އަހަރުމެން ގޭތެރޭގައި އުޅޭއިރު އެތައްގިނަ ސާމާނެއް ބޭނުން ކުރަމެވެ. ނަމަވެސް އާއްމުގޮތެއްގައި ސާފުކުރެވެނި މީގެތެރެއިން މަދު ސާމާމެނެކެވެ. މި އާޓިކަލްގައި ބަލާލާނީ މިގޮތަށް ފަރުވާކުޑަކުރެވި ސާފުނުކޮށް ދޫކޮށްލެވޭ ބައެއް އެއްޗެހި ސާފުކުރަންވީ ކިހާ ދުވަހަކުންތޯއެވެ.
- އައިސްއަލަމާރި
އައިސްއަލަމާރި ސާފުކުރަން އަލަމާރި ހުޅުވާ ކޮންމެ ފަހަރަކު ހިތަށް އަރާނެއެވެ. ނަމަވެސް ހަމައެކަނި އެހެން ހިތަށް އަރާފައި ނިންމައިލެވެނީ ދޯއެވެ؟ އައިސްއަލަމާރި ސާފުނުކުރެވި ގިނަ ދުވަސްވާނަމަ އޭގެ އެތެރިން ތަފާތު ނުބައިވަސް ދުވަންފަށާނެއެވެ. އެއީ ކުނިވެފައިވާ ނުވަތަ ހަލާއްކުވެފައިވާ މޭވާއާއި ތަރުކާރީގެ ބައިތަކުގެ ސަބަބުންނެވެ. އަދި އެކަށީގެންވާ ވަރަށްވުރެ މާގިނަ ދުވަހު ރައްކާކުރަން ބަހައްޓާފައިވާ އެހެނިހެން ކާތަކެތީގެ ސަބަބުންނެވެ. އަދި ހަމަ އެހެންމެ މިތަކެތީގެ ސަބަބުން އައިސްއަލަމާރީގެ ތެރޭގައި ޖަރާސީމު އުފެދޭނެއެވެ.
އަދި ހަމަ އެހެންމެ އަލަމާރީގެ ފުރަގަހުގައި ހުންނަ ދަގަނޑުތަކާއި އެހިސާބު އެއްކޮށް ހިރަފުހާއި ކުނިން ސާފު ކުރަން އަބަދުވެސް ހަނދާން ބަހައްޓަށެވެ. މި ހިސާބުގައި ކުންޏާއި ހިރަފުސް ގިނަވިވަރަކަށް އައިސްއަލަމާރިން ފިނިކުރުމަށް މަސައްކަތް ކުރަންޖެހޭވަރު ބޮޑުވާނެއެވެ. މީގެ ސަބަބުން ހަކަތައިގެ ބޭނުން މާބޮޑަށް ކުރަން ޖެހޭނެއެވެ.
- ފުނާ
އެންމެ މަދުވެގެން ދެ ހަފްތާއިން އެއްފަހަރު ބޮލުގައި އަޅާ ފުނާ ސާފުކުރަން ވާނެއެވެ. ނަމަވެސް މިއައްވުރެ އަވަހަށް ފުނާ ހަޑިވެއްޖެނަމަވެސް ސާފުކުރަންވީއެވެ. ބޮލުގައި ތަފާތު ޒާތުގެ ކުރީމާއި ތެޔޮފަދަ ތަކެތި ލާނަމަ އަވަހަށް ފުނާ ހަޑިވާނެއެވެ. އަދި ހަމަ އެހެންމެ ބޮލުން ހަންފޮޅޭނަމަވެސް އަވަހަށް ފުނާ ހަޑިވުމަށް ދިމާވެއެވެ.
ފުނާދޮވުމަށްޓަކައި އެންމެ ފަސޭހަ ގޮތަކީ ދަތްއުނގުޅާ ބުރުހެއް ބޭނުން ކުރުމެވެ. ތާފަނާ ފެނާއި ސައިބޯނި ނުވަތަ ޝޭންޕޫ އެއްކޮށްފައި އެއިން ފުނާ ދޮވެފައި ފުނަލުގެ ދަތްތައް ދެމެދުގައި ހަރުލާފައި ހުންނަ ހަންކޮޅު ކޮޅުފަދަ ތަކެތި ފިލުވުމަށް ދަތް އުނގުޅާ ބުރުހަކުން އުނގުޅައިލާށެވެ.
- ޓީވީ ރިމޯޓު
ޓީވީ ރިމޯޓުފަދަ އެއްޗެއްސަކީ ސާފު ކުރުމަށް އެންމެ ހަނދާން ނުވާ ނަމަވެސް އެންމެ ގިނައިން ޖަރާސީމު އެއްވާ އެއްޗެއްސެވެ. ގޭގައި ގިނަ މީހުން އުޅޭނަމަ ގިނަ މީހުން ރިމޯޓުގައި އަތްލާނެއެވެ. އަދި ކޮންމެ މީހެއްގެ އަތުގައި ހުންނަ ޖަރާސީމު ރިމޯޓުގައި އުނގުޅޭނެއެވެ. ވީމާ މިއީ ޖަރާސީމުގެ ހާއްޔެކެވެ.
ގޭތެރެ ސާފު ކުރާއިރު ކޮންމެ ދުވަހަކުވެސް ޓީވީ ރިމޯޓުފަދަ އެއްޗެހިވެސް ސާފުކުރަން ހަނދާން ބަހައްޓާށެވެ. ރަބިންގ އަލްކަހޯލް ނުވަތަ ސެނިޓައިޒަރ ފަދަ އެއްޗަކުން ތެންމައިފައިވާ ޓިޝޫއެއްފަދަ އެއްޗެއް ބޭނުންކޮށްގެން ރިމޯޓު ސާފު ކުރާށެވެ.
- ހެޑްސެޓް
ހެޑްސެޓް ސާފު ކުރަން ހިތަށްއަރާނީވެސް މަދުބަޔެކެވެ. ނަމަވެސް މިއީވެސް ޖަރާސީމުގެ ހާއްޔެކެވެ. ހާއްސަކޮށް ހެޑްސެޓުގެ ކަންފަތަށްލާބައެވެ. މިބައިގައި ތިމާގެ ކަންފަތުން އުގުޅޭ ޖަރާސީމާއި ދަލާއި ކުދި ކުދި ހަންކޮޅުކޮޅު ހަރުލާނެއެވެ. އަދި ގިނަބަޔަކު އެއް ހެޑްސެޓެއް ބޭނުން ކުރާނަމަ އޭގައި ވާ ޖަރާސީމުގެ އަދަދު ގިނަވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ދެމީހަކު އެއް ހެޑްސެޓެއް ބޭނުން ނުކުރުމެވެ. އަދި ކޮންމެ ދުވަހަކުވެސް ހެޑްސެޓް ބޭނުންކުރުމުގެ ކުރިން ސާފުކޮށްލުމެވެ. ދެމީހަކު އެއް ހެޑްސެޓް ބޭނުން ކުރާނަމަ ކަންފަތުގެ ބަލިތައްޖެހުން ގާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް