ފުލުހުންގެ ކުއްލި ނޫސްބަޔާނެއް - ބުނީ މަގުތައް ބަންދުވާ ގޮތަށް ބާއްވާ އެއްވުންތައް ރޫޅައިލާނެ ކަމަށް

މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދާ އެއްވުންތަކާ ގުޅިގެން މަގުތައް ބަންދުވެ، ޢާންމު ދަތުރުފަތުރުގެ ނިޒާމަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި ވިޔަފާރިތަކަށް ދަތިތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލ...

14 May 2026 | 17:42
N/A

N/A

މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދާ އެއްވުންތަކާ ގުޅިގެން މަގުތައް ބަންދުވެ، ޢާންމު ދަތުރުފަތުރުގެ ނިޒާމަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި ވިޔަފާރިތަކަށް ދަތިތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި، ޤާނޫނާ ޚިލާފަށް ބާއްވާ އެފަދަ އެއްވުންތައް ރޫޅައިލާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ކުއްލި ނޫސްބަޔާނެއްގައި ބުނީ، ސުލްޙަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2013) ގެ 24 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައި ވާ ގޮތުގެ މަތިން، ފުލުހުން ލިޔުމުން ދޭ ހުއްދަ އެއް ނެތި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވޭނީ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކަނޑައަޅައި އިޢުލާންކޮށްފައި ވާ ސަރަޙައްދުތަކުގައި އެކަނި ކަމަށެވެ.

"ކަނޑައެޅިފައި ވާ ސަރަޙައްދުތަކުން ބޭރުގައި، ޢާންމު ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުޞަތު ނުދެވޭނެ" ކަމަށާއި، ޤާނޫނާ ޚިލާފަށް ބާއްވާ އެއްވުންތައް ރޫޅައިލުމަށާއި، އެފަދަ ކަންކަން އިންތިޒާމު ކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން، ޢާންމު މަސްލަޙަތު ޙިމާޔަތް ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް ވެސް ފުލުހުން އަޅަމުންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން ބުނީ، ސުލްޙަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައި ވާ އަސާސީ ޙައްޤެއް ކަމަށެވެ. ނަމަވެސް އެ ޙައްޤުގެ ބޭނުން ހިފުމުގައި އާންމު ރައްކާތެރިކަމާއި، ދަތުރުފަތުރުގެ ނިޒާމަށާއި، އެހެން ފަރުދުންގެ ޙައްޤުތަކަށް އެއްވުންތައް އިންތިޒާމު ކުރާ ފަރާތްތަކުން އިޙްތިރާމު ކުރަން ޖެހޭ ކަމަށާއި، އެހެން މީހުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތަށް ޢަމަލު ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޤާނޫނާ އެއްގޮތަށް ބާއްވާ ހަރަކާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ފޯރުކޮށްދޭނެ ކަމަށާއި، އެފަދަ އެއްވުންތަކާއި ހިނގާލުންތައް ކުރިއަށް ދާ ސަރަޙައްދުތަކުގެ މަގުތައް ބެލެހެއްޓުމާއި، ބޭނުންވާ ހުރިހާ ސަލާމަތީ އިންތިޒާމުތައް ހަމަޖައްސައި ދޭނެ ކަމުގެ ޔަޤީންކަން ވެސް އެ ބަޔާނުގައި ދީފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް