މަޖިލީހުގެ ރައީސް އަބްދުއްރަހީމް - ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މާދަމާ ނިމޭ ގޮތަށް ގަވާއިދުގައި ބަޔާންކޮށްފައި ވިޔަސް، މި މަހުގެ ނިޔަލަށް ދައުރު ދަންމާލަން ނިންމައިފިއެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މެއި 31 އާ ހަމައަށް ދަންމާލަން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހެޅުއްވީ މިއަދުގެ ޖަލްސާގައެވެ. އެ މަނިކުފާނު ވިދާޅުވީ، މި ދައުރުގައި ނިންމަން ޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމުން ދައުރު ދަންމާލަން ޖެހުނީ ކަމަށެވެ.
މި ހުށަހެޅުމާ މެދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވީ ދައުރު ދަންމާލުމަށް ތާއީދު ކުރައްވައެވެ. ދައުރު ދަންމާލަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މަޖިލީހުގައި މިހާރު ހުރި މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވާ ސައިބާ ސެކިއުރިޓީ ބިލާއި، ޒާތީ މަޢުލޫމާތު ރައްކާތެރި ކުރުމުގެ ބިލާއި، ވަޠަނީ ޚިދުމަތުގެ ބިލާއި، ވަޒީފާ އާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް ހިމެނެއެވެ.
މީގެ އިތުރުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ޤަޠަރަށް ރާއްޖޭން ކަނޑައަޅާ ސަފީރުންނަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމުން ވެސް މިހާރު ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް