ލެވެލް އެކެއްގެ ގާރީ ކޯހެއް ލ ފޮނަދޫގައި ފެށިގެން ކުރިއަށް

ލ ފޮނަދޫގައި އެ ރަށު ކައުންސިލާއި ކީރިތި ޤުރުއާނާއިބެހޭ މައި މަރުކަޒާއި ގުޅިގެން ހުޅުވާފައިވާ އެ މަރުކަޒުގެ ގޮފީގައި، ލެވެލް އެކެއްގެ ގާރީ ކޯހެއް އިއްޔެ ފަށައިފި އެވެ. މި ކޯހާއި ބެހޭގޮތުން ދުވަހަށް މަ...

14 Aug 2017 | 08:01

ލ ފޮނަދޫގައި އެ ރަށު ކައުންސިލާއި ކީރިތި ޤުރުއާނާއިބެހޭ މައި މަރުކަޒާއި ގުޅިގެން ހުޅުވާފައިވާ އެ މަރުކަޒުގެ ގޮފީގައި، ލެވެލް އެކެއްގެ ގާރީ ކޯހެއް އިއްޔެ ފަށައިފި އެވެ.

މި ކޯހާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ އިއްޔެ ފެށި ކޯހުގައި 90 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާކަމަށާއި ތިން ސެސަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ ސޫދާނުގެ ޓީޗަރެއް ކަމަށެވެ.

"ކޯހުގައި ކިޔަވައިދެއްވާނީ ސޫދާނުގެ ޓީޗަރެއް، އެއީ ކީރިތި ޤުރުއާނާއިބެހޭ މައި މަރުކަޒުން ހަމަޖައްސައިދީފައިވާ ޓީޗަރެއް، ޓީޗަރުގެ ހުރުމާއި ކެއުމުގެ ހަރަދުތައް ބަލަހައްޓަމުންދާނީ ރަށު ކައުންސިލުން" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެ ފެށި ކޯހަކީ ދެ މަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެއް ކަމަށާއި ކޯހުގެ މަގްސަދަކީ ރަށު ރަށްވެހީންނާއި ބެލެނިވެރިންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި މިފަދަ ތައުލީމް ލިބިގަތުމަށާއި އަދި ދަރިންނަށް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ހިންގޭ ކޯހެއް ކަމަށެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ރަށު ކައުންސިލުން ބިނާކޮށް ބަލަހައްޓަމުން އަންނަ، ކީރިތި ގުރުއާނާއިބެހޭ މަރުކަޒުގެ ގޮފީގައި އެއްވެސް ފީއަކާ ނުލާ މިފަދަ ކޯހެއް ރަށުގައި ކުރިއަށްގެންދެވޭއިރު އިތުރު ކޯސްތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަދި އެކަމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އެ ގޮފި ގާއިމު ކުރުމާއި ގޮފީގައި މިހާރު ހިންގާ ކޯހާއި އަދި ހިންގަން ހަމަޖެހިފައިވާ ކޯސްތަކަށް ސަރުކާރާއި ދާއިރާގެ މެމްބަރުގެ އެހީތެރިކަން އިންތިހާއަށް ލިބޭކަން ފާހަގަކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް