ލޯބިވޭހޭ ކަލާ....

އަނދިރިކަންވަނީ މުޅިތަނަށް ވެރިވެފައެވެ. ދިއްލިފައިވާ މަގުބައްތިތަކުން ލިބޭ އަލިކަން ފިޔަވާއި މާބޮޑު އަލިކަމެއް ފެންނަން ނެތްއިރު، ދުއްވާފައިދާ އެއްޗެއް ފިޔަވާ މަގުމަތިން ހިލަމެއްވެސް ނުވެއެވެ. ވެހެމު...

14 Dec 2014 | 05:34

އަނދިރިކަންވަނީ މުޅިތަނަށް ވެރިވެފައެވެ. ދިއްލިފައިވާ މަގުބައްތިތަކުން ލިބޭ އަލިކަން ފިޔަވާއި މާބޮޑު އަލިކަމެއް ފެންނަން ނެތްއިރު، ދުއްވާފައިދާ އެއްޗެއް ފިޔަވާ މަގުމަތިން ހިލަމެއްވެސް ނުވެއެވެ. ވެހެމުންދާ ވާރޭގެ ސަބަބުން އަހަރެންވެސް ހުންނަންޖެހުނީ ގެއަށްނުދެވިފައެވެ. މި ދަނީއޭ ބުނިތާ މިހާރު ގަނޑިއެއްހައި އިރު ފާއިތުވީއެވެ. އެކަމު އަދިވެސް ނާދެއެވެ. އޮފީސް ނިމުނީ ތަންކޮޅެއް ލަހުންކަމުން އަވަހަށް ގެއަށްދާން ބޭނުވެފައިވާތީ ޓެކްސީއަކަށް ގުޅުމުގެ ބަދަލުގައި ފިރިމީހާއަށް ގުޅީ އަވަހަށް އަންނާނެ ކަމަށް ހީކޮށެވެ. ގުޅާލިއިރަށް ފޯނުނަގާފާ މިދަނީއޭ ބުންޏެވެ. ވާރޭ ވެހެމުންދާތީ އިމާރާތުގެ އަސްކިނި ދޮށުގައި އިންތިޒާރުގައި ހުރިއިރު އަހަރެންގެ ހަޔާތުގެ އެކިއެކި ހިނދުކޮޅުތަކުގެ އެ ކުލަރީތި މަންޒަރުތައް ސިފަވަމުން ދިޔައެވެ.

އިރުގަނޑެއްފަހުން ސައިކަލެއްގެ އަލިކަން މަގުގެ ކޮޅުން ދިއްލާއެވެ. މާގިނަ އިރުތަކެއްނުވެ ސައިކަލް އައިސް އަހަރެންގެ ކައިރީގައި މަޑުކޮށްލުމުން އަހަރެން ސައިކަލައް އެރީމެވެ. ނަވާޒު އައީ ކުޑައެއްވެސް ނުލާކަމުން ވެހެމުންދިޔަ ވާރޭގައި ދެމީހުން ތެމެމުންދިޔައެވެ. އަހަރެން ވަރަށް ގިނަ ސުވާލުކުރަން ބޭނުންވިއެވެ. ސަކުވާކުރަން ބޭނުންވިއެވެ. އެހެންނަމަވެސް މިހާރު އެސަކުވާތައް ކުރާހާއި ހިތްވަރެއް އަހަރެންގެ ހިތަކުނެތެވެ. ކައިވެނީގެ ފުރަތަމަކޮޅުގައި ނަވާޒު ވަރަށް ރަނގަޅެވެ. ކިތަންމެ ބިޒީކޮށް އުޅުނަމަވެސް އަހަރެން ބަލާ އާދެވޭތޯ ބަލައެވެ. އަހަރެން ލަސްވެއްޖެނަމަ ގުޅާވެސް ހަދައެވެ.

އަހަރެން ނަވާޒާއި ކައިވެނި ކުރީ ނުހަނު ލޯބިންނެވެ. ރައްޓެހިވެ އެކީގައި އެތަކެއްދުވަސް ހޭދަކުރުމަށްފަހުއެވެ. އޭރު އެކުގައި ނޫނީ އެއްޗެއް ކެވޭކަމަކަށްވެސް ނުވެއެވެ. ދަތުރުދިއުމާއި ރޭގަނޑު ވަގުތުތަކުގައި އެކުގައި ޖަހާ ސައިކަލް ބުރުތަކުން ހަޔާތުގެ ވަގުތުތައް އުފާވެރިކަމުންވަނީ ފުރާލާފައެވެ. އެންމެ ހިނދު ކޮޅަކަށްވެސް އަހަރެން ފޫހިވިޔަކަ ނުދެއެވެ.  ފޫހިވުމާއި ހިތާމަކުރުން އަހަރެންގެ ހަޔާތުގައި ނެތްކަހަލަ އިހްސާތަކެއް އޭރު އަހަރެން ކުރީމެވެ. ނަވާޒުވެސް އަހަރެންދެކެ ވަރަށް ލޯބިވާކަމުގައި ބުނަމުން ދިޔައެވެ. އެ އުފާތަކާއި ރޭތައް ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެއެވެ. ފިރިޔަކަށް ވުމަށްފަހުވެސް އެއުފާވެރިކަމާއި ލޯތްބާއި އަޅާލުން ނަވާޒުގެ ފަރާތުން އަބަދަށް ލިބޭނޭހީކޮށް އުފާކުރީމެވެ. އެހެންނަމަވެސް އެ އުފާތަކާއި ރޭތައް މިހާރުވަނީ މާޒީގެތެރޭގައެވެ. އެއީ އަހަރެންގެ މާޒީއެވެ.

އާދައިގެ ވަރަކަށް ދުއްވާފައިގެއަށް އާދެވުނުއިރު ދެމީހުންވެސް ތިބީ ވެހެމުންދިޔަ ވަރޭގައި ތެމި ފޯވެފައެވެ. ގެއަށް ދިޔަ މަގުމަތީގައި ދެމީހުންވެސް އެކަކު އަނެކަކާ އަނގައިން ނުބުނެ ތިބެވުނީ ހަނުއެވެ. ގެއަށް އާދެވުމުން އެކުގައިވަނީ އެތެރެއަށެވެ. ސިޑިންއަރަމުން އަހަރެން ނަވާޒު ގާތުގައި މާލަސްވީކީއްވެގެންހޭ އަހާލީމެވެ. " ކުޑަކަމެއް ދިމާވެގެން ބިޒީވީމަ ލަސްވީ " ކުރު ޖަވާބެއްގައި ނަވާޒު ބުނެލިއެވެ. އެއީ މިހާރު ނަވާޒު އަބަދުވެސް އަހަރެންނަށްދޭ ޖަވާބެވެ. އަހަރެން ދައްކާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއްވެސް ނުދެއެވެ. މާބޮޑުކަމަކަށް އެކަންނުހަދާ އަހަރެންވެސް ނަވާޒުގެ ފަހަތުންވަނީ އެތެރެއަށެވެ. އިތުރު ސުވާލެއް ކުރިޔަސް މިވަގުތު ލިބޭނީ އެކަހަލަ ޖަވާބެއްކަން އަހަންނަށް އެނގެއެވެ.

ކައިވެންޏަށް ދެއަހަރުވީއިރު އަހަރަމެންގެ މެދުގައި އޮތް އުފާވެރިކަންވަނީ ގެއްލިފައެވެ. ނަވާޒުގެ ފަރާތުން ކުރިން ލިބެމުންއައި ލޯތްބާއި އަޅާލުން ނުލިބޭކަން އަހަރެންނަށް އިހްސާންވާފެށިއެވެ. އެންމެ ބޮޑަށް އެކަން ފާހަގަވީ އަހަރެން  ދުވަސްކޮޅެއް ކުރިން ބަލިވެއުޅެން ޖެހުމުންނާއި ނާވާޒުގެ ބަސްމަގަށްއައި ބަދަލުގެ ސަބަބުންނެވެ. ކުރިން އަހަރެން ބަލިވެއްޖެއްޔާ ނަވާޒު ވަރަށް ކަންބޮޑުވާނެއެވެ. އާދޭސް ކޮށްގެންވެސް ޑޮކްޓަރަށް ގެންދާނެއެވެ. ލިބޭ ގިނަވަގުތު އަހަރެންނާއެކު ހޭދަކުރާނައެވެ. އޯގާތެރިކަމާއި ލޯތްބާއި އެކު ވާހަކަދައްކާ ހިތް އުފާކޮށްދެއެވެ.

ނަވާޒަށްމިއައި ބަދަލާއި ގުޅިގެން އަހަރެން ވަރަށްވިސްނަމެވެ. ބައެއްފަހަރަށް ނަވާޒު ބޭނުންވާ ކަންކަން ނުކޮށްދެވެނީކަމުގެ އިހްސާސްވެސް ކުރެވެއެވެ. އެހެންނަމަވެސް އަހަރެންގެ ފަރާތުން އުނިވީ އެއްވެސް ކަމެއްގެ ވާހަކައެއް ނުވަތަކަމެއްގެ ވާހަކައެއްވެސް ނަވާޒު އަހަރެންގެ ގާތުގައި ބުނެފައެއް ނެތެވެ. ވާހަކައެއް އެހިޔަސް ނަވާޒު އަހަރެންނަށް ޖަވާބުދެނީ ހުރިހާކަމެއްވެސް ރަނގަޅުކަމަށެވެ. ހުރިހާކަމެއް ރަނގަޅުނަމަ ނަވާޒު ބަދަލުވާންވީ ކީއްވެގެން ހެއްޔެވެ.

ދަންވަރުގެ ވަގުތެކެވެ. ނަވާޒުވެސް އޮތީ ނިދާފައެވެ. މިހާރު ރަނގަޅަށް ނިދާނުލެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. ނަވާޒާއި ދޭތެރޭގައި ހަމަ ވިސްނެނީއެވެ. ކޮޓަރިތެރޭގައި ދިއްލާފައިހުރި ބޮކީގެ ފަނޑު އަލިކަން ފިޔަވާ އެހެން އެއްވެސް އަލިކަމެއް ފެންނާކަށްނެތެވެ. އަހަރެންވެސް ނުނިދިގެން އެނދުމަތީގައި ފުރޮޅި ފުރޮޅި އޮތީއެވެ. އޭރު ގަޑިން ދޭއް ޖަހަނީއެވެ. ސިއްސައިގެން ދިޔައީ ނަވާޒުގެ ފޯން ވައިބުރޭޓްވާންފެށި އަޑަށެވެ. އެފަދަ ދަންވަރެއްގައި އެގުޅަނީ ކާކުހެއްޔެވެ؟. އަހަރެން ބޯހިއްލާލާފައި ފޯނު ފެނޭތޯ ބަލާލީމެވެ. އެހެންނަމަވެސް ފޯން އޮތީ ނަވާޒުގެ ބާލީސްދަށުގައިކަމުން ކާކުކަމެއްވެސް އަދި ނަންބަރެއްވެސް އެނގޭ ގޮތެއްނުވިއެވެ. ގިނަ ރޭރޭގައި ނަވާޒު ނިދަނީވެސް އަހަރެންނަށްވުރެ ފަހުންނެވެ. ނަވާޒު ގެއަށް އާދޭތޯ އިންތިޒާރުގައި އޮއްވާ އަހަރެންނަށް ނިދެއެވެ. ފަހަކަށް އައިސް މިފެންނަ ކަންކަމުން އަހަރެންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމާއި އުދާސް އިހުނަށްވުރެ އިތުރުވިއެވެ. ނިދުނީ ކިހާއިރަކުމެއްވެސް ނޭގެއެވެ. އަހަންނަށް ހޭލެވުނީ ފޯން އެލާމްވާ އަޑަށެވެ.

ކޮފީތަށި ގެނެސް ޑްރެސިންޓޭބަލްމަތީގައި ބަހަށްޓަމުން އަހަރެން ނަވާޒަށް ގޮވަން ފެށީމެވެ. " ނާވާޒު! އަވަސްކުރޭ ގަޑިޖެހެނީ! އޭރުވެސް ނަވާޒު އޮތީ އެނދުމަތީގައި ނުތެދުވެއެވެ. " މިހާރު އެއްއޮށް ގަޑިޖެހެނީ ، މިއަދު ނަވާޒު އޮފީހަށް ނުދާ ދުވަހެއްތަ؟ އަހަރެން ތައްޔާރުވަމުން ހުރިހާސުވާލުތައް ކުރަމުން ގެންދިޔައީމެވެ. " އާ! ކުޑަކޮށް ބަލިވެ މިއަދު މިއުޅެނީ! ނިދި އަޑަކުން ނަވާޒު ޖަވާބުދިނެވެ. އެހެންވިއްޔާ އަހަރެންވެސް އޮފީހަކަށް ނުދާނަށް.! "ބަލިވެއުޅެންޏާ ކިހިނެއް އަހަރެން ނަވާޒު އެކަނި ގޭގައި ބާއްވާފަދާނީ!"

( ނުނިމޭ )

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް