ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ތިރީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ނިދަން މަސައްކަތް ކުރިޔަސް ދެން ނިދޭނެހެން ހީނުވާތީ، އަނެއްކާވެސް އެއީ އަޒާންއަށް ހީވި ހީވުމެއްކަމުގައި ޤަބޫލުކޮށް ކޮޕީއެއް ބޯލުމަށްޓަކައި އަޒާން ކޮޓަރިން ނިކުމެގެން ހިނގައިގަތ...

14 Nov 2023 | 04:01

ކުރީގެ އަދަދާއި ގުޅޭ...

ނިދަން މަސައްކަތް ކުރިޔަސް ދެން ނިދޭނެހެން ހީނުވާތީ، އަނެއްކާވެސް އެއީ އަޒާންއަށް ހީވި ހީވުމެއްކަމުގައި ޤަބޫލުކޮށް ކޮޕީއެއް ބޯލުމަށްޓަކައި އަޒާން ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ. އަނދިރިކަން ވެރިވެފައިވާ ހިސާބުތަކުގައި ނިދިން މަޙްރޫމު ވެފައިވާ އަޒާން ފަދަ އެތައް ބަޔަކު އުޅޭނެއެވެ. ތިރިއަށްގޮސް ކަބަޑުން ޖޯޑެއް ނަގައިގެން ކޮފީފުޅިން ކޮފީ ކޮޅެއް ޖޯޑަށް އަޅާލުމަށްފަހު ތަރުމޯޒުން ހޫނުފެންފޮދެއް ޖޯޑަށް އަޅައިގެން އިރުކޮޅަކު ކޮފީ ގިރާލުމަށް މަޑުކޮށްލުމަށްފަހު ކޮފީތަށި ހިފައިގެން އައިސް އަޒާން ސޯފާގައި އިށީނެވެ. އެވަގުތު މީހެއްގެ ފިޔަވަޅުގެ އަޑުއިވިގެން އަޒާން ބަލާލިއެވެ. އޭރު ސިޑިން ފައިބައިގެން އަންނަނީ ޒާހިރާއެވެ.

"ދަރިފުޅު މާ ފަތިހަކާ ހޭލައިގެން ތިއުޅެނީ ކީއްވެ......؟" އަޒާން ސޯފާގައި އިންތަން ފެނުމުން ޒާހިރާ ސުވާލުކޮށްލިއެވެ.

"ހޭލެވުނީމަ ކޮފީއެއް ބޯލަން މިނިކުތީ...." މަންމަގެ ސުވާލަށް ޖަވާބު ދެމުން އަޒާން ބުނެލިއެވެ.

"މަންމަވެސް ހޭލައިގެން ފެންފޮދެއް ބޯލަން ބަލާލިއިރު ކޮޓަރީގައިހުރި ފެންފުޅި ހުސްވެފައި ހުރީމަ ފެންފޮދެއް ބޯލަން މި ނިކުތީ...." އަތުގައިހުރި ހުސްފުޅި މޭޒުމަތީގައި ބަހައްޓާފައި ސޯފާއާއި ދިމާއަށް އަންނަމުން ޒާހިރާ ބުނެލިއެވެ.

"އަޅުގަނޑުވެސް ބިރުވެރި ފިލްމެއް ބެލީމަ ރަނގަޅަށް ނިދާނުލެވިގެން މިއުޅެނީ.... " ކޮފީތަށި ތުބުން ނައްޓާލަމުން އަޒާން ބުނެލިއެވެ.

"ދަރިފުޅާ.... ހުމޭދާއާ ދޭތެރޭ ވިސްނާލިންތަ....؟ އެއީ ވަރަށް ރަނގަޅު ކުއްޖެއް.... ހަސީނާގެ ދެމަފިރިން ހުމޭދާ ބޮޑުކޮށްފައި އެހެރީ ވަރަށް ފުރިހަމަ ތަރުބިއްޔަތެއް ދީގެން.... އެކަހަލަ ރަނގަޅު ޅީދަރިއަކު މަންމައަށްވެސް ލިބޭނެ ނަމައޭ މަންމަ ހިތަށްއަރާ.... މިދުވަސްކޮޅު ހުމޭދާއާއި ގުޅުން ބަދަހި ކުރެވޭތޯ މަސައްކަތްކޮށްބަލަ.... މާދަން ނޫން އަނެއްދުވަހަކީ ހުމޭދާގެ އުފަންދުވަސްކަން ދަރިފުޅަށް އިނގޭތަ....؟ ހުމޭދާ އުފާވާކަހަލަ ކޮންމެވެސް ކަމެއް ރާވަބަލަ...." އަޒާންގެ ބުރަކަށީގައި ފިރުމާލަމުން ޒާހިރާ ބުނެލިއެވެ.

"މަންމާ....." އަޒާން ހަސީނާއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.

"ކިހިނެތްވީ.... ދަރިފުޅު އަނެއްކާ މާލޭގައި ހުރެގެން އެކަހަލަ ކަމެއް ކުރަނީތަ....؟" ސަމާސާ ރާގަކަށް ހަސީނާ ބުނެލިއެވެ.

"ނޫނޭ.... އަދި އެކަހަލަ ކަމަކާ ނުވިސްނަމޭ.... ރަނގަޅު ކުއްޖަކު ފެނުނީމަ ތިކަމާއުޅޭނަމޭ.... ހޯދަންވާނީ ގޭގެ މަސައްކަތްތަކުގައި މަންމަ އަށް އެހީތެރިވެދޭކަހަލަ ގެވެހި ކުއްޖެއްނު...." އަޒާންވެސް ހަސީނާއާއި ދިމާއަށް ބަލާލަމުން ސަމާސާ ރާގަކަށް ބުނެލިއެވެ.

"މަންމަ މިބުނަނީ މިގޭގައި މަސައްކަތްކުރަން މީހަކު ހޯދާވާހަކައެއްނޫނޭ..... މަންމަ ނޫޅެމޭ މަސައްކަތް ނުކުރެވިގެނެއް.... ޢާއިޝާ ކޮއްކޮވެސް އެހެރީނު.... މަންމަ ބޭނުންވަނީ މިގެއަށާއި ދަރިފުޅަށާއި މަންމަމެންނަށް އުފާވެރިކަން ގެނެސްދޭނެ ކުއްޖެއް.... ދަރިފުޅު ހުމޭދާއާއި މެދު ވިސްނާލިންތަ.... އެއީ މަންމަ މިބުނާ ކަހަލަ ކުއްޖެކޭ...." ހަސީނާ އަޒާން އާއި ދިމާއަށް ބަލަންއިނެދެ ބުނެލިއެވެ.

ކުއްލިއަކަށް ވައި ބާރުވެއްޖެއެވެ. ކުޑަދޮރުގައި އަޅުވާފައިވާ ތަންޑު ނެއްޓި ދޮރުވަޔާ ތެޅެންފެށިއެވެ. ކުޑަދޮރު ތެޅޭއަޑަށް އަޒާނާއި، ހަސީނާއަށް އެއްފަހަރާއި އެދިމާއަށް ބަލާލެވުނެވެ.

"އަނެއްކާ ވިއްސާރަ އަންނަނީ ކަންނޭގެ.... މިކޮޅަށް އައިފަހުން މި ވިއްސާރަ އަލިކުރާކަށް ނޫޅޭ.... ދަރިފުޅު ދޭބަލަ ކުޑަދޮރު ލައްޕާލާފައި ތަންޑު އަޅުވާލަން...." ހަސީނާ ތެދުވެގެން ހިނގައިގަންނަމުން ބުނެލިއެވެ.

ކޮފީތަށި ބެހެއްޓުމަށްފަހު އަޒާން ހިނގައިގަތީ ކުޑަދޮރާއި ދިމާއަށެވެ. ކުޑަދޮރު ކައިރިއަށް ހުއްޓި ދޮރުފަތް ލައްޕާލުމަށް ދޮރުފަތުގާ ހިފާލިވަގުތު އަޒާންއަށް އަނެއްކާވެސް ފެނުނީ ކުރިންވެސް ގަސްތަކުގެ ތެރެއިން ފެނުނުމީހާ ގަސްތަކުގެ ތެރޭގައި ހުއްޓައެވެ. އަޒާން އަވަސް އަވަހަށް ދޮރު ލައްޕާލުމަށްފަހު އައިސް ސޯފާގައި އިށީނެވެ. މިއީ ހަމަ ހީވާ ހީވުމެއް ހެއްޔެވެ. އެހެންރޭރޭވެސް އަޒާން ބިރުވެރި ފިލްމުތައް ބަލައެވެ. އަދި ގޫގަލް ސާޗް ކޮށްގެން ބްލެކް މެޖިކާބެހޭ މަޢުލޫމާތުތައް ވެސް ބަލައެވެ. އެހެން ނަމަވެސް މިރޭ މިވަނީ ކިހިނެތް ހެއްޔެވެ. މިރޭ މިދިމާވީ ކަންކަމާމެދު ވިސްނާލަން އިންދާ އާ ދުވަހަކަށް އިރު އަރައިފިއެވެ.

"މާރީތި ވެލައިގެން ތި ނުކުތީ އަނެއްކާ ތަނަކަށް ދާންތަ....؟" އެހެން ދުވަސް ދުވަހާ ޚިލާފަށް ހުމޭދާ ރީތިވެލައިގެން ތިރިއަށް ފޭބުމާއެކު ހަސީނާ އަހާލިއެވެ.

"މަންމަމެން ހޮސްޕިޓަލަށްދާއިރު ޢާއިޝާ ކައިރިއަށް ގޮސްލަން ކަމަށް މިއައީ.... ކޮން އިރަކުންދަނީ...." ހުމޭދާ ސައިތައްޓެއް ހަދަމުން ހަސީނާ އާއި ސުވާލުކޮށްލިއެވެ.

"މިއަދު މެންދުރުފަހު ދާންކަމަށް މަންމަ މިހިރީ.... މިގަޑީގައި ހޮސްޕިޓަލަށް އެދަނީ އަޒާން.... " އަޒާން އާއި ދިމާއަށް ބަލާލަމުން ހަސީނާ ބުންޏެވެ.

"ހިނގާ... އަޒާންއާއެކު ދާން....." ހުމޭދާއާއި ދިމާއަށް ބަލާލަމުން އަޒާން ބުނެލިއެވެ.

ހުމޭދާ ޖަވާބެއްނުދީ ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ.

"ޖަވާބެއް ދޭން ހާދަބޮޑަކަށް ތިޔަ ވިސްނަނީ.... ހުމޭއަތުން ލާރިއެއް ނާތުލާނަމޭ.... ޓެކްސީއަށް ފައިސާ ދައްކާނީ އަޒާންއޭ...." މަޖާ ރާގަކަށް އަޒާން ބުނެލިއެވެ.

"އެހެންވެއެއް ނޫނޭ..... މަންމަމެން ދާއިރު މެންދުރުފަހުން ދެން ދާނީ....." އަޒާންއާއެކު އެކަނި ދާން ބޭނުންވާތީ ހުމޭދާ ހަސީނާއާއި ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

ހުމޭދާގެ އުފަންދުވަހަށް ކޮންމެވެސް ހަދިޔާއެއް ދިނުމަށް އަޒާން ވިސްނާލުމަށްފަހު ނިކުތީ ބޭރަށެވެ. އޮޓޯއެއް ހޯދައިގެން މާ ވިއްކާ ފިހާރައަކަށްގޮސް ބޮޑު މާބޮނޑިއެއް ތައްޔާރު ކުރިއެވެ. ހުމޭދާއަށް އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ދިނުމަށެވެ. އަޒާން ތައްޔަރުކުރީ އާދަޔާ ޚިލާފަށް ބޮޑު މާބޮނޑިއެކެވެ. މުޅިން ވެސް ހުރީ ރަތްކުލައިގެ ފިނިފެންމަލެވެ. މާބޮނޑިއާ އެކުގައި ދޭނެ ކާޑެއްވެސް ހޯދިއެވެ. ކާޑުގައި ލިޔެލާފައިވަނީ އުފަންދުވަހުގެ ތަހުނިޔާ މެސެޖެކެވެ. އިތުރު އެއްވެސް އެއްޗެއް ލިޔެފައެއް ނެތެވެ.

ހުމޭދާ ކޮޓަރީގައި އޮއްވާ ހޭލެވުނީ މީހަކު ތުމުން ފުމެލި ކަހަލަ އަޑެއް އިވިގެންނެވެ. ހުމޭދާ ގަޑިއަށް ބަލާލިއެވެ. އޭރު 11 ޖެހީއެވެ. އަނެއްކާވެސް ހަމަ އެ އަޑު ތަކުރާރު ވެއްޖެއެވެ. ތެދުވެގެންގޮސް ކުޑަދޮރުގެ ފޮތިގަނޑު ހިއްލާލުމަށްފަހު ހުމޭދާ ބޭރު ބަލާލިއެވެ. އެވަގުތު ގޯތިތެރޭގައި ނާޝިދު ހުއްޓާ ހުމޭދާއަށް ފެނުނެވެ. ހުމޭދާ ބަލާލުމާއެކު ނާޝިދު އަތުން ހަނާ އަޅާލިއެވެ. ހުމޭދާ އަވަސް އަވަހަށް ނިދާހެދުން ބަދަލުކޮށްލައިގެން ބޭރަށް ނުކުތެވެ.

"ކިހިނެތް މިގަޑީގައި އެތެރެއަށް ތިވަނީ....؟" ނާޝިދު ކައިރިއަށް ގޮސް ހުއްޓެމުން ހުމޭދާ ސުވާލުކޮށްލިއެވެ.

"ދޮރާށި ހުޅުވާފައެއްނު އެހެރީ.... ނާޝިދު އަންނާނެ ކަމަށްތަ ދޮރާށި ހުޅުވާފައި ތި ބެހެއްޓީ......" ހުމޭދާގެ ދަތްދޮޅީގައި ކޮއްޓާލަމުން ނާޝިދު ބުނެލިއެވެ.

"ހުޅުވާފަތަ ހުރީ....؟ ހަނދާން ނެތިގެން ކަންނޭގެ ލޮކް ނުކޮށް އެހެރީ...." ހުމޭދާ ދޮރާދިމާއަށް ބަލާލަމުން ބުނެލިއެވެ.

"ދޮރު ތަޅުލާފައި ހުރިއްޔާ ފާރުމަތިން ފުއްމާލައިގެން ވިޔަސް ނާޝިދު ހުމޭ ކައިރިއަށް އަންނާނަމޭ.... ނާޝިދު ވަރަށް ބާރުގަދަވާނެ އިނގޭ...." ސަމާސާ ރާގަކަށް ނާޝިދު ބުނެލިއެވެ.

"ފޮނިގަނޑު..... ނާޝިދުގެ ކޮލުގައި ހިފާލަމުން ހުމޭދާ ބުނެލިއެވެ.

"ހިނގާބަލަ ކާރު ދުއްވާލަންދާން.... މިއީ ކިހާ އުފާވެރި ރެޔެއް.... " ހުމޭދާގެ ކޮނޑުމަތީގައި އަތްބާއްވާލަމުން ދޮރާއްޓާއި ދިމާއަށް ހިނގައިގަންނަމުން ނާޝިދު ބުނެލިއެވެ.

"މިގަޑީގައި ބޭރަށް ދިޔަކަން އިނގިއްޖިއްޔާ މަންމަ ރުޅި އަންނާނެ...." ހުމޭދާ ނާޝިދުގެ މޫނަށް ބަލާލުމަށްފަހު ބުނެލިއެވެ.

"މިގަޑީގައި ގޭގެ ހުރިހާ މީހުން ނިދާފައެއްނު ތިބީ.... އެހެން ނޫނަސް ހުމޭ ބޭރަށް ނިކުތްކަން އެނގޭނީ ހުމޭއަށް ފާރަލާނެ މީހަކު ހުރިއްޔާތާ.... އެފަދަ މީހަކު ހުރިއްޔާ އެމީހެއްގެ ދުވަސް ދުއްވާލާނަމޭ...." ހެމުން ހެމުން ނާޝިދު ބުނެލިއެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، 16 ނޮވެމްބަރު، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް