ސިނގިރޭޓަކީ ކެންސަރު ޖެހުމަށް އެންމެބޮޑަށް މަގުފަހި ކުރާ އެތިކަމަށާއި ސިނގިރޭޓު ނަގާފައި ދެން އެންމެބޮޑަށް ކެންސަރަށް މަގުފަހިކުރާ އެއްޗަކީ ސޮސެޖުކަމަށެވެ.

"ސޮސެޖަކީ ޞިއްޙަތަށް ވަރަށް ގެއްލުން ހުރި އެއްޗެއް. އެއީ އެއްގޮތަކަށްވެސް ރައްކާތެރި އެއްޗެއް ނޫން. ކެއުންބުއިމަށް ޢާއްމުކޮށް މީހުން ބޭނުން ކުރާ އެއްޗެތީގެ ތެރެއިން  ސިނގިރޭޓަށްފަހު ދެން ކެންސަރަށް އެންމެބޮޑަށް މަގުފަހިކުރާ އެއްޗަކަށް ދެންނެވޭނީ ސޮސެޖްއޭ. ސޮސެޖް މި އިންނަނީ ނަމްބާރ ޓޫ ގައި" ޑރ.ޝާން ވިދާޅުވިއެވެ.

"ވަރަށްގިނަ ބަޔަކު ބޭނުން ކުރަމުންދާ ވަރަށް ނުރައްކާތެރި އެއްޗެއް ސިނގިރޭޓަކީ. ޑޮކްޓަރީ ގޮތުން ކަށީގެ ދާއިރާއަށް ބަލާލިކަމުގައިވިޔަސް ސިނގިރޭޓުގެ ސަބަބުން ކަށިތައް ވަރަށްބޮޑަށް ބަލިކޮށްދޭ. އެހެންވީމަ ކަށީގައި ފަސޭހައިންް ރެނދު އަޅާގޮތްވޭ. އަދިހަމަ މިހެން އުޅުމުގެތެރޭގައި ތަނެއް ބިނދިއްޖެއްޔާ އެތަނެއް ބެދުންވެސް ލަސްވެގެންދޭ ސިނގިރޭޓުގެ ސަބަބުން. އަދި އޮޕަރޭޝަނެއްކޮށްފައި އެތަނެއް ރަނގަޅުވުމަށްވެސް ވަރަށްބޮޑަށް ބުރޫ އަރާނެ" ޑރ.ޝާން ވިދާޅުވިއެވެ.

ޒުވާނުންގެ ތެރޭގައި މިއަދު ވަރަށްބޮޑަށް ޢާއްމުވެފައިވާ ޝީޝާ އާއި ބެހޭގޮތުން ޑރ.ޝާން ވިދާޅުވީ އެއީ ސިނގިރޭޓަށްވުރެވެސް ނުރައްކާތެރި އެއްޗެއްކަމަށާއި އަދި އޭގެ އިތުރުން އިލެކްޓްރޯނިކް ސިނގިރޭޓަކީވެސް އަސްލު ސިނގިރޭޓަށްވުރެ ނުރައްކާތެރި އެއްޗެއްކަމަށެވެ.

އަދި ސިނގަޕޫރުކަހަލަ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި ޝީޝާ މަނާކޮށްފައިވާކަމަށާއި އަޅުގަނޑުމެންފަދަ މުސްލިމް ޤައުމަކުން އެކަން މަނާކުރުން މާއައުލާކަމަށް ޑރ.ޝާން ވިދާޅުވިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯ އިން ކޮންމެ ބުދަ ދުވަހެއްގެރޭ 10:30 ގައި ލައިވްކޮށް ގެނެސްދޭ 'އޮނަތިރީސްމިނެޓް' ގެ 55 ވަނަ ޕްރޮގްރާމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޑރ.ޝާން ވިދާޅުވިގޮތުގައި ދުފުންވެސް އެއީ ޞިއްޙަތަށް ގެއްލުންދޭ އެއްޗެއްކަމަށާއި، ހެޔޮ ޞިއްޙަތެއްގައި ހުންނަން ބޭނުންނަމަ ދުފުމުން އެއްކިބާވާން ޖެހޭކަމަށެވެ. ހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ވަރަށްގިނަ ކަންތައްތަކާއިގުޅޭގޮތުން ރޭގެ ޕްރޮގްރާމުގައި ޑރ.ޝާންވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް