ވާހަކަ: މަންޒިލް ތިޔޭ – އެކާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އެއީ އަހަރެން އުޅުނު ގޭގައި އުޅޭ ކުއްޖެއް.. އަނެއްކާ އެއް ހޮސްޕިޓަލެއްގައި މަސައްކަތް ކުރަނީ.. ކޮންމެ ދުވަހަކުވެސް އަހަރެން ހޮސްޕިޓަލަށް ގެންގޮސްދޭނެ އޭނަ.. ވަރަށް ރަނގަޅުވާނެ....

14 Jul 2022 | 18:10

ކުރީގެ އަދަދާއި ގުޅޭ...

އެއީ އަހަރެން އުޅުނު ގޭގައި އުޅޭ ކުއްޖެއް.. އަނެއްކާ އެއް ހޮސްޕިޓަލެއްގައި މަސައްކަތް ކުރަނީ.. ކޮންމެ ދުވަހަކުވެސް އަހަރެން ހޮސްޕިޓަލަށް ގެންގޮސްދޭނެ އޭނަ.. ވަރަށް ރަނގަޅުވާނެ.. " ރާނީ ރަފާއަށް ކިޔައިދިނެވެ. އެމީހުންގެ ވާހަކަ އަޑު އަހަމުން ފަހަތުން ދިޔަ ޔާނިޝްގެ ހިތުގައި އާރަވްއާ މެދު ހަސަދައިގެ ހުޅުކޮޅެއް ރޯވިއެވެ.

**************

ފޮށި ހުސްކޮށް އަލަމާރިއަށް ހުރިހާ އެއްޗެއް ލުމަށްފަހު ރާނީ ވަނީ ފެންވަރާލާށެވެ. ފެންވަރައިގެން ނިކުތްތަނުން ދޮރުގައި ޓަކި ޖަހައިލި އަޑިއިވުނެވެ. ބާތްރޯބް މަހާލުމަށްފަހު ރާނީ ގޮސް ކުޑަކޮށް ދޮރު ހުޅުވާލާފައި ބަލައިލިއެވެ. ބޭރުގައި ހުރި ރަފާ އެތެރެއަށް ވަނަސް އެންމެ ރަނގަޅުތޯ އަހައިލިއެވެ. ބޯޖަހައިލަމުން ރާނީ ބޮޑުކޮށް ދޮރު ހުޅުވާލުމާއެކު ރަފާ ވަދެއްޖެއެވެ.

" ފެންވަރާލީ ދޯ... އަހަރެން މިއައީ އަދި އަނގަތަޅާލަން ކަމަށް.. " ރަފާ ބުންޏެވެ.

" ތިކަން ކުރެވިދާނެ.. އެކަމް އަދި މަޣްރިބް ނުކޮށް މިހުރީ.. ނަމާދު ކޮށްލަންދެން އިހަށް އެނދުގަ ޖައްސާލަންވީނު.." ރާނީ ބުންޏެވެ. އެއަށްފަހު ލާނެ ހެދުމެއް ހިފައިގެން އަނެއްކާވެސް ވަނީ ފާހަނައަށެވެ. އަތްދިގު ކަކުލާ ހަމައަށް އަންނަ ހެދުމަކާ އެކު ފައިކުރި ފުޅާ ހަރުވާޅެއްގައި ހުރި ރާނީ ފެންނަލެއް ކިތަންމެހާވެސް ރީއްޗެވެ. ރާނީ ނަމާދުކޮށް ނިމެންދެން ރަފާ އެނދުމަތީގައި ފޯނުން ބަލައިގެން ޤުރުއާން ކިޔަވަން އިނެވެ. ނަމާދުކޮށް ނިންމާލުމަށްފަހު ރާނީ ގޮސް ރަފާކައިރީގައި އޮށޯވެލިއެވެ.

" ވަރުބަލިވެފަ ދޯ.. އެކަމަކު ނިދަން ވާނީ ކައިގެން.. މާމަ ވަރަށް ހިތްހަމަނުޖެހޭނެ ގަޑިއަށް ކާން ނައިއްޔާ.. " ރަފާ ބުންޏެވެ.

" އާނ ވަރަށް ވަރުބަލި.. ޑިއުޓީ ނިންމާފަ ގެއަށް ގޮސް ޕެކް ކުރުމުގަ އުޅުނީ.. ރަފާ.. ބޮޑުބެ ގެއަށް އައިސްފިތަ؟ ވަރަށް ދެކިލާހިތްވޭ.. " ރާނީ ބުންޏެވެ.

" ބޮޑުބެ އައިސްދާނެ މިހާރު.. ކާ ގަޑީގަ ފެންނާނެއްނު.. އަހަރެން ހަމަ އަޖައިބުވޭ.. އެމީހުން ރާނީގެ މަންމައާ ދޭތެރޭ އެގޮތަށް ކަންތައް ކުރީމަވެސް ރާނީ އެމީހުން މަތިން ފޫއްސެއް ނުވޭތަ؟ " ރަފާވެސް ކުރު އަތްމައްޗަށް ރާނީ ކައިރީގައި އޮށޯވެލިއެވެ.

" އެމީހުން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެންގެ ހިތުގައި އެމީހުންނަށް އިޙްތިރާމައި ޤަދަރު ދެވިފައިވޭ.. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ މަންމަގެ ހުރި ހަމައެކަނި އެއްބަނޑު މީހާ ދޯ.. " ރާނީ ބުނެލިއެވެ.

" އޯކޭ.. އެކަމަކު އަދި މިގޭގަ އުޅޭނެ ރާނީ ބައްދަލުނުވާ އެކަކު.. " ރަފާ ބުނެލިއެވެ.

" އެހެންތަ؟ އެއީ ކާކު؟ އާނ ބުނި ކަންނޭނގެ އަދި ޔާނިޝްގެ ކޮއްކޮގެ ވާހަކައެއް.. މިގެއަށް އައި ތިންދުވަހުވެސް އެކުއްޖާއެއް ނުދެކެން... ކޮބާ އެކުއްޖާ.. "

" ހުމްމްމް.. އަނޫޝާ.. ވަރަށް ކަންތައް ބޮޑުވާނެ.. ނުބެހޭކަ ކަމެއް ނޯންނާނެ.. ބޮޑުބެދައްތަ އުޅޭނީ އޭނަ ބޮލަށް ލައިގެން...... ތުއި ކަމުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ.. އަހަރެން އެންމެ ފޫހިވަނީ ޔާންގެ ވާހަކަ މާމަ ކައިރީގައި ކުޓުވާ ވަރުން.. " ރަފާ ކިޔައިދިނެވެ.

" އެހެންތަ؟ މިރޭ އެމަންޖެވެސް ފެންނާނެއްނު.. އަދިވެސް ރަފާމެންގެ ކަޒިންއެއް ހުންނަކަން އެނގެއެއްނު.. ރަޔަން.. އަހަރެންގެ ކޮއްކޮ.. ވަރަށް މަޖާ ވާނެ.. އަހަރެންނަށް ޖެއްސުމެއް ކޮށްނުލަންޏާ އޭނާގެ ދުވަސް ފުރިހަމައެއް ނުވާނެ.. އަހަރެން ރުޅި އަރުވަން ވެގެން ފެޓްސޯ އޭ ކިޔާފަ އަހަރެންނަށް ގޮވާނީ.. އެކަމަކު އަހަރެންދެކެ ވަރަށް ލޯބިވާނެ.. މިސްވާ ކަމަށް ބުނެ މެސެޖް ނުކުރާ ދުވަހެއް ނުދާނެ.. އަހަރެންވެސް ވަރަށް ހަނދާންވޭ ރަޔަން މަތިން.. ހާފް ބްރަދަރ އެއްކަން އެނގުމުން ވަރަށް ދެރަވެސް ވި.. ހިތަށް އަރަނީ އެކަން ރަޔަންއަށް އެނގޭ ދުވަހަކުން މިހާރެކޭ އެއްގޮތަށް އަހަރެންދެކެ ލޯބިވާނެ ބާއޭ.. " ފަހު ޖުމްލަ ބުނެލިއިރު ރާނީގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ.

" އިރާދަކުރެއްވިއްޔާ ގޯހެއް ނުވާނެ.. ރާނީގެ ކޮއްކޮއެއްނު.. އޭނައަށްވެސް ލިބިފައިވާނީ ރާނީގެ އަތުގައިވާ ފަދަ ހިތެކޭ އަހަރެންގެ ހިތް ބުނޭ.. ދެން އެވާހަކަތައް ނުދައްކާ.. އަހަރެން ވާހަކައެއް އަހާލަންތަ؟ " ރަފާ ބުންޏެވެ. ރާނީ ހިނިތުންވެލަމުން ބުމަ އަރުވައިލިއެވެ.

" ރާނީގެ ބިޓެއް ހުރޭތަ؟ " ރަފާގެ ސުވާލުން ރާނީގެ މޫނުމަތި ހިނދުކޮޅެއްގެ ތެރޭގައި ބަނަވެއްޖެއެވެ. ދެވަނަ ހިނދުގައި އެ އިހުސާސްތައް ފޮރުވައިލަން ހިނިތުންވެލި ނަމަވެސް ރަފާއަށް ރާނީގެ މޫނަށް އެރި ކުލަވަރު ސިއްރެއް ނުވިއެވެ.

" ސޮރީ.. މާ ޕާސަނަލް ސުވާލެއް ދޯ މިކުރެވުނީ.. " އެ ސުވާލު ކުރެވުނީތީ ދެރަވާ ހާލު ރަފާ ބުންޏެވެ.

" އިޓްސް އޯކޭ.. އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުރޭ.. ރައްޓެހިވެގެން ތިން އަހަރެއްހާ ދުވަހު އުޅުމަށްފަހު ކުރިން ދުވަހު އަހަރެންނަށް އެނގުނީ އޭނަ އަހަރެންނަށް އޮޅުވާލީކަން.. އޭނަ މިހާރު އުޅެނީ އެހެން މީހަކާ އިންނަން ވެގެން.. " ރާނީ ކިޔައިދިނެވެ. ރަފާ، ރާނީގެ ބަނޑުމަތީގައި އޮތް އޭނާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

" ދެން ބުނެބަލަ!! ރަފާ ނޫޅެންތަ އެކަހަލަ ކަމަކާ.. " ހިނިތުންވާން މަސައްކަތް ކުރަމުން ރާނީ އަހައިލިއެވެ. ރަފާ ހިނިގަނޑެއް ޖަހައިލަމުން އުއްޑުން އޮށޯވެލާ ސީލިންގަށް ނަޒަރު ހުއްޓައިލިއެވެ.

" އަހަރެންވެސް ވަރަށް ލޯބިވާ ކުއްޖަކު ހުރޭ.. އެކަމަކު... އޭނައަކަށް ނޭނގޭނެ އަހަރެން ލޯބިވާކަމެއް.. ވަރަށް ދުވަސްވެއްޖެ އެލޯބި ހިތުގައި އަޅައިގެން އުޅޭތާ.. ބުނާނެ ހިތްވަރެއް ނުލިބުނު.. އޭނާގެ ފަރާތުންވެސް އެކަހަލަ އިޝާރާތެއް ނުވާތީ މިހުންނަނީ.. " ރަފާ ކިޔައިދިނެވެ.

" އަސްލުތަ؟؟ އަވަހަށް ލަސްނުކޮށް އެސޮރު ކައިރީގައި ބުނަން އަހަރެންނަށް ފެންނަނީ.. އެހެންނޫނީ ވަގުތު ފާއިތުވެދާނެ.. ލޯބި ނުލިބުމުން ހިތަށް ކުރާ ފުން އަސަރުން މުޅި ނަފްސު ހަލާކުވެގެން ހިނގައިދާނެ.. ރަފާއަށް އެހެންވާކަށް އަހަރެން ނޭދެން.. " ރާނީ ބުންޏެވެ. ރަފާ ވަކި ޖަވާބެއް ނުދީ ފުންނޭވައެއް ދޫކޮށްލިއެވެ. އެވަގުތު އިޝާ ނަމާދަށް ބަނގި ގޮވާ އަޑިއިވުނެވެ.

" އަވަހަށް ނަމާދު ކުރަން އުޅޭ.. ގަޑިއަށް ކާން އަންނާތި.. އަހަރެންވެސް މިދަނީ ނަމާދުކޮށްލަން.. " އެނދުމަތިން ތެދުވަމުން ރަފާ ބުންޏެވެ.

" ރަފާއާ އެކީގަ ދާނީ.. އެކަނިން ދާން ކުޑަކޮށް ޖެހިލުންވޭ.. " ރާނީ އެދުނެވެ. ރަފާ ބޯޖަހައިލުމަށްފަހު ގޮސް ކޮޓަރިން ނިކުތެވެ.

***********

އަށެއް ޖަހަން ފަސް މިނެޓަށް ވީއިރު ކާމޭޒު ކައިރިއަށް އެންމެން ޖަމާވެއްޖެއެވެ. ރަފާ އާއި ރާނީ ފިޔަވައެވެ. މެދުގައިވާ ބޮޑު ގޮނޑީގައި ބަދޫރާ އިން އިރު ބަދޫރާގެ ވާތް ފަރާތުން އިނީ ހާރޫނެވެ. ހާރުނާ ޖެހިގެން ތިބީ ނީޒާ އާއި އަނޫޝާ އަދި ޔާނިޝްއެވެ. ބަދޫރާގެ ކަނައަތް ފަރާތުގައި އިނީ ސާރާއެވެ. އިރުކޮޅަކުން ރަފާ އާއި ރާނީ އެކީގައި އައިސް އެތަނަށް ވަދެއްޖެއެވެ. ހާރޫންގެ ލޮލުގައި ރާނީ އަޅައިގަތްވަގުތު ތަފާތު އިހުސާސެއް އޭނާއަށް ކުރެވިގެން ދިޔައެވެ. ރާނީގެ މޫނުމަތިން އޭނާއަށް މީހަކު ސިފަވާން އުޅުނު ކަހަލަ ގޮތެއް ވިއެވެ. ރަފާ ސާރާ ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީންނަމުން ޖެހިގެން ހުރި ގޮނޑީގައި އިށީނުމަށް ރާނީ އަށް އިޝާރާތް ކުރިއެވެ. ގޮނޑީގައި އިށީން ވަގުތު ހާރޫނާ ދިމާލަށް ރާނީއަށް ބަލައިލެވިއްޖެއެވެ. ރާނީ ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލުމުން ހާރޫންވެސް ހީނލައިފިއެވެ. ރާނީ އެތަނަށް ވަނީއްސުރެން އިރުއިރުކޮޅާ އޭނާއާ ދިމާލަށް ޔާނިޝްއަށް ބަލާލެވެއެވެ. ތެމިފައިވާ ކަޅުކަން ގަދަ އިސްތަށި ގަނޑުގެ ތެރެއިން ރާނީގެ ދޮން މޫނު ފެންނަމުން ދިޔައީ ހަނދެއް ފަދައިންނެވެ. އަނޫޝާގެ ނަޒަރުވެސް ރާނީއަށް ހުއްޓުނު ގޮތަށް އޭނާއަށް ބަލަހައްޓައިގެން އިނެވެ. އެމަންޒަރު ފެނި ރާނީ އަނޫޝާއަށްވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަނޫޝާވެސް ފާޑަކަށް ހީނލުމަށްފަހު އޭނާގެ ތައްޓަށް ކާއެއްޗެހި އަޅައިދިނުމަށް ނީޒާ ކައިރިން އެދުނެވެ.

" ހާރޫން..!! މީ އަހަރެން ބުނި ކުއްޖަކީ.. ރާނީ މީގެ ފަހުން ހުންނާނީ މިގޭގައި.. ރާނީ.. މީ އަހަރެންގެ ހުރި ހަމައެކަނި ދަރި ހާރޫން.. " ބަދޫރާ ތައާރަފް ކޮށްދިނެވެ. ހިނިތުންވެގެން ރާނީ އިނދެފައި ބަދޫރާގެ ފަހު ޖުމްލަ އިވިފައި އެހިނިތުންވުން ފަނޑުވެލިއެވެ.

" އެހެންތަ؟ މާމަގެ ދެން އިތުރު ދަރިއެއް ނުހުރޭތަ؟ މިބުނީ ރަފާގެ ބައްޕައާއި ހާރުންބެ ނޫނީ.. " ރާނީ އަހައިލިއެވެ. ބަދޫރާގެ މޫނުމަތިން ދައްކައިގެން އިން ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ. ސާރާ އާއި ރަފާ އަށް އެކީގައި ރާނީއާ ދިމާލަށް ބަލައިލެވިއްޖެއެވެ. ރަފާ ސިއްރުން ރާނީގެ ފައިގައި ޖަހާލީ އެވާހަކަ ނުދައްކާށޭ ބުނާ ފަދަ ގޮތަކަށެވެ. ނީޒާއާއި ހާރޫންވެސް ތިބީ ބަދޫރާގެ ޖަވާބެއްގެ އިންތިޒާރުގައެވެ.

" ނޫން ހުރޭ.. އަންހެންކުއްޖެއް ހުންނާނެ.. އެކަމަކު އޭނާވެސް އަހަންނަށް މަރުވިތާ ކިތަންމެ ދުވަހެއް.. ސީދާކޮށް ޖަވާބު މިދިނީ ކުރިއަށް އޮތްތަނުގައިވެސް ތިފަދަ ސުވާލެއް ނާންނާނެކަމަށް އުއްމީދުކޮށްގެން.. ކާ ގަޑީގައި ބޭކާރު ވާހަކަތަކެއް ދެއްކުމަކީ އަހަރެން އެހާ ހިތްހަމަޖެހޭ ކަމެއް ނޫން.. މިގޭގަ ރާނީގެ ފުރަތަމަ ދުވަސް ވީމަ ނޭނގިދާނެތީ މިބުނެދިނީ.. ރަފާ!! އެކުވެރިޔާއަށް މިގޭގަ ދައްކަންޖެހޭ ވާހަކަތަކާއި ދައްކައިގެން ނުވާނެ ވާހަކަތައް ބުނެދީފައި ބަހައްޓާ.. " ބަދޫރާގެ އަޑުގައިވީ ރުންކުރު ކަމެވެ. އަނޫޝާ މަލާމާތުގެ ގޮތަކަށް ހީނލަމުން އަނގަމަތީގައި އަތް އެޅިއެވެ. އެވަގުތު ޔާނިޝް ކައިރިއަށް އައި ރުޅިން އަނޫޝާގެ ފައިގައި ޖަހައިލިއެވެ. ދެން ޔާނިޝްއަށް ބަލައިލެވުނީ ރާނީގެ މޫނަށެވެ. އެ މޫނުމަތިން ލަދުވެތިކަމަށްވުރެ ބޮޑަށް ޔާނިޝްއަށް ފެނުނީ މާޔޫސްކަމާއި ބަނަ ކަމެވެ. އެލޮލުން ކަރުނަ ހިލުނުހެން އޭނާއަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. ރާނީއަށް ވީވެސް އެހެންނެވެ. އެންމެންގެ ކުރިމަތީގައި ބަދޫރާ އެގޮތަށް ވާހަކަ ދެއްކުމުން ރާނީ ލަދެއް ނުގަނެއެވެ. ބަދަލުގައި ހާޖަރާމެދު އެގޮތަށް ދެކޭތީ އޭނާގެ ހިތަށް ތަދުވެ ދެރަވީއެވެ. ކައިރީގައި އިން ރަފާ ރާނީގެ އަތުގައި ހިފައިލަމުން ކާން ފަށާށޭ ބުނެލިއެވެ.

******************

އިޝާ ނަމާދުކޮށްގެން ރާނީ ތައްޔާރު ވަމުން ދިޔައީ ހޮސްޕިޓަލުގެ އަށާވީސް ވަނަ އަހަރީ ޕާޓީއަށް ދިއުމަށެވެ.  ކަޅުކުލައިގެ އަތްދިގު މެކްސީއެއްގައި ހުރިއިރު އެމެކްސީގެ މެއިން ފެށިގެން މަތީބަޔާއި އަތް ވަނީ ލޭސްފޮތިންނެވެ. ރީތި ގޮތަކަށް ހުޅިއެއް ޖަހާލާފައިވާއިރު މޭކަޕް ކޮށްފައިވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. އެހެނަސް ރާނީ ފެންނަލެއް އިންތިހާއަށް ރީއްޗެވެ. ޕާޓީއަށް ދާން ޙާއްސަ ހުއްދައެއް ނަގަން ޖެހުނެވެ. ބަދޫރާ ރާނީއަށް ހުއްދަ ދިނީ އެގާރައިގެ ކުރިން ގެއަށް ވަންނަ މަތިންނެވެ. އެންމެ ފަހުފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީގައި އޮތް ކަޅުކުލައިގެ ކްލަޗް ހިފައިގެން ރާނީ ނިކުތެވެ.

ރާނީ ނިކުތްއިރު ސޯފާގައި ޔާނިޝްއާއި ސާރާގެ އިތުރުން ނީޒާ ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. ރާނީ ފެނުމާއެކު ޔާނިޝްއަށް ހިންދިރުވައިލެވުނެވެ. ދުނިޔެމަތީގެ ކަމެއް ނޫނޭވެސް ހިނދުކޮޅަކަށް ހިތަށް އެރިއެވެ. އެރީތިކަމަށް ތައުރީފުކޮށްލަން ބޭނުންވިނަމަވެސް އެންމެން ތިބުމުން ބަހެއް ކިޔާކަށް ނުކެރުނެވެ.

" މާޝާ ﷲ.. ހާދަހާ ވާ ރީއްޗޭ.. " ސާރާ ބުނެލިއެވެ.

" އަސްލުވެސް ރާނީ.. ވަރަށް ރީތި.. އެކަނިތަ ޕާޓީއަށް ދާނީ.. ޔާނިޝްއާ އެކު ދާންވީނު.. " ނީޒާ ބުނެލިއެވެ.

" ނޫނޭ.. ފްރެންޑެއް އަންނާނެ ބަލާ.. ލަސްނުވެ އަންނާނަން އިނގޭ.. " މިހެން ބުނެ ރާނީ ދާން ހިނގައިގަތެވެ.

އެ އާރަވްއާ އެކުކަން ޔަގީން.. " ޔާނިޝް ހިތާހިތުން ކިޔައިލިއެވެ. ފާއިތުވި ދުވަސްތަކުގައި ޔާނިޝްއަށް އާރަވް ކޮންމެ ދުވަހަކުހެން ފެނެއެވެ. ރާނީ ބަލާވެސް ލާންވެސް އަންނަނީ އޭނައެވެ. އެކަމުގެ ސަބަބުން އާރަވްއަށް ޓަކައި އެހިތުގައިވާ ހަސަދަވެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ. ފާއިތުވި ދުވަސް ތަކުގައި އޭނާއަށް އެއް ކަމެއް ޔަގީންވެއްޖެއެވެ. އޭނާއަށް ރާނީ ދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. އިއިހުސާސްތައް ހިތުގައި ފޮރުވައިގެން ހުންނަން އޭނާއަށް އުނދަގޫ ކަމަކަށް ވެއްޖެއެވެ.


ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ، 17 ޖުލައި ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް