މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިއްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު 54.8 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 4.7 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީ އިންނެވެ. ބީޕީޓީގެ ގޮތުގައި މިދިޔަ މަހު މީރާއަށް 892.8 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ޖުމްލަ އާމްދަނީގެ 42.9 ޕަސެންޓެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޖީއެސްޓީގެ ގޮތުގައި 642.4 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ އާމްދަނީގެ 30.9 ޕަސެންޓެވެ.
ތިން ވަނައަށް އެންމެ ބޮޑުފައިދާއެއް ލިބުނީ ބޭންކް ޕްރޮފިޓް ޓެކްސްއިން ނެވެ. އެބައިން 171.8 މިލިއަން ރުފިޔާ ލިބިފަވެ އެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 51.1 މިލިއަން ރުފިޔާލިބިފައިވާއިރު ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 158.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މީރާއިން ބުނީ މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 53.4 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ. އަދި ޑޮލަރުން ލިބުނު ފައިސާގެ ތެރެއިން އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރީ ޖީއެސްޓީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް