ޗައިނާގެ ޓުއަރިޒަމް މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށް ބާއްވާ ހަފްލާއަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެގައުމުގެ ޓޫރިޒަމް މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނެކަމަށ...

14 Nov 2018 | 11:38

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށް ބާއްވާ ހަފްލާއަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެގައުމުގެ ޓޫރިޒަމް މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނެކަމަށް އެގައުމުން ބުނެފި އެވެ.

އިބޫ ހުވާކުރެއްވުމުގެ ހަފްލާ އަންނަ ހޮނިހިރު ދުވަހު ގަލޮޅު ބޯޅަދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ހަފްލާއަށް އެތައް ހާސްބަޔަކަށް މިހާރު ވަނީ ދައުވަތު ދީފަ އެވެ. އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަޑައިގަންނަވާނެކަމަށް އިންޑިއާ ސަރުކާރުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

ޗައިނާއިން ރާއްޖެއަށް ބޮޑެތި އަދަދުތަކުން ލޯނުދީ ބިޔަ މަޝްރޫއުތައް ހިންގާ ރާއްޖެ ދަރަނިވެރިކުރުވުމެގެ އެންމެ ބޮޑު ބޭނުމަކީ، އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު އިތުރުކޮށް މުޅި ސަރަހައްދަށް އަތްގަދަ ކުރުން ކަމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އާ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. އަދި ދިވެހިރާއްޖެ ޗައިނާއަށް 3 ބިލިއަން ޑޮލަރު ދަރާފައިވާކަމަށެވެސް އެބޭފުޅުން ވިދާޅުވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު، އެކަމުގެ މައިގަނޑު ސަބަބަކީ ޗައިނާއާއި ގުޅުން ބަދަހިކުރުން ކަމަށް ވެސް އިދިކޮޅުން މީގެ ކުރިންވެސް އެތަކެއް ފަހަރު މަތިން ވަނީ ތުހުމަތުކޮށްފަ އެވެ. މީގެ އިތުރުން ސިނަމާލެ ބްރިޖާއި، އެއާޕޯޓް އެކްސްޓެންޝަން މަޝްރޫއާއި ހުޅުމާލެ ހައުސިން ޕްރޮޖެކްޓްތައް ހިމެނޭގޮތަށް ހިންގާފައިވާ މަޝްރޫއުތައް އެކަށީގެން ނުވާ އަދަދުތަކުން ޗައިނާއަށް ދީފައިވާ މަޝްރޫއުތަކެއް ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ދާދި ފަހުން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް