ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން 'ރިޝްވަތު' ގެ ނަމުގައި ދަރުސެއް ބާއްވަން ހަމަޖައްސައިފިއެވެ.
މިއަންނަ ހުކުރު ދުވަހުގެ ރޭ އޮންނަ މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް އާއި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ.
ހުކުރު ދުވަހުގެ ރޭ އަލިމަސްކާނިވަލުގައި ބާއްވާ މިދަރުސް އާއި ބެހޭގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވީ ދަރުސް ބޭއްވުމުގެ އެންމެބޮޑު އެއްމަޤްޞަދަކީ ދިވެހި މުޖްތަމަޢުގައި ރިޝްވަތުގެ ވަބާ ފެތުރިގެންދާތީ އާއި އަދި މިކަމުގެ ނޭދެވޭ އަސަރު ވަރަށްގިނަ މުއައްސަސާތަކުން ފެންނަމުންދާތީ، ދިވެހިރައްޔިތުން މިކަމުން ސަލާމަތްކުރުންކަމަށެވެ.
"އަޅުގަނޑުމެން މިބާއްވާ ދަރުސަކީ މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި ފެތުރިފައިވާ ވަރަށްބޮޑު އިޖްތިމާޢީ ބަލިމަޑުކަމަކަށް ޢިޝާރާތްކޮށް ބާއްވާ ދަރުސެއް. އެއީ ރިޝްވަތު ހިފުމާއި ރިޝްވަތު ދިނުންފަދަ ކަންތައްތަކަށް އަލިއަޅުވާލައި ބާއްވާ ދަރުސެއް. ހަގީގަތުގައި އަޅުގަނޑުމެންގެ މުޖްތަމަޢުގައި މިއަދު ރިޝްވަތުގެ ވަބާ ވަނީ ވަރަށްބޮޑަށް ވަކިހިއްޕާލާފަ. އެހެންވެ މީގެ ނޭދެވޭ އަސަރު އަޅުގަނޑުމެންގެ ވަރަށްގިނަ މުއައްސަސާތަކުން ފެންނަމުންދާތީއާއެކު ދިވެހިރައްޔިތުން މިކަމުން ސަލާމަތްކުރުމުގެ މަޤްޞަދުގައި ބާއްވާ ދަރުސެއް މީ. އަދި އިސްލާމްދީނުގައި މިކަމުގައި އޮންނަ ޙުކުމް ރަނގަޅަށް ބަޔާންކޮށްދީ ދިވެހި ރައްޔިތުންނަކީ އިސްލާމްދީނުގެ ކަންކަމުގައި ރަނގަޅަށް ހިފަހައްޓައިގެން ތިބޭ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ބާއްވާ ދަރުސެއްމީ" އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް