ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހާއިއެކު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ނިންމުމާއި ގުޅިގެން ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށް ޓްރާންސްޕޭރެންސީ އޮފް މޯލްޑީވްސް އިން ބުނެފި އެވެ.
ެއެ ޖަމިއްޔާއިން މިއަދު ނެރުފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންއާއި ފަނޑިޔާރު މުއްތަސިމް އަދްނާން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ގޮތުގެ ތަފްސީލެއް މަޖިލީހަށް އަންގާފައި ނެތުމުން އެ ނިންމުމުގެ އިންސާފުވެރިކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗުން ފަނޑިޔާރުންގެ އަދަދު މަދު ކުރުމަކީ ގާނޫނާއި ތައާރަޒްވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ފަނޑިޔާރުން ވަކިކުރުމުގައި އަމަލު ކުރަން ޖެހޭނީ އިންސާފްވެރިކޮށް ފަނޑިޔާރުންގެ ހުރި މައްސަލަތަކަށް ބިނާކޮށް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އޮޑިޓަ ޖެެނަރަލްގެ ދައުރު ނުނިމެނީސް އޮޑިޓް ގާނޫނަށް ގެނައި ބަދަލާއިއެކު އޮޑިޓަ ޖެނެރަލް މަގާމުން ވަކި ކުރުމަކީވެސް ގާނޫނާއި ހިލާފު ކަމެއް ކަމަށެވެެ. އެގޮތުން ބުނެފައި ވަނީ އޮޑިޓާ ޖެެނެރަލްގެ ދައުރަކީ ހަތް އަހަރު ކަަމަށް ވާއިރު އޮޑިޓަ ޖެެނެރަލް ވަކި ކުރެވޭނީ ސުލޫކީ މައްސަލައެއްގެ ސަބަބުން ނުވަތަ މަސްއޫލިއްޔަތު އަދާ ނުކުރެވުމުން ކަަމަށެވެ.
މާލެއަށް ދިމާވި ފެނުގެ ކާރިސާއާއި ގުޅިގެން ސަރުކާރު ނުކުޅެދިފައިވާ ކަމަށް ބުނެ ސަރުކާރު ހިންގުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއި ހަވާލު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރާއި މެދު ޓްރާންސްޕޭރެންސީ މޯލްޑީވްސް އިން ބުނެފައި ވަނީ ދިވެހި ސަރުކާރު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. އަދި ގާނޫނު އަސާސީގައިވާ އިންތިހާބީ ހަމަތަކާއި އުސޫލުތައް ގެއްލިގެންދާ ގޮތަށް އަމަލުނުކުރުމަށް ވެސް ބަޔާނުގައިވެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް