ރަސްމާލެ އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް މާލޭގައި މުޒާހަރާކޮށްފި

14 Nov 2026 | 07:58
ރަސްމާލެ އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާ -- ދުވަސް ފޮޓޯ

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާ -- ދުވަސް ފޮޓޯ

ރަސްމާލެ މަޝްރޫޢު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެކުލަވައިލާފައިވާ "ޤައުމީ ހަރަކާތް" އިން "ދިވެހިންގެ ބިން ދިވެހިންނަށް" ގެ ނަމުގައި ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޮޑު އެއްވުމެއް ބާއްވައިފިއެވެ.

މި އެއްވުމުގައި އިދިކޮޅުގެ އެކި ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ހޯމް މިނިސްޓަރު ޢަބްދުﷲ އިމްރާނާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ހިމެނިވަޑައިގަންނަވައެވެ.

Advertisement

ފޮޓޯ: ދުވަސް
ފޮޓޯ: ދުވަސް

ޔާމީން ވިދާޅުވީ މިއީ ޕީއެންސީގެ މެންބަރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ފުލުހުންނާއި ސިފައިން ވެސް ބަސް ބުނަންޖެހިފައިވާ ވަގުތެއް ކަމަށެވެ. އީގަލް ހިލްސްއާ އެކު ޤާއިމުކޮށްފައިވާ އެއްބަސްވުމަކީ ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް ހެދިފައިވާ އެއްބަސްވުމެއް ނޫން ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ކޮންމެ ބަޔަކު ވެސް އެ އެއްބަސްވުން ބާޠިލުކޮށް، ބަދަލު ނުދީ ބިން އަނބުރާ ނަގާނެ ކަމަށް ވެސް ވިދާޅުވިއެވެ. 500 ހެކްޓަރުގެ އެ ބިމުގެ އަގު މިހާރުގެ ރޭޓުން 400-500 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރަސްމާލެ މަޝްރޫޢަށް ފުރުޞަތު ދީފި ނަމަ ރާއްޖޭގައި ސިޔާސީ ޕާޓީއެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ސިޔާސީ ކެމްޕެއިންތައް މަޑުޖައްސައިލައި ޕާޓީތަކުގެ ތަފާތުތައް އެއްފަރާތްކޮށް، މި މައްސަލައިގައި އެންމެން ގުޅިގެން ތެދުވަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވީ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ކަނޑައެޅިފައި އޮންނައިރު، ރަސްމާލެ ވިޔަސް އެހެން ރަށެއް ވިޔަސް ބޭރު ދީންތަކުގެ ފަރާތްތައް ރަށްވެހިންގެ ގޮތުގައި ވަޒަންވެރިކޮށްފި ނަމަ، އެ ބަޔަކު ދައުލަތުގެ ބަޔަކަށް ބަދަލުވާނެ ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން މިދިޔަ މަހު ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތައް އުޅެނީ ހަޤީޤަތް އެނގިތިބެ ސިޔާސީ ބޭނުމެއް ހާސިލުކުރުމަށް ކަމަށެވެ. މަޝްރޫޢުގެ ފުރިހަމަ ކޮންޓްރޯލް ދިވެހި ސަރުކާރު އަތުގައި އޮންނާނެ ކަމަށާއި ރަސްމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތް ލިބެންފަށާއިރު އެ ސަރަހައްދު އަވަހަށް ތަރައްޤީވާންޖެހޭ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ރިސޯޓު ހިންގުމަށް ވެސް 99 އަހަރަށް ރަށްރަށް ދޫކޮށްފައިވާ ކަމަށާއި އެ މުއްދަތު ހަމަވުމުން ދައުލަތަށް އެތަން ނެގުމުގެ ބާރު އޮންނަ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ ރަސްމާލޭގެ 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ހަމަޖައްސާފައިވަނީ ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢެއް ހިންގުމަށެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް 5,000 ހައުސިން ޔުނިޓް — ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ — ދައުލަތަށް ލިބޭނެއެވެ. މީގެ އިތުރުން މިދިޔަ ހަފުތާގައި މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ބިލުގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނެތް ފަރާތްތަކަށް ރަސްމާލޭގެ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުން ޕްރޮޕަޓީ ނުގަނެވޭ ގޮތަށް ވަނީ ހިމަނައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް