N/A
ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތަކުގައި ހިންގާ އަޑި ނޭނގޭ ގުރޫޕުތަކާއި ޗެނަލްތަކާއި ވަކިވަކި ފަރުދުންނާ މުޢާމަލާތު ކުރުމުގައި ޢާންމު ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ، މިފަދަ ޕްލެޓްފޯމުތަކަކީ މުޢާމަލާތު ކުރުމަށް ބޭނުން ކުރާ މަޤްބޫލު ވަޞީލަތްތަކެއް ކަމުގައި ވިޔަސް، ބައެއް ފަރާތްތަކުން މި ވަޞީލަތްތައް މެދުވެރިކޮށް މަސްތުވާތަކެއްޗާއި، ވޭޕާއި، ހަށިވިއްކުމާއި، އެ ނޫން ވެސް ޤާނޫނާ ޚިލާފު މުދަލާއި ޚިދުމަތްތައް އިޝްތިހާރުކޮށް، އެ ޚިދުމަތްތައް ހޯދަން މަސައްކަތް ކުރާ މީހުން ބްލެކްމެއިލް ކޮށް ފޭރުމުގެ ޢަމަލުތައް ހިންގަމުންދާ ކަން ފާހަގަ ކުރެވިފައި ވާ ކަމަށެވެ.
ފުލުހުން ބުނީ، ގިނަ ފަހަރަށް ކުށްވެރިން ޢާންމުންގެ އިތުބާރު ހޯދުމަށްޓަކައި، އެހެން މީހުންގެ ވަނަވަރު ބޭނުންކޮށްގެން ހަދާފައި ވާ ފޭކް ޕްރޮފައިލްތަކާއި، ޞައްޙަ ނޫން ޕްރޮފައިލް ފޮޓޯ އާއި އިޝްތިހާރުތައް ބޭނުން ކުރާ ކަމަށެވެ. މިފަދަ ފަރާތްތަކުން "ބުކިން ފީ"، "ސޭފްޓީ ޑިޕޮސިޓް" ނުވަތަ "ޑެލިވަރީ ޗާޖު" ފަދަ އެކި ނަންނަމުގައި ކުރިއާލައި ފައިސާ ހޯދުމަށް ފަހު، އެދިފައި ވާ މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި، އެ މުޢާމަލާތުގެ ތެރެއިން ހޯދާ މަޢުލޫމާތު ބޭނުންކޮށްގެން ބްލެކްމެއިލް ކޮށް ބިރު ދެއްކުމުގެ ޢަމަލުތައް ހިންގާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބޭންކް ޓްރާންސްފާ ސްލިޕްތަކާއި، ސްކްރީންޝޮޓްތަކާއި، ފޯނު ނަންބަރާއި، އެކައުންޓުގެ ތަފްޞީލާއި، މެސެޖުތަކުގެ ރެކޯޑަކީ ކުށްވެރިން ނާޖާއިޒު ގޮތުގައި ބޭނުން ކުރާނެ މަޢުލޫމާތެވެ. މި މަޢުލޫމާތު ބޭނުންކޮށްގެން، އެ މީހެއްގެ ޢާއިލާ އަށް ނުވަތަ ވަޒީފާ އަދާ ކުރާ ތަނަށް ނުވަތަ ފުލުހުންނަށް އެ މަޢުލޫމާތު ހިއްސާ ކުރާނެ ކަމަށް ބުނެ ބިރު ދައްކައި ފޭރުމުގެ ޢަމަލުތައް ހިންގަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، ބައެއް ޙާލަތްތަކުގައި ޝިކާރައަކަށްވި މީހާ މަޖުބޫރުކޮށްގެން މަނީ ލޯންޑްރިން ފަދަ ޤާނޫނާ ޚިލާފު ފައިސާގެ މުޢާމަލާތްތައް ހިންގުމާއި، މަނާ ތަކެތި އުފުލުމާއި، އިތުރު މީހުން މި ފަދަ ގުރޫޕުތަކަށް ވެއްދުމުގެ ކުށްތަކުގައި ބައިވެރި ކުރުވާ ކަމަށާއި، މިއީ އެ މީހަކު ބޮޑެތި ޤާނޫނީ އަދި މާލީ ނުރައްކަލަކަށް ހުށަހެޅިގެން ދާނެ ކަންކަން ކަމަށް ވެސް ފުލުހުން ފާހަގަ ކުރެއެވެ.
ފުލުހުން ބުނީ، ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އޮންލައިންކޮށް ހިންގާ ޤާނޫނާ ޚިލާފު އެއްވެސް މުދަލެއް ނުވަތަ ޚިދުމަތެއް ހޯދުމަށް މަސައްކަތް ނުކުރުމާއި، ނުދަންނަ މީހުންނާއި ނޭނގޭ އެކައުންޓުތަކަށް ފައިސާ ނުފޮނުވުމާއި، ބޭންކް ސްލިޕް އާއި ޒާތީ ލިޔެކިޔުމާއި އަމިއްލަ މަޢުލޫމާތު ނުދަންނަ މީހުންނާ ހިއްސާ ނުކުރުމާއި، އާދަޔާ ޚިލާފު ބޮޑެތި ފައިދާތައް ހުށަހަޅާ ޕްރޮފައިލްތަކަށާއި އަވަހަށް ފައިސާ ދެއްކުމަށް މަޖުބޫރު ކުރާ ފަރާތްތަކަށް ސަމާލުވުން ހިމެނޭ ކަމަށެވެ. އަދި ބިރު ދައްކައި ބްލެކްމެއިލް ކުރަން ފަށައިފި ނަމަ، އިތުރަށް ވާހަކަ ނުދައްކައި ފައިސާ ވެސް ނުފޮނުވުމަށާއި، ހެކީގެ ގޮތުގައި މެސެޖުތަކުގެ ސްކްރީންޝޮޓާއި ޔޫޒަރ ނޭމް އާއި ފޯނު ނަންބަރާއި އެކައުންޓު ތަފްޞީލު ރައްކާ ކޮށްގެން، ވީ އެންމެ އަވަހަކަށް އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް މައްސަލަ ރިޕޯޓު ކުރުމަށް ވެސް އިލްތިމާސް ކޮށްފައި ވެއެވެ.
"ތިބާގެ ބިރުގަތުމާއި ހަނު ހުރުމަކީ ކުށްވެރިންނަށް ލިބޭ ހިތްވަރަކާއި ބާރެކެވެ. މިފަދަ ކަންކަން ދުރާލައި ރިޕޯޓު ކުރުމަކީ ތިމާ އާއި އެހެން މީހުން މި ނުރައްކަލުން ސަލާމަތް ކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު" ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް