ބަޖެޓު ފޮތް 2025 - ފައިލްފޮޓޯ
ދައުލަތުގެ
ބަޖެޓުން 09 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ
އެ މުއްދަތާ އަޅައިބަލާއިރު 15.5 އިންސައްތަ ދަށަށް ހިނގައްޖެއެވެ.
މާލީ ވުޒާރާއިން
އާންމުކޮށްފައިވާ 09 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ
މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ
ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ
ބަޖެޓުން 25.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި
މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 15.5 އިންސައްތަ
ދަށް އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ކެޕިޓަލް ޚަރަދު 57.7 އިންސައްތައިން
ދަށްވުމެވެ.
ރިކަރަންޓް
ޚަރަދުގެ 56.7 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް
ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 4.5 އިންސައްތަ
ދަށް ޢަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 15.5 އިންސައްތައިން
ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ޚަރަދު ވަނީ 15.6 އިންސައްތައިން
ދަށްވެފައެވެ. ހަމައެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ
މިވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 5.8 އިންސައްތައިން ދަށްވެފައެވެ. މިއާއި
އެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު
ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 7.0 އިންސައްތައިންވަނީ ދަށްވެފައެވެ.
ނިމިދިޔަ
ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ
3.3 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް
ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 2.9 ބިލިއަން ރުފިޔާ
މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފައެވެ.
2025 ވަނަ އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.)އަށް 12.4 ބިލިއަން
ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް
ހޭދަކޮށްފައިވަނީ 4.1 ބިލިއަން ރުފިޔާއެވެ. އަދި ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ
ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް، ބިން ހިއްކުމާއި
މަގު ހެދުމުގައި މަޝްރޫޢުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ
ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން
ޙައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫޢުތަކަށް ކޮށްފައިވާ ޚަރަދެވެ. އެގޮތުން މިފަދަ
މަޝްރޫޢުތަކަށް ޖުމުލަ 2.6 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ޚަރަދުކޮށްފައެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 131.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަންވެސް
ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު ޕީ.އެސް.އައި.ޕީ އާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް
ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު،
މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ޚަރަދު ވަނީ ކުޑަކުރެވިފައެވެ.
މިއާއެކު،
ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 25.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު،
އަދި ނިމިގެންދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު
މިއަހަރުގެ ޚަރަދު 15.5 އިންސައްތަ ދަށެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް
868.7 މިލިއަން ރުފިޔާގެ ސަރޕްލަސެއްގައި ވަނީ ދެމެހެއްޓިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް