އެސްޓީއޯއިން ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ފަށައިފި

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން އާއްމު ކޮށް ހުޅުވާލައިގެން ކެރިއާ ގައިޑެންސް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި މިއަދު ހަވީރު 4:00 އިން މިރޭ 10:00 އަށް ކ...

14 Nov 2014 | 14:21

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން އާއްމު ކޮށް ހުޅުވާލައިގެން ކެރިއާ ގައިޑެންސް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި މިއަދު ހަވީރު 4:00 އިން މިރޭ 10:00 އަށް ކުރިއަށްދާ މި ހަރަކާތް ފައްޓަވައިދެއްވީ ޒުވާނުންނާ ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

ހަރަކާތް ފެއްޓުވުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒުވާނުންނާ ބެހޭ ވަޒީރު މަލީހް ޖަމާލް ވިދާޅުވީ ޒުވާނުންނަށް ކެރިއާ ގައިޑެންސް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެސްޓީއޯ ފަދަ ބޮޑު ކުންފުންޏަކުން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދާތީ އުފާ ކުރައްވާ ކަަމެވެ. އަދި ދިވެހި ޒުވާނުން އެއްގޮތަކަށްވެސް ގޭގައި ތިބެެގެން ނުވާ ކަމަށާއި ފުރުސަތު ތަކުގެ ބޭނުން ޒުވާނުން ހެޔޮގޮތުގައި ހިފަން ވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާޒިމް ވިދާޅުވީ، އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ މުވައްޒަފުންގެ ސްކިލް ޑިވެލޮޕްކުރުމަށް ކަމަށާއި އެސްޓީއޯއިން ބޭނުންވަނީ އެ ކުންފުނީގެ މުވައްޒަފުނަކީ އެންމް މޮޅެތި ކުދިން ކަމުގައި ހެދުން ކަަމަށެވެ. އަދި މިއަދު ފެށިގެން ދިޔަ ކެރިއާ ގައިޑެންސް ހަރަކާތުން އެސްޓީއޯގައި ހުރި ފުރުސަތުތަކާއި ޒުވާނުން ކެރިއާ ބިލްޑުކުރާނެ ގޮތުގެ މައުލޫމާތު ދެވިގެންދާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއާއި އެކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކުގެ 15 ސްޓޯލަކުން ތަފާތު 15 ދާއިރާއެއްގެ ވަޒީފާތަކާ ގުޅޭ މައުލޫމާތު މިފެއާގައި ދެވޭނެ ކަމަށާއި އެ ދާއިރާތަކާއި ގުޅޭ ތަފާތު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް