ވާހަކަ: މަ ހާދަ ލޯބި ވެއޭ - 11 ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.. "ވަރަށް ދެރަ ޒިޔާނަށް ނުދެވޭތީ" ލޯގަނޑު ކުރިމަތީގައި ހުރެގެން ދެ ތުންފަތުގައި ލިޕްސްޓިކް ޖައްސަމުން ލަމްހާ ބުންޏެވެ. "ބޮލުގަ ރިހުމަކަށް ލުޔެއް ނުލިބޭ. ކިރިޔާވެސް ކެރޭނަމަ ދާނަން...

14 May 2017 | 06:54

ކުރީގެ އަދަދާއި ގުޅޭ..

"ވަރަށް ދެރަ ޒިޔާނަށް ނުދެވޭތީ" ލޯގަނޑު ކުރިމަތީގައި ހުރެގެން ދެ ތުންފަތުގައި ލިޕްސްޓިކް ޖައްސަމުން ލަމްހާ ބުންޏެވެ.

"ބޮލުގަ ރިހުމަކަށް ލުޔެއް ނުލިބޭ. ކިރިޔާވެސް ކެރޭނަމަ ދާނަން. ވަރަށް ދާން ބޭނުން" ކަމެއް ދިމާވެގެން އުޅޭކަން ލަމްހާ އަށް އަންގަން ބޭނުން ނުވާތީ ޒިޔާން މަސައްކަތް ކުރީ އާދައިގެ ގޮތަކަށް ވާހަކަ ދެއްކޭތޯއެވެ. އެކަމަކު ކިތަންމެ ހިފަހައްޓަން އުޅުނަސް ދޭތެރެއަކުން އޭނާ އަށް ގިސް ލެވެއެވެ. ލޮލުން ކަރުނަ އާދެއެވެ. އެކަމަކު އެކަން ލަމްހާ އަކަށް ފާހަގައެއް ނުކުރެވެއެވެ. އޭނާގެ ސަމާލުކަން ހުރީ މުޅިން އެހެން ކަމަކަށެވެ. ހިތްހަމަޖެހޭ ވަރަށް ފަރި ވުމަށްފަހު ކުޑަކުޑަ ޒައިނީ ރީތިކުރަން ފެށިއެވެ.

"ހީވަނީ ކުޑަކުޑަ ފެއަރީ އެއް ހެން" މަޑު ނޫކުލައިގެ ޕާޓީ ހެދުން ލެއްވުމަށްފަހު ލަމްހާ ބުންލިއެވެ.

އެއަޑަށް ޒިޔާން ޒައިނީއާ ދިމާ އަށް ބަލައިލިއެވެ. އެއީ އޭނާގެ މޭގެ އެތިކޮޅެވެ. ހިތުގެ ފިނިކަމެވެ. ހުރި ހަމައެކަނި ދަރިފުޅު ކަމަށް މި ހުރިހާ ދުވަހު ހީކުރެވުނު ދަރިފުޅެވެ. ލޮލަށް ނުފެނުނަސް، ބައްދަލު ނުވިޔަސް ޒައިނީ އަށްޓަކައި ހިތުގައި އުފެދިފައިވާ ލޯބި ނައުޝީން އަށްޓަކައި ވެސް އުފެދިއްޖެއެވެ. މިހާރު އެ ދަރިފުޅު ހާދަ ބޮޑު ވެދާނެއެވެ. އުމުރުން ފަސް އަހަރު ވެދާނެއެވެ. ރީތިކޮށް ވާހަކަދައްކާ، އެހެން މީހުންނާއެކު މަޖާކޮށް، ކުޅެލާ ދުވެލާ އުޅޭނެއެވެ.

"އަހަރެމެން ދަނީ" ޒައިނީ އުރާލަމުން ލަމްހާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

"ބައްޕިގެ ދޫނި ހާދާ ރީއްޗޭ!" ޒައިނީ އަށް އަތުން ހަނާއަޅާލަމުން ޒިޔާން ބުނެލިއެވެ.

އެ ދެމައިން ނުކުމެގެން ދިޔުމުން ޒިޔާން ގޮސް ދޮރު ތަޅުލުމަށްފަހު ބޮކިތައް ނިއްވާލިއެވެ. ކަނުއަނދިރިކަމާއި ހިތާމަތައް ހަފަރާތުން އައިސް އޭނާ ފިއްތާލި ކަމުގެ އިހުސާސް ކުރެވިގެން ދިޔައެވެ. އޭނާ އަށް ވުރެ ބޮޑު ކުށްވެރިއަކު، އަނިޔާވެރިޔަކު މި ދުނިޔޭގައި އުޅޭނެ ހެއްޔެވެ؟ އަފްޝީން އަކީ މައުސޫމް ކުއްޖެކެވެ. ސަބަބެއް ނެތި އޭނާ ދެކެ އިންތިހާ އަށް ލޯބި ވިއެވެ. އެ ލޯބި ދެމިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ބަޔާންނުކުރެވޭ ވަރަށް އުފާ ދިނެވެ. އެކަމަކު ބަދަލުގައި އޭނާ އަށް ދެވުނީ ކޮން އެއްޗެއް ހެއްޔެވެ؟ އޭނާ ވެސް އަފްޝީން ދެކެވީ ތެދުވެރި، ސާފު ޠާހިރު ލޯތްބެކެވެ. ހިތުގެ އެންމެ ފުންމިނުންނެވެ. އެކަމަކު އެންމެ ފަހުވަގުތު އެ ގޯސް ހެދުނީ އެވެ. ފަހުން އަފްޝީންގެ ހާލު ވެސް ބަލައިނުލެވުނީ އެވެ. އަފްޝީން އޭނާގެ ދަރިއަކަށް ބަލިވެ އިނދެ، ވިހޭއިރު ވެސް ނޭނގުނީ އެވެ.

ލަމްހާ ދިޔައީ ޒިޔާން ބަލިވެ އޮތް ވާހަކަ މަންމަ ކައިރީގައި ބުނެފައެވެ. އެހެންކަމުން  މަންމަ ގޮސް ދޮރުގައި ޓަކިޖެހިއެވެ. ޚަބަރެއް ނުވުމުން ތަޅުގައި ހިފި އިރު ހުރީ އެތެރޭން ތަޅުލާފައެވެ. ފެންލައިޓުން ވެސް އަލިކަމެއް ފެންނާކަށް ނެތެވެ.

"ދަރިފުޅާ! އެބައުޅެންތަ؟ ދޮރު ހުޅުވާލަބަލަ!"

މަންމަ ގޮވަންފެށުމުން ޖަވާބެއް ނުދީ އޮންނާކަށް ޒިޔާނަކަށް ނުކެރުނެވެ. އޭނާ އެނދުން ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ.

"ކީއްވެ އަނދިރީ ކޮށްގެން ތިއުޅެނީ؟" މަންމަ ކޮޓަރިއަށް ވަނުމަށްފަހު ބޮކި ދިއްލާލިއެވެ. "ލަމްހާ ބުނި ދަރިފުޅު ހުން އައިސްގެންނޭ!"

"މިހާރު ހުން ރަނގަޅު. ބޮލުގަ ރިހެނީ" ޒިޔާން އެނދުގެ މަގަތުގައި އިށީނެވެ. މަންމައާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

މަންމަ އައިސް ޒިޔާން ގާތުގައި އިށީނެވެ. އަދި އޭނާގެ ކަނދުރާގައި އަތްތިލަ ޖައްސާލިއެވެ. ތެދެކެވެ. ހުމެއް ނެތެވެ. އެކަމަކު ޒިޔާން ފެންނަނީ ވަރަށް ބަލި ގޮތަކަށެވެ. ހީވަނީ ޒަމާންތަކެއް ވަންދެން ބަލިވެ އުޅެފައިވާ މީހެއް ހެންނެވެ.

"ކީއްވެ ބޮލުގަ ރިހެނީ؟" ޒިޔާނަކީ އެއްވެސް އިރެއްގައި ކަމަކާނުލާ ބޮލުގަ ރިހޭތީ އުޅުނު މީހެއް ނޫނެވެ.

ދޭނެ ޖަވާބެއް ޒިޔާނަކަށް ނޭނގުނެވެ. ޖަވާބު ދޭނެހާ ހިތްވަރެއް ވެސް ނެތެވެ. ޒިޔާން ދެ ކަކޫ މަތީގައި ދެ އުޅަނބޮށި ޖައްސާލަމުން ދެ އަތުން ބޮލުގައި ހިފަހައްޓާލިއެވެ. އެވަގުތު އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ދެ ލޮލުން ކަރުނަ އައެވެ. ގިސްލެވެން ފެށިއެވެ.

"ކިހިނެއްވީ ދަރިފުޅާ؟ ކޮންމެ ވެސް ބޮޑު ކަމެއް ވެއްޖެ! މަންމަ ކައިރީގައި ބުނެބަލަ!" ޒިޔާންގެ އަމަލުތައް ހުރިގޮތުން މަންމަ ހާސްވިއެވެ. ޒިޔާން އެވަރަށް ހިތުގައި ޖެހިފައި ވަނިކޮށް މީގެކުރިން ދުވަހަކު ވެސް ނުފެނެއެވެ. "ލަމްހާއާ މައްސަލައެއް ޖެހުނީތަ؟" މަންމަ އަށް ހީވާ އެއްޗެއް ބުނެލިއެވެ.

ނޫނެކޭ ބުނުމުގެ ގޮތުން ޒިޔާން ދެފަރާތަށް ބޯ ހޫރާލިއެވެ.

"މަންމާ! މިއީ އަހަންނަށް ކުރެވިފައިވާ ވަރަށް ބޮޑު ކުށެއް" ހިތްވަރުކޮށްފައި ވާހަކަ ދެއްކޭތޯ ޒިޔާން މަސައްކަތް ކުރިއެވެ. މަންމަ އަކީ އޭނާ އެންމެ އިތުބާރު ކުރާ، ދިރިއުޅުމުގެ ކޮންމެ އިމްތިހާނެއްގައި ވެސް އޭނާއާ އެންމެ ގާތުގައިވާ ފަރާތެވެ. ދުވަހަކު ވެސް ދެގޮތެއް ނުވާ، އޭނާ އަށް އެންމެ ހެޔޮއެދޭނެ ފަރާތް ވެސް މެއެވެ.

"ކުށެކޭ؟" ހައިރާންކަމާއެކު މަންމަ އެހިއެވެ. "ކީކޭތަ ތި ކިޔަނީ؟ ދަރިފުޅަކީ ފިނޑިއެއް ނޫން. ކޮންމެ ކަމަކާވެސް ހިތްވަރާ އެކު ކުރިމަތިލާން ކެރޭ ހިތްވަރު ގަދަ ކުއްޖެއް! އެކަމަކު މިއަދު ދަރިފުޅު ތި އުޅޭ ގޮތް ފެނިފަ މަންމަ މި އިނީ ބުނާނެ އެއްޗެއް ނޭނގިފައި"

"މަންމަ އަހަންނަށް މަޢާފު ކޮށްދީ!" މަންމަގެ އަތްތިލައިގައި ހިފައި ބާރުކޮށްލަމުން ވަރަށް އާދޭހާއެކު ޒިޔާން އެދުނެވެ.

"މަންމަ މަޢާފު ނުކުރާނެ ވަރުގެ ކުށެއް ދަރިފުޅަކަށް ނުކުރެވޭނެ" ޒިޔާނަށް ހިތްވަރުދިނުމުގެ ގޮތުން މަންމަ ބުންޏެވެ. "ތީ މަންމަގެ ދަރިއެއް! ދަރިފުޅު ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ މަންމަ އަށް"

"މިއީ މި ހުރިހާ ދުވަހު އަހަންނަށް ނޭނގި އޮތް ކަމެއް! ސިއްރުވެފައިވާ ހަޤީޤަތެއް! އަހަރެންގެ މުޅި ދިރިއުޅުމަށް އަސަރުކުރާނެ ކަމެއް! މިއަދު އަހަންނަށް ވެސް މި އެނގުނީ" މަންމަގެ އަތުން ދޫކޮށްލުމަށްފަހު ޒިޔާން ކޮޅަށް ތެދުވިއެވެ. މަންމައާ ހަތަރުކަޅި ހަމަކޮށްގެން އިންނާނެހާ ހިތްވަރެއް އެނާގެ ނެތެވެ.

"މަންމާ. . . އަހަރެންގެ އެހެން ދަރިއަކު އެބަހުރި" ދެ ލޯ މަރާލަމުން ތުރުތުރުއަޅާ އަޑަކުން ޒިޔާން ބުންޏެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވެފައި ވަނީ ޚުދު އޭނާ އަށް ވެސް އެ ވިންދުގެ އަޑު އިވޭހާ ބާރަށެވެ. މަންމަ އަށް ވާނެ ގޮތެއް ހިތަށްއަރުވާލުމުން ބިރުން ފިތްކަނޑައިގެންދާވަރު ވެއެވެ. މަންމަ އެއްޗެކޭ ބުނާ އަޑު އިވޭނެ ވަގުތެއްގެ އިންތިޒާރުގައި އޭނާ ނޭވާ ހިފަހައްޓާލައިގެން، ދެ ލޯ މަރައިގެން ހުރީއެވެ.

"އާދޭ އިށީންނަން!" ހަމަހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު މަންމަ ޒިޔާންގެ އަތުގައި ހިފާލިއެވެ. ޒިޔާން ހީކުރިގޮތާއި ހިލާފަށް މަންމަގެ ފަރާތުން ފެނުނީ މަޑުމައިތިރިކަމާއި، އޯގާވެރިކަމެވެ. ވަރަށް ފުން ނޭވާއެއް ލުމަށްފަހު އޭނާ މަންމަ ގާތުގައި އެނދުގައި އިށީނެވެ. އެއްވެސް ކަމެއް ސިއްރު ކުރުމެއްނެތި ހުރިހާ ވާހަކައެއް ފެށިގެން ނިމެންދެން ކިޔާދިނެވެ.

"ވަރަށް ކުރިން އެއްދުވަހަކު އަހަރެން ހޯދަން އައެއްނު އަންހެން ކުއްޖެއް. ފުރަން އުޅޭތީ އަހަންނާ ބައްދަލުކޮށްލަން ވެގެން!" މަންމަ އަށް ޒިޔާން ހަނދާންކޮށްދިނެވެ.

"އެ ދުވަހު އޭނާގެ ދެ ލޮލުން މަންމައަށް ފެނުނީ ނުތަނަވަސްކަން. ކޮންމެ ވެސް ކަމެއް ފޮރުވަން އުޅޭހެން ހީވި" އިރުކޮޅަކު ވިސްނަން އިނުމަށްފަހު މަންމަ ބުންޏެވެ. "އެ ދުވަހު އޭނާ އައީ ދަރިފުޅު ކައިރީގަ އެވާހަކަ ބުނަންވެގެންތަ؟"

"ނޫން. އަހަރެން ހޯދުމުގެ ބަހަނާގަ އޭނާ އައީ މަންމަ ދޭކޭހިތުން" ޒިޔާން މަޑުމަޑުން ބުނެލިއެވެ.

"އެހެން މީހުންނަށް ނޭނގޭ ގޮތަށް ސިއްރުން ކުރެވިފައި ހުންނަ ފާފައިގެ ވާހަކަ މީހުން ކައިރީގައި ދެއްކުމުގެ މާނައެއް ނެތް. އެއީ ރަނގަޅު ގޮތެއް ވެސް ނޫން. މި ކުރެވުނީ ފާފައެއް ކަން ގަބޫލުކުރެވުމުން ވީ އެންމެ އަވަހަކަށް ތަޢުބާ ވާންވީ. ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް އަޒުމު ކަނޑައަޅަންވީ. ﷲ އެއީ ގިނަގިނައިން ޢަފޫކުރައްވާ އެންމެ ދީލަތިވަންތަ ރަސްކަލާންގެ" ޒިޔާންގެ ބޮލުގައި ފިރުމަމުން ލޯތްބާއެކު މަންމަ ވާހަކަދެއްކިއެވެ.

"އެކަމަކު މަންމާ. . . މި ކަމުގަ އަހަރެން މަޢާފަށް އެދެން ޖެހޭ ކިތައް މީހުން އެބަތިބި؟ އަހަންނަށް މި ކުރެވުނު ކުށުގެ ނޭދެވޭ އަސަރު ކުރަން ތިބި މީހުން ގިނައެއް ނޫންތަ؟" ޒިޔާނަށް ޝަކުވާ ކުރެވުނެވެ.

"މަންމަ އަށް އެނގޭތަ؟ އަހަރެންގެ ދަރިފުޅު އުޅެނީ މި ރަށު ސްކޫލް ގައި. އެކަމަކު އަހަންނަށް އަދި ނުވެސް ފެނޭ" ޒިޔާންގެ އަޑު ބެދުނެވެ. މުނާގެ ބެލެނިވެރިކަމުގެ ދަށުގައި ނައުޝީން ސްކޫލަށް ވެއްދިކަން އޭނާ އަށް އެނގެއެވެ. އެކަމަކު އެއީ އޭނާގެ ދަރިއެއް ކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟

"މި ހުރިހާ ދުވަހު ސިއްރު ކޮށްފައި އޮތް ކަމެއް ހަމަ ކުއްލިއަކަށް މިއަދު ދަރިފުޅަށް އަންގަން ޖެހުނީ ކީއްވެބާ؟" ފުން ވިސްނުމެއް ގައި އިނދެފައި މަންމަ އެހިއެވެ. އެއީ ޒިޔާންގެ ހިތުގައި ވެސް އުފެދުނު ސުވާލެކެވެ. އެކަމުގެ ސަބަބެއް އޮންނާނެ އެވެ.

"އަހަންނަށް ހީވަނީ އަފްޝީން މިކަންތައް ސިއްރުކޮށްގެން އުޅެނިކޮށް ކޮންމެ ވެސް ގޮތަކުން ނައުޝާދަށް އެނގުނީހެން. އޭނާ މިރަށަށް ވަޒީފާ ބަދަލުކުރީ ވެސް އަހަންނަށް މިކަން އަންގަންހެން. މިހާރު ނޭނގެ އޭނާ އަފްޝީން ދޫކޮށްނުލާކަމެއް ވެސް. އަހަންނަށް އެނގޭކަމަކީ ލަމްހާ އަށް އެނގިއްޖެނަމަ އަހަރެންގެ ދިރިއުޅުން ރޫޅޭނެކަން" ހިތަށް އަރާފައިބަމުން ދިޔަ އެއްޗެހިން ޒިޔާންގެ ހިތާމަތައް ދެ ގުނައަށް އިތުރުވެގެން ދިޔައެވެ. ހިތްވަރު އެލި، މީހާ ބަލިކަށިވާން ފެށިއެވެ. ކުރިއަށް ވުރެ ބޮޑަށް ގިސްލެވެން ފެށިއެވެ.

"ލަމްހާ މަޢާފުކުރާނެ. އެއީ ލަމްހާއާ އިނުމުގެ ކުރީގެ ކަމެއް! ދަރިފުޅު ހިތްވަރު ކޮށްފަ ނައުޝާދާ ބައްދަލު ކޮށްފަ މަޢާފަށް އެދޭ! އަފްޝީންގެ ކިބައިން ވެސް މަޢާފަށް އެދޭ!"  މަންމަ ދިން ނަސޭހަތާއި، ހިތްވަރުން ކޮންމެ ވެސް ވަރަކަށް ޒިޔާން ހަމައަކަށް އެޅުނެވެ. އަމިއްލަ ހިތުގެ ސިއްރެއްގެ ގޮތުގައި އެކަން ނުބާއްވާ މަންމަގެ ކުރިމަތީގައި ހާމަ ކުރެވުނީތީ ވެސް ހިތަށް ލުއިކަމެއް ލިބުނެވެ.

އާ ދުވަހަކަށް ދުނިޔެ މަރުހަބާ ކީ މުޅިން އާ ކަންތައްތަކަކާއި އެކުގައެވެ. އާ ކުލަތަކަކާއި އެކުގައެވެ. ޒިޔާން ވެސް ހިތުގައި އަޒުމެއް ކަނޑައެޅި އެވެ. އަމިއްލަ ނަފުސަށް ވަޢުދެއް ވިއެވެ. އޭނާ ފިނޑިއަކަށް ނުވާނެ އެވެ. ނުކެރިފައި، ގޭގައި ރޯކަށް ނޯންނާނެ އެވެ. ވީކަމެއް ވެ ނިމުނީ އެވެ. އެކަން ބަދަލެއް ނުކުރެވޭނެ އެވެ. ދެން އޮތީ ހިތްވަރު ކޮށްފައި ކެރިގެން ކުރިމަތިލުމެވެ. ކުރެވިފައިވާ ކުށަށް ތަޢުބާވެ، ހެދިފައިވާ ގޯސްތައް އިސްލާހުކުރަން މަސައްކަތް ކުރުމެވެ.

ސްކޫލަށް ދިޔަގޮތަށް ފުރަތަމަ ވެސް ޒިޔާން ދިޔައީ ނައުޝީން ދެކޭ ހިތުންނެވެ. ޕްރީސްކޫލް ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަކުރެވިފައިވާ ކްލާސްތައް ކައިރިއަށް ގޮސް އޭނާ ނައުޝީންގެ ކްލާސް ހޯދިއެވެ. އެއްވެސް މީހަކު ކައިރީގައި ސުވާލު ނުކުރިޔަސް އޭނާ އަށް ނައުޝީން ފެނުމުން އެނގުނެވެ. އެކަން އިހުސާސް ކުރެވުނެވެ. އެއީ އޭނާގެ ލޭ ކަން ހިއްސުތައް ދެނެގަތެވެ. ފެންކަޅިވެފައިވާ ދެލޮލުން ނައުޝީން ކުޅެން އުޅޭތަން ދެކެން ކުޑަދޮރު ކައިރީގައި މަޑުކޮށްލައިގެން ހުރި އިރު އޭނާ އަށް ނައުޝީންގެ މޫނު ފެނުނީ އަފްޝީންގެ ސިފައިގައެވެ.

"ކުޑަކުޑަ ޝީން" ޒިޔާނަށް ހިތާހިތުން ބުނެވުނެވެ. ހަޤީޤަތުގައި ނައުޝީނަށް އެ ދެމީހުންގެ ސިފަތަށް އެއްވަރަކަށް ލިބިފައި ވެއެވެ.

ޒިޔާން މަޑުމަޑުން ހިނގައިގަތެވެ. ކިތަންމެ ގިނައިރަކު ބަލަން ހުއްޓަސް ހިތެއް ނުފުރޭނެއެވެ. އޭނާ ހިތް އެދެމުން ދަނީ ނައުޝީން އުރާލާ، ލޯބި ކޮށްލުމަށެވެ. "ދަރިފުޅާ"އޭ ކިޔާ ގޮވާލުމަށެވެ.

ހިތްވަރުކުރަމުން ޒިޔާން ނައުޝާދާ ބައްދަލުކުރި އެވެ. އިރުއޮއްސުނު ވަގުތު އަތިރިމަތިން މީހުން މަދުވެ މުޅިން އަމާން ވެއްޖެއެވެ. މުޅި މާހައުލުގައި ވަނީ ހިމޭންކަމެވެ. އިސްވެ ވާހަކަދައްކަންވީ ކާކުކަން ނޭނގިފައި ދެ މީހުންނަށް ވެސް ތިބެވުނީ އެވެ.

"ޒިޔާން. . . ކޮންމެ ވެސް އެއްޗެކޭ ބުނެބަލަ!" އެންމެ ފަހުން ފުރަތަމަ ވާހަކަ ދެއްކީ ނައުޝާދެވެ. މި ކަމާމެދު ޒިޔާން ދެކޭ ގޮތަކާއި، ނިންމާ ގޮތެއް އެނގުމަށް ނައުޝާދު ހުރީ ކެތްމަދުވެފައެވެ.

"ކީކޭ ބުނާނީ؟ ކީކޭ ކިޔާފަ ފަށާނީ ވެސް؟ އަހަރެން މިހުންނަނީ ނައުޝާދާ ކުރިމަތިލާން ވެސް ނުކެރިފަ" އުދަރެހަށް ބަލަން ހުރެ، މާޔޫސްކަމާއެކު ޒިޔާން ބުންޏެވެ. ދައްކަން ހުރި ވާހަކަ ގިނަ ކަމުން އޭނާ ހުރީ ފުރަތަމަ ދައްކަންވީ ކޮން ވާހަކައެއްކަން ނޭނގިފައެވެ.

"ޒިޔާން އަފޫ ދެކެ އެހާ ލޯބިވާ އިރު ކީއްވެ ފަހުން އަފޫގެ ޚަބަރެއް ވެސް ބަލާ ނުލީ؟" ފުންނޭވާއެއް ދޫކޮށްލަމުން ނައުޝާދު އެހިއެވެ.

***ނުނިމޭ***

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް