އެމެރިކާގެ ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް — 10,000 އަށް ވުރެ ގިނަ ފްލައިޓަށް އަސަރުކުރި

14 Nov 2026 | 11:46
އެމެރިކާގެ ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް — 10,000 އަށް ވުރެ ގިނަ ފްލައިޓަށް އަސަރުކުރި

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ހުކުރު ދުވަހު މުވާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި އެމެރިކާގެ ހުރިހާ ފްލައިޓެއް ބިމުގައި ބެހެއްޓުމަށް (ގްރައުންޑް ސްޓޮޕް) އަމުރުކޮށްފިއެވެ.

އެ އަމުރު ނެރުނީ އެމެރިކާ ގަޑީން ހަވީރު 3:54 (ޖީއެމްޓީ ގަޑީން 20:54) ގައެވެ. ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ބުނީ ރޭގަނޑު 8:15 (ޖީއެމްޓީ ގަޑީން 01:15) ގައި ވައިގެ ސަރަހައްދު އަލުން ހުޅުވި ކަމަށެވެ. ފްލައިޓްއެވެއާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 10,000 އަށް ވުރެ ގިނަ ފްލައިޓު ލަސްވެ، 4,000 އަށް ވުރެ ގިނަ ފްލައިޓު ކެންސަލްވެފައިވެއެވެ. ގާތްގަނޑަކަށް 1.5 މިލިއަން ފަސެންޖަރުންނަށް މި މައްސަލައިގެ އަސަރު ކޮށްފައިވާ ކަމަށް އޭޕީ ނިއުސް އެޖެންސީއިން ރިޕޯޓުކޮށްފައިވެއެވެ.

Advertisement

ޝޯން ޑަފީ ބުނީ ވައިގެ ދަތުރުފަތުރު ކޮންޓްރޯލް ކުރާ ރައުޓަރުތަކަށް މާ ގިނަ ޑޭޓާ ވަދެ، ރީޑިން ތަފާތުވާން ފެށުމުން ގްރައުންޑް ސްޓޮޕް ނެރުނީ ކަމަށެވެ. ޑަފީ ބުނީ މި މައްސަލައިގެ އަސްލަކީ އެ ގައުމުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު "ނުހަނު ބާވެފައި" އޮތުން ކަމަށެވެ. ޑަފީ ވަނީ ކޮންގްރެސްގައި އެ ގައުމުގެ ވައިގެ ދަތުރުފަތުރު ކޮންޓްރޯލް ނިޒާމު ޒަމާނީ ކުރުމަށް 50 ބިލިއަން ޑޮލަރުގެ ކުއްލި ފަންޑެއް ހޯދުމަށް އެދިފައެވެ.

މިއީ އެމެރިކާގެ ތާރީހުގައި މުޅި ގައުމުގެ ފެންވަރުގައި ވައިގެ ދަތުރުފަތުރު ހުއްޓައިލި ތިންވަނަ ފަހަރެވެ. ކުރީގެ ދެ ފަހަރަކީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގެ ހަމަލާތަކާ ގުޅިގެންނާއި 2023 ވަނަ އަހަރު އެފްއޭއޭގެ ނޮޓިސް ޓު އެއާ މިޝަންސް ނިޒާމު ފެއިލްވެގެން ހުއްޓައިލި ފަހަރެވެ.

މި ހާދިސާއާ ގުޅިގެން ބޮޑު ސުވާލެއް ވަނީ ފެންމަތިވެފައެވެ — އެފްއޭއޭ އިން ނޮވެމްބަރު 10 ގައި އޭއައި ބޭނުންކުރާ "ސްމާޓް" ނަމަކަށް ކިޔާ ވައިގެ ދަތުރުފަތުރު ބެލެހެއްޓުމުގެ ޓޫލެއް މުޅި ގައުމުގެ 22 ކޮންޓްރޯލް ސެންޓަރަށް ފުޅާކޮށްފައިވަނީ ގްރައުންޑް ސްޓޮޕްގެ ތިން ދުވަސް ކުރިންނެވެ. އެ ނިޒާމު ބިނާކުރީ ބޮސްޓަންގެ އެއާ ސްޕޭސް އިންޓެލިޖެންސް (އޭއެސްއައި) ކުންފުނިން، 12 އަހަރުގެ 875 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ނަމަވެސް ޑަފީ ބުނީ ސްމާޓް ނިޒާމު ކޮންޓްރޯލަރުން ފްލައިޓު ޓްރެކް ކުރަން ބޭނުންކުރާ މައި ނިޒާމާ ގުޅިފައި ނެތް ކަމަށެވެ. އޭއެސްއައި ކުންފުނިންވެސް ވަނީ އެ ގްރައުންޑް ސްޓޮޕާ ސްމާޓް ނިޒާމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.

ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މަލިން ބުނީ މި ހާދިސާ އެމެރިކާއަށް ކުރިމަތިވި ނުރައްކަލަކާ ގުޅުން ނެތް ކަމަށާއި، މައިކްރޮސޮފްޓަށް އެ ދުވަހު ދިމާވި އައުޓޭޖާވެސް ގުޅުމެއް ނެތް ކަމަށެވެ. ސީއެންބީސީ ރިޕޯޓުކޮށްފައިވާ ގޮތުގައި ފްލައިޓު ލަސްވުމާއި ކެންސަލްވުމުގެ އަސަރު ހަފުތާ ބަންދާ ހަމައަށް ނުވަތަ އެއަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް