ވާހަކަ: މަންޒިލް ތިޔޭ – ވިހިވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ވަޓް.. " އެހެން ބުނަމުން ދުއާ ތެދުވީ ކުއްލިއަކަށެވެ. ތާރާ އާއި ރާނީއަށް ލިބުނީ ސިހުމެކެވެ. ދުރުގައި ތިބި ލޫކަން އާއި އާރަވްގެ ނަޒަރުވެސް އަމާޒުވެފައިވަނީ ދުއާ އަށެވެ. ވީކިހިނެ...

12 Jul 2022 | 17:15

ކުރީގެ އަދަދާއި ގުޅޭ...

"ވަޓް.. " އެހެން ބުނަމުން ދުއާ ތެދުވީ ކުއްލިއަކަށެވެ. ތާރާ އާއި ރާނީއަށް ލިބުނީ ސިހުމެކެވެ. ދުރުގައި ތިބި ލޫކަން އާއި އާރަވްގެ ނަޒަރުވެސް އަމާޒުވެފައިވަނީ ދުއާ އަށެވެ. ވީކިހިނެއްތޯ ތާރާ އަހައި ނުލެވެނިސް ވައިސޫރިއެއްހެން ދުއާ އެތަނުން ނިކުމެގެން ގޮސްފިއެވެ. އެއާއެކު ލޫކަންއާއި އާރަވްވެސް އިންތަނުން ތެދުވެއްޖެއެއެވެ. ވީކިހިނެއްތޯ ބަލަން ތާރާވެސް ތެދުވެގެން ދިޔައެވެ. ތާރާއަށްވުރެ ކުރިން އެތަނުން ނިކުތީ ލޫކަންއެވެ. އެމަންޒަރު ފެނި ރާނީއަށް ހިތިގޮތަކަށް ހިންދިރުވައިލެވުނެވެ. އެކަމުން ރާނީއަށް ދޭހަވީ ލޫކަން ދުއާ ދެކެ ލޯބިވާ ވަރެވެ.

************

ތާރާ ދަބަސް ހިފައިގެން އައިއިރު ދުއާ އާއި ލޫކަން ސައިކަލުގައި ނައްޓާލައިފިއެވެ. އެވަގުތު އާރަވްއާއި ރާނީވެސް ދޮރު ކައިރިއަށް އައިސް ތިއްބެވެ.

" ކިހިނެއްވީތަ؟ ދުއާ ކީއްވެ މާ ބާރަށް އެދިޔައީ.. " ރާނީ އަހައިލިއެވެ.

" ދުއާގެ ކާފަގެ ކަމެއް ކަންނޭނގެ.. ރެވް ހިނގާބަ އަހަރެން ގޮވައިގެން އެގެއަށް.. " ތާރާ އާރަވްއާ ދިމާއަށް އެނބުރެމުން އެދުނެވެ.

" އަހަރެން ބޭނުމެއްނޫން ދާކަށް.. ޓެކްސީއެއްގަ ދާންވީނު.. " އެއްވެސް ޝައުޤުވެރިކަމެއް ނެތް ފަދައިން އާރަވް ބުންޏެވެ. ތާރާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފާޅުވީ އޭނާ ދުއާގެ ގެއަށް ދާން އެހާ ބޭނުންވެފައި ހުރިވަގުތެއްގައި އާރަވްގެ ފަރާތުން އެފަދަ ޖަވާބެއް ލިބުމުންނެވެ.

" ހާދަ ހެއްވާ މީހެކޭ ތީ.. މިހާރުވެސް ރާނީ ބުނެފިއްޔާ ޔަގީނޭ ދާނެކަން.. ހަމަ ގައިމުންވެސް ރާނީއަށް ވުރެ ރެވްއާ ގާތްވާނީ އަހަރެން.. " ތާރާގެ ވާހަކަ އިވިފައި ރާނީއަށް އޭނާއާ ދިމާލަށް ބަލައިލެވުނެވެ. އާރަވްއާ އަވަސް ނަޒަރެއް ބަދަލުކޮށްލެވުނެވެ. އެއަށްފަހު ލަދުގަތްވަރުން އިސްޖަހައިލެވިއްޖެއެވެ.

" އަދި ތިހާ ވަރު ވާކަށް ނުވެއެއްނު.. މިއަންނަނީ ސައިކަލު ހިފައިގެން.. " ރުންކުރު ގޮތަކަށް އާރަވް ބުންޏެވެ. އެއަށްފަހު ޕާކިންގެ އޭރިއާ އަށް ދިއުމަށް ހިނގައިގަތެވެ. ރާނީގެ ކުރިމަތީގައި އެގޮތަށް ވާހަކަ ދެކެވުމުން ތާރާ ދެރަވެއްޖެއެވެ. ރާނީއާ ދިމާލަށް ބަލާލަން ނުކެރިފައި އޭނާ ހުއްޓެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތުމުން އެތަނުން ދިއުމަށް ރާނީ ހިނގައިގަތެވެ.

*************

އާރަވްއާއި ތާރާއަށް ދެވުނު އިރު ލޫކަންއާއި ދުއާ ރިޒާގެ ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. ކިހިނެއްވީތޯ ދުއާ ކުރެން ތާރާ އަހައިލިއެވެ.

" ކުއްލިއަކަށް ކާފަގެ އީ.އީ.ޖީއަށް ބަދަލު އައި ވާހަކަ ނަރސް ބުނީ.. މިހާރު ޑޮކްޓަރު ބަލަނީ.. " ދުއާގެ އަޑުގައި ތުރުތުރެއް ހުރިއިރު އަތުގައިގައިވެސް ތުރުތުރު އަޅަމުން ދިޔައެވެ. އެމަންޒަރު ފެނި އޭނާ އެހުރީ ނުހަނު ހާސްވެފައިކަން އެތާ ތިބި އެންމެންނަށްވެސް އެނގުނެވެ. އެމަންޒަރު ބަލަން އާރަވްއަށް އުނދަގޫވުމުން އިސްޖަހައިލަން އުޅުނެވެ. ނަމަވެސް ހަމަ އެހިނދު ލޫކަން ދުއާގެ އަތުގައި ހިފައިލިތަން ފެނި އާރަވްގެ ނަޒަރު ގުޅުވާލެވިފައިވާ އަތަށް ހުއްޓުނެވެ. ލޫކަންގެ އަތަށް ދުއާ ބާރުކޮށްލައިގެން ހުރިގޮތް ފެނި އޭނާއަށް ހިންދިރުވައިލެވުނެވެ. އެތަނުން ދާން ބޭނުންވި ނަމަވެސް ރިޒާއަށް ވީ ގޮތެއް ނުބަލާ ދާން ހިތް ނުރުހުނެވެ.

ޑޮކްޓަރު ދޮރު ހުޅުވާލާފައި ނިކުތީ އިރުކޮލެއް ފަހުންނެވެ.

" ހާސްނުވޭ ދުއާ.. އުފާވެރި ޙަބަރެއް.. ރިޒާ ސަރގެ ސިކުނޑީގެ މަސައްކަތް ވަރަށް ބޮޑަށް އިމްޕްރޫވް ވެފަ ހުރީ.. ހަމަ މިރޭކްލްއެއް ފަދަ... ކުރިއަށް އޮތްތަނުގައިވެސް އެގޮތުގައި ހުރިއްޔާ ވަރަށް އަވަހަށް ހޭއަރާނެ ކަމަށް ލަފާކުރެވެނީ.. މާދަންވެސް ބަލައިލާން އަންނާނަން.. އިހަށް މިވަގުތު އަހަރެން ގޮސްލީ.. " މިހެން ބުނެ ޑޮކްޓަރު އެތަނުން ދާން ހިނގައިގަތެވެ. ދުއާއަށް ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީނލެވުނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ލިބުނު އުފަލުގައި އެންމެ ފުރަތަމަވެސް ދުއާއަށް ބައްދައިލެވުނީ ކައިރީގައި ހުރި ލޫކަން ގައިގައެވެ. އެމަންޒަރު ފެނި އާރަވްގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފަނޑުވިއެވެ. ދުއާގެ ނަޒަރު އާރަވްއަށް ހުއްޓުނު ހިނދު ލޫކަންއާ ދުރަށް ޖެހިލެވިއްޖެއެވެ. އިޙްތިޔާރަކާ ނުލައެވެ. އާރަވް ފަހަތަށް ދެފިޔަވަޅު އަޅައިލަމުން ފަސް އެނބުރި ދާން ހިނގައިގަތެވެ. އޭނާ މަޑުކުރުވަން ހިތްއެދި ގޮވާ ހާލު އާރަވް ދާ ދިމާލަށް ބަލަހައްޓައިގެން ދުއާ ހުއްޓެވެ. ތާރާ އައިސް ހެމުން ދުއާ ގައިގައި ބައްދާލީ އެހެން ހުއްޓައެވެ. ވަކި ހިސާބަކަށް ގޮސްފައި އާރަވް ހުއްޓުނެވެ. އެނބުރި އެމީހުންނާ ދިމާލަށް ބަލައިލުމަށްފަހު ލޫކްގެ ނަމުން ގޮވައިލިއެވެ.

" ކާރުގެ ތަޅުދަނޑި ލިބިދާނެތަ؟ ރާނީ ގޮވައިގެން ތަނަކަށް ދާން އެބަޖެހޭ... " އާރަވް އެދުނެވެ. ހިނދުކޮޅަކަށް ލޫކަން އާރަވްއަށް ބަލަހައްޓައިގެން ހުއްޓެވެ. ކީއްކުރަންތޯ، ކޮންތާކަށް ތޯ އަޅުން ފިލުވަން ބޭނުންވިއެވެ. ހިތް އަނދަމުން ދިޔައީ އޭގެ އިންތިހާއަށެވެ. ދުއާއަށްވެސް ވީ އެފަދަ ގޮތެކެވެ. ލިބުނު ފޫހިކަމާއެކު ގޮސް ރިޒާގެ ކޮޓަރިއަށް ވަނެވެ. ލޫކަން އޭނާގެ ޖީބުން ތަޅުދަނޑި ނެގުމަށްފަހު އާރަވްއާ ދިމާއަށް އެއްލިއެވެ. ހުށިޔާރުކަމާއެކު އޭގައި ހިފަމުން ލޫކަންއަށް ޝުކުރުއަދާ ކުރުމަށްފަހު އާރަވް އެގެއިން ނިކުތެވެ.

**********

ފޮށި ދަމަމުން ރާނީ އޭނާގެ ކޮޓަރިން ނިކުތް އިރު ޖަވާދުއާއި ކަންސާ ސޯފާގައި ތިއްބެވެ. ރާނީ އެއުޅެނީ ދާންވެގެންކަން އެނގި ކަންސާ ތެދުވެ ރާނީ ގައިގާ ބައްދައިލިއެވެ. ރާނީ އެގެއާ ހިސާބަށް ގެންގޮސްދިނުމަށް ޖަވާދު ކައިރީގައި ކަންސާ ބުންޏެވެ.

" ނޫން އޯކޭ ވާނެ.. ރެވް އެބައާދޭ އަހަރެން ގޮވައިގެން ދާން.. " ރާނީ ބުންޏެވެ.

" އެހެންތަ؟ ހިނގާ އެހެންވީއިރު ބޭބެ ފޮށި ތިރިއަށް ގެންގޮސްދޭނަން.. އޭރުން ރެވްއަށްވެސް ފަސޭހަ ވާނެއްނު.. " ޖަވާދު ބުންޏެވެ. އެކަމަށް ދެކޮޅު ހަދާކަށް ރާނީ ނޫޅުނެވެ. ރާނީއާއި ޖަވާދު ތިރިއަށް ފޭބިއިރު އާރަވް ކާރުގައި އައިސް މަޑުކޮށްލަނީއެވެ. ދޮރު ހުޅުވާލާފައި ނިކުމެ އާރަވް، ޖަވާދު އަތުން ފޮށި އަތުލުމަށްފަހު ގެންގޮސް ކާރުގެ ޑިކީއަށް ލިއެވެ. އަދިވެސް އެއްފަހަރު ޖަވާދުއާ ވަދާޢުގެ ސަލާމް ކުރުމަށްފަހު ރާނީ ގޮސް ކާރަށް އަރާ އިށީނެވެ.

***********

އެގެއަށް ދިޔަ މަގުމަތީގައި ރާނީގެ ސިކުނޑީގައި ބުރުޖަހަމުން ދިޔައީ ލޫކަންގެ ހަނދާންތަކެވެ. ކޮންމެ ދުވަހަކު ލޫކަންގެ އަމަލުތައް ހުންނަ ގޮތުންނާއި ފެންނަ މަންޒަރު ތަކުން އެހަނދާންތަކާ ދުރުވުން ރާނިއަށް އުނދަގޫވެއްޖެއެވެ. މިއަދު ލޫކަން އޭނާއާ އާރަވްއާ އަޅުވައި ކިޔުމުން ހިތަށް އިންތިހާއަށް އަސަރު ކުރިއެވެ. ލިފްޓުގައި ލޫކަންގެ އޭނާގެ އަތުގައި ހިފައިލުމުން ހިނދުކޮޅަކަށް އޭނާގެ އުއްމީދުތައް އާލާވެގެން ދިޔައެވެ. އެހެނަސް ކެންޓީނުގައި ފެނުނު މަންޒަރުން އެ އުއްމީދު ވިއްސިވިހާލިވެގެން ގޮއްސިއެވެ. ލޫކަން އޭނާގެ އިހުސާސްތަކާ އެކުޅެނީ އޭނާ އިތުރަށް ދެރަކުރަން ކަމަށް ވަންޏާ ވަރަށް ރަނގަޅަށް ލޫކަން އެކަން ކޮށްފިއެވެ. ހިޔާލުތަކަށް ގެއްލިފައިން ރާނީއަށް އޭނާގެ ލޮލުން ކަރުނައިގެ ރޮނގެއް ފޭބިއިރުވެސް ރޭކާ ނުލިއެވެ. އާރަވްގެ ލޮލުގައި އެމަންޒަރު އަޅައިގަތުމާއެކެ ރާނިއަށް ގޮވައިލެވުނެވެ. ރޮނީ ކީއްވެތޯ އަހައިލެވުނެވެ. ސިހިފައި ރާނީ އޭނާގެ ކޯތާފަތުގައި އަތްޖަހައިލުމާއެކު ކަރުނައިގެ ހޫނުކަން އިހުސާސް ކުރެވުނެވެ.

" ކިހިނެއްވީ ރާނީ.. ކަމެއް ގޯސްވީތަ؟ " އަނެއްކާވެސް އާރަވް އަހައިލިއެވެ. ކަމެއް ނުވެޔޭ ބުނެ ދެލޯ ފޮހެލަން ރާނީ ބޭނުންވިއެވެ. އެހެންނަމަވެސް އިހުސާސްތައް ކޮންޓްރޯލްނުވެ އޭނާއަށް ރޯން ފެށުނެވެ. އެކަރުނަތައް ހިފަހައްޓައިގެން ހުންނަތާ ކިތަންމެ ދުވަހެއް ވެއްޖެއެއެވެ. ކުއްލިއަކަށް ރާނީ ރޯންފެށުމުން ހަދާނެ ގޮތެއް އާރަވްއަކަށް ނޭނގުނެވެ. ކުރެވުނުހާވެސް ކަމަކީ އެއްފަރާތަށް ކާރު މަޑުކޮށްލުމެވެ. ރާނީ ރޯ އަޑު އިވި އޭނާ އެ ރޮނީ ވަރަށް ބޮޑަށް ހިތުގައި ޖެހިގެން ކަން އާރަވްއަށް އެނގުނެވެ. ސުވާލެއް ކޮށްލަން ނުކެރި އޭނާ ރޯނެ ވަރަކަށް ރޯން ދޫކޮށްލައިގެން އާރަވް އިނީއެވެ.

ހިތްފުރޭ ވަރަށް ރޯލެވުމުން އެހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ރޮއެ ރޮއެ ރަތްވެ ކުޑަވެފައިވާ ދެލޮލުން އާރަވްއަށް ބަލައިލަމުން މައާފަށް އެދުނެވެ. އާރަވް ރާނީއަށް ޓިޝޫއެއް ދިއްކޮށްލަމުން އެއީ ކަމެއް ނޫން ކަމުގައި ބުންޏެވެ.

" އެކަމަކު ކީއްވެ.........." އާރަވް ބުނަން އުޅުނެވެ.

" ކީއްވެ ކަން މިވަގުތު އަހަރެންނަށް ކިޔައެއް ނުދެވޭނެ.. އަހަރެންނަށް ކަމެއް ކޮށްދެންޏާ އަހަރެން ކައިރީގައި ކީއްވެތޯ ނާހާ.. އަދި އިތުރު މީހެއް ކައިރީގައި މިވާހަކަ ނުދައްކާތި.. " ލޯފޮހެމުން ރާނީ ވާހަކަ ދެއްކިއެވެ. ހިތުގައި އެތަކެއް ސުވާލެއް ވީ ނަމަވެސް އާރަވް ބޯޖަހައިލިއެވެ. ރާނީގެ އިހުސާސްތަކަށް އިޙުތިރާމް ކުރަން ބޭނުންވާތީއެވެ.

" މާލެ ތެރޭގަ ދުއްވާލާފައި ދޯ ދާނީ.. ރާނީ ތިހެން ހުރީމަ އެގޭ މީހުންވެސް ސުވާލު ކުރާނެއްނު.. " އާރަވް ބުންޏެވެ. އެކަމާ އެއްބަސްވަމުން ރާނި ބޯޖަހައިލިއެވެ.

ރާނީއަށް އޭނާގެ ގެއަށް އާދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. ގޭޓު ކުރިމަތީގައި އޭނާގެ އިންތިޒާރުގައި ރަފާއާއި ޔާނިޝް ތިއްބެވެ. އާރަވް ކާރުން ފޭބުމަށްފަހު ޑިކީއިން ފޮށި ނެގިއެވެ. އޭރު ރާނީވެސް ފައިބައިގެން އައިސް އޭނާއަށް އެއްހަމަ ކޮށްފިއެވެ. ދެމީހުން ހިނގާލާފައި އައިއިރު ޔާނިޝް ބެލުން އަމާޒުވެފައި ހުރީ އާރަވްއަށެވެ.

" އެއީ ރާނީގެ ބިޓުތަ؟ " ރަފާގެ ކަންފަތް ދޮށުގައި ޔާނިޝްއަށް އަހައިލެވިއްޖެއެވެ.

" ނޭނގޭ މަށަކަށް.. ޔާން މިތަނަށް ގެނައީ ރާނީގެ ފޮށީގައި ހިފަން.. ރާނީއާ އެކު އައީ ކާކުތޯ ބަލާކަށް ނޫން.. " ރަފާ ބުނެލިއެވެ.

" ފޮށީގަ ހިފަން އަހަރެންތަ ގެންނަން އެނގެނީ.. ގޭގަ ނޯކަރުން މަދުވީތަ؟ " ޔާނިޝް ހިތްހަމަނުޖެހިފައި ބުންޏެވެ.

" ނޯކަރުންނާ ޔާންއާ ތަފާތު.. " ރަފާ ބުންޏެވެ. ޔާނިޝްއަށް އެއްޗެއް ބުނެވުމުގެ ކުރިން ރާނީއާއި އާރަވް އެމީހުންނާ ހަމަކޮށްފިއެވެ.

" އައިމް ސޯ ހެޕީ.. " ރާނީ ގައިގާ ބައްދައިލަމުން ރަފާ ބުންޏެވެ.

" މީ ކޮން ކުއްޖެއް... " ރަފާ އަހައިލިއެވެ.

" ވަރަށް ކްލޯޒް ފްރެންޑެއް.. " ރާނީ ޖަވާބުގައި ބުންޏެވެ. ޔާނިޝްގެ ހިތްމަތިން ބޮޑު ބުރައެއް އުފުލުނު އިހުސާސެއް އެވަގުތު ކުރެވުނެވެ. އޭނާ އަތަށް ފޮށި ދިނުމަށް އެދުމުން އާރަވް ފޮށި ދިއްކޮށްލައިފިއެވެ.

" އައިލް ސީ ޔޫ ޓުމޯރޯވް.. " އާރަވްއާ ދިމާލަށް އެނބުރިލަމުން ރާނީ ބުނެލިއެވެ.

" މިގެއަށް އަޔަސް އަހަރެން އަންނާނަން ކޮންމެ ދުވަހަކުވެސް ރާނީ ބަލާ.. އޯކޭ.؟ " އާރަވް ބުނެލިއެވެ. ރާނީ ބޯޖަހައިލިއެވެ.

" ވަރަށް މިސްވާނެ.. ސީ ޔޫ ސޫން.. " އާރަވް ބުނެލިއެވެ.

" ޔަހް.. މީ ޓޫ... " ރާނީވެސް ބުނެލިއެވެ. އާރަވް އެނބުރި ކާރާ ދިމާލަށް ދިއުމުން ރަފާއާ އެކު އެތެރެއަށް ދިއުމަށް ރާނީ ހިނގައިގަތެވެ.

" އެއީ އަހަރެން އުޅުނު ގޭގައި އުޅޭ ކުއްޖެއް.. އަނެއްކާ އެއް ހޮސްޕިޓަލެއްގައި މަސައްކަތް ކުރަނީ.. ކޮންމެ ދުވަހަކުވެސް އަހަރެން ހޮސްޕިޓަލަށް ގެންގޮސްދޭނެ އޭނަ.. ވަރަށް ރަނގަޅުވާނެ.. " ރާނީ ރަފާއަށް ކިޔައިދިނެވެ. އެމީހުންގެ ވާހަކަ އަޑު އަހަމުން ފަހަތުން ދިޔަ ޔާނިޝްގެ ހިތުގައި އާރަވްއާ މެދު ހަސަދައިގެ ހުޅުކޮޅެއް ރޯވިއެވެ.


ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ، 14 ޖުލައި ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް