އިނގިރޭސި ޝާހީ ގަނޑުވަރު މަރާމާތުކުރަމުން ދަނިކޮށް 1800ގެ އަހަރުތަކުގެ ތަކެތި ފެނިއްޖެ

އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު ބަކިންގަމް ޕެލަސްގެ 369 މިލިއަން ޕައުންޑުގެ ބޮޑު މަރާމާތުގެ މަސައްކަތް ކުރަމުންދާ މަސައްކަތްތެރިންނަށް 1800ގެ އަހަރުތަކުގައި ބޭނުން ކޮށްފައި ހުރި އާސާރީ ތަކެތީގެ ހަޒާނ...

14 Sep 2026 | 07:45
ބަކިންހަމް ޕެލަސް --

ބަކިންހަމް ޕެލަސް --

އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު ބަކިންގަމް ޕެލަސްގެ 369 މިލިއަން ޕައުންޑުގެ ބޮޑު މަރާމާތުގެ މަސައްކަތް ކުރަމުންދާ މަސައްކަތްތެރިންނަށް 1800ގެ އަހަރުތަކުގައި ބޭނުން ކޮށްފައި ހުރި އާސާރީ ތަކެތީގެ ހަޒާނާއެއް ފެނިއްޖެ އެވެ.

ފެނުނު ތަކެތީގެ ތެރޭގައި ގާތްގަނޑަކަށް 140 އަހަރު ކުރީގެ ނޫސް ކަފެއް، ބާވެފައިވާ ބޫޓު ޖޯޑެއް، ބެޓިން ސްލިޕްތައް، ހުސް ސިނގިރޭޓް ފޮއްޓެއް އަދި ޝްވެޕީސް ފެން ފުޅިއެއް ހިމެނެ އެވެ. އެތަކެތި ފެނިފައިވަނީ ތަޅުންގަނޑެއްގެ ދަށުން ކަމަށްވެ އެވެ.

މި ތަކެއްޗަކީ ކުރީ ޒަމާނުގައި ގަނޑުވަރުގައި މަސައްކަތްކުރި މުވައްޒަފުންގެ ތަކެތި ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ރާނީ ދެވަނަ އެލިޒަބަތު 1977 ވަނަ އަހަރުގެ ސިލްވާ ޖުބިލީގައި ޑިޕްލޮމެޓިކް ރިސެޕްޝަނެއް ބާއްވަން ރާވާފައިވާ ގޮތުގެ ތާވަލެއް ވެސް ފެނިފައިވެއެވެ. އެ ތާވަލުން އެނގޭ ގޮތުގައި ރާނީ "ގަޑީގެ ކަށީ އެނބުރޭ ދިމާއަށް" ކޮޓަރިތަކުގައި ހިންގަވާ ގޮތަށް ރޭވިފައި އޮތެވެ. އަދި 350 އިނގިރޭސި މެހެމާނުން ޑިޕްލޮމެޓުންނާ ވާހަކަ ދެއްކުމަށް ހިތްވަރު ދިނުމަށް އެހީތެރިންނަށް އިރުޝާދު ދީފައި އޮތެވެ.

1963 ވަނަ އަހަރުގެ މަޝްހޫރު ގްރޭޓް ޓްރެއިން ރޮބަރީގެ ކުށްވެރިން ޖަލަށް ލީ ޚަބަރު ހިމެނޭ 1966 ވަނަ އަހަރުގެ ޑެއިލީ އެކްސްޕްރެސް ނޫހުގެ ޞަފްޙާތައް ވެސް ފެނުނެވެ. އެ ނޫސް ލިޔުމުގައި ޑާހެމް ޖަލުގެ ފޮޓޯ ހިމެނި ކުށްވެރިންނަށް ހަފުތާއެއްގެ ނުވަ ޝިލިންގެ އުޖޫރައަކަށް މެއިލް ފޮށި ފެހުމުގެ މަސައްކަތް ޖައްސާފައިވާ ވާހަކަ ލިޔެފައި އޮތެވެ.

ޝާހީ ގަނޑުވަރުން ފެނުނު ބައެއް ތަކެތި --

ގަނޑުވަރުގެ މަރާމާތު 10 އަހަރު ފަހުން އަންނަ އަހަރު އަހަރު މާޗު މަހު ނިމޭނެ އެވެ. މަރާމާތު ކުރާތީ އިނގިރޭސި ރަސްގެފާނު ޗާލްސް އާއި ރާނީ ކެމީލާ މިހާރު ދިރިއުޅުއްވަނީ ކްލެރެންސް ހައުސްގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި މަރާމާތަށްފަހުވެސް ރަސްގެފާނު ދެން ގަނޑުވަރަށް ދިރިއުޅުން ބަދަލެއް ނުކުރައްވާނެ އެވެ. ނަމަވެސް ރަސްގެފާނު ސްޓޭޓް ބެންކުއެޓް ގާޑެން ޕާޓީ ރިސެޕްޝަން އަދި ބޮޑުވަޒީރާއި ސަފީރުންނާ ބައްދަލުކުރެއްވުން ފަދަ ރަސްމީ ހަރަކާތްތައް ގަނޑުވަރުގައި ބާއްވަވަމުން ގެންދަވާނެއެވެ.

ރިޕޯޓުތަެއް ބުނާގޮތުގައި މި މަރާމާތުގެ ބޭނުމަކީ އިނގިރޭސި ދައުލަތަށް އާމްދަނީ އިތުރު ކުރުމެވެ. އެގޮތުން އެމަރާމާތަށް ފަހު ޢާންމުންނަށް ގަނޑުވަރަށް ޒިޔާރަތް ކުރެވޭ މުއްދަތު ދިގުކޮށް އިތުރު އާމްދަނީ ހޯދުމުގެ ފުރުޞަތު ވެސް ފަހިކުރުމަށް ނިންމާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް