ޕެންޝަން ފަންޑުގައި 30.3 ބިލިއަން ރުފިޔާ - ދެމެހެއްޓެނިވި އިންވެސްޓްމެންޓަށް އިސްކަންދެނީ

ސެޕްޓެމްބަރު ނިޔަލަށް ޕެންޝަން ފަންޑު 30.3 ބިލިއަން ރުފިޔާއަށް އެރިކަން ސީއީއޯ ޔަޒްމީދު ހާމަކުރައްވައި، ދެމެހެއްޓެނިވި އިންވެސްޓްމެންޓާއި ގްރީން ފައިނޭންސަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

14 Nov 2026 | 13:26
ޕެންޝަން ފަންޑުގައި 30.3 ބިލިއަން ރުފިޔާ - ދެމެހެއްޓެނިވި އިންވެސްޓްމެންޓަށް އިސްކަންދެނީ

މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު، މި އަހަރުގެ ސެޕްޓެމްބަރު ނިޔަލަށް ޕެންޝަން ފަންޑު 30.3 ބިލިއަން ރުފިޔާއަށް އެރީ ކަމަށް ހާމަކުރައްވައިފިއެވެ.

ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި ބޭއްވި އެ ފޯރަމްގައި ޔަޒްމީދު ވިދާޅުވީ ރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި 204،549 މީހުން ބައިވެރިވެފައިވާ ކަމަށެވެ. ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި އެ ފަންޑުން ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 16.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، ސަރުކާރުން ދޫކުރާ ޕެންޝަނަށް 158 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

Advertisement

ޕެންޝަން އޮފީހުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ކުރާ އިންވެސްޓްމެންޓްތައް ފުޅާކޮށް، ޕޯޓްފޯލިއޯ އެންމެ ފައިދާ ހުރި ގޮތަށް ތައްޔާރުކުރުން ކަމުގައި ޔަޒްމީދު ވިދާޅުވިއެވެ. އީއެސްޖީ (ތިމާވެށި، އިޖުތިމާއީ، އަދި ހިންގުން) ގެ މިންގަނޑުތަކަށް ފެތޭ މަޝްރޫއުތަކާއި ކްލައިމެޓް ފައިނޭންސިންގެ ފުރުސަތުތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

"މިއަދު އަހަރެމެން ނިންމާ ނިންމުންތަކުން ސީދާ ކަނޑައަޅާނީ ދުރު މުސްތަގްބަލުގައި އަހަރެމެންގެ މެމްބަރުންނާއި ޕެންޝަނަރުންގެ މާލީ ރައްކާތެރިކަން،" ޔަޒްމީދު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމާއި ކުދި ވިޔަފާރިތަކަށް ގެއްލުންވެ، އާމްދަނީ ދަށްވުމާ އެކު ޕެންޝަން ކޮންޓްރިބިއުޝަން މެދުކެނޑުމުގެ ފުރުސަތު އެބައޮތް ކަމުގައި ޔަޒްމީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން މެންބަރުންގެ ރިޓަޔަމަންޓް ރައްކާތެރިކަން ކަށަވަރުކުރުމަށް ގައުމުގެ އިގުތިސާދު ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ 2012 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުން ބާއްވަމުން އަންނަ ފޯރަމެކެވެ. މި އަހަރުގެ ފޯރަމް ހާއްސަކޮށްފައި ވަނީ ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި އަމަލީ ހައްލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް