"ކިހިނެތްވީ...؟ ކޯޗެއް ފެނުނީ.....؟" ނާޝިދު ހަމަޖެހޭގޮތް ދައްކާލަމުން ހުމޭދާ އާއި ސުވާލުކޮށްލިއެވެ.
ޙަޤީޤަތުގައި ހުމޭދާއަށް ފެނުނު ހުރިހާ މަންޒަރުތަކެއް ނާޝިދަށް ވެސް ފެނުނެވެ. އަދި އެއީ ކީތްވެގެން ފެނުނު ކޮން މަންޒަރު ތަކެއްކަން ނާޝިދަށް އެނގެއެވެ.
"މިކަހަލަ ތަންތާނގައި ހީނުކުރާފަދަ ކަންކަންވެސް ހިނގާނެ.... އެކަމާ މާބޮޑަށް ވިސްނާނެ ކަމެއްނެތް.... " ނާޝިދު ހަމަޖެހޭގޮތް ދައްކާލަމުން އަނެއްކާވެސް ކާރު ސްޓާޓް ކޮށްލެވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ.
މިފަހަރު ކާރު ސްޓާޓް ކޮށްލަން ފުރަތަމަ ކުރި މަސައްކަތްވެސް ކާމިޔާބުވެ ކާރު ސްޓާޓްވިއެވެ. ބާރަށް ކާރުދުއްވާފައިގޮސް ނާޝިދު ނިކުތީ ބޮޑުމަގަށެވެ. އެމަގަކީ މީހުންގިނަ ކާރުބާރު ބޮޑު މަގެކެވެ.
"ވަރަށް ބިރުންދޯ ތިއިނީ.... އެއީ އެހާބޮޑަށް ވިސްނަންވީ ކަމެއް ނޫނޭ.... ބިރުގަންނާނެ ކަމެއްނެތް.... އެކަހަލަ ތަންތާނގައި އެކަހަލަ ބައިވަރު ކަންކަން ވާނެ.... އަޅާނުލާ..... ނާޝިދު ބުނީމެއްނު، ކޮންމެ ކަމަކުންވެސް ހުމޭ ސަލާމަތް ކޮށްދޭނަމޭ..... ނާޝިދުގެ މުލައްދަނޑީގައި އެހާބާރު އެބަހުއްޓޭ.... ނާޝިދު މިހެން ހުއްޓާ ހުމޭއަށް އެއްވެސް ކަމެއް ނުވާނެ...." ނާޝިދު ކަނާތުގެ މުލައްދަނޑި ދައްކާލަމުން ވާތުން ހުމޭދާގެ އަތުގައި ހިފާލުމަށްފަހު ހިނިތުންވެލާފައި ސަމާސާ ރާގަކަށް ބުނެލިއެވެ.
"އިނގެޔޭ ނާޝިދު ހުމޭއަށް ބަލާކަން..... ހުމޭދެކެ އެވަރަށް ލޯބިވާކަންވެސް.... އެކަމަކު ކިރިޔާ ބިރުން މަރުނުވީ.... ހުމޭއަށް ފެނުނުކަންކަން ނާޝިދަށް ފެނުނުނަމަ އިނގޭނީ.... މިރޭދެން ގެއަށްދާން ހިނގާ......" ހުމޭދާ ބިރުގެންފައި އިންވަރުން ބުނެލިއެވެ.
ހުމޭދާ ގެއަށްދާން ބޭނުންވެފައިވާތީ ނާޝިދުވެސް ބޭނުންވީ ހުމޭދާ ގެއަށް ގެންދާށެވެ. ކާރު ހުއްޓާލުމާއެކު ހުމޭދާ ކާރުގެ ދޮރު ހުޅުވާލި ވަގުތު ނާޝިދު ހުމޭދާގެ އަތުގައި ހިފާލުމަށްފަހު ނާޝިދާ ގާތަށް ދަމާލުމަށްފަހު ހުމޭދާގެ ގައިގައި ބައްދާލިއެވެ.
"ވަރަށް ބޮޑަށް ލޯބިވޭ....." ހުމޭދާގެ ކަރުދޮށުގައި ކިސްކޮށްލުމަށްފަހު ނާޝިދު ބުނެލިއެވެ.
ހުމޭދާގެ ކަރުދޮށުގައި އެއްފަރާތުން ހިފަހައްޓާލާފައިވާ ނާޝިދުގެ އަތުގައި ހުމޭދާ ހިފަހައްޓާލިއެވެ. އަދި އިނގިލިތަކާއި ކުޅެލިއެވެ. ހުމޭދާގެ އަތުގައި ޖެހުނީ ނާޝިދުގެ ކަށިއިނގިލީގައި އަޅާފައިވާ ރިހިއަނގޮޓީއެވެ. އެއީ މީގެ ދުވަސްކޮޅެއް ކުރިން ހުމޭދާ އަޅުވައިދިން އަނގޮޓިއެވެ.
"ދެން ދަނީ އިނގޭ..." ހުމޭދާ މަޑުމަޑުން ނާޝިދުގެ އަތް ހުމޭދާގެ ކަރުދޮށުން ނަގަމުން ބުނެލިއެވެ.
ހުމޭދާ ކާރުން ފައިބައިގެން ގޮސްވަނީ ގޭތެރެއަށެވެ. އޭރުވެސް ގޭތެރޭގައި އެއްވެސް މީހަކު ނެތެވެ. ހުމޭދާ ގޭތެރެއަށް ވަދެގެން ގޮސް ފެންފޮދެއް ބޯލައިގެން އައިސް ސިޓިން ރޫމްގައި އިށީނދެ ހަމަޖެހިލިއެވެ. ހުމޭދާ އިނީ މިރޭ ކާރުގައި ދިޔައިރު ދިމާވި ކަންތަކާ ވިސްނާށެވެ. ގޮނޑިސެޓްގައި އިށީނުމަށްފަހު ލެނގިލައިގެން ދެލޯމަރާލިއެވެ. އެވަގުތު ފަހަތުން މީހަކު އައިސް ހުމޭދާގެ ދެލޮލުގައި އަތްއަޅައިފިއެވެ. ކުއްލިއަކަށް މިފަދަ ކަމެއް މީހަކު ކުރުމުން ހުމޭދާ ދިޔައީ ސިއްސައިގެންނެވެ. އަދި ވަރަށް ބާރަށް ހުމޭދާއަށް ހަޅޭއްލަވައި ގަނެވުނެވެ. އެވަގުތު ގަދަފަދަ އަޑެއް ގޭތެރެއިން އިވިގެންދިޔައެވެ. ހަމަ އެއަޑާއެކު އަޒާންގެ ހަޅޭކުގެއަޑު އިވުމާއެކު ހުމޭދާގެ ލޮލުގައި އަޅައިފައިވާ އަތް ނެއްޓިގެން ދިޔައެވެ. ހުމޭދާ ލޯ ހުޅުވާ ބަލާލިއެވެ. ސިޓިން ރޫމްގެ އެއްފަރާތުގައި ވެއްޓިފައިއޮތީ އަޒާން އެވެ. ހުމޭދާ ލޯހުޅުވާލި އިރު ބޮލުގައި އަތް އަޅައިގެން އަޒާން ތެދުވަނީއެވެ.
"ކިހިނެތްވީ.....؟" ހުމޭދާ ގޮނޑިން ތެދުވަމުން އަޒާންއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.
"ނޭނގެ.... ހުމޭ ލޯމަރާލައިގެން އިންގޮތް ފެނިފައި ސިއްސާލަން ވެގެން އައިސް މޫނުގައި އަތްއެޅިތަނާ ހީވީ މީހަކު އައިސް ފަހަތުން ބޮލުގައި ޖެހުމަށްފަހު ނަގާ އެއްލާލިހެން..... ތިތާހުއްޓާ މިހިސާބަށް ވިއްސައިގެން އައީ.... ވަރަށް ބޮޑަށް ބޮލަށް ތަދުވެއްޖެ....." އަޒާން ބޮލުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
އެވަގުތު ގޭތެރެއިން ފިޔަވަޅުގެ އަޑެއް އިވޭހެން ހީވިގެން ހުމޭދާވެސް އަޒާންވެސް ބަލާލިއެވެ. ފަހަތުގައި ހުރީ ނާޝިދެވެ.
"ނާޝިދު.... ނުދަންތަ....؟ ހުމޭދާ ނާޝިދާ ދިމާއަށް ބަލަންހުރެ ޙައިރާންވެފައި އަހާލިއެވެ.
"ކާރު ދުއްވާލިތަނާ ހުމޭ ހަޅޭއްލަވައިގަން އަޑު އިވިގެން އެތެރެއަށް މިވަނީ..... ކިހިނެތްވީ އަނެއްކާ.... ؟ ހުމޭދާ އާއި ދިމާއަށް އަންނަމުން ނާޝިދު ބުނެލިއެވެ.
"ލޯމަރާލައިގެން މިތާ އިންދަ އަޑުފަށްގަނޑެއް އިވިގެން ލޯ ހުޅުވާލިއިރު އަޒާން ވެއްޓިފައި އޮތްތަން ފެށިގެން ސިއްސައިގެންގޮސް ހަޅޭއްލަވައި ގަނެވުނީ....." އަޒާންއާއި ދިމާއަށް ބަލާލުމަށް ހުމޭދާ ބުނެލިއެވެ.
"ކިހިނެތްވީ.....؟" އަޒާން އާއި ދިމާއަށް ބަލަންހުރެ ނާޝިދު ސުވާލުކޮށްލިއެވެ.
"ވެއްޓުނީ...." ނާޝިދު ފެނުމުން ޙައިރާންވެފައިހުރެ ހުމޭދާއަށް ބަލާލަމުން އަޒާން ބުނެލިއެވެ.
"މިއީ ނާޝިދު.... ހުމޭގެ ފްރެންޑެއް...." ހުމޭދާ، އަޒާންއަށް ނާޝިދު ތަޢާރުފު ކޮށްދިނެވެ.
"ދެންދަނީ މި.... މީގެފަހުންވެސް ބަލައިގެން އުޅޭތި...." އަޒާން އާ ދިމާއަށް ބަލާލުމަށްފަހު ނާޝިދު ހިނގައިގަތެވެ.
އާދާއިގެ މަތިން އަޒާން ނިދަން އޮށޯތީ ދަންވަރު 12 ޖެހިފަހުންނެވެ. ހަމަ ނިދުނުވަގުތު ވިދާލި ވިދުވަރާއި ޖެހި ބާރު ގުގުރީގެ އަޑަށް ސިއްސައިގެން ގޮސްފައި އަޒާނަށް ހޭލެވުނެވެ. އަޒާންއަކީ ލަހުން ނިދަން އާދަވެފައިވާ ކުއްޖެކެވެ. ޢާންމުކޮށް ދަންވަންދެން ހޭލާއުޅުމަކީ އޭނާގެ އާދައެކެވެ. އެކަނިމާއެކަނި ފިލްމު ބެލުމާއި ކަޅު ކޮފީ ބުއިމަކީ އަޒާން ދެވި ހިފާފައިވާ ކަމެކެވެ. މިރޭވެސް އަޒާން ނިދަން އޮށޯތީ ބިރުވެރި އިނގިރޭސި ފިލްމެއް ބަލަން އިނދެފައެވެ.
ކުއްލިއަކަށް ވާރޭ ވެހެން ފެށިއެވެ. އަޒާން ތެދުވެގެންގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ވާރޭވެހޭ މަންޒަރަކީ އަޒާންގެ ހިތަށް ވަރަށް އުފާވެރި އިޙްސާސްތަކެއް ގެނެސްދޭ މަންޒަރެކެވެ. ވާރޭވެހޭ މަންޒަރު ބެލުމަށް ހިތްދޫކޮށްލައިގެން ހުރި ކަމުގައިވިޔަސް އަޒާން ހިތުގައި އޮތީ ހުމޭދާއެވެ. ހުމޭދާގެ އެރީތި ހިނިތުންވުމެވެ. ލޮލުގައި އެވާ ޖަޒުބާތެވެ. އަޒާންގެ އުއްމީދުތަކުގައި ކުލަޖައްސައިދޭނެ ފަރާތަކަށް ހުމޭދާ ހެދުމަކީ އަޒާން މަޤްޞަދަކެވެ. އަޒާންގެ މައިންބަފައިންވެސް މިކަމާ ވަރަށް ޤަބޫލުކަން އަޒާނަށް އެނގެއެވެ. ގޯތިތެރޭގައި ހުރި ގަސްތަކަށް ވެހެމުންދާ ވާރޭތިކިތަކަށް ބަލަހައްޓައިގެން އަޒާން ހުއްޓާ ވިދާލި ވިދުވަރަކާއި އެކު އަޒާން ދިޔައީ ސިއްސައިގެންނެވެ. ވިދުވަރުގެ އަލިގަދަކަމަކުން ނޫނެވެ. ގަސްތަކުގެ ތެރޭގައި ކޮންމެވެސް މީހަކުހުރި ކަމުގެ އިޙްސާސް ވެގެންނެވެ. މިވަގުތު ތެމިފޯވެގެން ގަސްތަކުގެ ތެރޭގައި ހުންނާނީ ކާކުހެއްޔެވެ. އަޒާން ވިސްނާލިއެވެ. އަދި އެ ޝައްކު ޔަޤީން ކުރުމަށްޓަކައި ދެވަނަ ފަހަރަށް ވިދާލާތޯ ކަޅިޖަހާނުލާ އެދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އަޒާން ހުއްޓެވެ.
ކުޑައިރުކޮޅެއް ފަހުން ވަރުގަދަ ގުގުރިޔަކާއިއެކު އަނެއްކާވެސް ވިދާލާފިއެވެ. ތަންކޮޅެއް ދުރުން މަގުމަތީގައިހުރި ހޮޅިދަނޑިއަކަށް ހޮނުއެޅިތަންވެސް އަޒާން އަށް ފެނުނެވެ. ހަމައެވަގުތު އަޒާން ބަލާލީ ގަސްތަކާދިމާއަށެވެ. އަޒާންގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ގަސްތަކުގެ ތެރޭގައި އެހެރީ ފިރިހެނެކެވެ. އެމީހަކުހުރީ އަޒާން އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އަޒާން ކުޑަކޮށް އެތެރެއަށް ޖެހިލާ ނިވާވެލުމަށްފަހު އަނެއްކާވެސް ބޭރު ބަލާލުމަށްޓަކައި މަޑުމަޑުން ބޯދިއްކޮށްލާ ބަލާލިއެވެ. އެހެންނަމަވެސް އޭރު އެއްވެސް މީހަކު އެތަނުން ފެންނާކަށް ނެތެވެ. އަޒާން ގޮސް އެދުގައި އޮށޯވެލުމަށްފަހު އެކަމާތެރޭގައި ވިސްނާލިއެވެ. ބިރުވެރި ފިލްމެއް ބެލުނީމާ ހީވި ހީވުމެއް ކަމުގައި ޔަޤީން ކުރުމަށްފަހު ނިދާލުމަށްޓަކައި ދެލޯމަރާލުމާއެކު ނިދިއްޖެއެވެ.
ނިދުނުތާ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް އަޒާނަށް ހޭލެވިއްޖެއެވެ. އޭރު ގަނޑިން ފަތިހު 4 ޖަހަނީއެވެ. ދަންވަރު ވެހެންފެށި ވާރޭ ހުއްޓާލާފައިވީ ނަމަވެސް ކޮންމެވެސް ވަރަށް ވައިގަދައެވެ. އަޒާން ތެދުވެގެންގޮސް ކުޑަދޮރުކައިރީ ހުއްޓި ބޭރުބަލާލިއެވެ. އަދާޔާޚިލާފު އެއްވެސް ކަމެއްގެ އަސަރެއް ފެންނާކަށްނެތެވެ. ގަސްތަކުގައި ފަރިވެފޮޅިފައިވާ މާމެލާމެލިން ދުވަހުންދިޔައީ އާދަޔާ ޚިލާފު މީރުވަހެކެވެ. ހަށިފުރާ ނޭވާއެއް އެތެރެއަށް ދަމާލުމަށްފަހު ބެލްކަންޏަށް ނުކުމެ ބެލްކަނީގައި އަތްއަޅުވާލިއެވެ. އެވަގުތު ކޮންމެވެސް މީހެއްގެ ތުމުންފުމެލި އަޑު އަޒާންގެ ކަންފަތުގައި ޖެހުނެވެ. އަޒާން ބެލްކަނިން ބޭރަށް ބޯދިއްކޮށްލުމަށްފަހު ތިރިއަށް ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށްނެތެވެ.
ނުނިމޭ... ވާހަކައިގެ އާބައެއް، 12 ނޮވެމްބަރު، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް