މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވަލާ ގަދަކަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަތް މައްސަލައިގަ އިދިކޮޅު 12 މެންބަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުފައިފި އެވެ.
އެ މައްސަލައިގަ މެންބަރުން ތަކެއްގެ މައްަޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން އެދިފައިވާކަން ޕީޖީ އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އެއީ ކިތައް މެންބަރުން ކަމެއް ނޭނގެ އެވެ.
އެ މައްސަލައިގަ ފުލުހުންގެ އިދާރައަށް ހާޒިރު ކުރި މެންބަރުންގެ ތެރޭގައި އެމްޑިޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، ޖޭޕީގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުަސައިން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
މީގެ އިތުރުން ރައީސް މައުމޫނަށް ތާއީދު ކުރައްވާ އަދި މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ތިން މެންބަރުންގެ މައްޗަށްވެސް ވަނީ މެންބަރުން ނޫންގޮތުގައި ތިއްބަވާ މަޖިލީހުގެ އިދާރައަށް ވަތްކަމުގެ ތުހުމަތު ކުރައްވާފައި އެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އަދި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންނެވެ.
ދައުވާކޮށްދިނުމަށް ފުލުހުން އެދުނު މެންބަރުންގެ މައްޗަށް ދައުވާ ކުރުމާއި މެދު ޕީޖީ އޮފީހުން އަދި ގޮތެއް ނުނިންމަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް