މަނާ ސަރަހައްދުތަކަށް އެއްވާނަމަ އިންޒާރަކާނުލާ ރޫޅާލާނަން: ޕޮލިސް

ޤާނޫނާ ހިލާފަށް މާލޭގެ އެއްވެސް ސަރަހައްދަކަށް އެއްވެ އަޑުގަދަކޮށް ހަޅޭލަވައި ގާނޫނާ ހިލާފް އަމަލުތައް ހިންގުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށާއި އެއްވުން މަނާ ސަރަހައްދުތަކަށް އެއްވާ އެއްވުންތައް އ...

13 Dec 2014 | 20:33

ޤާނޫނާ ހިލާފަށް މާލޭގެ އެއްވެސް ސަރަހައްދަކަށް އެއްވެ އަޑުގަދަކޮށް ހަޅޭލަވައި ގާނޫނާ ހިލާފް އަމަލުތައް ހިންގުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށާއި އެއްވުން މަނާ ސަރަހައްދުތަކަށް އެއްވާ އެއްވުންތައް އިތުރު އިންޒާރަކާ ނުލައި ވަގުތުން ރުޅާލާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އަޑު އުފުލުމާއި ޝުއޫރު ފާޅުކުރުމުގެ ގޮތުން އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމްކޮށް ބާއްވާ ފަރާތްތަކުން، ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ބޭއްވޭ ސުލުހަވެރި މުޒާހަރާތަކަށް މި ސަރވިސްގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލާމާއި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެއްވުން މަނާ ސަރަޙައްދަކަށް އެއްވުމަށް ގޮވާލައި ހިތްވަރު ދެމުންދާނަމަ ނުވަތަ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، މުޖުތަމަޢުގެ އަމަން އަމާންކަން ގެއްލޭ ގޮތަށް ޢަމަލުކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށާއި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި، އެއްވުން މަނާ ސަރަޙައްދުތައް ކަމުގައި ބަޔާން ކޮށްފައިވާ  ސަރަޙައްދު ތަކަށް އެއްވެއްޖެނަމަ، އެފަދަ އެއްވުމަކީ ޤާނޫނާ ޚިލާފް އެއްވުމެއްކަމަށް ބަލާ، އެފަދަ އެއްވުން ރޫޅާލައި، ހުއްޓުވައި، އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުން ކުރަންޖެހޭނެ ކަމެއްކަމަށްވާތީ އެއްވުން މަނާ އެއްވެސް ސަރަޙައްދަކަށް އެއްނުވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ހަމަ މިއާއެކު މާލޭގެ އެހެން ސަރަޙައްދު ތަކުގައިވެސް އެއްވުން ބާއްވާއިރު، މާލޭގެ މަގުތަކުގައި ދުއްވާ އެއްޗިއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އަދި ރައްޔަތުންގެ އާއްމު ދިރިއުޅުމަށް ދަތިވާފަދަ އެއްވެސް ގޮތަކަށް ޢަމަލުތައް ނުބެހެއްޓުމަށް އިލްތިމާސް ކުރާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް