ހޮލީވުޑް ތަރި ލިއަނާޑޯ ޑިކެޕްރިއޯ 2005 ވަނަ އަހަރު ބެލީޒުން ގަތް ޕްރައިވެޓް އައިލެންޑޫގައި ތަރައްގީ ކުރާ ތިމާވެއްޓާ ރައްޓެހި ލަގްޒަރީ ރިސޯޓުގެ މަސައްކަތް ނިންމައި ހުޅުވޭނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އޭނާ އެ މަޝްރޫއު ފެށުމަށް ފަހު ބުނެފައިވަނީ 2018 ވަނަ އަހަރު އެ ރަށް ހުޅުވައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ފަށާނެ ކަމަށެވެ. ފަހުން 2020 ވަނަ އަހަރު ހުޅުވަން މަސައްކަތް ކުރި ކަމަށްވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ރަށުގެ މަސައްކަތް އޮތީ ހުއްޓިފައި އެވެ. މައިގަނޑު ސަބަބަކީ ޑިޒައިންގެ މައްސަލަތަކާއި ތިމާވެއްޓައި ރައްޓެހި ގޮތަށް އިމާރާތް ކުރުމުގައި ހުރި ހަރުގަށި ގަވައިދުތައް ކަމަށްވެ އެވެ.
ލިއަނާޑޯގެ ވިސްނުމަކީ އާދައިގެ ލަގްޒަރީ ރިސޯޓެއް ހެދުމެއް ނޫނެވެ. ވިލާތަކާއި ޗުއްޓީ ވަސީލަތްތައް ބިނާކުރުމުގެ ބަދަލުގައި، ރަށުގެ ހަލާކުވެފައިވާ ތިމާވެށި އިޢާދަކޮށް، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއް ބިނާކުރުމެވެ.

ބްލެކެޑޯ ކޭ ނަމަކަށް ކިޔާ 104 އޭކަރުގެ އެ ރަށުގެ މަސައްކަތް މިހާރު އޮތް ހިސާބެއް ނޭނގޭ ކަމަށްވެ އެވެ. މި ރަށް އޮންނަނީ ކެރީބިއަން ކަނޑުގައި، ބެލީޒް ބެރިއާ ރީފް ކައިރީގައި، އެމްބާގްރިސް ކޭ ގެ ހުޅަނގުގައެވެ.
ލިއަނާޑޯ އެ ރަށް ގަތީ 1.75 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ އެ ރަށް ގަތް އިރު އެއީ ބޮޑުބައި ފަޅު ރަށެކެވެ.
ލިއަނާޑޯއަށް އެ ރަށް ފެނުނީ 2004 ވަނަ އަހަރު ބެލީޒަށް ދިޔަ ޗުއްޓީ ދަތުރެއްގައި އެވެ. އެ ދަތުރުގައި އޭނާ ހުރީ ހޮޓެލް ވިޔަފާރިވެރިޔާ ޖެފް ގްރެމްގެ ކޭޔޯ އެސްޕާންޓޯ ނަމަކަށް ކިޔާ އެންމެ މަތީ ފެންވަރުގެ ރިސޯޓެއްގައެވެ.
ބެލީޒް ބެރިއާ ރީފް ފަދަ ދުނިޔޭގެ ފެންވަރުގެ ކަނޑުގެ ދިރުންތަކާއި، ސާފު ކެރީބިއަން ކަނޑާއި، ޤަދީމީ މާޔާ ތަރިކައިގެ ޝައުގުވެރިކަން ބެލީޒަށް ފަތުރުވެރިން ދަމައިގަތް ނަމަވެސް، ލިއަނާޑޯގެ ލޮލުގައި އެ ދަތުރުގައި އަޅައިގަތީ ބްލެކެޑޯ ކޭ އެވެ. ނަމަވެސް އެ ރިސޯޓު ހުޅުވާނެ ދުވަހެއް އަދި ސާފެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް