މޫސުމީ އިންވެސްޓްމަންޓްތަކާ ނުލައި 2040 ގެ ތަރައްގީގެ ލަނޑުދަނޑި ހާސިލެއް ނުވާނެ: ޒަރީރު

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގައި މިނިސްޓަރު ޒަރީރު ވިދާޅުވީ 2040 ގެ ތަރައްގީގެ ލަނޑުދަނޑި ހާސިލުކުރަން އިއާދަކުރަނިވި ހަކަތައާއި ތިމާވެށީގެ ދާއިރާއަށް އިންވެސްޓްކުރުން ލާޒިމު ކަމަށެވެ.

14 Nov 2026 | 13:31
މޫސުމީ އިންވެސްޓްމަންޓްތަކާ ނުލައި 2040 ގެ ތަރައްގީގެ ލަނޑުދަނޑި ހާސިލެއް ނުވާނެ: ޒަރީރު

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ބަދަލުކުރުމަށް އިއާދަކުރަނިވި ހަކަތައާއި ތިމާވެށީގެ ރައްކާތެރިކަމާއި ފެނުގެ ދާއިރާއަށް އިންވެސްޓްކުރުން ކޮންމެހެން ލާޒިމު ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަރީރު ސިފަކުރެއްވި ގޮތުގައި މޫސުމީ ބަދަލުތަކުން ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް ސީދާ ގޮތެއްގައި ނުރައްކާ ކުރިމަތިވެއެވެ. ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމުގައާއި ރަށްރަށް ހިމާޔަތްކުރުމުގައި ކަނޑުގެ ދިރުންތައް އަދާކުރާ ދައުރަށް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. އެހެންކަމުން ތަރައްގީގެ މަޝްރޫއުތައް ރާވައި ފައިނޭންސް ކުރާ އިރު މޫސުމީ ވިލުންތެރިކަމަށް ޖާގަ ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

Advertisement

"މޫސުމީ ނުރައްކަލަކީ އިގްތިސާދީ ނުރައްކަލެއް. އަދި އިގްތިސާދީ ނުރައްކާތަކަކީ މެނޭޖްކުރަންޖެހޭ ކަންކަން،" ޒަރީރު ވިދާޅުވިއެވެ.

ވަރުގަދަ އުމްރާނީ ވަސީލަތްތައް ގާއިމުކޮށް އަސާސީ ހިދުމަތްތައް ރައްކާތެރިކުރުމުގައި ދައުލަތުގެ ބަޖެޓާއި ބައިނަލްއަގުވާމީ އެހީއާއި ލުއި ލޯނު އަދިވެސް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާ އެކު، ކުރިމަގުގެ ޖީލުތަކަށް ދަރަނީގެ ބުރަ ބޮޑުވިޔަ ނުދީ، ޕްރައިވެޓް ސެކްޓަރުގެ ކެޕިޓަލާއި މާލީ މުއައްސަސާތަކުގެ ދިގު ރާސްތާ އިންވެސްޓްމަންޓް ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. 2028 ވަނަ އަހަރާ ހަމައަށް ހަކަތައިގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ވަސީލަތްތަކުން އުފެއްދުމަށް ބޮޑެތި ރައުސުލްމާލީ ހަރަދުތައް ކުރަން ޖެހޭ ކަމަށާއި، އެ ލަނޑުދަނޑި ހާސިލުވެއްޖެ ނަމަ ތެޔޮ އެތެރެކުރުމަށް ބަރޯސާވާ މިންވަރު ދަށްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގްރީން ކްލައިމެޓް ފަންޑަށް ސީދާ ވާސިލުވެވޭ ރާއްޖޭގެ ފުރަތަމަ ފަރާތެއްގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އެކްރެޑިޓް ވެފައިވާތީ، ބައިނަލްއަގުވާމީ މޫސުމީ ފައިސާ ހޯދުމުގައި އެއީ ލިބުނު އިތުރު ބާރެއް ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ އެ ކުންފުންޏަށް މަރުހަބާ ދަންނަވައިފައެވެ. މީގެ އިތުރުން ދެމެހެއްޓެނިވި މަޝްރޫއުތަކަށް ހާއްސަ މާލީ އުފެއްދުންތައް ތައާރަފުކުރުމަށް ބޭންކުތަކަށް އިލްތިމާސް ކުރައްވައި، ވިޔަފާރިތަކުން ކާމިޔާބު ކުރެވޭ ފަދަ ޕްރޮޕޯޒަލް ހުށަހެޅުމަށް ވެސް އެދިވަޑައިގެންނެވިއެވެ. ގްރީން ފައިނޭންސްގެ ކާމިޔާބީ ވަޒަންކުރަންވާނީ ހިންގޭ މަޝްރޫއުތަކުންނާއި އޭގެ ނަތީޖާ އިން ކަމަށާއި، ވަރުގަދަ އުމްރާނީ ވަސީލަތްތަކާއި ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމާއި ދިވެހިންނަށް ލިބޭ މާލީ ރައްކާތެރިކަން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕާއި ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީގެ މަސައްކަތް ކުރިއަށް ގެންދާ ކަން ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިނިސްޓަރު މި ވާހަކަފުޅު ދެއްކެވީ 13 ވަނަ ފަހަރަށް ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް