ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ ފޮނުވި ދެވަނަ ޗިޓުވެސް ކެންސަލްކޮށްފި އެވެ.
ފުލުހުން މުސްތަފާގެ މައްޗަށް ކުރަނީ ގާނޫނީ ގޮތުން އުފެދިފައިވާ ވެރިކަމެއް ވައްޓާލަން ގޮވާލި ކަމުގެ ތުހުމަތެވެ. މިއަދު އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ވުމަށް ފޮނުވާފައިވަނީ މިއަދު ހަވީރު 4:00 އަށެވެ.
އެޗިޓު ކެންސަލްކޮށް އެކަން މުސްތަފާއަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ. އެ ތުހުމަތުތަކާއި ގުޅިގެން ފުރަތަމަ މުސްތަފާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން ޗިޓު ފޮނުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެވެ. ފަހުން އެ ޗިޓު ކެންސަލް ކުރީ އެވެ.
އެކަމަކު ފުލުހުން ވަނީ އެ މައްސަލައިގަ ކްރިމިނަލް ކޯޓު މެދުވެރިކޮށް މުސްތަފާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެފަ އެވެ. މުސްތަފާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިމަހުގެ އަށަކުން ތިން މަސްދުވަހުގެ މުއްދަތަކަށެވެ.
މުސްތަފާ ވެރިކަން ވައްޓާލުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ަަދައްކަވާފައިވަނީ ޖުލައި 28 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ސޮއި ކުރައްވާ މުސްތަފާގެ މާސްޕޯޓު ހިފެހެއްޓުމަށް ނެރުއްވާފައި އަމުރުގައި ބުނެފައިވަނީ މުސްތަފާގެ ވާހަކަތަކުން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ބޭރުކޮށް، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ކަމަށެވެ.
ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވަނީ ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަައިގެ ވީޑިއޯ އާއި އެ ވާހަކަތަކުގެ ސްކްރިޕްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް