ޖެންޑަރ މިނިސްޓްރީން 219 ފުލުހަކަށް ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމެއް ހިންގައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ޕްލިސް ސަރވިސަސް ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ އިންވެސްޓިގޭޝަން އޮފިސަރުންނަށާއި ފްރަންޓްލައިން އޮފިސަރުންނަށް އަމާޒުކޮށްގ...

14 Aug 2017 | 08:21

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ޕްލިސް ސަރވިސަސް ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ އިންވެސްޓިގޭޝަން އޮފިސަރުންނަށާއި ފްރަންޓްލައިން އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމްގެ ނިންމުން ފާހަގަކޮށްފިއެވެ.

މިޕްރޮގްރާމްގެ މަޤްޞަދަކީ އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ތަފާތުކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އުފައްދައި، ޖެންޑަރ އީކުއާލިޓީ ޤާނޫނަށް ފުލުހުން އަހުލުވެރިކުރުވައި، އަދި ފުލުހުންގެ މެދުގައި މިބާވަތުގެ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުން ކަމުގައި ޖެންޑަރ މިނިސްޓްރީން ފާހަގަ ކުރެ އެވެ.

ރޭ ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 200 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގައި މިނިސްޓްރީއާ އެންމެ ގާތުން މަސައްކަތްކުރާ އެއް މުއައްސަސާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސަސް ކަމުގައިވާތީ، ދެ ޖިންސުގެ ހަމަހަމަކަމަށް ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއިބެހޭ މަޢުލޫމާތާއި ކަމުގެ ހުނަރު ފުލުހުންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމުގައި މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މިއަހަރުގެ މެއި މަހުގެ 21 އިން އޮގަސްޓް މަހުގެ 7 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މިޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވީ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އަޙްމަދު ސަޢުދީ އެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ރާއްޖޭގެ 7 ސަރަޙައްދެއްގައި ހިންގުނު މިޕްރޮގްރާމްގައި ޖުމްލަ 219 ފުލުހަކުވަނީ ތަމްރީނު ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް