ޖޫން 10 އިން 12 އަށް މަކާއުގައި ހުންނަ ގެލެކްސީ މަކާއު ރިސޯޓުގައި ބޭއްވުނު ބައިނަލްއަޤްވާމީ މޮޓޯސުޕޯޓްސް ފެޑެރޭޝަން (އެފް.އައި.އޭ) ގެ އަހަރީ އާއްމު ޖްލްސާ އަދި ކޮންފަރެންސްގައި ރޭސިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ރޭމް) އިން ބައިވެރިވެއްޖެއެވެ.
މިއީ އެފް.އައި.އޭ އިން އެ ފެޑެރޭޝަންގެ މެންބަރު ޖަމްޢިއްޔާތަކަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކު ބާއްވާ ދެ ކޮންފަރެންސްގެ ތެރެއިން މި އަހަރުގެ ފުރަތަމަ ބައްދަލުވުމެވެ. ދެވަނަ ބައްދަލުވުން އޮންނާނީ މި އަހަރުގެ ޑިސެންބަރު މަހުގައެވެ.
މިއީ ރޭމް އެފް.އައި.އޭ ގެ މެންބަރަކަށްވެ ބައިވެރިވި ފުރަތަމަ ކޮންފަރެންސް އަދި ދިވެހިރާއްޖޭގެ މޮޓޯސްޕޯޓްސް އެސޯސިއޭޝަނެއް މިފަދަ ކޮންފަރެންސެއްގައި ބައިވެރިވި ފުރަތަމަ ފަހަރުވެސް މެއެވެ. މި ކޮންފަރެންސްގައި އަލަށް ގުޅުނު ޤައުމުތަކާއެކު ޚާއްޞަ ފޯރަމެއް ބޭއްވުނެވެ. ރޭމްގެ ރައީސް، ދިވެހިރާއްޖޭގެ މޮޓޯސްޕޯޓްސްގެ ޙާލަތާއި މިހާރު ކުރިއަށްގެންދާ ޙަރަކާތްތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
ރޭމްގެ ރައީސް މުހައްމަދު ޝާމިޙް (ޝާމް) ވިދާޅުވި ގޮތުގައި މި ކޮންފަރެންސްގައި ބައިވެރިވުމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާނެއެވެ.
"މެންބަރަކަށްވެ މިފަދަ މުހިންމު އިވެންޓެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެކެވެ. މި ކޮންފަރެންސްއިން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި އާލާކުރުމަށް އިތުރު ޚިޔާލުތައް ލިބިގެން ދިޔައެވެ. އެންމެ މުހިންމު ކަމަކީ އެފް.އައި.އޭ އާއި އޭޝިއާ ސަރަޙައްދުގެ މެންބަރު ޖަމްޢިއްޔާތަކާއެކު އުފެދުނު ގުޅުމެވެ. މިއީ ދިވެހިރާއްޖޭގެ މޮޓޯސްޕޯޓްސްއަށް ވަރަށް ގިނަ ގޮތްގޮތުން ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. އަދި އަވައްޓެރި ޤައުމުތަކަށް އަޅުގަނޑުމެންގެ ކުޅުންތެރިން މުބާރާތްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ދިއުމުގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމެކެވެ" ޝާމް ވިދާޅުވިއެވެ.
ކޮންފަރެންސްގައި އެފް.އައި.އޭ ގެ ރައީސް މުޙައްމަދު ބިން ސުލައިއަމް ވަނީ ރޭމްގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އެމަނިކުފާނު ދެއްވި ޔަޤީންކަމަކީ ޤައުމުގެ ބޮޑުކުޑަމިނަށް ބެލުމެއްނެތި
ފެޑެރޭޝރޭޝަންގެ ދަށުގައިވާ ހުރިހާ މެންބަރު ޤައުމުތަކަށް އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަމެވެ. އަދި ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ތައުރީފުކޮށް، ރާއްޖެފަދަ ގައުމެއްގައި މޮޓޯސްޕޯޓްސް ހީނުކުރާހާބޮޑަށް ފާއިތުވެމިދިއަ 7 އަހަރު ތެރޭގައި ކުރިއަރާފައިވާކަންވެސް ފާހަގަކުރައްވައި މެންބަރަކަށް ވީތީ އުފާކުރާކަމަށް ވިދާޅުވިއެވެ. ތިޔަކުރަނީ ބުރަމަސައްކަތެއްކަމާއި އެފް އައީ އޭ އޮންނާނީ ތިޔަކަހަލަ ޤައުމުތާކާއި އެކުގައި ކަންފާހަގަ ކުރެއްވި އެވެ. ރޭސިންގ އެސޯސިއޭޝަންގެ ފަރާތުން އެފް.އައި.އޭ ގެ ރައީސްއަށް ދިވެހިރާއްޖެ ރަމްޒުކޮށްދޭ ހަނދާނީ ހަދިޔާއެއްވެސް ވަނީ އަރުވާފައެވެ.
ރޭމްގެ އޯގަނައިޒިންގް ސެކްރެޓަރީ މުޙައްމަދު ހަމްދާން ވިދާޅުވީ، މިއީ ވަރަށް ބޮޑުފަޙުރެއް އަދި ދިވެހިރާއްޖެއަށް ލިބުނު ބޮޑު ލުޔެއް ކަމަށެވެ.
"މި ޖަމިއްޔާގައި އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކާ އެއްވަރަށް ކަންކަން ނުކުރެވިފައިވާ ބޮޑެތި ޤައުމުތައް ހިމެނެއެވެ. އަޅުގަނޑުމެންގެ އިވެންޓްތަކުގެ ފޮޓޯއާއި ވީޑިއޯ ފެނި ޙައިރާންވި އެތައް ބޮޑެތި ޤައުމުތަކަކާ ބައްދަލުވެއްޖެ، އެހެންކަމުން އެނގުނު އެއްޗަކީ އަޅުގަނޑުމެން ދަތުރުކުރަމުންދާ މަގު ރަނގަޅުކަމެވެ. ދެން އެހެން ޤައުމުތަކާ ގުޅިގެން ކުރިއަށްދާން ފެށުމުން އިތުރަށް ފުރިހަމަވެގެންދާނެ" އޭނާ ވިދާޅުވިއެވެ.
އެސޯސިއޭޝަންގެ ނައިބު ރައީސް ޝަރުވާން ޝަރީފް ވިދާޅުވީ، އެ އިވެންޓަކީ ވަރަށް ފުރިހަމަ އިވެންޓެއް ކަމަށެވެ. އިވެންޓް ބޭއްވިގެން ދިޔައީ ހިތްގައިމު ޤައުމެއްގައި ކަމަށެވެ.
"މިތަނަށް އައިސް ބައިވެރި ވުމުގެ ފުރުޞަތު ލިބުނީ ދިވެހިރާއްޖޭގެ ކުޅިވަރު މިނިސްޓްރީގެ މާލީ އެހީތެރިކަމާއެކު، އެހެންކަމުން މި ފުރުޞަތުގައި މިނިސްޓަރ އަބުދުއް الله ރާފިޔުއަށް އެސޯސިއޭޝަންގެ ނަމުގައި ހާއްސަ ޝުކުރެއް އަދާކުރަމު، އަދި އުންމީދަކީ އަޅުގަނޑުމެން މި ކުރާ މަސައްކަތް ޤަބޫލުކޮށް ބަލައިގަނެ، ރާއްޖޭގެ ވެރިރަށުގައި ހުއްޓިފައިވާ މޮޓޯސްޕޯޓްސް ޙަރަކާތްތައް އަލުން ފެށޭނެ އިންތިޒާމު ހަމަޖައްސައިދިނުން، މިއީ އެތުލީޓުން ތަމްރީނުކޮށް ބައިނަލްއަޤްވާމީ އިވެންޓްތަކަށް ފޮނުވުމަށް މިހާރު ވަރަށް މުހިންމު ކަމެއް ޝަރުވާން ވިދާޅުވިއެވެ.
އެ އެސޯސިއޭޝަނުން ބުނެފައިވާގޮތުގައި އެސޯސިއޭޝަންގެ އުންމީދަކީ މިފަދަ ކޮންފަރެންސްތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގައި ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމެވެ. އަދި ސަރުކާރާއެކު މަޝްވަރާކޮށް، ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައި، ވީހާވެސް އަވަހަކަށް ކުޅިވަރު އަލުން ފެށުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް