ދެކުނު އެފްރިކާއަށް ކަނޑައެޅި ސަފީރު ފަތްކޮޅު އަރުވައިފި

ދެކުނު އެފްރިކާއަށް ނޮން-ރެސިޑެންޓް ހައި ކޮމިޝަނަރެއްގެ ގޮތުގައި އައްޔަންކުރެއްވި ޑރ. ހަލާ ހަމީދު، އެ ގައުމުގެ ރައީސް ރަމަފޯސާއަށް މިއަދު ފަތްކޮޅު އަރުވައިފިއެވެ.

14 Nov 2026 | 12:00
ދެކުނު އެފްރިކާއަށް ކަނޑައެޅި ސަފީރު ފަތްކޮޅު އަރުވައިފި

ދެކުނު އެފްރިކާއަށް ދިވެހިރާއްޖެއިން ނޮން-ރެސިޑެންޓް ހައި ކޮމިޝަނަރެއްގެ ގޮތުގައި އައްޔަންކުރެއްވި ޑރ. ހަލާ ހަމީދު، އެ ގައުމުގެ ރައީސް މަޓަމެލާ ސީރިލް ރަމަފޯސާއަށް މިއަދު ފަތްކޮޅު އަރުވައިފިއެވެ.

ޕްރިޓޯރިއާގެ ސެފަކޯ މަކްގަތޯ ޕްރެޒިޑެންޝަލް ގެސްޓް ހައުސްގައި ބޭއްވި މި ރަސްމިއްޔާތުގައި ޑރ. ހަލާ ހަމީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައީސް ރަމަފޯސާއަށް ހެޔޮއެދުމާއި ސަލާމް ރައްދުކުރައްވައިފައެވެ. އެ ގޮތުން ރައީސް ރަމަފޯސާގެ ދުޅަހެޔޮކަމަށާއި ދެކުނު އެފްރިކާގެ ރައްޔިތުންގެ ފާގަތިކަމަށް ޑރ. ހަލާ އެދިވަޑައިގެންނެވިއެވެ.

Advertisement

ހައި ކޮމިޝަނަރު ޑރ. ހަލާ ހަމީދު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން ސާބިތުކަމާ އެކު މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އޭގެ އިތުރުން، ދެ ފަރާތުން ޝައުގުވެރިވާ ދާއިރާތަކުން ގުޅިގެން މަސައްކަތް ފުޅާކުރެއްވުމަށް ދެކުނު އެފްރިކާ ސަރުކާރާ ގާތުން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑރ. ހަލާ ހަމީދުގެ އަރިހުގައި ހާރިޖީ ވުޒާރާގެ އެސިސްޓެންޓް ޑައިރެކްޓަރު މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ. ހަލާ ހަމީދު މި މަގާމު އަދާކުރައްވާނީ މާލޭގައި ދިރިއުޅުއްވައިގެން ނޮން-ރެސިޑެންޓް ހައި ކޮމިޝަނަރެއްގެ ގޮތުގައި ކަމަށް ވާއިރު، މި އައްޔަންކުރެއްވުމަކީ އެފްރިކާ ބައްރުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ތަމްސީލު ވަރުގަދަކުރުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް