ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިފި އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައި ފާރިސް އާއި ދެކޮޅަށް ސާބިތު ހެކި ލިބިފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ފުލުހުން ޕީޖީ އޮފީހަށް ފޮނުވި އިއްޔެ އެވެ.
މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ތަހުގީގު ނުނިމެނީސް ފާރިސް ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި އެވެ. ފާރިސް ހައްޔަރު ކުރީ އޭނާ ދިރިއުޅުއްވާ މ. ސްނޯ ރޯސް ބަލާ ފާސްކުރުމަށް ފަހު މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.
އެގެއިން ފުލުހުން ވަނީ ސީސީޓީވީ ރިކޯޑިން ސިސްޓަމާއި ފާރިސްގެ ބޭންކް އެކައުންޓްތަކާއި ގުޅޭ ބައެއް ލިޔެކިޔުންތަކާއި ލެޕްޓޮޕަކާއި ޕެންޑްރައިވްއެއް ގެންގޮސްފަ އެވެ. ފާރިސްގެ މައްޗަށް ކުށް ސާބިތުވާވަރުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނީ މި ތަކެތި ގެންދިއުމުގެ ކުރިންނެވެ.
ފާރިސް ޖަލުގައި ބަންދުކޮށްފައި ބަހައްޓަން ނެރުނު އަމުރުގެ މައްސަލައާއި ފާރިސް ހައްޔަރުކުރަން ނެރުނު އަމުރުގެ މައްސަލަ ފާރިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފަ އެެވެ.
ފާރިސް ބަންދުކޮށްފައި ހުރީ ކަރެކްޝަންސްގެ ބަންދުގައި މާފުށި ޖަލުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް