ސިހުމެއް ލިބުނު ދުއާއަށް ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު އާރަވް އޭނާއާ ދިމާލަށް ދުއާ އަތުގައި ހިފައި ލުއްކެއް ޖެހިއެވެ. އެވަގުތު ކޮންޓްރޯލްނުވެ ދުއާ އައިސް ޖެހުނީ އާރްވްގެ މޭގައެވެ. އަވަހަށް ދުރުވެލަން އުޅުނު ދުއާ އަށް އެފުރުސަތު ނުދީ އާރަވް އޭނާގެ އަތު ތެރޭގައި ދުއާ ފިއްތައިލިއެވެ. އެހިނދު ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިއުމާއެކު ދުއާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ހުރެވުނީއެވެ.
" ދުއާ... ދުއާ... ކީއްވެ..؟ ކީއްވެ އެހެން ހެދީ..؟ " ދުލުގައި އެއްވެސް ވަރެއް ނެތް ފަދައިން އާރަވް ކިޔައިލިއެވެ. އާރަވް އެކިޔަނީ ކީކޭ ކަމެއް ނޭނގި ގަދަ ކަމުން ދުރުކޮށްލަން ދުއާ އުޅުނެވެ. ނަމަވެސް ހުއްޓުނީ އާރަވް ދެން ބުނި ޖުމްލަ އަޑު އިވިފައެވެ.
" އަހަރެން ދުއާ އަށް އެންމެ ބޭނުންވި ވަގުތު ދުއާ އަހަރެން ދުރުކޮށްލީ.. އަހަރެން ހީކުރީ އެންމެ ކައިރީގައި އަހަރެންގެ އަތުގައި ހިފައިގެން ހުންނާނީ ދުއާ ކަމަށް.. އެކަމަކު އެހެނެއްނުވި.. ދުއާ އަހަރެން ބޭނުންވީ ވަކި އިރަކަށް.. ހީކުރިން ބޯއަޅާލައިގެން ރޯން އަހަރެންނަށް ކޮނޑެއް ދޭނެ ކަމަށް.. އަހަރެންގެ ޝަކުވާތައް އަޑުއަހާނެ ކަމަށް.. އެކަމަކު. އެކަމަކު އެހެނެއްނުވި.. އާއިލާ ވަކިވުމުގެ ހިތާމަ އިތުރުވި ކަމަކަށް އެކަންވި.. ދުއާ އާދޭތޯ އަހަރެން އިންތިޒާރުގައި ހުރިން.. އަހަރެންގެ ގައިގަ ބައްދާލާ އަހަރެންނަށް ހިތްވަރު ދޭނެކަމަށް އުއްމީދުކުރިން.. އެވަގުތު އަހަރެން ދުއާ ނޫނީ އިތުރު އެއްވެސް މީހަކަށް ބޭނުމެއްނުވި.. ކީއްވެ އެދުވަސްތައް ހަނދާން ނައްތާލީ.. ބުނީމެއްނު.. ބުނީމެއްނު.. އެލަފްޒުތައް ބުނީމެއްނު.. އޭގައި އެއްވެސް މާނައެއް ނުވިއެއްނު.. އަހަރެން ހީކުރީ.. ދުއާ ވެސް.... އަހަރެން ދެކެ.....ދުއާ ވެސް... އަހަރެން ފަދައިން........ " އެހިސާބަށް ބުނުމަށްފަހު އާރަވް ހުއްޓުނެވެ. ދެން އިވުނީ އާރަވްގެ އަނގައިން ނިކުތް އާހެއްގެ އަޑެވެ. އާރަވްގެ އަޑުގައި ހުރި ރިހުން އިހުސާސްވެ ދުއާގެ ހިތަށް އިންތިހާއަށް އަސަރު ކުރީ ކީއްވެ ކަމެއް ނޭނގުނެވެ. ލޮލުން ކަރުނަ ނީރައިލި ހިނދު ދުއާއަށް ހިންދިރުވައިލެވުނެވެ. އާރަވް އެދައްކަނީ ކޮންވާހަކައެއް ކަމެއް ވިސްނައެއް ނުގަނެވުނެވެ. އާރަވް ގައިން ވަރުދޫވާހެން ހީވެ އެހުރި ގޮތަށް ހުރެ ދުއާ އާރަވްގެ ހަށިގަނޑުގައި ހިފަހައްޓައިލިއެވެ. އެނދު ތަންކޮޅެއް ކައިރީގައި ހުރިކަން ނަސީބެކޭ ހިތަށް އެރިއެވެ. ފަރުވާތެރިކަމާއެކު އާރަވް ގޮވައިގެން ފަހަތަށް ޖެހެމުން ގޮސް އެނދު ކައިރިއަށް ހުއްޓުމަށްފަހު މަޑުމަޑުން އާރަވް ގައިން ދޫކޮށްލިއެވެ. އެހިނދު އާރަވް އެނދަށް ވެއްޓުނެވެ. އޭނާއަށް އޮތީ ގަދަޔަށް ނިދިފައެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދުއާ ދެލޯ ކައިރި ފޮހެލިއެވެ. އެއަށްފަހު އަތުގައި އޮތް ފޯނު ނެގުމަށްފަހު ލޫކަން އަށް ގުޅާފައި އަވަހަށް އޭނާގެ ކޮޓަރިއަށް އައުމަށް އެދުނެވެ. ތާރާއަށްވެސް ގުޅާފައި ހަމަ އެފަދައިން އެދުނެވެ.
ތާރާއާއި ލޫކަން އައިސް ވަނީ އެކުއެކީގައެވެ. އެނދުގައި އޮތް އާރަވް ފެނުމުން ދެމީހުންގެ މޫނުމަތިންވެސް ފެނުނީ ހައިރާންކަމެވެ.
" ރެވް ހުރީ ހަމައަކު ނޫން.. އަހަރެންނަށް ހީވަނީ ޑްރަގްސް ޔޫސް ކުރަން ފެށީހެން..." ދުއާ ކަންބޮޑުވެފައި ބުންޏެވެ. އާރަވް ކުރި ކަންތަކާއި ދެއްކި އެއްވެސް ވާހަކައެއް އެމީހުން ކައިރީގައި ދައްކަން ދުއާ ބޭނުމެއްނުވިއެވެ.
" ނުވާނެ އެހެނެއް.. ރެވް އަކީ އެކަހަލަ ކަންތައްތަކަށް ނުލާހިކު ނަފްރަތު ކުރާ މީހެއްކަން އަހަރެމެން އެންމެންނަށްވެސް އެނގޭ.. ހޮސްޕިޓަލަށް ގެންދަންވީނު.. ތަންކޮޅެއް ވިންދު އަވަސްވެފައި ހުރީ.. " އާރަވްގެ އަތުގެ ވިންދު ބަލައިލަމުން ލޫކަން ބުންޏެވެ.
" ރިލޭކްސް ގައިޒް.. އަހަރެންނަށް އެނގޭ ވީގޮތް.. ކުރީ ދުވަހެއްގަވެސް ރެވްއަށް މިހެން ވި.. ޑްރަގްސް ނެގީއެއް ނޫން.. ރެވްގެ މަންމަމެން ނިޔާވި ފަހުން ނުނިދޭތީ ނަފްސާނީ ޑޮކްޓަރު ނިދާ ބޭސް ދީފަ ހުރީ.. އެދުވަހުވެސް ތިން ހަތަރު ގުޅަ ކާލައިގެން އެހެންވީ.. ހީވަނީ މިރޭވެސް އެހެން ހެދީހެން... " ތާރާ ބުނެލިއެވެ.
" އެކަމަކު އެއީ އެހާ ރައްކާތެރިކަމެއް ނޫނެއްނު.. ކަމެއްވެއްޖިއްޔާ ދެރައެއްނު.." ދުއާ ބުންޏެވެ.
" އައި ނޯ.. އެކަމަކު ބުންޏަސް ނާހަންޏާ ކީއްކުރާނީ.. ރެވްއަށް ވެދާނެ ގޮތަކާ މެދު އަހަރެމެން އެންމެންވެސް ކަންބޮޑުވޭ.. " ތާރާ ބުންޏެވެ.
" ރެވް އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލައިގެން ހުރެވިއްޖެ.. ދެން ރެވްއާ ވާހަކަ ދައްކާނީ އަހަރެން.. " އާރަވްއަށް ބަލަހައްޓައިގެން އިނދެ ލޫކަން ބުންޏެވެ.
******************
ޔާނިޝް ގުޅާފައި ރަފާއަށް އެހަބަރެއް ދިނީއްސުރެން އެއްތާކު ފައި ހަރެއް ނުލައެވެ. އަތުގައި އޮތް ފޯނަށް އިރުއިރުކޮޅާ ބަލައިލެވެއެވެ. ގޭގެ ބޮޑު ދޮރު ކައިރީގައި ދެކޮޅަށް ހިނގަ ހިނގާ ހުރިއިރު ހިތާ ހިތުން ދުއާ ކުރަމުން ދިޔައީ އެއްވެސް މީހަކު ކޮޓަރިން ނުނިކުމޭތޯއެވެ. ފޯނަށް މެސެޖެއް އައުމާއެކު އަވަސް އަވަހަށް ބަލައިލިއެވެ. އެއަށްފަހު ވަރަށް މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. އެތެރެއަށް ވަންނަން އައި ޔާނިޝްގެ އަތްމަތީގައި ހަބަރު ހުސްވެފައި އޮތް އަންހެންކުއްޖާއަށް ރަފާ ބަލައިލިއެވެ.
" އަވަސް ކުރޭ... " ޔާނިޝް އެތެރެއަށް ވަނުމާއެކު ރަފާ އަވަސް އަވަހަށް ދޮރު ލެއްޕިއެވެ. އެއަށްފަހު ޔާނިޝްގެ ފަހަތުން ހިނގައިގަތެވެ.
" ތި ކޮޓަރިއަކަށް ނޫން.. މަންމަ ކޮޓަރިއަށް..." އޭނާގެ ކޮޓަރިއަށް ވަންނަން އުޅުމުން ރަފާ ބުންޏެވެ. " އަހަރެން ކޮޓަރިއަށް ވަނުމުގެ ކުރިން މާމަ ހުއްދައެއް ނުހޯދާނެ.. ތަޅުލައިގެން ނިދިޔަސް އެހާވަރު ކޮށްލާ މީހެއް.."
ޔާނިޝް އަށް ސާރާގެ ކޮޓަރީގެ ދޮރު ހުޅުވާ ދިނީ ރަފާއެވެ. އެނދުގައި ފޮތެއް ހިފައިގެން އިން ސާރާއަށް ލިބުނު ސިހުމާއެކު ފޮތް ލައްޕާލުމަށްފަހު ސައިޑް ކަބަޑް މަތީގައި ބާއްވައިލަމުން ތެދުވިއެވެ.
" ތީ.. ތީ ކޮންކަމެއް.. ތިކޮން ކުއްޖެއް...؟ " ލިބުނު ހައިރާން ކަމުގައި ސާރާ އަށް އެހުނެވެ. ޔާނިޝް ފަރުވާ ތެރިކަމާއެކު ރާނީ އެނދުގައި ބާއްވައިލިއެވެ. ޔާނިޝް ވެފައި ހުރި ވަރުބައްޔާއެކު ފުންނޭވައެއް ދޫކޮށްލަމުން ހިންދެމިލިއެވެ.
" އަހަރެން އަތުން ކުޑަ އެކްސިޑެންޓެއްވީ... " މޫނުގައި އަތް ހިންގައިލަމުން ޔާނިޝް ބުންޏެވެ.
" ވަޓް... ދެން.. މިތަނަށް ތިގެނައީ.. ކީއްވެ ހޮސްޕިޓަލަށް ނުގެންދިޔައީ.. " ރާނީއަށް ދިމާލަށް ގުދުވެ ރަނގަޅަށް ބަލައިލަމުން ސާރާ ބުންޏެވެ. އެއަޑުގައިވަނީ ކަންބޮޑުވުމެވެ. އިރުކޮޅަކުން ރާނީގެ މޫނަށް ބަލަހައްޓައިގެން ސާރާ އޮތެވެ. ދެބުމަ ކައިރިކޮށްލަމުން ދެފަރާތަކަށް ބޯހޫރައިލީ އޭނާއަށް ހިނދުކޮޅަކަށް ހީވި ހީވުން ދޫކޮށްލަމުންނެވެ.
" ކުޑަކުޑަކޮށް ޖެހުނީ.. ހަމަ އެންމެ ރީއްޗަށް ހުރެފަ އަނބުރައިގަނެގެން ވެއްޓުނީ.. ހޮސްޕިޓަލަށް ދިޔައިއްޔާ މާމައަށް އެނގިދާނެތީ ޖެހިލުންވީ.. އެހެންވެ ގެއަށް ގެނައީ... " ޔާނިޝް ކިޔައިދިނެވެ.
" އޯކޭ އޯކޭ ވެދާނެ ޝޮކުގަ އަނބުރައިގަތީ ކަމަށްވެސް.. އިހަށް ބާއްވާލާ.. ދެގަޑިއިރެއްހާއިރު ބަލާފަ ހޭނޭރިއްޔާ އެއްވެސް ޗޮއިސްއެއް ނިންނާނެ ހޮސްޕިޓަލަށް ގެންދަން ޖެހޭނީ.. " ސާރާ ބުނެލިއެވެ. ޔާނިޝްއާއި ރަފާ އެކަކު އަނެކަކަށް ބަލައިލަމުން ބޯޖަހައިލިއެވެ.
*********
" ވަޓް ހޭވް ޔޫ ޑަން ޔާން.. އޭނަ ހޭނޭރިއްޔާ ވީ އާރ ސޯ މެސްޑް އަޕް... " ކޮޓަރިން ނިކުންނަމުން ރަފާ ބުންޏެވެ.
" ވާ ކަމެއް ވާނީ އަހަރެންނަކަށްނު.. " ޔާނިޝް ބުނެލިއެވެ.
" ނޫން ޔާން.. ޔާންއަށް ލިބޭ ކޮންމެ ދެރައެއް ކޮންމެ ގެއްލުމެއް އެއީ އަހަރެންނަށް ލިބޭ ދެރައެއް.." އެބަސްތައް ވީ ރަފާގެ ހިތުގައެވެ.
" ދެން އެކަމާ ނުވިސްނާ.. ދޭ ކޮޓަރިއަށް ފްރެޝްވެލަން.. ވާގޮތެއް އަހަރެން އަންގާލާނަން.. " ޔާނިޝްގެ ކޮނޑުގައި ޖަހައިލަމުން ރަފާ ބުންޏެވެ. ބޯޖަހައިލުމަށްފަހު ޔާނިޝް އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ޔާނިޝް ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ރަފާ އަލުން ގޮސް ސާރާގެ ކޮޓަރިއަށް ވަނެވެ.
" މަންމާ!! ވަރަށް ކަންބޮޑުވެފައި ދޯ ތިއިންނަނީ.. އިންޝާﷲ ގޯހެއް ނުވާނެ..." އެނދުގެ އަނެއްފަރާތުގައި ރާނީއާ ދިމާލަށް ބަލަހައްޓައިގެން ސާރާ ފެނި ރަފާ ބުންޏެވެ.
" ނޫން އެހެނެއްނޫން.. ނޭނގެ ކީއްވެ ކަމެއް.. މިމަންޖެއާ ކުރިން ބައްދަލުވެފައިވާކަހަލަ އިހުސާސެއް ކުރެވެނީ.." ސާރާއަށް ބުނެވުނީ އަސްލު އޭނާގެ ހިތުގައި ވީ ގޮތަކަށް ނޫނެވެ. އެއިހުސާސްތައް ފާޅުކުރަން އޭނާ ފަސްޖެހެވުނީއެވެ.
" އެއީ.. ކިހިނެއް.. ގައިމު އަހަރެން ކުރިން ދުވަހަކުވެސް ދެކުނު މީހެއް ނޫން.. މަންމެވެސް ތީ އެހާވަރަށް ގެއިން ނިކުމެ އުޅޭ މީހެއްވެސް ނޫނެއްނު.. މަންމަ ދަންނަ މީހެއްވެސް ނުލާހިކު މަދުވާނެ.." ސާރާ ކައިރީގައި އިށީންނަމުން ރަފާ ބުންޏެވެ. ސާރާ ވަކި އެއްޗެއް ނުބުންޏެވެ. އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ކަންތައްތައް ރަފާއާ ހިއްސާކުރާކަށް ބޭނުމެއް ނޫނެވެ.
****************
ކާރު ދުއްވަން އިނީ ލޫކަން އެވެ. ލޫކަންއާ ޖެހިގެން އިން ދުއާ އިނީ ބޭރު ބަލަހައްޓައިގެންނެވެ. ފަހަތު ސީޓުގައި ނިދިފަ އިން އިން އާރަވްގެ ގައިގާ ހިފަހައްޓާލައިގެން ތާރާ އިނެވެ. އެއްއަތުން ފޯނު ކަންފަތުގައި ޖަހާލައިގެން އިންއިރު އޭނާ ވާހަކަ ދައްކަމުން ދިޔައީ ކަންސާއާއެވެ.
" އަދިވެސް އެކަމާ ކަންބޮޑުވެފައިތަ ތިއިނީ..؟" ދުއާ ހިމޭންވެފައި އިންތަން ފެނި ލޫކަން އެހިއެވެ. ދުއާ ދެފަރާތަކަށް ބޯހޫރައިލިއެވެ. ލޯގަނޑުން ބަލައިލެވުނި އާރަވްއަށެވެ. އާރަވް ދެއްކި ވާހަކަތައް ދުއާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެންމެ ހިނދުކޮޅަކަށްވެސް ހިނގައިދިޔަ ކަންތައް ދުއާގެ ހިތަކުން ނުފިލައެވެ. އާރަވްގެ އަޑުގައިވި ރިހުމުން ދުއާގެ ހިތަށް އިންތިހާއަށް އަސަރުކޮށްފިއެވެ. އާރަވް ދެއްކި ވާހަކަތައް ރަނގަޅަށް ސާފުނުވިނަމަވެސް ދުއާ އާ މެދު އޭނާގެ ހިތުގައި ބައިވަރު ޝަކުވާ ވާކަން އިހުސާސް ކުރެވުނެވެ. އެޝަކުވާތަކުގެ އަސްލަކީ ކޮބައިކަން ވިސްނައިގަންނަން އުނދަގުލެވެ. ތާރާމެން ގެ ކައިރިއަށް ކާރު މަޑުކޮށްލުމަށްފަހު ލޫކަން ފޭބިއެވެ. އެއަށްފަހު ފަހަތު ސީޓުގެ ދޮރު ހުޅުވާލާފައި ތާރާއާ އެކު އާރަވް ނެރެން އެހީވެދިނެވެ. އެއްފަރާތުގައި ތާރާ އަނެއްފަރާތުގައި ލޫކަން ހުރެގެން އާރަވް ގޮވައިގެން އެތެރެއަށް ވަންނަން ދިޔައެވެ.
" ދުއާ..!!! " ފަހަތް އެނބުރި ބަލައިލަމުން ލޫކަން ގޮވައިލިއެވެ.
" ލޫކް އަންނަންދެން އަހަރެން ކާރުގަ އިންނާނީ.. " ދުއާ ބުނެލިއެވެ.
*****************
މަޑުމަޑުން އެސްފިޔަތައް ތަޅުވައިލުމަށްފަހު ރާނީ ދެލޯ ހުޅުވައިލިއެވެ. އޮވެވުނީ ކޮންތަނަކު ކަމެއް ރާނީއަކަށް ނޭނގުނެވެ. އޮތްތަނުން ތެދުވަމުން ވަށައިގެންވާ ތަނަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮންތަނެއްކަން ނޭނގުމުން ރާނީ ކުޑަކޮށް ޖެހިލުންވާގޮތްވިއެވެ. އަވަހަށް ތެދުވާން އުޅުނު ވަގުތު ސައިޑް ކަބަޑުމަތީގައި އޮތް ފޮތެއް ރާނީގެ އަތުގައި ޖެހިފައި ވެއްޓުނެވެ. އެވަގުތު އެފޮތުގެ ތެރޭގައި ހުރި ގަނޑުތަކެއް އެކި ދިމާލަށް ބުރައިގެން ދިޔައެވެ. އަޅާނުލާ އަވަހަށް ނިކުންނަން އުޅުނު ވަގުތު ލޮލުގައި އަޅައިގަތް އެއްޗަކުން ހުއްޓެން ރާނީއަށް މަޖުބޫރުވިއެވެ. ދެފިޔަވަޅު ފަހަތަށް އަޅައިލަމުން ރާނީ ރަނގަޅަށް ބަލައިލިއެވެ. ގުދުވެލަމުން ތިރީގައި އޮތް ފޮޓޯ ގަނޑުން ރާނީ ނެގިއެވެ.
" މަންމަ..!!..." ފޮޓޮއަށް ބަލަން ހުރެ ރާނީ ކިޔައިލިއެވެ. އެފޮޓޯގައި ތިބި ދެއަންހެނުން ކުރެ އެކަކީ ޔަގީނުންވެސް އޭނާގެ މަންމަ ހާޖަރެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުމާއެކު ސިހިފައި ރާނީ އެފޮޓޯގަނޑު އޭނާގެ ފުރަގަހަށް ލިއެވެ.
ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ 14 ޖޫން ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރު ކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް