"މަންމަ..!!..." ފޮޓޮއަށް ބަލަން ހުރެ ރާނީ ކިޔައިލިއެވެ. އެފޮޓޯގައި ތިބި ދެއަންހެނުން ކުރެ އެކަކީ ޔަގީނުންވެސް އޭނާގެ މަންމަ ހާޖަރެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުމާއެކު ސިހިފައި ރާނީ އެފޮޓޯގަނޑު އޭނާގެ ފުރަގަހަށް ލިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ އޭނާގެ މަންމައައެކު ފޮޓޯގައި ހުރި އަނެއް އަންހެންމީހާއެވެ.
ސާރާ ވަންއިރު އެނދުކައިރީގައި ކޮޅަށް ހުރި ރާނީ ފެނި ހީނލިއެވެ. ރާނީގެ މޫނުމަތިން އޭނާ ހުރީ ޖެހިލުންވެފައިކަން ސާރާއަށް އެނގުނެވެ.
" އަލްޙަމްދުލިﷲ ... " ލިބުނު ހިތްހަމަޖެހުމާއެކު ސާރާއަށް ބުނެވުނެވެ. ސާރާގެ ފަހަތުން ކޮޓަރިއަށް ވަން ރަފާއަށް ވެސް އެމަންޒަރު ފެނި ހީނލެވުނެވެ.
" މީ ކޮންތަނެއް.. ؟ އަހަރެން މިތާ މިހިރީ ކީއްވެ؟ " ރާނީ ޖެހިލުންވެފައި އަހައިލިއެވެ.
" ހާސްނުވޭ.. މިގޭ ކުއްޖެއްގެ ކާރުގަ ޖެހިފައި މަންޖެ އަނބުރައިގަނެގެން ވެއްޓުނީ.. އިހަށް މިތާ އިށީންނަންވީނު.." ކުރިއަށް އަންނަމުން ހިތްހެޔޮކަމާއެކު ސާރާ ބުންޏެވެ. ބޯޖަހައިލަމުން ރާނީ އެނދުގައި އިށީނެވެ. އޭނާވެސް އެމީހުންނާ ކުރަން ބޭނުންވާ ސުވާލުތަކެއް އެބަހުއްޓެވެ. ސާރާ، ރަފާ ކައިރީގައި ފިނި އެއްޗެއް ހިފައިގެން އަންނަން ބުނުމުން ބޯޖަހައިލުމަށްފަހު ރަފާ އެތަނުން ނިކުތެވެ.
" މިހާރު ރަނގަޅުތަ.. ؟ އެއްވެސް އުނދަގުލެއް ވަންޏާ ޖެހޭނެ ހޮސްޕިޓަލަށް ދާން.. ކޮން ނަމެއްތަ ކިޔަނީ..؟" ރާނީ ކައިރީގައި އިށީންނަމުން ސާރާ އަހައިލިއެވެ.
" ރާނީ.. ރާނީ ކިޔަނީ... އަހަރެން ސުވާލެއް ކޮށްލަން ބޭނުން.." ރާނީ ބުނެލިއެވެ. އެއަށްފަހު އޭނާ އަތުގައި އޮތް ފޮޓޯގަނޑު ސާރާއަށް ދިއްކޮށްލިއެވެ. އޭގައި ހިފި ސާރާގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފަނޑުވެލިއެވެ. " މިފޮޓޯގައި ދައްތައާއެކު މިހުރީ ދައްތައާ ވަރަށް ގާތް މީހެއްތަ؟ "
ސާރާއަށް އެއްފަހަރު ރާނީއަށް އަނެއްފަހަރު ފޮޓޯ ގަނޑަށް ބަލައިލިއެވެ. ރާނީ އަތުން ފޮޓޯގަނޑު އަތުލުމަށްފަހު ވެސް ސާރާގެ އަމަލުތައް ހުރީ އެފަދަ ގޮތަކަށެވެ. ސާރާ ކަމެއް ދެނެގަންނަން މަސައްކަތް ކުރާ ފަދައެވެ. އެމަންޒަރު ފެނި ރާނީ އިނީ ހައިރާންވެ އަންތަރީސްވާވަރު ވެފައެވެ.
" ރާނީ މިއަންހެންމީހާ ދަންނަންތަ؟ " ތެޅިތެޅި އޮތް ހިތަކާ އެކު ސާރާ އަހައިލިއެވެ. އެވަގުތު ސާރާގެ ދެލޯ ފެންކަޅިވީތަން ފެނި ރާނީއަށް ލިބިފައިވާ ހައިރާންކަން އިތުރުވިއެވެ. ހައިރާންވެފައި އިނދެ ރާނީއަށް ބޯޖަހައިލެވުނީ ސާރާ އެސުވާލު އެތައް ފަހަރަކު ތަކުރާރު ކުރި ފަހުންނެވެ. ވާން މިއުޅެނީ ކީއްކަން ނޭނގި ރާނީގެ ހިތްނުތަނަވަސްވެފައިވިއެވެ.
" ތީ.. ތީ އަހަރެންގެ... މަންމަ...." ރާނީ ބުނެލި ޖުމްލަ އަޑުއިވިފައި ސާރާއަށް ލިބުނު ސިހުމާއެކު އަނގަމަތީގައި އަތް އަޅައިލެވުނެވެ. އެދެލޮލުން އޮހިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ރާނީ ގައިގައި ބައްދައިލީ ކުއްލިއަކަށެވެ.
" ތީ ހާޖަރުގެ ދަރިއެއް.. ތީ އަހަރެމެންގެ ހާޖަރުގެ ދަރިއެއް.. އަލްޙަމްދުލިﷲ.. ސުބްޙާނަﷲ.. ކޮންކަހަލަ އިއްތިފާޤެއް..." ސާރާ ބުނެލިއެވެ. ރާނީ މަޑުމަޑުން ސާރާ ދުރުކޮށްލިއެވެ.
" ކިހިނެއް އަހަރެންގެ މަންމަ ދަންނަނީ... އަހަރެންގެ މަންމައާ ކޮން ގުޅުމެއް އޮތީ... "
" ރާނީ.. މިގެއަކީ ރާނީގެ މަންމަގެ ގެ.. އަހަރެންގެ ފިރިމީހާ ބިލާލްގެ ކޮއްކޮ ރާނީގެ މަންމަ ހާޖަރު އެއީ.. " ސާރާގެ ޖަވާބުން ރާނީއަށް ލިބުނު ސިހުމުގައި ބަހެއް ކިޔަން ދަތިވެފައި އިނެވެ. ސާރާ ރާނީގެ މޫނުގައި ފިރުމައިލަމުން އަދިވެސް އެއްފަހަރު ރާނީ ގައިގާ ބައްދައިލިއެވެ.
" މަންމަގެ ގެ.. މަންމަ ދުވަހަކުވެސް ކިޔައެއްނުދޭ.. " ރާނީ ބުނަން އުޅުނެވެ.
" ހާޖަރު މިގެއިން ނިކުމެގެން ދިޔައީ މަންމަ ދެކެ ހިތްހަމަނުޖެހިގެން.. ހަޤީޤތަށް ބުނަންޏާ މަންމަ ހާޖަރާ ދޭތެރޭ ކަންތައްކުރީ ރަނގަޅަކަށް ނޫން.. " ސާރާ ކިޔައދިނެވެ.
" ތިދައްކަނީ އަހަރެންގެ މާމަގެ ވާހަކަތަ؟ އަހަރެންގެ މާމަވެސް އެބަހުރިތަ؟ އަހަރެން ބޭނުން ބައް...." ރާނީ ބުނަން އުޅުނެވެ.
" ނޫން ރާނީ.. މަންމައަށް ތީ ހާޖަރުގެ ދަރިއެއްކަން އެނގުނިއްޔާ ހިތްހަމައެއް ނުޖެހޭނެ.. ރާނީއަށް ނޭނގޭ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި.. އެކަމަކު މިގޭތެރޭގައި އެހުރިހާ ވާހަކައެއް ކިޔައެއް ނުދެވޭނެ.. " ސާރާ ދެރަވެފައި ބުންޏެވެ.
" ވަޓް.. " ދޮރުމަތީގައި ހުރި ރަފާ ބުނި އަޑުއިވުނެވެ. " ތިބުނީ ތިކުއްޖާ އެއީ އަހަރެން ކަޒިންއެކޭތަ މަންމާ..؟"
" ދޮރުލައްޕާފަ މިކޮޅަށް އާދެބަލަ ރަފާ...!! " ސާރާ އެދުނެވެ. ޖޫސްތަށި ހިފައިގެން އައިސް ސައިޑް ކަބަޑުމަތީގައި ބެހެއްޓުމަށްފަހު ރާނީގެ ކުރިމަތީގައި ރަފާ ހުއްޓުނެވެ.
" އާނ ދަރިފުޅާ.. ޔާނިޝްއާއި އަނޫޝާ ފަދައިން މިވެސް ދަރިފުޅުގެ ދެބެންގެދެދަރި ކުއްޖެއް.. ރާނީ!! މީ ރާނީގެ ދައްތައެއް.. ރާނީއަށް ވުރެ އަހަރެއް ވަރު ބޮޑުވާނީ.. " ސާރާ ކިޔައިދިނެވެ. ރާނީ އިންތަނުން ތެދުވެ ރަފާއާ ސަލާމްކޮށްލަން އުޅުނެވެ. ނަމަވެސް ހިނިތުންވަމުން ރަފާ ރާނީ ގައިގާ ބައްދައިގަތެވެ. އެވަގުތު ރާނީގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ.
******************
ފެންވަރައިގެން ތާރާ ކޮޓަރިން ނިކުތީ ފެންފުޅިއެއް ބަލައެވެ. ސޯފާގައި ޓީވީ ބަލަން އިން ކަންސާ ފެނި ނުނިދަނީތޯ ތާރާ އަހައިލިއެވެ.
" ކޮބާތަ ރާނީ.. ތާރާމެންނާ އެކީގަ ނޫންތަ ދިޔައީ..؟ އޭނާ ގެއަށް ނާންނާތީ ނުނިދިފައި މިއިންނަނީ.." ކަންސާ ބުންޏެވެ.
" ކީކޭ.. ރާނީ ގެއަށް އައިއްސި އަހަރެމެންނަށްވުރެން ކުރިން.. ޔަގީންތަ އޭނަ ކޮޓަރީގަ ނޫޅޭކަން.."
" އާނ ކޮޓަރިއަކު ނޫޅޭ.. މަންމަ ބަލައިފިން... އަނެއްކާ މާލެ ތެރެއަށް ގެއްލުނީ ނޫންބާ..؟ "
" މިޒަމާނުގަ ނުއެއް ގެއްލޭނެއްނު އަތުގައި ފޯނު އޮއްވައެއް.. ވެދާނެ ކޮންމެވެސް އެހެންތާކަށް ދިޔައީކަމަށް.. އަހަރެން ގުޅާލާނަން.. މަންމަ ދޭ ނިދަން.." ފެން ފުޅި ހިފައިގެން އެތެރެއަށް ވަންނަމުން ތާރާ ބުންޏެވެ.
**************
" އަހަރެންގެ ވަރަށް ބައިވަރު ސުވާލުތައް އެބަހުރި.. މިގޭ އެންމެންނާވެސް ބައްދަލުކޮށްލަން ވަރަށް ބޭނުން.. އެކަމަކު..." ރާނީ ބުންޏެވެ.
" ކުރިންވެސް ބުނިހެން މިގޭ ތެރޭގަ އެވާހަކަތައް ދައްކަން އުނދަގޫވާނެ.. ކުޑާއްތަ އާއި ރަފާ ފަހުން ރާނީ އާ ބައްދަލުކުރާނީ.. އިހަށް ރާނީ ގެއަށް ދޭ.. އެހެން ނޫނީ ތިއުޅޭ ގޭގެ މީހުން ކަންބޮޑުވެގެން އުޅޭނެ.." ސާރާ ބުންޏެވެ. ހިތާ ދެކޮޅަށް ނަމަވެސް ރާނީ ބޯޖަހައިލިއެވެ. ކަންތައްތައް ކިތަންމެ އެނގެން ބޭނުން ނަމަވެސް އިންތިޒާރު ކުރުން ނޫން ގޮތެއް ނެތެވެ. ސާރާ އާއި ރަފާ ރާނީއާ އެކު އެގޭ ދޮރާ ހަމައަށް އައެވެ. ކާރަށް އަރަން އުޅުނު ރާނީއަށް ވަރަށް އަވަހަށް ބައްދަލުކުރާނަން ކަމުގައި ސާރާ ބުންޏެވެ. ތާރާގެ ފޯނެއް އައީ ކާރު ކުރިއަށް ދުއްވައިލި ތަނުންނެވެ. ރަޙުމަތްތެރިއަކާ ދިމާވީ ކަމަށް ބުނެ ދޮގު ހަދަން ރާނީއަށް މަޖުބޫރުވިއެވެ. ވަރަށް އަވަހަށް ގެއަށް ދަނީ ކަމުގައި ބުނެ ފޯނު ބޭއްވިއެވެ.
ލޫކަންގެ ބޭވަފާތެރިކަން ފެނުނު ހިނދުން ފެށިގެން ރާނީ ހުރީ އެނބުރި ދުބާއީއަށް ދާން ނިންމައިގެންނެވެ. ނަމަވެސް މިވީގޮތުން މާލޭގައި މަޑުކުރުން މަޖުބޫރުވެއްޖެއެވެ. މިވީހާ ދުވަހު ހާޖަރު ސިއްރުކޮށްގެން އުޅުނު ކަންތައްތައް ހޯދުމުގެ ޝައުޤުވެރިކަން އޮތީމައެވެ. ހާޖަރާ އޭނާގެ އާއިލާ އަލުން ގުޅުވައިދޭން ބޭނުންވާތީއެވެ. ބޮޑު އާއިލާއެއް އޮތްކަން އެނގުމުން ރާނީއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލަކާއި ހިތްހަމަޖެހުމެކެވެ. މިވީހާ ދުވަހު އެކަން ހާޖަރު އޭނާއަށް ސިއްރުކުރާނީ އޭގެ ފަހަތުގައި ކޮންމެވެސް ސަބަބެއް ވާތީކަން ރާނީއަށް އިހުސާސްކުރެވުނެވެ. އެސަބަބެއް ހޯދަން އޭނާ އިންތިހާއަށް ބޭނުމެވެ. ހާޖަރު ކައިރީގައި މިވާހަކަތައް ދައްކައިފިނަމަ ވަގުތުން ދުބާއީއަށް އައުމަށް ބުނާނެ ކަން ޔަގީނެވެ. އަމާން ކައިރީގައި ބުނެވިދާނެއެވެ. އެހެނަސް އަމާން ކައިރީގައިވެސް އެވާހަކަ ބުނަން ބޭނުންވަނީ ސާރާގެ ފަރާތުން ދައްކާ ވާހަކައެއް އަޑުއެހުމަށްފަހުގައެވެ.
**************
އެނދުގައި އުއްޑުން އޮށޯވެ އޮތް ދުއާގެ ނަޒަރު ހުއްޓިފައިވަނީ ސީލިންގަށެވެ. ބަނޑުމަތީގައި އޮތް ދެއަތް ވަނީ ޖޯޑުކޮށްލެވިފައެވެ. ސިކުނޑީގައި ބުރުޖަހަމުން ދިޔައީ އާރަވް ދެއްކި ވާހަކަތަކެވެ. އެވާހަކަތަކުން ނަގައިގަންނަންވީ ކޮން މާނައެއްކަމެއް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އާރަވްގެ ހިތުގައި އޭނާއާ މެދު އެތަކެއް ޝަކުވާއެއް ވާކަމެވެ. އާރަވްގެ އާއިލާއަށް ދިމާވި ހިތްދަތި ހާދިސާއަށްފަހު އެންމެންގެ އެހީތެރިކަންވެސް އާރަވްއަށް ލިބުނެވެ. ދުއާ ދުރުކޮށްލީ ޙުދު އާރަވްއެވެ. އެދުވަސްކޮޅަކީ ރިޒާގެ ބަލިހާލަތާމެދު ދުއާވެސް ކަންބޮޑުވެގެން އުޅުނު ދުވަސްކޮޅެކެވެ. ދުއާއަށް ބުނެވުނު ލަފްޒުތަކެއްކެގެ ވާހަކަވެސް އާރަވް ދެއްކިއެވެ. އެލަފްޒުތަކުގަ އެއްވެސް މާނައެއް ނުވާ ވާހަކައެވެ. އާރަވް އެންމެ ފަހުން ބުނެލި ޖުމްލަ ވަކިން ހާއްސަގޮތެއްގައި ދުއާގެ ހަނދާނުގައި ވަކި ހިއްޕާލާފައިވިއެވެ. ' އަހަރެން ހީކުރީ އަހަރެން ފަދައިން ދުއާވެސް.......' އާރަވްގެ އެޖުމްލައން ދުއާ ނަގައިގަންނަންވީ ކޮން މާނައެއް ހެއްޔެވެ؟
" އަނެއްކާ ރެވް....... އަހަރެން ދެކެ...... ނޫން ނޫން.. އެހެންވާނީ ކިހިނެއް؟ ރެވްއަށް އެނގޭނެ އަބަދުވެސް އަހަރެން ލޯބިވީ ލޫކް ދެކެކަން.. " އެހެން އޮވެ ދުއާ ބުނެލިއެވެ. ވިސްނަންވީ ކިހިނެއް ކަމެއް އެއްގޮތަކަށްވެސް ދުއާއަށް ނޭނގުނެވެ. ސިކުނޑިއަށް ބާރުބޮޑުވާހެން ހީވެ އޮތްތަނުން ތެދުވިއެވެ. އެނދުން ފައިބައިގެން ގޮސް ބެލްކަންޏަށް ނިކުމެވޭ ދޮރު ކައިރިއަށް ހުއްޓި ދޮރު ދެފަރާތަށް ކަހައިލިއެވެ. މަޑުމަޑުން ބެލްކަންޏަށް ނިކުމެ ރެއިލިންގް ގައި އަތްއަޅުވައިލަމުން މައްޗަށް ބަލައިލިއެވެ. ކަޅުފޮއެ ރެއެއްގެ ފުން އަނދިރިކަމުގެ ތެރެއިން ވިދަމުން ދިޔަ ތަރިތަކުން ހިތަށް ހަމަޖެހުން ގެނުވިއެވެ. ހަށިގަނޑުގައި ބީހިލި ތެތް ފިނި ވައިރޯޅިއާއެކު ފުންނޭވައެއް ދޫކޮށްލަމުން ލޯމަރައިލެވުނެވެ. ޤުދުރަތީ ކަންތައްތަކުން ހިތާއި ނަފްސަށް ލިބިގެންދަނީ ބުނަން ނޭނގޭ ތަފާތު ހިތްހަމަޖެހުމެކެވެ. އެއީ ބަލިވެފައިވާ ކިތަންމެ ހައްޓަކަށް ލިބޭ ހިލޭ ފަރުވާއެކެވެ.
**************
އެނދުގައި ބަންޑުން އޮތް އާރަވް މަޑުމަޑުން ބަރުހެލިކަމާއެކު ދެލޯ ހުޅުވައިލިއެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހައިލުމަށްފަހު ހަށިގަނޑު ސީދާކޮށްލިއެވެ. ގޭތެރެއިން ކަހަފް ސޫރަތުގެ އަޑުއިވެން ހުރުމުން ގަޑިން ވީއިރަކާމެދު ވިސްނާލެވުނެވެ. އެނދުމަތީގައި އަތް ހާކަމުން ދިޔައީ ފޯނު ހޯދުމަށެވެ. ގައި ދަށުގައި އޮތް ފޯނު ނެގުމަށްފަހު ގަޑި ބަލައިލިއެވެ. މެންދުރު ބާރަ ޖަހަން ގާތްވަނީއެވެ. އެނދުން ތެދުވަން އުޅުނު ވަގުތު ބޮލަށް އެނބުރުން އެރިއެވެ. އެހިނދު ބޮލުގައި ހިފަހައްޓައިލަމުން އަލުން އެނދުގައި އިށީނެވެ. ރޭގައި ހިނގައިދިޔަ ކަންތައް ހަނދާންވީ ދެނެވެ. ކުރެވުނު ކަންތަކާއި ދުއާ ކައިރީގައި ދެކެވުނު ހުރިހާ ވާހަކައެއް ރަނގަޅަށް ހަނދާން އެބަހުއްޓެވެ.
" ޝިޓް...." އެނދުގެ ހެޑްބޯޑުގައި ލެގިލަމުން އާރްވްއަށް ބުނެވުނެވެ. އޭނާއަށް އެގޮތަށް ކަންތައް ކުރެވުނީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ. އެވާހަކަތަކަކީ ދުވަހަކުވެސް އިތުރު މީހެއް ކައިރީގައި ދައްކަން ގަސްދުކޮށްގެން ހުރި ވާހަކަތަކެއް ނޫނެވެ. އަމުދުން ދުއާ ކައިރީގައެވެ. އޭނާގެ ބަލިކަށިކަން ދުއާއަށް ދައްކަން ބޭނުންނުވާތީއެވެ. ދޮރުގައި ޓަކި ޖެހި އަޑަށް އާރްވް ދޮރާ ދިމާލަށް ބަލައިލިއެވެ. ވިސްނާނުލާ ވަންނާށޭ އާރަވް ބުނެލީ ކަންސާއި ތާރާ ނޫން އިތުރު މީހަކު ނުވަންނާނެކަން އެނގޭތީއެވެ. ނަމަވެސް ދޮރުހުޅުވާލާފައި ވަން މީހަކު ފެނި އާރަވްގެ ދެބުމަ ގޮށް ޖަހައިލެވުނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 16 ޖޫން ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް