ޣައްޒާގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު ރައްޔިތުން ދިރިއުޅޭ އެތައް ހާސް ފޭލިގެއެއް ފެނުބޮޑުވުމާ ގުޅިގެން ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް ހަލުވިކަމާ އެކު ފެތުރެމުންދާ ކަމަށާއި ކުރިއަށް އޮތީ އެއަށް ވުރެ ވެސް ނުރައްކާތެރި ދުވަސްތަކެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު ބުނެފިއެވެ.
ފާއިތުވި އަހަރުގެ މި ދުވަސްވަރާ އަޅައިބަލާ އިރު، ނޭވާލާ ނިޒާމުގެ އިންފެކްޝަންތައް 33,000 ކޭސް އިތުރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައިވެއެވެ. އެ ޖަމިއްޔާ އިން ފާހަގަކުރި ގޮތުގައި، ގައްޒާގެ ރައްޔިތުން ދުވަހެއް ދުވަހަކަށް ބޯޑަރު ހަނިވަމުންދާ ސަރަހައްދެއްގެ ތެރެއަށް ތޮއްޖެހެމުންދާތީ ދިރިއުޅުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އިސްތިއުމާރީ އިޒްރޭލުގެ ސިފައިން، އެމެރިކާ މެދުވެރިވެ އޮކްޓޫބަރުގައި ގާއިމުކުރި ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅި "ޔެލޯ ލައިން" ދުވަހެއް ދުވަހަކަށް ހަނިކުރަމުންދާތީ ތޮއްޖެހުން ވަނީ އިތުރަށް ގޯސްވެފައެވެ.
ފަލަސްތީނުގެ ސަރަހައްދުތަކަށް ކަނޑައަޅުއްވާފައިވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. ރައިންހިލްޑެ ވެން ޑެ ވެއާޑް ބުނީ "ރައްޔިތުން ދިރިއުޅެމުން ދަނީ ކުރިޔަށް ވުރެ ތޮއްޖެހިފައިވާ ހާލަތެއްގައި ކަމަށާއި، އެފަދަ ހާލަތެއްގައި ވައިރަސް މީހުންގެ މެދުގައި ފެތުރުމުގެ ފުރުސަތު މާ ބޮޑު" ކަމަށެވެ. މިހާރު ވެސް ހުރިހާ ޑޮކްޓަރީ ކޮންސަލްޓޭޝަނެއްގެ 11 އިންސައްތައަކީ ނޭވާލާ ނިޒާމުގެ އިންފެކްޝަންތައް ކަމަށާއި، ފިނިމޫސުމާއި ފެންބޮޑުވުމާއި ވައި ދައުރުނުވުމުގެ ސަބަބުން މި އަދަދު އިތުރުވާނެ ކަމަށް އެ ޖަމިއްޔާ އިން ލަފާކޮށްފައިވެއެވެ.
ޑރ. ވެން ޑެ ވެއާޑް ބުނީ ހަމައެކަނި މަދު ދުވަސްކޮޅެއްގެ ވާރޭ ވެހުމުން ކުރިއަށް އޮތް މަސްތަކުގައި ދެން ވާނެ ގޮތް ހާމަވެއްޖެ ކަމަށާއި، ފިނިމޫސުން އަދި ރަނގަޅަށް ނުވެސް ފެށޭ ކަމަށެވެ. އެންމެ ނުރައްކާ ދުވަސްތައް އަދި އޮތީ ކުރިއަށް ކަމަށް އޭނާ ބުންޏެވެ.
ގައްޒާގައި ގެދޮރު ގެއްލިފައިވާ މީހުންގެ ތެރެއިން މިލިއަނެއްހާ ރައްޔިތުން ފެންބޮޑުވުމުގެ ނުރައްކާ އޮތް ސަރަހައްދުތަކުގައި ދިރިއުޅޭ ކަމަށާއި، އޭގެ ތެރެއިން 400,000 މީހުން އުޅެނީ ނުރައްކާ އެންމެ ބޮޑު ތަންތަނުގައި ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ. ފެންބޮޑުވުމުގެ ސަބަބުން ބޯފެން ތަގައްޔަރުވުމާއި، ހެދޭ ފެންގަނޑުތަކުގެ ސަބަބުން މަދިރިއާއި ފެތުރޭ ސޫފާސޫތްޕަށް ވެސް ފަހި މާހައުލެއް ލިބިދޭ ކަމަށް އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެއެވެ. ހާއްސަކޮށް ކުޑަކުދިންނަށް ނޭވާލުމުގެ ބަލިތައް ޖައްސާ ބެކްޓީރިއާ އާލާވާން ތެތްކަމުގެ ސަބަބުން މަގުފަހިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ޣައްޒާއަށް ބޭސް ވައްދަމުން ދިޔަ ނަމަވެސް، ލެބޯޓަރީ ސާމާނު ވެއްދުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދެވޭނީ ފުރަތަމަ ބަލި ދެނެގަނެވިގެން ކަމަށް ވާއިރު، މި ސާމާނަކީ ކޮންމެހެން ބޭނުންވާ ތަކެތި ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ. ބަލިމަޑުކަމެއް ހުއްޓުވެން އޮތީ ވީ އެންމެ އަވަހަކަށް ލެބޯޓަރީ ތަކެތި ޣައްޒާ އަށް ވެއްދުމުގެ ހުއްދަ ދީގެން ކަމަށް ޑރ. ވެން ޑެ ވެއާޑް ވިދާޅުވިއެވެ.
މީގެ ކުރިން އިޒްރޭލުގެ ސިފައިންނާ ގުޅިގެން މަސައްކަތްކުރާ ކޮގެޓް އިން ބުނެފައި ވަނީ ވިއްސާރައިގެ ކުރިން ސިއްހީ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ ޖަމާއަތްތަކާ ގުޅިގެން ވަރުގަދަކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް