ކެންސަރު ބޭހެއް ބޭނުންކޮށްގެން ފުރާވަރު ކުދިން އިސްކޮޅު ދިގުކުރަން ނުރައްކާތެރި ތަޖުރިބާއެއް ކުރަމުންދާ ކަމަށް ތަޖުތިބާކާރުން ވަނީ ބުނެފައި --
ސޯޝަލް މީޑިއާގައި "ހައިޓްމެކްސިން" ގެ ނަމުގައި ފެތުރެމުންދާ ޓްރެންޑެއްގައި ޖެހި، ބައެއް ފުރާވަރު ކުދިން ބޮޑެތި މީހުންގެ މެސާނާ ކެންސަރަށް ދޭ ބޭހެއް ކަމަށްވާ އާޑަފިޓިނިބް ބޭނުންކޮށްގެން އިސްކޮޅު ދިގުކުރަން ނުރައްކާތެރި ތަޖުރިބާތައް ކުރަމުންދާ ކަމުގެ ރިޕޯޓުތައް ފެންމަތިވެއްޖެއެވެ.
"ހައިޓްމެކްސިން" އަކީ ބޭރު ސިފައިގެ ކަންކަން ރަނގަޅުކުރުމަށް ޒުވާނުން ބޭނުންކުރާ "ލުކްސްމެކްސިން" ޓްރެންޑުގެ ބައެއް ކަމަށްވެ އެވެ. މޫނާއި ހަށިގަނޑު ރީތިކުރާ ކަންކަމުގެ އިތުރުން، ބައެއް ކުދިން ހާއްސަ ސަމާލުކަމެއް ދެނީ އިސްކޮޅަށެވެ.
ރޯލިން ސްޓޯން ގެ ރިޕޯޓެއްގައިވާ ގޮތުން، ފުރާވަރު ކުދިން "އާޑާ" ގެ ނަމުގައި މި ބޭސް ކާ މިންވަރާއި އިސްކޮޅަށް އައި ބަދަލުތަކާއި ސައިޑް އިފެކްޓުތައް ސޯޝަލް މީޑިއާގައި ޝެއާކުރަމުން ގެންދެއެވެ. ފިރިހެނުންގެ އިސްކޮޅާއި ސިފައާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން، އެ ކުދިންނަށް އެ ކުދީންގެ ހަށިގަނޑާ މެދު ނާމާންކަމެއް އިހުސާސްވެއެވެ.
ބެލްވާސާ ގެ ބްރޭންޑް ނަމުގައި ވިއްކާ އާޑަފިޓިނިބް އަކީ 2019 ވަނަ އަހަރު ބޮޑެތި މީހުންގެ ބައެއް ބާވަތުގެ މެސާނާ ކެންސަރަށް ފާސްކުރި ބޭހެކެވެ. މި ބޭސް މަސައްކަތްކުރަނީ ސެލް ބޮޑުވުމުގައި ދައުރެއް އަދާކުރާ ފައިބްރޯބްލާސްޓް ގްރޯތް ފެކްޓާ ރިސެޕްޓާ (އެފްޖީއެފްއާރު) ކިޔާ ޕްރޮޓީންތައް ހުއްޓުވައިގެންނެވެ.
ސީރިއަސް ސިކުނޑީގެ ޓިއުމަރަށް މި ބޭސް ދިން ކުޑަކުއްޖެއްގެ ކަށިގަނޑަށް އާދައާ ޚިލާފު ބަދަލުތައް އައި ކަމަށް 2024 ވަނަ އަހަރު މެޑިކަލް ޖާނަލެއްގައި ޝާއިޢުކުރި ދިރާސާއެއްގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ ހޯދުމަކީ މި ބޭސް އިސްކޮޅު ދިގުކުރުމަށް ރައްކާތެރި ނުވަތަ ކާމިޔާބު ފަރުވާއެއް ކަމެއް ސާބިތުކޮށްދޭ ހެއްކެއް ނޫނެވެ.
އިންޑިއާގެ ބެންގަލޫރޫގައި ހުންނަ އެސްޓާ ސީއެމްއައި ހޮސްޕިޓަލުގެ ނިއޮނޭޓޮލޮޖީ އެންޑް ޕީޑިއެޓްރިކްސް ލީޑް ސީނިއާ ކޮންސަލްޓެންޓް ޑރ. ޕަރީމާލާ ވީ ތިރުމަލެޝް ވަނީ މި އާދައާ މެދު އިންޒާރު ދެއްވައިފައެވެ. "އާޑަފިޓިނިބް އަކީ ބައެއް ބާވަތުގެ މެސާނާ ކެންސަރަށް ފާސްކޮށް، ޑޮކްޓަރެއްގެ ލިޔުމެއް ނެތި ނުލިބޭ ގޮތަށް ހުންނަ ބޭހެކެވެ. އިސްކޮޅު ދިގުކުރާ ފަރުވާއެއްގެ ގޮތުގައި އެ ބޭސް ފާސްކޮށްފައެއް ނެތެވެ، އެ ބޭހުގެ ކްލިނިކަލް ޓެސްޓެއް ވެސް ކޮށްފައެއް ނެތެވެ."
ޑރ. ތިރުމަލެޝް ފާހަގަކުރެއްވި ގޮތުގައި ލޮލުގެ ރެޓީނާ މައްސަލަތަކާއި ފާރުތައް ހެދުން ފަދަ ސީރިއަސް ނުރައްކާތައް އެ ބޭހުގެ ސަބަބުން ކުރިމަތިވެދާނެއެވެ. ޑޮކްޓަރެއްގެ ބެލުމެއް ނެތި ފުރާވަރު ކުދިން މި ބޭސް ބޭނުންކުރާ ނަމަ، އެ ނުރައްކާ ވަކިން ބޮޑެވެ.
އިސްކޮޅު ބިނާވަނީ ބޮޑު ބައެއް ޖީންތަކުގެ މައްޗަށެވެ. ކެއިންބުއިމާއި ހޯމޯނާއި ޢާންމު ސިއްހަތާއި ބާލިޣުވާ ދުވަސްވަރު ވެސް ރޯލެއް އަދާކުރެއެވެ. ޑރ. ތިރުމަލެޝް ބުނެފައިވާ ގޮތުގައި ދިގު ކަށިތަކުގެ ކޮޅުގައި ހުންނަ ގްރޯތް ޕްލޭޓް ބެދުމުން ބޭހާ ނުލައި އިސްކޮޅު ދިގެއް ނުވާނެއެވެ. އެ ގްރޯތް ޕްލޭޓު ބެދެނީ ބާލިޣުވާ ދުވަސްވަރު ނިމެން ކައިރިވާއިރުއެވެ. ކްލާހުގެ ކުދިންނަށް ވުރެ ކުރުވުމަކީ ބައްޔެއް ހުރި ކަމުގެ ނިޝާނެއް ނޫން ނަމަވެސް، އެކަށީގެންވާ ބާރުމިނުގައި ބޮޑު ނުވާ ކުދިން ކުޑަކުދިންގެ އެންޑޮކްރައިނޮލޮޖިސްޓަކަށް ދެއްކުން ރަނގަޅެވެ.
"ހައިޓްމެކްސިން" ގެ ފުރަގަހުގައި އޮތް ބޮޑު ކަންބޮޑުވުމަކީ، ސިފައާ ގުޅޭ ނުތަނަވަސްކަން ކިހާ ހަލުވިކަމާ އެކު ނުރައްކާތެރި ބޭސްފަރުވާގެ ތަޖުރިބާތަކަށް ބަދަލުވެދާ ކަމެވެ. ލޮލުގެ ފެނުމާއި ކަށީގެ ހެދި ބޮޑުވުމާއި ދިގު ރާސްތާގެ ސިއްހަތު ގުރުބާންކުރުމަކީ އިސްކޮޅު ދިގުކޮށްލުން ހައްގުކުރާ ކަމެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް